ކުޅިވަރު / ވޮލީބޯލް އެސޯސިއޭޝަން

ލަތީފް ހުށަހެޅި ވީއޭއެމްގެ މައްސަލަ ކޯޓުން ކާމިޔާބެއްނުވި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހިންގާ ކޮމިޓީ އުވާލައި އެސޯސިއޭޝަން ހިންގުން އިންޓަރިމް ކޮމިޓީއަކާ ހަވާލުކުރަން 2019 ވަނަ އަހަރު ޖޫން މަހު ކޮމިޝަނާ އޮފް ސްޕޯޓްސް އިން ނިންމުމާ ދެކޮޅަށް ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އޭނާއާ ދެކޮޅަށް ކޯޓުން ހުކުމްކޮށްފި އެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ވަނީ ޖޫން 11، 2019 ގައި ލަތީފްގެ ލީޑަޝިޕް އުވާލައްވައި ނޯމަލައިޒިން ކޮމިޓީއަކާ އެސޯސިއޭޝަން ހިންގުން ހަވާލުކުރައްވައިފަ އެވެ. ނޯމަލައިޒިން ކޮމިޓީން ވީއޭއެމްގެ މަސައްކަތްކުރަމުން ދަނިކޮށް އެ ކޮމިޓީއާ ހަވާލުކުރި ކުރުން ބަދަލުކުރަން ލަތީފް ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލާގައި އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އޭރު ނިންމީ ނިންމައިފަ އެވެ.

އިއްޔެ ސިވިލް ކޯޓުން ހުކުމްކުރީ ވީއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ނިންމާފައިވަނީ ގާނޫނާ ހިލާފަށްކަމަށް ބެލެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

އެ ގޮތަށް ހުކުމްކުރީ މައިގަނޑު ފަސް ކަމަކަށް ބަލައިފަ އެވެ. ފުރަތަމަ ކަމަކީ ނޯމަލައިޒިން ކޮމިޓީއާ އެސޯސިއޭޝަން ހިންގުން ހަވާލުކުރަން ނިންމީ ކަންތައްތައް ބަދަލުވަމުންދިޔަ ގޮތް ގާނޫނާ އެއްގޮތަށް ލަތީފަށް އަންގާފައިވުމެވެ. ދެ ވަނަ ކަމަކީ ވީއޭއެމްއާ ގުޅޭ މައްސަލަތަކެއް އަމިއްލަ ފަރާތަކުން ހުށަހަޅައި ކަންތައްތަކެއް ތަހުގީގުކުރި ކޮމިޓީން 2019 ވަނަ އަހަރުގެ މެއި މަހު އެކުލަވާލި "ވޮލީބޯލް އެސޯސިއޭޝަން މެނޭޖްމަންޓް އޮޑިޓް ރިޕޯޓް" ގައި އެސޯސިއޭޝަން ހިންގުން ރަނގަޅުކުރަން ނޯމަލައިިޒިން ކޮމިޓީއަކާ ހަމައަށް ދާން ފެންނަ ކަމަށް ބުނެފައި އޮތުމެވެ. ތިން ވަނަ ކަަމަކީ ލަތީފްގެ ދައުރުގައި އެއް ކްލަބާ އެކު 2018 ވަނަ އަހަރު އޮކްޓޫބަރު މަހު ވީއޭއެމްގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވާއިރު، ކުޅިވަރުގެ ރޫހާ ހިލާފު ގިނަ މައްސަލަތަކެއް ހުރިކަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށް ފާހަގަވެ އެކަން ބަލާފައި އޮތުމާއި ނޯމަލައިޒިން ކޮމިޓީ އާއި ކުޅިވަރާބެހޭ މަޖިލީހަށް ވެސް އެކަން ފާހަގަކުރެވިފައި އޮތުމެވެ.

ވީއޭއެމްގެ ހިންގާ ގަވައިދުގައިވާ ގޮތުން ފުރިހަމަ މެމްބަރުންގެ ތެރެއިން ހިންގާ ކޮމިޓީ އަށް އިންތިހާބުކޮށްފައިވާ މެމްބަރަކު، އޭނާ ރަޖިސްޓަރީ ވެފައިވާ ކްލަބް، ޖަމިއްޔާ، ޖަމާއަތެއްގެ މެމްބަރުކަމުން ވަކިކޮށްފި ނަމަ ނުވަތަ އިސްތިއުފާ ދީފި ނަމަ ހިންގާ ކޮމިޓީގެ މެމްބަރުކަމުން ވަކިވާނެ އެވެ. އެ ގޮތަށް ގަވާއިދުގައި ވަނިކޮށް 2017 ވަނަ އަހަރު ފެބްރުއަރީ މަހު ޔޫތު ސްޕޯޓްސް ކްލަބުން ވަނީ ލަތީފް އެ ކްލަބުން ވަކިކޮށްފަ އެވެ.

