އައިސްކްރީމް ކޭކް ޕެކް ކުރުމުގެ މަސައްކަތް ރައުފާ ކުރަނީ
10 މެއި 2021 - 10:24
ދިވެހިންގެ ތެރޭގައި ގޭގައި ތިބެގެން އަމިއްލަ ވިޔަފާރިކުރާ އަންހެނުން ވަރަށް ގިނަ ނަމަވެސް އައިޝަތު ރައުފާއަކީ އެކަމުގައި ނަމޫނާ، ކާމިޔާބު ވިޔަފާރިއެއް ހިންގަމުން އަންނަ ތަފާތު އަންހެނެކެވެ. މީގެ ހަތަރު އަހަރު ކުރިން ދަރިއަކު ލިބި، އޭނާގެ ވަޒީފާ ދޫކޮށްލައި ގޭގައި އިނެވެ. އޭރު ވެސް އޭނާ އަކީ "ކްރިއޭޓިވް" ތަފާތު ކަންކަން ކުރަމުން އަންނަ އަންހެނެކެވެ. އޭނާގެ ކްރިއޭޓިވް ކަން އެންމެ ބޮޑަށް ފެންނަނީ ބަދިގޭގަ އެވެ.
ކެއްކުމުގެ ދާއިރާއިން ކިޔަވާފައި ނެތަސް، ކެއްކުމުގައި އޭނާ އަމިއްލަ ގޮތްތައް ބޭނުން ކުރެ އެވެ. ތަކެތި ތައްޔާރުކުރުމުގައި މީރުހެން ހީވާ ގޮތްގޮތް ތަޖުރިބާ ކުރާ ހިތްވެ އެވެ. ނަތީޖާއަކަށްވީ މީރު ކާއެއްޗެއް ތައްޔާރުކޮށް އާންމުންގެ މަގްބޫލުކަން އެއަށް ލިބުމެވެ.
މާލޭގައި މިހާރު އައިސްކްރީމް ކޭކޭ ބުނެފި ނަމަ އެންމެ ފުރަތަމަ ވެސް ހިތަށް އަރާނީ "މެލްޓެޑް"ގެ ލޭބަލްގައި ވިއްކަމުން އަންނަ ހޯމް މޭޑް އައިސްކްރީމް ކޭކެވެ. އައިސްކްރީމް ޓަބްތަކުގައި ޕެކް ކޮށްލައިފަ ހުންނަ ފުރިހަމަ ކަމާއި ރަހަ މީރުކަމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޮންލައިން މި ވިޔަފާރިއަށް މިވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.
ރައުފާ ބުނީ ޑިމާންޑާ އެއްވަރަށް އައިސްކްރީމް ކޭކު ތައްޔާރު ނުކުރެވޭ ވަރަށް ޑިމާންޑް ބޮޑު ކަމަށެވެ. އައިސްކްރީމް ކޭކް ހެދުމުގެ މަސައްކަތް އޭނާ ފެށީ 2019 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އިންސްޓަގްރާމް ޕޭޖެއް ހަދައި ގޭގައި ތައްޔާރުކުރާ މި އައިސްކްރީމް ކޭކް އެންމެ ފުރަތަމަ އިންސްޓަގްރާމަށް ލީ ފިރިމީހާ ދިން ހިޔާލެއްގެ މަތިން މީހުން ގަނޭތޯ ބަލާށެވެ. އކަން ވީ އޭނާގެ ދިރިއުޅުން މުޅިން ބަދަލުކޮށްލި ކަމަކަށެވެ. މިހާރު އޭނާ އަކީ މިވައްތަރުގެ ކޭކަށް މުޅި ދިރިއުޅުން ބިނާ ކޮށްފައިވާ އަންހެނެކެވެ.
