ސްކޫލް ގައިޑު

ސްކޫލު ގައިޑް: ސްކޫލުތަކުގައި ދޭ ތައުލީމާއި ޒަމާނަށް ބޭނުންވާ ތައުލީމު

އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް ޕޭޕަރު ހަދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތޯހާ ސަލީމް

03 އޯގަސްޓް 2021 - 09:10

1 comments

ކޮވިޑް 19 ޕެންޑަމިކުގައި ޓެކްނޮލޮޖީގެ ބޭނުން ހިފަން މަޖުބޫރުވެގެން ދިޔައިރު ފާހަގަވި އެއް ކަމަކީ ކޮންމެ ހާލަތަކަށް ޓެކްނޮލޮޖީގެ އާލާތްތައް ހުރިކަމެވެ. ހިތާމައަކީ، އެ ހާލަތަށް ދިޔައިރު، ޓެކްނިކަލް އަދި އެޑްމިނިސްޓްރޭޓިވް ސިސްޓަމުތައް އެއަށް ތައްޔާރު ވެފައި ނުވުމެވެ. މީހުން ބިނާކުރެވިފައި ނެތުމެވެ. މި ފަހަރު މަޖުބޫރުން ކުއްލިއަކަށް މިކަން ކުރަން ޖެހުނު ނަމަވެސް، އާ އާއްމު ހާލަތުގައި އަނެއްކާ ވެސް ކަން ފަސޭހަކޮށް ކުރީގައި ކަންކަން ކޮށް އުޅުނު ގޮތަށް، ކަންކަންކުރުމަށް ރުޖޫއަ ވިޔަސް، ސައިންސާ ޓެކްނޮލޮޖީގެ ސަބަބުން ދުނިޔެ ބަދަލުވަމުން ދާދިއުން ހުއްޓުމެއްނެތި ކުރިއަށް ދާނެ އެވެ. އާއްމުކޮށް ކޮށްއުޅޭ ކަންތައްތައް ވެސް ބަދަލުވަމުން ގޮސް، އެކަމުގެ ހުނަރުވެރިން ކުރާ ކަންތައް ވެސް އެއަށް ވުރެ ފުރިހަމައަށް، އެތައް ގުނައަކަށް މާ އަވަހަށް މެޝިނުން، އެކަންކަން ކުރަމުން ގެންގޮސް، އިންސާނުން ކުރަމުން އައި މައިގަނޑު ހުރިހާ މަސައްކަތެއްހެން ޓެކްނޮލޮޖީ ބޭނުން ހިފައިގެން ކުރާނެ ކަމެވެ.

މިސާލަކަށް ދަންނަވާ ނަމަ، ރީތި އަތުލިޔުމުގެ ހުނަރުވެރިންނަކީ 1990 ގެ އަހަރުތަކާ ހަމައަށް ވެސް ތަނަކަށް ސިޓީއެއް ފޮނުވަން ވެއްޖެ ނަމަ، އެތައް ބަޔަކު އެމީހުންގެ ބޭނުން ހިފާ ބައެކެވެ. އޮފީސްތަކަށް ވެސް އެހާ ބޭނުންތެރި ބައެކެވެ. ޓައިޕްރައިޓަރު އުފައްދައި ކޮމްޕިއުޓަރު އީޖާދުކޮށް، ފޮންޓުތައް ވުޖޫދަށް އައުމުން މިހާރު ބޭނުންވަނީ، ރީއްޗަށް ލިޔާ މީހުންނެއް ނޫނެވެ. އެކަމުގެ މުހިއްމުކަން ނިމިގޮސް، މިހާރު ބޭނުން ވަނީ، ފޮންޓް އުފެއްދުމެވެ. އެ ފަންނުގައި މިހާރަށް ބޭނުންވާނީ ތަފާތު ފޮންޓު އުފައްދާ މީހުންނެވެ.

