ދ. އަތޮޅު ކައުންސިލް ކަމަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެނޑީޑޭޓް އަހުމަދު ޝިފާއު--
07 އެޕްރީލް 2021 - 12:17
ދ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި މިހާރު ވެސް ހުންނެވި އަހުމަދު ޝާފިއު އަށް ދެވަނަ ދައުރެއް ރައްޔިތުން ދޭން ޖެހޭ ސަބަބު އޭނާއަށް ވަރަށް ސާފެވެ؛
މިދިއަ ތިން އަހަރު ދ. އަތޮޅު ކައުންސިލަށް އިދާރީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިދެއްވި އެވެ. އޭގެ ހެއްކަކީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރޭންކިންގައި ދ. އަތޮޅު ކައުންސިލް އެއްވަނަ ހޯދުމެވެ. މުވައްޒަފުންނަށް އެތައް ތަމްރީން ޕްރޮގްރާމްތަކެއް ބާއްވައި، ކައުންސިލްގެ ހިދުމަތް ވަރަށް ބޮޑަށް ފުޅާކޮށްދެއްވި އެވެ.
"ފާއިތުވެދިޔަ ތިން އަހަރު ދ. އަތޮޅު ކައުންސިލް ރައީސް ކަމުގައި ހުރެ ބޮޑެތި ބަދަލުތަކެއް ގެނެސްފިން. ގިނަ ކުރިއެރުންތަކެއް ލިބިއްޖެ،" ޝާފިއު ވިދާޅުވި އެވެ.
ކައުންސިލްތަކުގެ ހިންގާ ގޮތަށް ބަލައި، އެލްޖީއޭއިން ކޮންމެ އަހަރަކު ނެރޭ އިންޑެކްސްގައި މީގެ ކުރިން ދ. އަތޮޅު ކައުންސިލް އޮތީ ފުލުގަ އެވެ. ނަމަވެސް މި ތިން އަހަރުގެ މަސައްކަތަށް ފަހު އެންމެ ފަހުން ނެރުނު އިންޑެކްސްގައި އެ ކައުންސިލް އޮތީ އެއްވަނަ ރޭންކްގަ އެވެ.
"އެކަމުން އެކަނި ވެސް އެނގޭ އަތޮޅު ކައުންސިލަށް އިދާރީ ގޮތުން ކުރިއެރުންތަކެއް ލިބި، އަތޮޅަށް ރީތި ނަމެއް ވެސް ހޯދައިދެވިއްޖެކަން،" ޝާފިއު ވިދާޅުވި އެވެ.
އައިޓީ ދާއިރާ އިން ޑިޕްލޮމާ ހާސިލްކުރައްވައި، ދ. އަތޮޅުގައި އެ ދާއިރާއިން ކިޔަވައިދޭ އިންސްޓިޓިއުޓެއް ވެސް ހިންގަވަމުން އަންނަ ޝާފިއު ވިދާޅުވި ގޮތުގައި އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މީހުން ބިނާކުރެއްވުމަށެވެ. އެކި ދާއިރާތަކުން ތަމްރީން ދީ މީހުންނަށް ފުރުސަތުތައް ތަނަވަސްކޮށްދީފި ނަމަ، ކަންކަން ރަނގަޅުކުރަން، ތަރައްގީ ހަލުއިކުރަން ބާރު ލިބޭނެ ކަމަށް ގަބޫލުކުރައްވަ އެވެ. އެހެންވެ ކައުންސިލުން ވެސް މީހުން ބިނާ ކުރުމާއި ތަމްރީންތަކަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ސީދާ އަޅުގަނޑު ވާހަކަ ދައްކައިގެން ޕްރޮފެސަރު ހަސަން އުގެއިލް ވެސް މި ރަށަށް ގެނެސް އެވެއާނަސް ޕްރޮގްރާމްތައް ހިންގިން. އަތޮޅުގެ ހުރިހާ ޓީޗަރުންނަށް އަމާޒުކޮށް، މަހާސިންތާއެއް ބޭއްވިން. ފަޔާ ސޭފްޓީ ޓްރެއިނިންތައް އިންތިޒާމް ކުރިން،" ކުރީ ދައުރުގައި ކުރެއްވި ބައެއް މަސައްކަތްތައް ފާހަގަކުރައްވަމުން ޝާފިއު ވިދާޅުވި އެވެ.
