ޚިޔާލު / ބޯހިޔާވަހިކަން

ސިޔާސަތަށް ކުއްލި ބަދަލުތައް، ގެއްލުން ރައްޔިތުންނަށް

ހުޅުމާލޭ ދެވަނަ ފޭސްގައި ސަރުކާރުގެ ކުންފުންޏަކުން ހަދާފައިވާ ޓަވަރުތަކެއް: މި ތަންތަނުގައި ހިމެނޭ އެއް ކޮޓަރީގެ ފްލެޓްތައް ސަރުކާރުން ވަނީ ދޫކޮށްލާފައި --ފޮޓޯ/އަހުމަދު އައުޝަން އިލްޔާސް

25 ފެބުރުއަރީ 2021 - 13:31

28 comments

ބޯހިޔާވަހިކަމުގެ މައްސަލައަކީ އެތައް ހާސް ބައެއްގެ ބޮލުރިހުމެކެވެ. މި ރިހުން އިތުރަށް ބޮޑުކޮށްދެނީ ސިިޔާސަތަށް އަންނަ ކުއްލި ބަދަލުތަކާއި ދައްކާ ވާހަކަ ރަނގަޅަށް ސާފުނުކޮށްދީ، އިތުރު އޮޅުންތަކެއްގެ ތެރެއަށް ރައްޔިތުން ވައްދާތީ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތައް، އާ ސަރުކާރަކަށް "ނުފެނެ" އެވެ. މިހާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ވާހަކައިން ދޭހަވަނީ އެއް ކޮޓަރީގެ ފްލެޓް ލިބެން ހުރީ ހަމައެކަނި އެމްޑަބްލިޔުއެސްސީން އިމާރާތްކުރި ޓަވަރުތަކުން އެކަނި ކަމެވެ. އެއީ ވެސް އެންމެ 36 ފްލެޓެވެ.

އެމްއޭސީއެލް އާއި އެމްޕީއެލް އަދި ސްޓެލްކޯ އިން ހަދާ ޓަވަރުތަކުން ސަރުކާރަށް ދޭނެ އެއް ކޮޓަރީގެ ފްލެޓެއް ނެތްކަން، އަސްލަމްގެ ވާހަކަތަކުން މިހާރު މިވަނީ ޔަގީންވެފަ އެވެ. އެކަމަކު ހަގީގަތަކީ އެއެއް ނޫނެވެ. ކުއްލިއަކަށް ބަދަލުވެގެން މި އުޅެނީ ސިޔާސަތެވެ. އެ ދެ ކުންފުނީގެ ޓަވަރުތަކުގައި، ކުރީ ސަރުކާރުން ޝަރުތުކުރި ގޮތަށް އެއް ކޮޓަރީގެ ފްލެޓްތައް އެބަ ހުއްޓެވެ. އަދި ސަރުކާރަށް ދޭން ވެސް އެ ކުންފުނިތަކުން ތައްޔާރެވެ. އެކަމަކު އެތައް ހާސް ބަޔަކު ފޯމް ހުށައަޅާފައިވާ ކެޓެގަރީތަކެއް ކުއްލިއަކަށް ކެންސަލްކޮށް ފާޅުގައި ސަރުކާރުން ބުނީ އެއް ކޮޓަރީގެ ފްލެޓް ލިބެން ނެތް ކަމަށެވެ.

ސިޔާސަތު ބަދަލުވާ ނަމަ ވަރަށް ސާފުކޮށް ކަންކަން އެނގެން އެބަ ޖެހެ އެވެ. ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، އެ ސަރުކާރުގެ އެންމެ ފަހު ހަފުތާގައި ކުރެއްވި މަސައްކަތްތަކަކީ، އާ ސަރުކާރަށް ޖެއްސުންކުރުންކަން އެންމެންނަށް ވެސް އެނގެ އެވެ. އެގޮތުން އެއް ކޮޓަރީގެ ފްލެޓްތައް ލިބުނުކަމުގެ ލިއުން ދިނީ އޭރު ސަރުކާރުގެ ކުންފުނިތަކާއި ކަސްޓަމްސް ކަހަލަ ބައެއް އިދާރާތަކާ ހަވާލުކޮށްގެން އިމާރާތްކުރަން ޕްލޭންކުރި ތަންތަނުގައި ހުންނާނެ ވަރަށް ވުރެ ވެސް ގިނައިންކަން، އަސްލަމުގެ ވާހަކަތަކުން ދޭހަވެ އެވެ.