އެ މަސައްކަތް ރައުފާ އެންމެ ފުރަތަމަ ފެށި އިރު ޕޭޖުތަކުގައި ހޯމް މޭޑް ކާބޯތަކެތި ވިއްކުން އެހާ އާންމެއް ނުވެ އެވެ. އެހެންވެ، ގިނަ ބައެއްގެ ސަމާލުކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ޕޭޖް "މެލްޓަޑް" އަށް ލިބެނެވެ. އެ ޕޭޖުގައި މިހާރު 8،000 ވުރެ ގިނަ ފޮލޮވަރުން އެބަ ތިއްބެވެ.
އައިސްކްރީމް ކޭކް ޓަބް ހުޅުވާލާ އިރު އިންނަ ގޮތް
"ކެއްކުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް. ހާއްސަކޮށް ތަފާތު ފޮނިކާބޯތަކެތި. އެގޮތަށް މިކަން މިފެށުނީ،" އޭނާ ބުންޏެވެ.
ރައުފާ ބުނީ ގޭގައި ވެސް އޭނާ މިފަދަ ތަފާތު ކާބޯތަކެތި ތައްޔާރު ކުރާ ކަމަށެވެ. އެގޮތަށް ތައްޔާރު ކުރާ ތަކެއްޗަށް އެންމެންގެ ސަމާލުކަން ވެސް ލިބެ އެވެ. ވިޔަފާރިއެއްގެ ގޮތުގައި މިކަން ފެށި އިރު އޭނާ އެންމެ ފުރަތަމަ ފެށީ ބިސްކަޓް ޕުޑިން ހަދާށެވެ. އެހެން ނަމަވެސް ތަފާތު އެއްޗެއް ތައްޔާރުކުރުމުގެ ގޮތުން އައިސްކްރީމް ކޭކް ހަދަން ފެށި އެވެ. އައިސްކްރީމް ކޭކް ވީ އޭނާ އުންމީދު ކުރި ގޮތަށް ގިނަ ބަޔަކު ގަޔާވި އެއްޗަކަށެވެ.
"ދެތިން ރެސިޕީއެއް ޓްރައި ކުރިން. އެގޮތަށް ތައްޔާރު ކުރި އައިސްކްރީމް ކޭކް އިން ގޭ މީހުން އެންމެ ގަޔާވި ރެސިޕީގަ މިހާރު އައިސްކްރީމް ކޭކް މި ހަދަނީ،" އޭނާ ބުންޏެވެ.
އައިސްކްރީމް ކޭކު ވިއްކަނީ "މެލްޓަޑް" ގެ ނަމުގއި ހަދާފައިވާ އިންސްޓަގްރާމް ޕޭޖުން
ކޮންމެވެސް ވަރަކަށް އިންޓަނެޓް މެދުވެރިކޮށް އައިސްކްރީމް ކޭކް ހަދާގޮތް ބަލައިގެން "މެލްޓަޑް" ގެ ނަމުގައި މިހާރު އޭނާ ވިއްކަނީ އަމިއްލަ ރެސިޕީއަކަށް ތައްޔާރުކުރާ އައިސްކްރީމް ކޭކެކެވެ. އޭނާ ބުނީ އެކަން އެގޮތަށް ކުރުމަށް ވަގުތު ނެގި ނަމަވެސް އަމިއްލަ އުފެއްދުމެއް ތައްޔާރު ކުރުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
އައިސްކްރީމް ކޭކް އެންމެ ފުރަތަމަ ވިއްކަން ފެށި އިރު އެކަނި އެކަން ކުރި ނަމަވެސް، އޯޑަރުތައް ގިނަވެ މަސައްކަތް ފުޅާވުމުން އެކަމުގައި މިހާރު އެ ގޭގެ އެންމެންގެ އެހީ ހޯދަ އެވެ. ހާއްސަކޮށް ޓަބްތައް ޕެކް ކުރުމާއި ތައްޔާރު ކުރުމުގައި އޭނާގެ ފިރިމީހާ އާއި މަންމަގެ އަމަލީ ގޮތުން ބައިވެރިވެ އެވެ.
