ރިޕޯޓް / ލޯކަލް ކައުންސިލް އިންތިޚާބު-އެމްޑީޕީ

ބަޝީރު: ބަދަލުތައް ގެނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާ އެކު

ނ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ބަޝީރު.

09 އެޕްރީލް 2021 - 13:54

އެމްޑީޕީގެ ޓިކެޓް ލިބޭނެ ކެންޑިޑޭޓުން ހޮވަން ބޭއްވި ޕްރައިމަރީގައި، މުޅި ރާއްޖެއިން ވެސް އެންމެ ބޮޑު ފަރަގަކާއެކު އެ ޖާގަ ކަށަވަރުކުރެއްވީ ނ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ މުހައްމަދު ބަޝީރެވެ.

މިއީ އިންތިހާބުގެ ރޭހަކަށް އޭނާ ނުކުމެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެންމެ ފުރަތަމަ ކުރިމަތިލެއްވީ 2011 ވަނަ އަހަރު ބޭއްވި އިންތިހާބުގައި އަތޮޅު ކައުންސިލްގެ މެމްބަރު ކަމަށެވެ.

ލޯކަލް ގަވަނެސް ނިޒާމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ނ. ޅޮއްސަށް އުފަން ބަޝީރުގެ ކެމްޕެއިންގެ ޝިއާރުތަކަކީ ވެސް "އަތޮޅު ސަރުކާރު" އަދި "އެތެރެވަރީގެ އިގުތިސޯދެ"ވެ. އެހެންވެ، ކައުންސިލްތަކަށް ދީފައިވާ އާ ބާރުތަކާ އެކު، ނ. އަތޮޅުގެ 13 ރަށަށް އިގުތިސޯދީ ގޮތުން ބަދަލުތަކެއް ގެނެސްދެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ މެމްބަރަކަށް ވުމުގެ އިތުރުން އެކި ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތެވެ. އޭނާ ވަނީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އޭރު ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ކޯޑިނޭޓަރުކަން ކުރައްވައިފަ އެވެ. އަދި އޭގެ ފަހުން އެމްޑީޕީގެ ނައިބު ރައީސަކު ހޮވަން ބޭއްވި ފޯރިގަދަ ކެމްޕެއިންގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ކެމްޕެއިން މެނޭޖަރުކަން ކުރެއްވި އެވެ.

ރަށްރަށް މާ މުއްސަނދި

"އަހަރެން ގަބޫލުކުރަނީ ވަރަށް މުއްސަނދި ކަމަށް ހުރިހާ ރަށްރަށް. ހާއްސަކޮށް ގުދުރަތީ ގޮތުން. ކަނޑުފަޅު، ފަރު. ދެން ރަށްތައް ވެސް. ވަރަށް ގިނަ މީހުންނަށް ރިސޯޓުތައް ވަރަށް ރީތި، ވަރަށް މުއްސަނދި ތަނެއްތާ ދޯ. އަހަރެންނަށް ފެންނަނީ މާ އަގުބޮޑުކޮށް މީހުން ދިރިއުޅޭ ރަށްރަށް. ހަމަ ރިސޯޓެއްގައި ހުންނަ ނެޗުރަލް ހުރިހާ ރިސޯސަސް ހުރޭ،" ޕޮލިޓިކަލް މެނޭޖްމަންޓް އިން ޑިޕްލޮމާ ހާސިލްކުރައްވައި އަދި ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް އެންޑް ރިސޯސަސް މެނޭޖްމަންޓް އިން ޑިގްރީ އަށް ކިޔަވައި ވިދާޅުވަމުން އަންނަ ބަޝީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގައި މީހުން ދިރިއުޅޭ ސަގާފަތާއި ތާރީހު ވެސް އޮންނާނެ ކަމަށާއި އެއީ އިކޮނޮމިކް ވެލިޔު ލިޔަސް މާ އަގުބޮޑު އެއްޗެހި ކަމަށެވެ. އެކަމަކު އިގުތިސޯދީގޮތުން އަގެއް ނެތް ކަމަށް ބުނެ ކުދިކުދި ރަށްރަށާއި ކުދި އާބާދީތައް އޮންނަނީ ނިކަމެތިކޮށް ބާކީކޮށްލާފައިކަން ފާހަގަކުރެއްވި އެވެ.

ޓޫރިޒަމްގެ ޓްރެންޑަށް އަޅާބަލާއިރު، ބަޝީރު ގަބޫލުކުރައްވަނީ އެ ސިނާއަތް ދަނޑުވެރިކަމާއި މަސްވެރިކަމާ ވެސް ގުޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޝީރު ވިދާޅުވީ ބިން ބޭނުންކުރުމުގެ ބާރުވެރިކަން ލިބުމާއި ކަނޑު ފަޅު ވެސް އޮތުމާ އެކު އަމިއްލައަށް ފުދިގެން ދިރިއުޅެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އޭނާގެ ބަހުން ނަމަ "އެތެރެވަރީގެ އިގުތިސޯދު" ގެންގުޅެވޭނެ އެވެ.

އެޑިޓަރުގެ ނޯޓު: މިއީ ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންނަށް "މިހާރު" އިން ހާއްސަކުރި ޕެކޭޖެއްގައި ހިމެނޭ ކޮންޓެންޓްގެ ބައެކެވެ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454