ސަރުކާރަކުން ދޭ ރަސްމީ ލިއުމެއްގައި އަގެއް ހުންނާނެ އެވެ. އަދި އެއީ ގާނޫނީ ގޮތުން ސައްހަ އެއްޗަކަށް ވުމުގެ ފުރުސަތު ވެސް ބޮޑެވެ. އެހެންކަމުން އެފަދަ ލިއުންތަކެއް، ހާއްސަކޮށް ބޯހިޔާވަހިކަން ފަދަ ނާޒުކު މައްސަލައެއްގައި، ރައްޔިތުންނަށް ދޭން ޖެހޭނީ ހަމައެކަނި ސަރުކާރުގެ ވެރިންގެ ހިޔާލުގައި ހުރި ޕްލޭންތަކަކަށް ބިނާކޮށެއް ނޫނެވެ. ނުވަތަ އަލަށް އަންނަ ސަރުކާރަށް އުނދަގޫކުރުމުގެ ވިސްނުމުގައެއް ވެސް ނޫނެވެ.

ބޯހިޔާވަހިކަމުގައި ކުރީގެ ސަރުކާރުގެ ގޯސްތަކާއި އޮޅުވާލުންތަކުގެ ވާހަކަ، މިހާރުގެ ސަރުކާރަށް ދެއްކެން އެބަ އޮތެވެ. އެކަމަކު މި ސަރުކާރުން ވެސް މި ފެންނަނީ އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ރައްޔިތުން ވައްދާތަނެވެ. އެ ސިލްސިލާގެ ތެރެއިން ހެދި އެންމެ ބޮޑު އެއް ގޯހަކީ، އެމްޑަބްލިޔުއެސްސީގެ ޓަވަރުތައް ފިޔަވައި އެހެން އިމާރާތަކުން އެއް ކޮޓަރީގެ ފްލެޓް ލިބެން ނެތް ކަމަށް ބުނުމެވެ. އެއީ ކަނޑައެޅިގެން ދޮގެކެވެ. އެމްއޭސީއެލް އާއި އެމްޕީއެލްގެ އިމާރާތްތަކުގައި ހުރި އެއް ކޮޓަރީގެ ފްލެޓްތައް އެތަންތަނުގެ މުވައްޒަފުންނަށް ދޭން ނިންމީ ސަރުކާރުން ބޭނުންނުވުމުންނެވެ. އެހެންކަމުން އެއީ ސަރުކާރުން ގަސްދުގައި ދޫކޮށްލި ފްލެޓްތަކެކެވެ. އަދި އެ ފްލެޓްތައް ލިބުމުގެ ފުރުސަތު އޮތް އެތައް ބައެއްގެ ފޯމްތައް ވެސް ކެންސަލްކޮށްލީ އެވެ.

މިއީ ކުޑަ މައްސަލައެއް ކަމަށް ބެލެވޭކަށް ނެތެވެ. އަދި މިއީ މިނިސްޓަރަކު ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިޔަސް، ވިދާޅުވާހާ ފަސޭހަ ވިސްނުމަކުން ރައްޔިތުންނަށް ނެގޭނެ މައްސަލައެއް ވެސް ނޫނެވެ. އެއީ އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމުގެ އުއްމީދުގައި ތިބި ބަޔަކަށް ގަސްދުގައި ދޭ ހިތްދަތިކަމެކެވެ.