"މިހާރު މިކަން މިވަނީ ފެމިލީ ވިޔަފާރިއަކަށް ވެފައި،" އޭނާ ބުންޏެވެ.
މެލްޓަޑްގެ މަސައްކަތް އެންމެ ފުރަތަމަ ފެށި އިރު ދުވާލެއްގެ މައްޗަށް ހެދީ 10 ވަރަކަށް ތައްޓެވެ. އެކަމަކު މިހާރު 80 އަށް ވުރެ ގިނަ ޓަބް ތައްޔާރުކުރާ ކަމަށް ރައުފާ ބުންޏެވެ.
އެ މަސައްކަތުގައި ދުވަހުގެ ބޮޑުބައި ހޭދަކުރާ އިރު ހުޅުމާލޭގެ ރެސްޓޯރެންޓެއްގެ އިތުރުން މާލޭގެ ފިހާރައެއްގައި ވެސް އޭނާ އަންނަނީ މި ކޭކް ވިއްކަމުންނެވެ.
މިއީ ބުރަ މަސައްކަތެއް ނަމަވެސް އަބަދުވެސް ކަސްޓަމަރުންނަށް ހުސްނުވެ ފޯރުކޮށްދިނުމަށް ރެއާ ދުވާލު މަސައްކަތް ކުރަން ޖެހެ އެެވެ. މިފަދަ އެއްޗެއް ތައްޔާރުކުރާ އިރު އުނދަގޫ ކަންތައްތަކެއް ދިމާވާ ކަމަށް ރައުފާ ބުންޏެވެ. އެގޮތުން ތައްޔާރު ކުރަން ބޭނުންވާ ބައެއް ސާމާނު ހޯދަން ބައެއް ފަހަރު އުނދަގޫވާ ކަމަށް އޭނާ ބުންޏެވެ. އައިސްކްރީމް ކޭކް ހަދަން ބަލްކްކޮށް ތަކެތި ގަނެފައި ބެހެއްޓި ނަމަވެސް ބައެއް ފަހަރު ގަންނަން ބަލާ އިރު ބައެއް ސާމާނު ބާޒާރުން ލިބެން ނުހުންނަ ކަމަށް އޭނާ ބުންޏެވެ. އެހެންވެ ވިޔަފާރިއަށް ބައެއް ދުވަސްކޮޅު އޭގެ އަސަރު ކުރެ އެވެ.
މެލްޓެޑް އެމްވީގެ އައިސްކްރީމް ކޭކް ޕެކް ކޮށްފައި އިންނަ ގޮތް
ރައުފާގެ އަމިއްލަ މި އުފެއްދުން ވިއްކުން މިހާރު ވެސް ވަނީ ވަރަށް ބޮޑަށް ފުޅާ ކޮށްފަ އެވެ. އިންސްޓަގްރާމުގައި އަމިއްލައަށް ތަކެތި ވިއްކުމުގެ އިތުރަށް އޮންލައިން ކޮށް ތަކެތި ވިއްކާ "ނޯކިއު" އިން ވެސް މި އުފެއްދުން ގަނެވޭނެ އެވެ.
މީގެ އިތުރަށް ކ. މާފުއްޓާއި ފުވައްމުލަކަށް ވެސް ރައުފާ އަންނަނީ އައިސްކްރީމް ކޭކް ވިއްކަމުންނެވެ. މިއީ ފިނިކޮށް ބަހައްޓަން ޖެހޭ އެއްޗަކަށް ވުމުން ރާއްޖޭގެ އެހެން ސަރަހައްދުތައް ގެންދިއުމަށް ދަތިތައް ކުރިމަތިވި ނަމަވެސް އޭނާ ބޭނުންވަނީ "މެލްޓަޑް"ގެ އައިސްކްރީމް ކޭކަކީ ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ލިބެން ހުންނަ އުފެއްދުމަކަށް ހަދާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް.
10 May 2021
ސާބަހޭ ކަމަނާ.ގުޑް ލަކް
މިސްޓަރ
10 May 2021
ނޮޓް ބޭޑް??