ކުޅިވަރު

ކުލަބުތައް ހަތިޔާރު ބަހައްޓައިފި، ޕެރޭޒް ހުރީ އަމާން ދޭކަށް ނޫން

ސުޕަ ލީގްގެ ޗެއާމަން އަދި ރެއާލް މެޑްރިޑްގެ ރައީސް ޕެރޭޒް

21 އެޕްރީލް 2021 - 12:42

މެޑްރިޑް (21 އޭޕްރީލް) - ޔޫރަޕިއަން ސުޕަ ލީގު އުފައްދަން އިސް ނެގި ކުލަބުތަކުގެ ތެރެއިން ހަތް ކުލަބަކުން އެ ހިޔާލު ދޫކޮށްލައިފި އެވެ. އެންމެ ފުރަތަމަ އިނގިރޭސި ހަ ކުލަބުންނެވެ. ސުޕަ ލީގު މިހާރު އޮތް ގޮތުން އެ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރި ކަމެއް ނެތް ކަމަށް އިޓަލީގެ އިންޓަ މިލާން އިން ވެސް ވަނީ ރޭ ބުނެފަ އެވެ.

އިންޓަގެ ވާދަވެރިޔާ އޭސީ މިލާން އިން ވެސް މިހާރު ދެވަނަ ވިސްނުމަކަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ދި އެތުލެޓިކް ނޫހުން ވަނީ ބުނެފަ އެވެ. ބާސެލޯގެ ރައީސް ޔޮއާން ލަޕޯޓާގެ ވިސްނުން، ސުޕަ ލީގާ އެއްގޮތެއް ނޫނެވެ.

"އަހަންނަ ހީވަނީ ސުޕަ ލީގުން ފުޓްބޯޅަ އިންޑަސްޓްރީ ހަލާކުވެދާނެހެން. މިއީ އަހަރެންގެ އަމިއްލަ ވިސްނުމެއް،" ބާސެލޯނާގެ ރައީސް ކަމަށް ދެ ވަނަ ފަހަރަށް ވަޑައިގަތުމަށް ކެމްޕޭން ކުރެއްވި ދުވަސްވަރު މިޑީއާއިން ސުވާލު ކުރުމުން ލަޕޯޓާ ވިދާޅުވެފައި ވެއެވެ. "އެކަމަކީ ފައިސާގެ މައްޗަށް ބަރޯސާ ވާން އޮތް ކަމެއް."

ޔޫރަޕިއަން ސުޕަ ލީގާ ދެކޮޅަށް ލީޑްސް ޔުނައިޓެޑްގެ ކުޅުންތެރިން ޝުއޫރުފާޅު ކުރަނީ

ސުޕަ ލީގު ޕްރޮޖެކެޓަށް ބާސާގެ ރުހުން ދިނީ، ކުރީގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު އެވެ. ކުލަބުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވުމުގެ ކުރިން ބާސާގެ ބޮޑުން ގަރާރެއް ފާސްކޮށް ސުޕަ ލީގުގައި ބައިވެރިވާން ނިންމި އެވެ. ލަޕޯޓާ އަލުން ރައީސް ކަމަށް ވަޑައިގަތުމުން ބާސާ އިން ސުޕަ ލީގުގެ ހިޔާލާ ދެކަފިވުމުގެ ވިސްނުމެއް ގެންގުޅެދާނެ ކަމަށް ބެލެވެ އެވެ. ހާއްސަކޮށް ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އިސްނަންގަވައިގެން ކުރަމުންދާ ކަމެއްގައި ބާސާގެ މިހާރުގެ ރައީސް ލަޕޯޓާ ބައިވެރި ވެދާނެތޯ ސުވާލު އުފެދެ އެވެ. އޭނާ އަކީ އަބަދުވެސް ޕެރޭޒްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.