އެއް ކޮޓަރީގެ ފްލެޓަކީ މިހާރުގެ ސަރުކާރަށް "މާ ކުދިކުދި" ތަންތަނުގެ ގޮތުގައި ފެނުމަކުން، އެ ވަރުގެ ފްލެޓެއް ލިބުނަސް ހެޔޮކަމަށް ގަބޫލުކޮށްގެން ތިބި ރައްޔިތުން އެ ވާހަކަ ގަބޫލެއްނުކުރާނެ އެވެ. ސަރުކާރުން ސަމާލުކަން ދޭން ޖެހޭނީ އަބަދުވެސް ރައްޔިތުންނަށް ފުރުސަތުތައް ހޯދައިދޭށެވެ. ލިބެން ހުރި އެއްޗެއް ދޫކޮށްލާކަށެއް ނޫނެވެ. އެއް ކޮޓަރީގެ ފެލްޓް ހޯދުމުގެ އުއްމީދުގައި ތިބި މީހުންނަށް، ކަނޑައެޅިގެން ދޮގެއްގެ ތެރެއިން ފޯމްތައް ކެންސަލްނުކޮށް، މި ވަގުތު ހަދާފައި ހުރި މިންވަރަށް އެ ތަންތަން ފޯރުކޮށްދިން ނަމަ، އެވާނީ ރައްޔިތުންގެ ތެރެއިން ކޮންމެވެސް ބަޔަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުގެ ބައެއް ކުންފުނިތަކުން އަޅަމުން އަންނަ ފްލެޓްތައް: މިތަންތަނުގެ އެއް ކޮޓަރީގެ ފްލެޓްތައް ސަރުކާރަށް ދޭން ޖެހޭ ގޮތަށް ކުރީ ސަރުކާރުން އޮތީ ޝަރުތުކޮށްފައި --ފޮޓޯ:ނިޝާން އަލީ/މިހާރު

އެކަމަކު ސަރުކާރުން ކަން ކުރީ އެއާ އިދިކޮޅަށެވެ. އެ ފްލެޓްތައް ދޫކޮށްލާފައި، އެމްޑަބްލިޔުއެސްސީގެ އެންމެ 36 ފްލެޓާ ހަވާލުވީ އެވެ. އޭގެ ތެރެއިން 34 ފްލެޓް ދެނީ ނުކުޅެދުންތެރިކަން ހުރި މީހުންނަށް އަމާޒުކޮށެވެ. އަނެއް ދެ ފްލެޓް، މާލޭ ކެޓަގަރީން އެއް ކޮޓަރީގެ ފްލެޓް ބޭނުން ކަމަށް ބުނި މީހުންގެ ތެރެއިން ދެ މީހަކަށެވެ. އެންމެ ދެ މީހުން ހެއްޔެވެ؟ އެކަމަކު އެމްޕީއެލް އާއި އެމްއޭސީއެލްގެ ޓަވަރުތަކުގެ އެއް ކޮޓަރީގެ ފެލްޓްތައް ސަރުކާރަށް ނެގި ނަމަ މަދުވެގެން 400 އާންމުންނަށް އެ ތަންތަން ދެވުނީހެވެ. އެމްޕީއެލްގެ ޓަވަރުތަކުގައި އެކަނި ވެސް އެއް ކޮޓަރީގެ 204 ފްލެޓް ހަދާފައި އެބަ ހުއްޓެވެ.

އެއް ކޮޓަރީގެ ފްލެޓްތަކާ މެދު ސަރުކާރުގެ ސިޔާސަތު ބަދަލުވި ގޮތަށް ދެން ކުއްލިއަކަށް މި އެނގުނީ ކުރީ ސަރުކާރުގެ މަޝްރޫއެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހެދި 1،300 ފްލެޓް ވިއްކުގައި ވެސް ވަރަށް ތަފާތު އުސޫލެއް ހަމަޖެއްސިކަމެވެ. އެޗުޑީސީން މިހާރު ނިންމާފައި ވަނީ މެދު ފަންތީގެ އެ ފްލެޓްތައް، ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށް ވިއްކާލާށެވެ. އޭރުން އެ ފްލެޓްތައް ގަތުމުގެ ފުރުސަތު ލިބޭނީ އެ ކުންފުނިތަކުގެ މުވައްޒަފުންނަށެވެ. އާންމުންނަށް އެ ފުރުސަތު، މިހާރު އެ އޮތީ، ބަންދުވެފަ އެވެ.