ކޯޓުން ކުރި ހުކުމްގައި ހަތަރު ވަނަ އަށް ފާހަގަކުރެވުނު ކަމަކީ ވީއޭއެމްގެ އަސާސީ ގަވައިދުގައި އެހެން މާނަކޮށްފައި ވާތީ، ޔޫތުން ލަތީފް ވަކިކުރާ ހިސާބުން ވީއޭއެމްގެ މަގާމުގައި ހުރެ އޭނާ ނިންމާ ކޮންމެ ނިންމުމަކީ އެސޯސިއޭޝަންގެ ގަަވައިދާ ހިލާފު އަމަލަކަށް ވުމެވެ.

ކޮމިޝަނަރު އެކުލަވާލި ނޯމަލައިޒިން ކޮމިޓީގެ ބެލުމުގެ ދަށުން އެސޯސިއޭޝަންގެ އިންތިހާބެއް ބާއްވަން މަސައްކަތްކުރަމުންދަނިކޮށް އެކަން ހުއްޓުމަކަށް އައިސް އެ ކޮމިޓީގެ މުއްދަތު ހަމަވީ އެވެ. އޭރު ވެސް ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީން ނޯމަލައިޒިން ކޮމިޓީ ބަލައެއްނުގަނެ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވީއޭއެމްގެ މެމްބަރު ކްލަބްތަކުން އިސްވެ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވައި ލަތީފްގެ އިތުބާރު ނެތްކަމަށް ފާސްކޮށް، އެސޯސިއޭޝަން ހިންގުން ތިން މެމްބަރުންގެ އިންޓަރިމް ކޮމިޓީއަކާ ހަވާލުކުރީ އެވެ.

ލަތީފްގެ ދައުރު މިދިޔަ އޮކްޓޫބަރު މަހު އެއް ވަަނަ ދުވަހަށް ހަމަވެފައިވާއިރު އޭނާ ވަނީ ވީއޭއެމްގެ ރައީސަކު ހޮވަން ދެން ބާއްވާ އިންތިހާބެއްގައި ވާދަނުކުރާނެކަމަށް ބުނެފަ އެވެ. އެސޯސިއޭޝަން ހިންގުމުގެ ކަންތައްތައް ތިން މެމްބަރުންގެ ކޮމިޓީން ކުރިއަށްގެންދިޔަ ނަމަވެސް ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުން ވީއޭއެމްއާ ގުޅޭ ކަންތައްތަކުގައި މުއާމަލާތްކުރަނީ ލަތީފްއާ އެވެ.

ވީއޭއެމް އަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަނާ (އެފްއައިވީބީ) އެކު ރާއްޖޭގެ މިނިސްޓަރު މަހުލޫފް ވަނީ 2019 ވަަނަ އަހަރުގެ ނޮވެމްބަރު މަހު ސްވިޒަލެންޑްގައި މަޝްވަރާކުރައްވައިފަ އެވެ. އެ ފަހަރު ބޭއްވުނު މަޝްވަރާތަކަށް ފަހު އެފްއައިވީބީން ވަނީ ވީއޭއެމްގެ ކަންތައްތަކަށް ދެމެހެއްޓެނިވި ހައްލެއް ގެންނަން ހާއްސަ ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތަކެއް ފަށައިފަ އެވެ. އެ ކޮމިޓީގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރަކާއި ލަތީފް ފަރާތުން މެމްބަރެއް ހިމެނެ އެވެ. އެނގިފައިވާ ގޮތުގައި އެ ކޮމިޓީގެ މަސައްކަތް ރަނގަޅު ސްޕީޑެއްގައި ކުރިއަށްދަނިކޮށް ކޮވިޑް-19 އާ ހެދި މަސައްކަތްތައް މަޑުޖެހުނެވެ. އެކަމަކު މިހާރު އަނެއްކާ ވެސް އެ ކަމުގެ ބައެއް މަސައްކަތްތައް ކުރިއަށްދާ ކަމަށް އެނގިފައިވެ އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހއަމ

21 January 2021

އަލްހަމްދުލިﷲ

The name is already taken The name is available. Register?

ރަނިންގމޭން

21 January 2021

ތި ލަތީފަކާ ހެދި ދިވެހިރާއްޖޭގެ ވޮލީ ކުޅުންތެރިންނަށް ކުރިއަށްދެވޭނެ މަގު ބަންދުކޮށް، ތިމާ ބޭނުންމީހެއް ކުރިއަރުވާނަމަ ވަޤްތުން ވަޤްތަށް ފިޔަވަޅުއަޅަންޖެހޭނެ! #ކޮރަޕްޓް-މީހުން-ކުޅިވަރުތަކުން-ބާކީ-ކުރަމާ! މިނިސްޓަރ މަހްލޫފް މިކަން ވަރަށް ގާތުން ބަލާ ދެއްވާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454