ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު: އެ ކޯޓު އިއްޔެއިން ފެށިގެން ވަނީ ރިސެސްއަށް ގޮސްފައި -- މިހާރު ފޮޓޯ
28 ޖޫން 2021 - 10:49
ކްރިމިނަލް ކޯޓު އިއްޔެއިން ފެށިގެން ރިސެސްއަށް ހިނގައްޖެ އެވެ.
ކްރިމިނަލް ކޯޓުން ބުނީ އިއްޔެއިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ. އެ މުއްދަތުގައި ބާއްވާނީ ކޮންމެހެން ބާއްވަން ޖެހޭ ޝަރީއަތްތައް އެކަންޏެވެ.
ނަމަވެސް، ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި ތަހުގީގުކުރާ އިދާރާތަކުން އެދިގެން ކޯޓު އަމުރުތައް ނެރެދިނުމުގެ މަސައްކަތް އާދައިގެ މަތިން ކުރިއަށްދާނެ ކަމަށް އެ ކޯޓުން ބުންޏެވެ.
އޭގެ އިތުރުން، ރިސެސްގެ މުއްދަތުގައި، މުރާޖައާކުރެވުނު ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް ގާޒީންނާއި ކޯޓުގެ ލީގަލް މުވައްޒަފުން އަހުލުވެރިވުމުގެ ގޮތުން ބާއްވާ ޕްރޮގްރާމެއް ބާއްވާނެ ކަމަށް ކޯޓުން ބުންޏެވެ. އަދި ދިވެހި ބަހުގެ އެކަޑެމީއާ ގުޅިގެން ކޯޓުގެ މުވައްޒަފުން ދިވެހި ބަހަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
ކްރިމިނަލް ކޯޓު ފަދަ ސުޕީރިއާ ކޯޓުތައް ކޮންމެ އަހަރަކު ދެ ފަހަރު ރިސެސްއަށް ދާނެ އެވެ. ޖޫން މަހާއި ޑިސެމްބަރު މަހުގެ ވަކި މުއްދަތެއްގައި ކޯޓުތައް އޮންނަނީ ރިސެސްގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy