ލައިފްސްޓައިލް / އަމިއްލަ ހުނަރު

އުމުރުން 17، އަތްކަންކުރުމުގައި ބާރަށް ކުރިއަށް

ހަރުދަނާ މަސައްކަތެއް ޅަފުރާގައި ދަސްވެފައި ހުރުމަކީ ފަހުން އޭގެ ފައިދާ ފެންނާނެ ކަމެކެވެ. އޭރުން ކިޔަވައިގެން ބޮޑު މީހަކަށްވެ މަސައްކަތުގެ މާހައުލަށް ނުކުންނަ އިރު މަސައްކަތުގެ އަހުލާގާއި ވައްޓަފާޅި ވެސް ހުންނަނީ ނިކަން ރަނގަޅަށް ގައިގައި ހަރުލައިފަ އެވެ.

އިނގިރޭސިވިލާތުގެ 17 އަހަރުގެ މި ކުއްޖާ އަކީ މިހާރު މަސައްކަތުގެ މައިދާނުގައި ނަމޫނާ ދައްކަމުން އަންނަ ކުއްޖެކެވެ. ބެން ޕާކިންސް އަކީ އަތްކަންކުރުމުގެ މަސައްކަތަށް އަރާހުރި ކުއްޖެކެވެ. އެ މަސައްކަތުގެ ތެރެއިން އޭނާ ހޯދާ ފިލާވަޅާއި ތަޖުރިބާގެ ތެރެއިން މުސްތަގުބަލަށް ބިންގާ އަޅައިދެނީ ފައްކާވަމުން ތަރައްގީވަމުން އަންނަ ކަވި މަސައްކަތެކެވެ. ގަހަނާ އާއި އެ ނޫން ވެސް އެތައް ބާވަތެއްގެ ތަކެތި ބެން އަންނަނީ އުފައްދަމުންނެވެ. އެގޮތުން ދަގަނޑާއި ލޮޔާއި ރިއްސާއި ނޫން ވެސް އެތައް ބާވަތެއްގެ މައުދަކަނުން އެހާމެ އޮމާންކޮށް އަދި އެހާމެ ޗާލު މަސައްކަތްތައް ބެން އަަންނަނީ މަސައްކަތުގެ ތެރެއިން ދައްކަމުނެވެ.

އުމުރުން އެންމެ 13 އަހަރުގައި ވަދެވުނު އަތްކަންކުރުމުގެ މަސައްކަތް މިހާރުވެފައި ވަނީ އޭނާ އަށް އާމްދަނީ ހޯދެން ވެސް ހުޅުވައި އޮތް ދޮރަކަށެވެ. އުފައްދާ އެއްޗެހީގެ ފޮޓޯތަކާއި އެ އެއްޗެހީގެ ވާހަކަ "ބެން މޭކްސް" ގެ ނަމުގައި ހަދާފައިވާ އިންސްޓަގްރާމްގައި ޕޭޖަށް ލާން ފެށި ފަހުން އޯޑަރު ވެސް އަންނަނީ ލިބެމުންނެވެ. މިކަމުން ބެން އަށް ލިބިފައި ވަނީ ވަރަށް ބޮޑު ހިތްވަރެކެވެ.

އޭނާ ބުނި ގޮތުގައި މި ފަހުން މަސައްކަތުގެ ތެރެއަށް މާ ބޮޑަށް ވަދެވުނީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ސްކޫލް ބަންދުވެ، ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުންނެވެ. އެހެންވެ ލޮކްޑައުންވެގެން ދިޔައީ ޖީސީއީ އޯ ލެވެލް އަށް ތައްޔާރުވަމުން ދިޔަ ބެންގެ މަސައްކަތް އިތުރަށް ތަރައްގީކޮށް ކުރިއަރުވަން ލިބުނު ރަނުގެ ފުރުސަތަކަށެވެ.

"ލޮކްޑައުންގެ ފޫހިކަމުން އަހަރެން ދުރުކޮށް ދިނީ މި މަސައްކަތް. ފަހަރުގައި ބައެއް މީހުން ބުނެ ވެސް ފާނެ ކަންނޭނގޭ މިއީ އަހަރެން އުމުރުގެ ކުދިން ކުރާ ކަހަލަ މަސައްކަތެއް ނޫނޭ ވެސް." ބެން ބުންޏެވެ.

އޭނާ ބުނީ އަތްކަންކުރުމުގެ މަސައްކަތުގެ ތެރެއަށް ވަދެވި، އެކަމުގެ ޝައުގުވެރިކަން އުފެދުނުލެއް ބޮޑުކަމުން ޚުދު އޭނާ ވެސް ހައިރާންވި ކަމަށެވެ.

"އެކަމަކު އެންމެ ބޮޑު ހައިރާނަކަށްވީ އަހަންނަށް އޯޑަރު ލިބެން ފެށުމުން. އެކި ކަހަލަ އެއްޗެހި ހަދަން ވަރަށް ގިނައިން މިހާރު އޯޑަރު ލިބޭ." ބެން ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ހަދާ އެއްޗެހީގެ ފޮޓޯތައް ލާން ފެށި ފަހުން ބައެއް ދުވަސް ދުވަހު އެ އެއްޗެހި ގަންނަން ބޭނުންވެގެން 150 ވަރަކަށް މީހުން މެސެޖްކޮށް ހަދަ އެވެ. އަދި އެއް ފަހަރާ ގިނަ އޯޑަރު ލިބެން ފެށުންވީ ޗެލެންޖަކަށް ކަމަށް ބުންޏެވެ.

"އެކަމަކު މިއީ މިހާރު އަހަރެން އެންމެ ގަޔާވެގެން ކުރާ ކަމަކީ މިއީ. ހަދާ ކޮންމެ އެއްޗަކީ ވެސް ހަމަ އަތުންކުރާ މަސައްކަތް. އެއްޗެއް ހަދާލަން އެންމެ މަދުވެގެން ވެސް ނަގާނެ ގަޑިއެއްހާ އިރު." ބެން ބުންޏެވެ.

އޭނާ ބުނީ އޯޑަރު ލިބެން ފެށިލެއް ގިނަކަމުން މަސައްކަތުގައި އެހީތެރިވާނެ އިތުރު މީހަކު ހޯދުމާ ދޭތެރޭ ވެސް ވިސްނި ކަމަށެވެ. އެކަމަކު އެ ހިޔާލު ދޫކޮށްލައި ހުރިހާ މަސައްކަތެއް ކުރަނީ އަމިއްލަ އަށް ކަމަށް ބުންޏެވެ.

"މިހާރު އުފާވޭ މިކަކަލަ މަސައްކަތެއްގެ ތެރެއަށް ވަދެވުނީތީ." އޭނާ ބުންޏެވެ.

ބެން ކިޔައިދިން ގޮތުގައި އޭނާ އަކީ އަބަދު ވެސް އަތުން ފާޑުފާޑުގެ އެއްޗެހި ހަދަން ޝައުގުވެރިވާ ކުއްޖެކެވެ. އެގޮތުން މަސައްކަތް ފުރަތަމަ ފެށުނީ ގޭގެ ގޯތިތެރޭގައި ވަޅުގަނޑެއް ކޮނެގެން އޭގެ ތެރެއަށް ބޯޓްދެލި އަޅައިގެން ރޯކޮށް، އެކި ކަހަލަ މައުދަންތައް ވިރުވައި އެކިއެކި ބައްޓަމަށް އެއްޗެހި ހަދަން ފެށުނު ހިސާބުންނެވެ.

"އޭރު މަންމަ ގެންގުޅޭ ހެއާޑްރަޔާ ވެސް ބޭނުންރަން ހަދާ އެއްޗެހި ހިއްކަން." ބެން ބުންޏެވެ. "އެންމެ ފުރަތަމަ މި މަސައްކަތް ފެށި އިރު އުމުރަކީ ތޭރަ އަހަރު."

އޭނާ ބުނީ މަސައްކަތަށް ބޭނުންވާ އަސާސީ ހުރިހާ އެއްޗެއް މިހާރު އެބަހުރި ކަމަށާއި ތަކެތި ހޯދީ އެކި ގޮތްގޮތަށް ކަމަށެވެ. އެގޮތުން އާއިލާގެ މީހުންނާއި ރައްޓެހިންނާއި ބައެއް އަވަށްޓެރިންގެ ފަރާތުން ވެސް އެހީ ލިބިފައިވާ ކަމަށް ބުންޏެވެ.

"މިދިޔަ އަހަރު މި މަސައްކަތުގެ ތެރެއަށް އެހާ ބޮޑަށް ވަދެވުނު އިރު ހޮބީއަކަށް މިކަން ކުރަމުން އައީ. ދެން ސްކޫލް ބަންދުވެ، އޯ ލެވެލް އިމްތިހާނު ވެސް ފަސްވެގެން ދިޔައިމަ ވީ ގޮތަކީ މިކަމުގެ ތެރެއަށް ވަންނަން މާ ބޮޑަށް ފުރުސަތު ލިބުނީ،" ބެން ބުންޏެވެ. "އެކަމަކު މިއީ މިހާރު އަހަންނަށް އާމްދަނީ ހޯދި، އާއިލާ އަށް އެހީވެވާން މަގުފަހިވި ކަމެއް.

މަސައްކަތުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެ މިކަމަށް އޮތް ލޯތްބާއި ޝައުގުވެރިކަން ބޮޑުވެފައިވާ އިރު ބެން އަކީ މިހާރު ވެލްޑިންކުރުމާއި ގަހަނާ ހެދުމާއި އަދި ވަރަށް ފަހުން ލެދަރުން ވެސް އެއްޗެހި ހެދުމުގެ މަސައްކަތް ފަށާފައިވާ ކުއްޖެކެވެ.

"މި މަސައްކަތްތައް ކުރާތީ ބައެއް ފަހަރު އެކުވެރިން އަހަންނަށް ޖޯކް ވެސް ޖަހާނެ. އެކަމަކު ބައެއް އަހަންނާ އެކު ކުޑަކޮށް މި މަސައްކަތުގެ ތެރެއަށް ވަދެލާފައި ބުންނަ ހަމަ އަސްލު ވަރަށް އިންޓަރެސްޓިން ކަމެކޭ." ބެންް ބުންޏެވެ.

0 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 8%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454