ވަޑާންކުރުމާއި ލިޔެލާ ޖެހުމާއި ގަލުވަޑާމާއި ރޭނުން ފަދަ މަސައްކަތްތަކަށް ވެސް މިހާރު ހަގީގަތުގައި ބޭނުންވަނީ މާވަޑިންނާއި ރާނާ މީހުންނެއް ނޫނެވެ. އެ ފަންނު ވެސް ޓެކްނޮލޮޖީން އަތުލައިފި އެވެ. އަވަހަށް އިތުބާރާ އެކު ބޮޑު އިމާރާތެއް ދެ ތިން މަސް ދުވަހުގެ ތެރޭގައި ޓެކްނޮލޮޖީގެ އެހީގައި ނިންމާލާއިރު، އަހަރު ދެ އަހަރު ވަންދެން އިމާރާތެއް ނިންމަން އުޅޭ އުޅުން ނިމުމަކަށް އަންނާކަށް މާ ގިނަ ދުވަހެއް ވާނެހެން ހީއެއް ނުވެއެވެ. މި ފަންނުތަކަށް އިންސާނުންގެ ބޭނުން ހިފޭ ގޮތް މިވަނީ ބަދަލުވާން ފަށައިފަ އެވެ.

ބައެއް ގައުމުތަކުގެ މަޝްހޫރު ބޮޑެތި ހޮޓާ ތަކުން ރޫމް ބުކިން ހެއްދުމުން ފެށިގެން އެތަނަށް ގޮސް ހަފުތާ ދެ ހަފްތާ އުޅެފައި އަންނަ އިރުވެސް އެ ހޮޓާތަކުގެ މީހުންނާއި ބައްދަލުކުރަން ނުޖެހި ބޭނުންވާ ކަންތައްތައް ހަމަޖެހެ އެވެ. ބޭރު ގޭޓު ހުޅުވުމާއި ލިފްޓު ބޭނުން ކުރުމާއި ވަކިފްލޯއަކަށް ދިޔުމާއި ރޫމު ގެ އެކްސެސް އަކީ ކުރިން ދީފައިވާ އެކްސަސް ކީތަކެވެ. އިތުރު ހިދުމަތަށް އަނެއްކާ ވެސް ވެބްސައިޓުން އެދި އެ ހިދުމަތަށް ފައިސާ ދައްކަނީ ވެސް އޮންލައިން ކޮށެވެ.

ދަންނަވަން މިއުޅެނީ، ރިސެޕްޝަނުގައި ނުވަތަ ފައިސާ ބަލައިގަންނަން މީހުން ގެންގުޅުމުގެ ވަޒީފާތަކުގެ ނިމުން ފެންނަމުންދާ ވާހަކަ އެވެ. މި ބަދަލުތައް ވިޔަފާރިތަކަށް، ދަނޑުވެރިކަމަށް، ބޭސްވެރިކަމަށް، ފައިސާއާ ބެހޭ މުއާމަލާތްތަކަށާއި މި ނޫން ވެސް އެތައް ބައިވަރު ދާއިރާތަކަށް އެ ދަނީ އަންނަމުންނެވެ. ޔުނިވާސިޓީތަކާއި ބޭންކުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި ހޭދަކުރި އެތައް ހާސް ބައެއްގެ ބަދަލުގައި މިހާރު އެ ދައުރު އަދާކުރަނީ އާޓިފިޝަލް އިންޓެލިޖެންސުގެ އެހީގައި ބޮޓުތަކެވެ.

ސްކޫލުގެ ދަރިވަރުންތަކެއް ރިޕޯޓް ފޮތާ އެކު: މޮޅު ނަތީޖާއަކުން އެކަނި ނުފުދޭ --- ފައިލް ފޮޓޯ: މިހާރު

ބަލަން ތިއްބައި އިންސާނުން ކުރަމުން އައި މުހިއްމު ބޮޑެތި މަސައްކަތްތައް ކުރާގޮތް ބަދަލުވެ، އާ ދާއިރާތަކާއި ވަޒީފާތައް އުފެދި މިހާރުގެ ވަޒީފާތަކާއި ސިނާއަތުތައް ބަދަލުވެ އުވިގެން ދާއިރު ވެސް އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވައިދޭންވީ މިއަދު ލިބެން ހުރި ވަޒީފާތަކަށް އެކަނި ވިސްނައިގެން ތޯއެވެ؟ ނުވަތަ އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވައިދޭންވީ 80 ގެ އަހަރު ތަކުގައި ވެސް އަޅުގަނޑުމެން ކިޔަވައިދެމުން ގެންދިޔަ މާއްދާތަކާއި ސްޓްރީމްތައް އެކަނިތޯއެވެ؟