ސަރުކާރުގެ މި ނިންމުމުން އާންމު އެތައް ބައެއްގެ ހައްގުތަކެއް އެބަ ގެއްލެ އެވެ. ކުންފުންޏެއްގައި މަސައްކަތްކުރުމަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ހޯދަން ކަނޑައަޅާ ޝަރުތަކަށް މި އޮތީ ވެފަ އެވެ. އެކަމަކު ގާތްގަނޑަށް 2.2 މިލިއަނުން ފެށިގެން 2.7 މިލިއަން ރުފިޔާގެ އަގުތަކުގައި އުޅޭ ތިން ކޮޓަރީގެ އެ ފްލެޓްތައް ގަންނާނެ އެތައް ސަތޭކަ އާންމުން އެބަ އުޅެ އެވެ. އެ އެންމެންނަށް ފުރުސަތު ބަންދުކޮށް، ހަމައެކަނި ވަކި ތަނެއްގައި ވަޒީފާ އަދާކުރާ ބަޔަކަށް އެ ފްލެޓްތައް ވިއްކަން އެޗުޑީސީން ނިންމީ ކީއްވެގެންކަމެއް ބުނެފައެއް ނުވެ އެވެ.

ސަރުކާރުގެ ކުންފުންޏަކުން އެއިން ފްލެޓްތަކެއް ގަނެފި ނަމަ މުވައްޒަފުންނަށް ދޭނެކަމުގެ ޔަގީންކަން އޮވެދާނެ އެވެ. އެކަމަކު އަމިއްލަ ކުންފުންޏަކުން ގަންނަ ފްލެޓްތައް އެތަންތަނުގެ މުވައްޒަފުންނަށް ދޭތޯ/ނުދޭތޯ ބެލުމަކީ، އެތައް މިލިއަން ރުފިޔާއެއް ހޭދަކުރަން ޖެހޭ ވިޔަފާރިއެއްގައި، ހަމަޖެހޭ ކަމެއް ވެސް ނޫނެވެ. އަމިއްލަ ބަޔަކު ފްލެޓްތައް ގަނެ، ފަހުން ބޮޑު އަގުގައި ވިއްކިޔަސް އެޗުޑީސީއަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އެޗުޑީސީން ބުނާހާ ޝަރުތެއް ގަބޫލުކޮށް ފްލެޓްތައް ގަންނަން އަމިއްލަ ވިޔަފާރިވެރިން ބޭނުންވާނެ ހެއްޔެވެ؟ މިހާރު އެޗުޑީސީ އޮތް ހާލަތަށް ބަލާ ނަމަ، އެޗުޑީސީ ބޭނުންވާ ގޮތަށް ވުރެ ކައިރީ އެ ގަންނަން ޝައުގުވެރިވާ ވިޔަފާރިވެރިން ބޭނުންވާ ގޮތަކަށް އެޗުޑީސީގެ ސިޔާސަތު ބަދަލުކުރުމާ އެވެ. އެޗުޑީސީއަށް މުހިންމީ ވީހާވެސް އަވަހަކަށް ލާރި ލިބުމެވެ. ބޮޑެތި އެތައް ލޯނުތަކެއް ބޮލުގައި އަޅައިގެން އޮތް ކުންފުނިން، 1،300 ފްލެޓް ވިއްކާލަން އުޅެނީ ވެސް، ފައިސާގެ ދަތިތަކެއް ހުރުމުން ކަމަށް ބެލެވެ އެވެ.

މީގައި މައްސަލައަކީ އާންމު ރައްޔިތުންނާ ގުޅޭ ބޮޑެތި ކަންކަމުގައި ގެންގުޅެން ޖެހޭ ސިޔާސަތަށް މި އަންނަ ކުއްލި ބަދަލުވުންތަކެވެ. އެ ބަދަލުވުންތަކާ ބެހޭ މައުލޫމާތު ސާފުނުވުމެވެ. ބައެއް ފަހަރަށް ކަނޑައެޅިގެން ދޮގުހެދުމެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް ލިބޭ ނުތަނަވަސްކަމާއި އުއްމީދުތަކަށް އެޅޭ ހުރަސްތައް ހަނދާންނައްތާލައިގެން ނުވާނެ އެވެ.