ބާސާ ހިޔާލު ބަދަލުވެއްޖެނަމަ، ސްޕެއިންގެ ކުލަބުތަކުގެ ތެރެއިން ސުޕަ ލީގު ޕްރޮޖެކްޓްގައި ދެމިއޮންނާނީ މެޑްރިޑްގެ ދެ ކުލަބު އެކަންޏެވެ. އަދި މިލާންގެ ދެ ކުލަބުން ވެސް ހިޔާލު ބަދަލުވުމުގެ މަރުހަލާގައި އުޅޭއިރު އިޓަލީން ދެން އެ ޕްރޮޖެކްޓްގައި ބައިވެރިވާ މިހާރު އޮތީ ޔުވެންޓަސް އެވެ. އެހެން ކަމުން ސުޕަ ލީގު ކުރިއަށް ދިއުމުގެ މަގު ގާތްގަނޑަކަށް އެއްކޮށް ބަންދުވީ އެވެ.

ސުޕަ ލީގުގެ ޗެއާމަންގެ މަގާމުގައި ޕެރޭޒް ހުންނެވި ނަމަވެސް ރެއާލްގެ ކުޅުންތެރިންގެ ތާއީދެއް އެކަމަށް އޮތްކަމަކަށް ނުބލެވެ އެވެ. ސުޕަ ލީގާ ބެހޭގޮތުން އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާންއާ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އޭނާ ވަނީ އެކަމާ ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ. ސުޕަ ލީގާ ދެކޮޅަށް އިންޓަ މަޔާމީގެ ކޯ އޯނަރު އަދި ކުރީގެ މިޑްފީލްޑާ ޑޭވިޑް ބެކަމް ކުރި އިންސްޓަގްރާމް ޕޯސްޓަކަށް ރެއާލްގެ ކީ ކުޅުންތެރިން ވަނީ ލައިކުކޮށް ރިއެކްޓް ކޮށްފަ އެވެ.

އެހެންނަމަވެސް ޕެރޭޒް ހުންނެވީ އޭނާގެ ވިސްނުން ބަދަލު ކުރައްވާ ގޮތަކަށް ނޫނެވެ. ފްރާންސްގެ ލެކީޕް ނޫހަށް ރޭ ދިން އިންޓަވިއުގައި ޕެރޭޒް ވިދާޅުވީ ކުލަބުތައް ސުޕަ ލީގުން ވަކިވިއަސް އޭނާ ކަންބޮޑު ނުވާނެ ކަމަށެވެ.

"އިނގިރޭސި ކުލަބުތަކަށް ކުރިމަތިވި ޕްރެޝަރުގައި އެ ކުލަބުތައް ލީގު ދޫކޮށްލި ނަމަވެސް ޔޫރަޕިއަން ސުޕަ ލީގަކީ ޔޫރަޕުގެ އާންމު ގަވައިދުތަކާ އެއްގޮތަށް ކުރިއަށް ގެންދާ ހަރަކާތަކެވެ." ސުޕަލީގުން ނެރުނު ބަޔަނުގައި ބުނެފައިވެ އެވެ. "މިހާރު ކުރިމަތިވި މި ހާލަތާ ގުޅިގެން އަހަރެމެން ވިސްނަމުން މިދަނީ ކުލަބުތަކަށް އެންމެ ފަސޭހަ ގޮތަކަށް ޕްރޮޖެކްޓް އަލުން ބައްޓަން ކުރުމަށެވެ. އަބަދުވެސް ހަނދާން ކުރަން ޖެހޭ ކަމަކީ އަހަރެމެން މަސއްކަތް މި ކުރަނީ ފުޓްބޯޅަ ސަޕޯޓަރުންނަށް އިތުރު ފޯރި އާއި އުފާވެރިކަން ގެނެސްދިނުމަށެވެ."

ޕެރޭޒް އާއި ސުޕަ ލީގުގެ ބަސްމަގު އެގޮތަށް ހުރި ނަަމވެސް ސުޕަ ލީގުގައި ހަގީގީ ކުލަ ޖެހުމަކީ މިހާރު ވުމަށްވުރެ ދުރުގައިވާ ކަމެކެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 25%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454