އިންޑަސްޓްރިއަލް ރިވޮލިޔުޝަން 1،2،3 ނިމި، އޭގެ ހަތަރުވަނަ ދަންފަޅީގައި ދުނިޔެ އޮތީ އާޓިފިޝަލް އިންޓެލިޖެންސާއި ބިގް ޑޭޓާ އާއި ނެޓްވާކް އެރޮބެޓިކްސްގެ ޒަމާނެވެ. ނަމަވެސް އަޅުގަނޑުމެންގެ ކިޔަވައިދިނުމާއި ވިސްނުން ވެސް ހުރީ، 1870 ން 1970 އާއި ހަމައަށް އޮތް މާސް ޕްރޮޑަކްޝަނާ އެއްވަރުގައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އޮޓޮމޭޝަނާއި އިލެކްޓްރޯނިކްސް އަދި ކޮމްޕިޔުޓަރުގެ ޒަމާން 1970 އިން ފެށިގެން 2000 ވަނަ އަހަރާ ހަމައަށް ނިމި ދިޔައިރު ވެސް، ސްކޫލުތަކަށް މިކަންކަން ނައުމަކީ އަޖައިބު ކުރުވަނިވި ކަމެކެވެ. ވޯލްޑު އިކޮނޮމިކް ފޯރަމް އިން 2017 ވަނަ އަހަރު ޝާއިއުކުރި ރިޕޯޓެއްގައި ވާގޮތުން، އޭރު ޕްރައިމަރީ ގުރޭޑްތަކުގައި ކިޔަވަމުން ދިޔަ ކުދިންގެ ތެރެއިން %65 ކުދިން މުސްތަގުބަލުގައި ވަޒީފާ އަދާކުރަން ޖެހޭނީ މިހާތަނަށް އުފަން ވެސް ނުވާ ވަޒީފާތަކުގަ އެވެ.

މިހާރު ކިޔަވާ މާއްދާތައް ވެސް މުހިއްމެވެ. އެ ކޮންސެޕްޓުތަކާއި އެ މައުލޫމާތު ވެސް މުހިއްމެވެ. އެކަމަކު ކުރީ ޒަމާނުގައި އޭގެ ބޭނުން ހިފަމުން ދިޔަގޮތަށް ބޭނުން ހިފާކަށް ނޫނެވެ. މުޅިން އާ ވިސްނުމެއްގައި އެހެން ފެންވަރެއްގައެވެ. ބުލޫމްސް ޓެކްސޮނޮމީގައި ބޭނުންކުރާ ހަޔާ އޯޑާ ތިންކިން ސްކިލްސްއަކީ ކިޔަވައިދިނުމުގެ އާ ވިސްނުމަށް ވާން ޖެހިއްޖެ އެވެ. މައުލޫމާތާއި ދޭހަ އާއި ބޭނުންކުރުމަށް ވުރެ ބޮޑަށް ދިރާސާކުރުމާއި ވަޒަންކުރުމާއި އުފެއްދުން އިސްކޮށް ގިނަކުރަން ވެއްޖެ ކަމުގައި ދެކެމެވެ. މި ބަދަލަކީ، ލެސަން ޕްލޭނުން ފެށިގެން އިމްތިހާނުކުރުމާއި މުޅި ސްކޫލުގެ ހުރިހާ ކަމެއްގައި އޮންނަންޖެހޭ ވިސްނުން ކަމުގައި ވެސް ދެކެމެވެ.