28 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 32%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފްލެޓް

26 February 2021

ހާދަ ބައިވަރު ބިލްޑިންގެކޭ ޔާމީނު އަޅާފައި އެހުރީ. މި ސަރުކާރު އައިފަހުން ބިންގާ އެޅި އެއްވެސް ބިލްޑިންގއެއް ތިޔަ ފޮޓޯއަކުން ފެންނާކަށް ނެތް.

The name is already taken The name is available. Register?

2021

26 February 2021

ދުރު ރާސްތާ ޕްލޭނެއްނެތި، 5 އަހަރުން ޕްލޭން ބަދަލުވަންޏާ ރައްޔިތުންނަށްވާނީ ކޮންފައިދާއެއް. އަބދުވެސް " ބޮޑު ދެގެރި ތަޅާއިރު ކަށްގަލުގައި ރައްޔިތުން ތިބެން މިޖެހެނީ.

The name is already taken The name is available. Register?

ދެރާ

26 February 2021

ހުޅުލޭފަޅު ހިއްކާ، ހުޅުމާލެ ކިޔާ ރަށެއް ހިއްކީ ރައްޔިތުންގެ އަސާސީބޯހިޔާވަހިކަމަށް ކަން އޭރުގެ ވެރިން ވިދާޅުވި، އެ މަޤުޞަދުވެސް މިހާރު މިވަނީ އޮޅިފަ، ރާއްޖޭގެ އެކިސަރަހައްދުތަކުގައި ތިބި މުއްސަދި ބިންވެރިންގެ "ރެސިޑެންސް" ތަކުން އެތަން ފުރިއްޖެ. ނިކަމެތި ރައްޔިތުން އެވެރިންގެ އެޕާޓްމަންޓްތަކުގައި ބޮޑުކުލީގައި، އުޅެމުން ފަޤީރުންނަށް ލިބެން އޮތް "ކޮތަރު ކޮށިގަޑު" ވެސް ގަދައަވީގަތިބެ ސަލާންޖަހައިގެންވެސް މިވަނީ ނުލިބި، އެވެސް ބޮޑުން ހިތުހުރިގޮތަކަށް

The name is already taken The name is available. Register?

ހަނާމަ

25 February 2021

ސަރުކާރުން އެއްކޮޓަރި ރަނގަޅުނުވީމަ 2 ކޮޓަރި ދޭންވީ ނު. އެ ނުދީ ވިއްކީމަ މިވަނީ ކޯއްޗަކައް. ސިޔާސީ މަގާމު ދިނީމަ ކޮންމެ ގޮތެއްވަރި ހަމަ ވޭއެބަ. އަމިއްލަ މީހާއަށް ދެރަގޮތެއް ވީމަ ތެޅިގަން ނާނެ.

The name is already taken The name is available. Register?

ކާޖާ

25 February 2021

1 ކޮޓަރީގެ ފުލެޓަކީ ސަރުކާރުގެ ސޯސަލް ހައުސިން ސްކީމެއްގެ ތެރެއިން ދޫކުރަން ރަގަޅު ތަންތަނެއް ނޫނެވެ. އެހެނެއްނޫން އަމިއްލަ ނުވާގޮތަށް ބޭނުން އިރަކު ދޫކޮށްލާގޮތަށް މަހު ކުއްޔަށް އެކަށީގެންވާ އަގެއްގައި ދިނުން ރަގަޅު ވެދާނެއެވެ. ސަރުކާރުން އެއްފަހަރާ ލާރި ދީފަ ގަންނެގެން ސޯސަލް ހައުސިންގެ ގޮތުގައި ދޫކުރުން ރަގަޅެއް ނޫނެވެ.