މީގެ އިތުރުން ކައުންސިލްގެ ހިދުމަތްތައް ފުޅާކުރައްވަން ވެސް އޭނާ ވަނީ، ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން، ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެގޮތުން ދ. އަތޮޅުން ވެހިކަލްތަކުގެ އޭ ޒޯންގެ ލައިސަންސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި އަތޮޅުގެ ހުރިހާ ރަށަކުން އައިޑީ ކާޑު ހެއްދޭނެ ގޮތް ހަމަޖައްސައިދިނުން ހިމެނެ އެވެ.
ޝާފިއުއަކީ އަބަދުވެސް އެމްޑީޕީ ފިކުރުގެ ބޭފުޅެކެވެ. އޭނާ ވިދާޅުވާ ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގެ ހެޔޮ ނިޔަތް އޮތީ އެ ޕާޓީގަ އެވެ.
ރައްޔިތުންގެ ތަނެއްގެ ގޮތުގައި ކުރިޔަށް އޮތް ތަނުގައި ވެސް އަތޮޅު ކައުންސިލް ފެންނާނީ، ޝާފިއު ވިދާޅުވާ ގޮތުގައި، "ތިލަފަތަށް ވޯޓު ދީގެންނެ"ވެ. އެހެންކަމުން މުޅި އަތޮޅު ދަންނަ އަދި ގަބޫލުކުރާ މީހަކަށް ވޯޓު ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ދ. އަތޮޅަށް ގެނެސްފައިވާ ބަދަލު ބަލައިގަންނާނެކަމާ މެދު އެއްވެސް ޝައްކެއް ނެތް،" ރައްޔިތުންނާ މެދު އޭނާގެ އޮތް އުއްމީދު ހާމަކުރައްވަމުން ޝާފިއު ވިދާޅުވި އެވެ.
ކުރިޔަށް އޮތް ތަނުގައި އަތޮޅު ކައުންސިލްތަކުގެ މަސައްކަތުން ވެސް މި ފަހުން ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ނަތީޖާ ފެންނާނެ އެވެ. އެއީ ކައުންސިލަރުންނަށް ވެސް އިތުރަށް މަސައްކަތްކުރަން ލިބޭނެ ފުރުސަތެކެވެ. ޝާފިއު ވިދާޅުވާ ގޮތުން ނަމަ ކައުންސިލްތަކަށް އަސްލު ބާރު އަދި ލިބުނީ އެވެ. އެހެންކަމުން "އަޅުގަނޑު ވެސް މައްސަލަތައް ހައްލުކުރަން ވަރުބަލިކަމެއް ނެތި ހުންނާނަން" ކަމަށް ވިދާޅުވި އެވެ.
މިއީ ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންނަށް "މިހާރު" އިން ހާއްސަކުރި ޕެކޭޖެއްގައި ހިމެނޭ ކޮންޓެންޓްގެ ބައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދ.އަތޮޅު އޮފީސް މުވައްޒަފެއް
12 April 2021
ޝާފިއު އެެއްނޫން އޭޒޯން ލައިސަންސް ހެ ދޭގޮތް ހަ ދާދ ދިނީ! އެމަސައްކަތް ކުރެއްވީ ކުރީގެ ކައުންސިލުން. ޕީޕީއެމް ކައުންސިލްއިން. އައި.ޑީ ކާޑް ވެސް ރަށްރަށުން ހެއް ދޭގޮތަށް ހަ ދާދ ދެއްވީ ކުރީގެ ކައުންސިލުން. ޝާފިޢުއެއްނޫން.
ކުރަހާ ސިދުގީ
08 April 2021
އަހަރުމެންގެ ތާއީދު ޝާފިއުއަށް. މުއްސަންޖަކު ދޭ އަލަނާސި ދަޅަކަށް ރައްޔެތުން ވިކުނު ޒަމާން މާޒީވެއްޖެ. އޮޑިހަރުގެ ނެގިދާނެތީ ސުލިޕްވޭ ނެގިދާނެތީ ވިޔަފާރިވެރިންގެ މުޝުތެރޭގައި ތިބެގެން 2 މީހަކު މުޅި ކުޑަހުވަދޫ ކޮންޓުރޯލްކޮށްގެން އުޅޭ އުޅުން މާޒީވެއްޖެ. ޝާފިއުއަކީ މުޅި ދ.އަތޮޅެ ރައްޔެތުންނަށް ނަމޫނާ ދައްކަވާފައިވާ ބޭފުޅެއް. ސާބަހޭ ޝާފިއު. އިދިކޮޅު މީހުންނާއިއެކު އުޅުނެއްކަމަކު މަވެސް ވޯޓުދޭނީ ޝާފިއުއަށް. ސިދުގީ ވޯޓުލާނީ ޝާފިއުއަށް. ޔަގީން.
