އަހުމަދިއްޔާ ސްކޫލްގެ އަހަރީ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި އެސެމްބްލީގައި ސްކޫލްގެ ދިދަ ނަގަނީ. -- ފޮޓޯ: އަހުމަދިއްޔާ ސްކޫލް
21 ފެބުރުއަރީ 2021 - 14:19
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ސްކޫލެއް ކަމަށާއި އެ ކާމިޔާބީތައް ދަމަހައްޓަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަހުމަދިއްޔާ ސްކޫލުގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ އިތުރު ކާމިޔާބީތައް ހާސިލްކުރަން މިހާރަށް ވުރެ ބުރަކޮށް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ސްކޫލްގެ އިތުރު ކާމިޔާބީ އަށް ކުރިއަށް އޮތް ތަނުގައި ވެސް ގަދައަޅައި މަސައްކަތްކުރާނެ ކަމަށެވެ.
"އަހުމަދިއްޔާ އަބަދުވެސް މަސައްކަތްކުރާނީ ދަރިވަރުންގެ ކުރިއެރުމާއި ކާމިޔާބީއަށް. މާތް ﷲގެ ވާގިފުޅާ އެކު މި ސްކޫލަށް އިތުރު ކާމިޔާބު ހޯދައިދިނުމުގައި އަޅުގަނޑުމެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން މި ސްކޫލްގެ ބެލެނިވެރިންނަށް އަރުވަން،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކު ބޭއްވި އެސެމްބްލީގައި މިއަދު ސްކޫލުގެ ދިދަ ނަންގަވައިދެއްވީ ޕްރިންސިޕަލާއި ސާނަވީ ކެޕްޓަން އަންޖަލް މުހައްމަދު އަގީލެވެ. ހައުސް ދިދަތައް ނަގައިދިނީ ހައުސް ކެޕްޓަނުންނެވެ.
އަހުމަދިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު މިއަދުގެ އެސެމްބްލީގައި ވާހަކަދައްކަވަނީ. -- ފޮޓޯ: އަހުމަދިއްޔާ ސްކޫލް
އެސެމްބްލީގައި ޕްރިންސިޕަލް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާ އެކު ވެސް އެކި ވަސީލަތްތައް ބޭނުންކޮށްގެން މެދުނުކެނޑި ކިޔެވުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އުންމީދުކުރައްވަނީ ކުރިއެކޭ އެއްގޮތަށް ކްލާސްރޫމްތަކުގައި އަލުން ކިޔެވޭނެ ގޮތެއް އަވަހަށް މެދުވެރިވުން ކަމަށް ވިދާޅުވި އެވެ.
އަހުމަދިއްޔާ ސްކޫލްގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ދަރިވަރުން ބައިވެރިވަނީ. -- ފޮޓޯ: އަހުމަދިއްޔާ ސްކޫލް
މައްޗަށްގޮޅީގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަދަރުސަތުލް އަހްމަދިއްޔާގެ ބިންގާ އެޅީ ޖޫން 4، 1979 ގަ އެވެ. އެތަނުގެ މަސައްކަތް ނިންމައި އަވަށު މަދަރުސާއެއްގެ ގޮތުގައި ހިންގަން ފެށީ ފެބްރުއަރީ 21، 1982 ގަ އެވެ. މިތަން އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރީ 2015 ވަނަ އަހަރު އެވެ.
އަހްމަދިއްޔާ އަކީ ތައުލީމީ ގޮތުން ކާމިޔާބު ތާރީހެއް އޮތް އަދި މިހާރު ވެސް ކާމިޔާބު ސްކޫލެކެވެ. އެ ސްކޫލްގައި 2،000 އަށް ވުރެ ގިނަ ދަރިވަރުން އުޅޭއިރު މިއީ މާލޭގައި އާބާދީ އެންމެ ބޮޑު އެއް ސްކޫލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލެނިވެރި
21 February 2021
މިހާރު ތިޔަ ސްކޫލް ވަރަށް ތަފާތު. ބައެއް ޓީޗަރުން އެ ޓީޗަރުން ޓިއުޝަންދޭ ކުދިންނަށް ތަފާތު ކުރާކަން ފާހަގަކުރެވޭ. ސްކޫލްގައި ރަގަޅަށް ކިޔަވައި ނުދީ ޓިއުޝަންގައި ރަގަޅަށް ކިޔަވައިދޭކަން ފާހަގަ ކުރެވޭ. ދެން މިހާރު އޮން ލައިންކޮށް ކިޔަވައި ދޭ އިރު ޕްރިންޓް ނަގަންދޭ ހޯމްވޯރކްގައި ބައިވަރު ކުލަ ބޭނުން ކޮށްފަ ހުރުމުން އެއީ ޕޭރަންޓްން އަތުންދާ ބޭކާރު ދެލި ބޮޑު ފީއެއް ދައްކާފަ އިތުރު ހަރަދު ކުރަން ޖެހުމަކީ ގިނަ ބެލެނިވެރިންނަށް އިތުރު ތަކުލީފެއް
ބެލެނިވެރިން
21 February 2021
އަހުމަދީއްޔާ ގެ ކުޅިވަރު ތަކައް ބަލަންޔާ ބާސްކެޓް ގެ މިހާރު ރާއްޖޭގަ ހުރި ކުދިން ތަމްރީން ކުރުމާ ހުނަރު ވެރި އަދި ބުރަމަސައް ކަތް ކުރާ (ކޯޗް ހާޑީ ) ހުރިކަން ފާހަގަ ކޮއްލަން