The name is already taken The name is available. Register?

ފޫހި

25 February 2021

މިސަރުކާރުގެ ބޯހިޔާވަހިކަމަކީ ވަރަށްނުރައްކާތެރި ސިޔާސަތެއްގެތެރޭން ކިރާކަމެއް. އޭގެ ދިރިހުރި މިސާލަކީ ހުޅުމާލޭގައި އެއްވެސް އަގެއްނެގުމެއްނެތި އެއްބަޔަކަށް ބިންދިނުން. ނަމުގައި ކުޑަ ބިންކޮޅު ދޫކޮށްލުމުން. ޢެކަމަކު އެބުނާ ކުޑަ ބިންކޮޅުގެ ބޮޑުމިން ފާހާނާއެއް ހެދޭހާ ކުދި ބިންކޮޅު ދޫކޮށްލިއިރު އެއްވެސް އަގުމަގުކުރުމެއްނެތް. ޢަދި ހަމަ މިގޮތަށް ބިންދޫކުރަންތިބި އެންމެންނަށް ނުދެވޭނެކަން އެގޭއިރުވެސް ވަކިބަޔަކަށް ނާޖާއިޒު ފައިދާ ހީދައިދިނީ.

The name is already taken The name is available. Register?

ގެދޮރު ނެތް މާލޭމީހާ

25 February 2021

ޔާ ރައްބު ޔާ ރަސޫލުﷲ. މުއިއްޒު ވީޔާ ހުސް މުއިއްޒު. ދައްކާ ވާހަކައިގަ ދޮގު ހިމެނުން މީ ކޮންމެހެން ކުރަންޖެހޭ ކަމެއްތަ އަޅެ. ދިވެހި ރައްޔިތުންނަށް ޖެހިފައިވާ ގިލަންވެރިކަމެއް މި ބޯހިޔާވަހި ކަމަކީ. ޔާ ﷲ! އަޅަމެންގެ ވާހަކަތައް އަޑުއަހާ އަޅަމެންގެ އިޙްސާސްތައް ދަންނަބަޔަކު އަޅަމެންގެ ވެރިންގެ ގޮތުގައި އިސްކުރައްވާން ދޭވެ!

The name is already taken The name is available. Register?

ބަޑީ

25 February 2021

ނުވަންޏާ އަވަހަށް އެއްކާރިޔަށް ޖެހިލާ!! ކުރެވޭނެ މީހުން އެބަތިބި، ތިހެން ހެދިހާގޮތެއް ހެދިގެން އަބަދަކު އެންމެން ނުތިބޭނެ. އަވަހަށް އިސްތިއުފާ ދެއްވާފަ ދުރުވޭ.

The name is already taken The name is available. Register?

ބަދީ

25 February 2021

އަސްލަމްގެ ގާބިލްކަމާމެދު ސުވާލު އުފެދޭ. ދޮގުވެސް އިންތިހާ. ރަނގަޅައް ގެންދެވެން އޮތްކަމެއް، ފައިސާގެ ދަހިވެތި ކަމުގަ އަނބުރާލީ. އެޗްޑީސީ ވެސް ކޮރަޕްޓު ކަމަށްވޭ. އެއްކޮޓަރި ކެޓަގަރީ އުވާލީ. އަދިވެސް ބަހަނާ. މިކަމަށް ހައްލު ގެނެވެން އޮތް.

The name is already taken The name is available. Register?

ޝޮކްތެރަޕީ

25 February 2021

އެމްޑީޕީ އަކީ ވަރައް ސަޕޯޓަރުން ގިނަ ބައެއް ތިބި ޕާޓީއެއް. އެމްޑީޕީގެ ލީޑަޝިޕްގަ ތިބި މީހުންގެ ދޮގުވެރިކަމާ އޮޅުވާލުމާ ރައްޖެ ދެކެ ލޯބި ނުވާކަން އެމްޑީޕީ ސަޕޯޑަރުންނަ އެގުނު ހިސާބުން ޕާޓީގެ ސަޕޯޓަރުން ފޫހިވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454