އަރޫޝާބުރުގާ
08 April 2021
އަހަރެމެން ޝާފިއުއަށް ވޯޓް ދެނީ އެއު ރީތި ކަމުން.
ޖޯކަރ
08 April 2021
މިވެސް ބައެއް މީހުން ދެކޭ ގޮތް ވިއްޔަ.. ކީކޭ ބުނާނީ ދެން ... ހުޅުދެލީ މީހުން ވެސް ތަންކޮޅެއް ވިސްނުން ތަރައްޤީ ކުރަންވެއްޖެއްނު. އެހެންނާ ފަހެ ޝާފިޢުއާ އިންނަންތަ ވޯޓް ލަނީ. ނޫނީ އެންމެ ރީތި މީހަކު ހޮވަންތަ މިއުޅެނީ..
ކުޑަހުވަދޫ މީހާ
08 April 2021
ރައްޔިތުންނާގުޅުން ހުރި މުހިންމު އެއްވެސް ކަމެއް ކުރެވުނު ތަނެއްނުފެނޭ. ސަރުކާރުގެ މިނިސްޓްރީ ތަކުން ކުރަންބޭނުން ވެގެން ދ.އަތޮޅުގަ ހިންގިކަންކަމުގައި ފެސިލިޓޭޓް ކުރުން އެއީ އަދި ޤާބިލްކަމެއްނޫން. ކޮންމެމީހަކުހުއްޓަސް އެކަންކަން ކުރާނެ. ކައުންސިލަށް ބޭނުންވަނީ ތަރަށްޤީގެތަސައްވަރަކާއި އެކު އަންނަ މީހެއް. ޢެތަސައްވަރެއް ރައްޔިތުންނަށް ދެއްކިފައެއްނެތް. ޢަތޮޅުޔެރޭން އެކި މުހުތާދުތަކުގައި އަންނަމީހުންނަށް ސައިދޭ މީހުކޫން މިހޯދަނީ.ރައްޔިތުން ވިސްނާ
ހަޑިގިއްލާ
08 April 2021
ޝާފިއުއަކީ ލާމަސީލު ބޭފުޅެއް. އަތޮޅު ރައްޔެތުންގެ އަގުވަޒަން ކުރި ހިތްހެޔޮ ބޭފުޅެއް. އަތޮޅުގެ އަކީ އަތޮޅު ރައްޔެތުންގެ ހީޔާއެއްކަމަށް ހެދީ ޝާފިއު.
ކޮރަޕްޓް ދާލު ރައީސް
08 April 2021
އަތޮޅު ގެ އަކީ އަތޮޅުގެ ވަކި ރަށެއްގެ (މީ ދޫ) ރައްޔިތުންގެ ހިޔާއެއްކަމަށް ޝާފިޢު ހެ ދި. އެކަމަކު އެއީ އަމިއްލަ ފައި ދާއަށް އެއްވެސް އުޞޫލެއްގެ ދަށުން ކުރާ ކަމެއް ނޫންކަން ކު ޑަހުވަ ދޫ މީހުން ހެކިވާނެ. ޝާފިޢު ބޭނުން މީހަކު އަތޮޅުގޭ ބެހެއްޓޭނަމަ، ރައްޔިތު މީހާ މާލެ ގޮސް މުލިއާގޭގައިވެސް އެއްވެސް ކުއްޔެއް ނު ދައްކާ އުޅެވެންވާނެ ދޯ ހަމަ.
ޢަލީ ޢީސާ
08 April 2021
ދާލުގެ ރައްޔިތުން ތިބީ ޝާފިޢު ދެވަނަ ދައުރަކަށް އިންޠިޚާބު ކުރަން ކެތް މަދުވެފައި. ޝާފިޢުއަކީ އެންމެންގެ ކެންޑިޑޭޓް، ވަކި ކުލަޔަކަށް ވަކި ފިކުރަކަށް ވަކި ރަށެއް ތަފާތު ކުރުމެއްނެތި ރައްޔިތުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ބޭފުޅެއް،
އެޗް4އެމް
07 April 2021
އަމިއްލަ ތަޖުރިބާއަށް ބަލާފައި މިއާރޓިކަލްއަށް އެއްބަސްވެވޭ. ޝާފިއުއަކީ ބުރަކޮން މަސައްކަތްކުރާ ހިތްތިރި ހީވާގި މީހެއް. ނަތީޖާ ނެރުމުގެ ޤާބިލްކަން ހުރިމީހެއް. ޢެކަންވަނީ ސާބިތުކޮށްދީފައި
ގުލްޒާރު
07 April 2021
ދެވަނަފުރުސަަތަކީ އޮންނައެއްޗެއްނޫން.