ދިވެހި ކުޅިވަރު / ކްލަބް ވެލެންސިއާ

ވެލެންސިއާގެ އަމާޒަކީ ތަށްޓެއް ހޯދުން: ސެންޓޭ

މިއަދުގެ މެޗުގެ ތެރެއިން ވެލެންސިއާގެ ސެންޓޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ސީޒަނުގައި ކްލަބް ވެލެންސިއާގެ އަމާޒަކީ ކޮންމެ ވެސް އެއް މުބާރާތެއްގެ ތަށި ހޯދުން ކަމަށް އެ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް އަތުން 2-0 މޮޅުވެ، ވެލެންސިއާ ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލެންސިއާ އަށް ފުރަތަމަ ގޯލު ޖަހައިދިން ސެންޓޭ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސެންޓޭ ބުނީ ރަނގަޅު ކުޅުމެއް ދައްކައި ވެލެންސިއާގެ އަމާޒަކީ މި ސީޒަނުގައި ތަށްޓެއް ހޯދުން ކަމަށެވެ.

"އުއްމީދުކުރަނީ (މި ސީޒަނުގެ) ތިން މުބާރާތުން ކުރެ ކޮންމެ ވެސް އެއް މުބާރާތަކުން ތަށި ހޯދަން،" ސެންޓޭ ބުންޏެވެ.

މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި މި ފަހަރު ފުރަތަމަ ޑިވިޝަނުގައި އަލުން ވާދަކުރަން ފެށި ވެލެންސިއާ އެންމެ ފުރަތަމަ ޕްރީ ސީޒަން ފެށިއިރު، އެ ޓީމުގައި އޮތީ ނިސްބަތުން ބަލާއިރު ވަރަށް އާދައިގެ ސްކޮޑެކެވެ. އޭރު އެ ޓީމުގެ އަމާޒަކީ ފުރަތަމަ ޑިވިޝަނުގައި މަގާމު ދެމެހެއްޓުމެވެ. އެކަމަކު ސީޒަން ފެށެން ގާތްވެފައިވަނިކޮށް ޓްރާންސްފާ މާކެޓްގައި ފަހު ވަގުތު ވެލެންސިއާ އިން ވަނީ ނަން މަޝްހޫރު ގިނަ ކުޅުންތެރިންގެ ސޮއި ހޯދައިފަ އެވެ.

ވެލެންސިއާ އިން ގެނައި ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ އެންމެ ފަހުގެ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ)ގެ އިތުރުން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލްގެ އިތުރުން ސެންޓޭ ހިމެނެ އެވެ. މި ކުޅުންތެރިން ޓީމާ ގުޅުމަކީ ވެލެންސިއާ ތަށްޓައް ވާދަކުރަންޖެހޭ ސަބަބެއް ކަމަށް އެ ޓީމުގެ ގިނަ ސަޕޯޓަރުން ވެސް ގަބޫލުކުރެ އެވެ.

ފަހުން ޓީމާ ގުޅުނު ކުޅުންތެރިންނާ އެކު ރަނގަޅު ޕްރީ ސީޒަނެއް ފުރިހަަމަނުކުރެވުމަކީ ދިމާވާ ގޮންޖެހުމެއްކަމަށް ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) އަންނަނީ ތަކުރާރުކޮށް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބުނަމުންނެވެ.

މަޝްހޫރު ގިނަ ކުޅުންތެރިންނާ އެކު ވެލެންސިއާ މި ވަގުތު އޮތުމަކީ ތަށި ހޯދަން އޮތް ޕްރެޝަރެއްތޯ ސުވާލުކުރުމުން ސެންޓޭ ބުނީ ވެލެންސިއާގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނަކީ މިދިޔަ އަހަރުތަކުގައި ވެސް އެކަން ތަޖުރިބާކޮށްފައި ތިބި ކުޅުންތެރިން ކަމަށެވެ.

"ދެން މިދިޔަ ތިން ހަަތަރު އަހަރެއްގައި ވެސް މި ކުޅުނީ މި ގޮތުގައި. ބޮޑެތި ހުރިހާ ޓީމަކަށް ކުޅުނުއިރުގައި ކޮންމެ އަހަރަކު ވެސް ތަށްޓެއް ލިބިފައި މީނީ. ދެން މި އަހަރު ވެސް ނެޝަނަލް ޓީމުގައި ތިބި ރާއްޖޭގެ އެންމެ ސީނިއާ ހަތަރު ފަސް ކުޅުންތެރިން މި ތިބީ ވެލެންސިއާގައި އެހެންވީމަ ތަށްޓަށް ވާދަކުރާއިރުގައި އިތުރަކަށް ޕްރެޝަރަކަށް ނުވާނެ ކުޅުންތެރިން މިއީ،" ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދި ސެންޓޭ ބުންޏެވެ.

މިއަދުގެ މެޗުގެ ކުރިން އެންމެ ފަހުން ވެލެންސިއާ ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބެ އެވެ. ސެންޓޭ ބުނީ އެންމެ ފަހުން މެޗުތަކުގެ ނަތީޖާ އެ ގޮތަށް ނުކުތުމުން ހުރިހާ ކުޅުންތެރިން އެކައްޗެއް ކިޔައިގެން މިއަދުގެ މެޗަށް ނުކުތީ މޮޅަކަށް ކަމަށެވެ.

"އުނދަގޫ މެޗެއްކަން އެނގޭއިރު ވެސް ނުކުތީ ހުރިހާ ކުޅުންތެރިއެއް އެކައްޗެއް ކިޔައިގެން ތިން ޕޮއިންޓް ހޯދަން،" ކުރިން ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައިވާ ސެންޓޭ ބުންޏެވެ.

ސީޒަނުގައި މިހާތަނަށް ކުޅުނު ނުވަ މެޗުގައި ވެލެންސިއާ އިން އާންމު ގޮތެއްގައި ބޭނުންކޮށްފައިވަނީ އެއް ފުރަތަމަ އެގާރަ އެކެވެ. އެ ޓީމުގެ ފުރަތަމަ އެގާރަ އަށް ބަދަލު އަންނަނީ މަދު ފަހަރެއްގަ އެވެ. ސެންޓޭ ބުނީ ހަތަރު ދުވަހުން ކަހަލަ ގޮތަކަށް މެޗެއް ކުޅެން ޖެހިފައިވާއިރު ޕްރެކްޓިހަށް ވުރެ ބޮޑަށް އިސްކަންދެނީ ރިކަވަރީ އަށް ކަމަށާއި އަނިޔާއެއް ނުވެ ގިނަ މެޗުތަކެއްގައި ކުޅެން ބަލާއިރު ރަނގަޅު ރިކަވަރީ އެއް ވަރަށް މުހިއްމު ކަމަށެވެ.

ދެ ވަނައިގައި އޮތް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ވެސް 15 ޕޮއިންޓް ވަނީ ލިބިފަ އެވެ. ވެލެންސިއާ އިން ނުވަ މެޗުން 15 ޕޮއިންޓް ހަމަކުރިއިރު، ދަ ގްރާންޑޭ އެ އަދަދަށް ޕޮއިންޓް ހޯދީ އަށް މެޗުންނެވެ. ވެލެންސިއާ މި ވަގުތު ކުރީގައި އޮތީ ފައިދާ ހަތް ލަނޑާ އެކު އެވެ. ދަ ގްރާންޑޭގެ އޮތީ ފައިދާ ފަސް ގޯލެވެ. ލީގުގައި މިރޭ ދަ ގްރާންޑޭ ކުޅޭ މެޗުން އެއް ވަނައިގައި އޮތް މާޒިޔާ އަތުން ބަލިނުވެ ފަރުޖައްސާލައިފިނަމަ ދެ ވަަނަ އަށް އަލުން އެރޭނެ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ އަށް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަނޒަޔާ

02 February 2021

އެހެން ކަމަކާ އުޅޭ ބުރޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454