މިހާރު ސުކޫލުތަކުގައި ކިޔަވައިދޭ މަންހަޖަކީ ޒަމާނީ ވިސްނުމުގައި އެކުލަވާލެވިފައިވާ ކަރުދާހެއް ނަމަވެސް މުހިއްމުވަނީ ކުދިންނަށް ލިބިދޭ އިލްމާއި ތަޖުރިބާއާއި ހުނަރެކެވެ. ކަރުދާހުގައި އޮތް އެއްޗެއް ނޫނެވެ. ރިޓަން (ލިޔެވިފައިވާ) ކަރިކިޔުލަމާއި އާ ޓޯޓް (ކިޔަވައިދެވޭ) ކަރިކިޔުލަމް ވެސް ތަފާތެވެ. އުނގަންނައިދިނުމަށް ލިޔެވިފައިވާ މަންހަޖު ނުވަތަ ކަރިކިޔުލަމް ވަޒަން ކުރަން ގެންގުޅޭ މިންގަނޑަކީ، ގުރޭޑް 4 އަދި 7 ގައި ނެގޭ ލިޓްރަސީ އަދި ނިޔުމަރަސީ ގެ ފެންވަރު ބެލުމުގެ ޓެސްޓާއި، ގްރޭޑް 10 ނިމިގެން ނަގާ އޯލެވެލް އިމްތިހާނު ކަމުގައި ދެކޭނަމަ މިހާރު ލިޔެވިފައިވާ މަންހަޖާއި، ކިޔަވައިދޭ މަންހަޖު ވަރަށް ބޮޑަށް ތަފާތު ވާނެއެވެ. އެހެނީ އާއްމު ގޮތެއްގައި ކިޔަވައިދޭނީ ޓެސްޓުކުރެވޭ އަދި މިންކުރެވޭ ބަޔަށް ކަމަށް ވުމީ ގިނަ ފަހަރަށް އެކަން ހިނގާ ގޮތެވެ. ނަމަވެސް ޓެސްޓުގެ ޕްރޮފެޝަނަލް ވިސްނުމަކީ ޓެސްޓުކުރަން ކިޔަވައިދިނުމެއް ނޫނެވެ. ކިޔަވައިދޭން ޓެސްޓު ކުރުމެވެ. މުޖުތަމައުގައި އަދިވެސް ގިނަ ބަޔަކު ގަބޫލުކުރަނީ އަދި މުއައްސަސާތަކުން އަމަލުކުރާ ގޮތުން ހީވަނީ ވެސް ސްކޫލެއް މޮޅުވަނީ ނުވަތަ ކުއްޖަކު މޮޅުވަނީ ވެސް އޯލެވެލް އިމްތިހާނުން ހޯދާ ނަތީޖާއިން ކަމަށެވެ. ނަމަވެސް 21 ވަނަ ގަރުނުގައި މިވަރަކުން އެއްގޮތަކަށް ވެސް ނުފުދެ އެވެ.

ސްކޫލުގެ ދަރިވަރުންތަކެއް ރިޕޯޓް ފޮތާ އެކު: ތައުލީމާ އެއްވަރަށް އެހެނިހެން ހުނަރުތައް ވެސް ބޭނުންވޭ --- ފައިލް ފޮޓޯ: މިހާރު

އެކާވީސް ވަނަ ގަރުނުގެ ހުނަރުވެރި އިލްމު ހުރި ދަރިންނަށް ހެދުމުގައި ލިޔަންކިޔަން ދަންނަން ޖެހެނީ ހަމައެކަނި ލިޓްރަސީ އާ ނިޔުމަރަސީ އަކުން ނޫނެވެ. ތިމާވެއްޓާއި ފައިސާގެ މުއާމަލާތާއިި މީޑިޔާ އާއި މީގެ އިތުރަށް ޓެކްނޮލޮޖީ އާއި މައުލޫމާތާއި އިސްނެގުމާއި އަދި މީހުންނާ އެކު އުޅުމުގެ ލިޔަންކިޔަން ވެސް ދަސްކުރަން ޖެހެ އެވެ. ދިރިއުޅުމުގައި ގޭތެރޭގައި ކުރަން ޖެހޭ ކުދިކުދި މަސައްކަތް ކުރަން އެނގޭވަރަށް މަސައްކަތް ދަސްވާން ޖެހެ އެވެ. މުޖުތަމައުގައި ވޮލަންޓިއަރުންގެ ބޭނުން ޖެހޭ ހާލަތްތައް އަބަދުވެސް އޮންނައިރު ސްކޫލު ތެރެއިން ވޮލަންޓަރީ މަސައްކަތަށް ދަރިވަރުން ކުޑަ އިރުއްސުރެ ހާނަން ޖެހެ އެވެ. މި ބައިތައް ސްކޫލުތަކުގައި ކިޔަވައި ނުދޭނަމަ މިކަންކަން ކުރާ މީހުން ހޯދައިގެން ވެސް ދަސްކޮށްދެއްވުން މުހިއްމެވެ.

ޒަމާނީ ތައުލީމު ދިނުމަށް ގެންނަން ޖެހޭ ބަދަލުގެ ފޯމިޔުލާއަކީ ކޮމްޕިޔުޓަރާއި އޭގެ ޓެކްނޮލޮޖީ މޮޅީ އަދި އިންސާނުންނަށް ޗެލެންޖު ކުރުމަށް އުނދަގުލީ ކޮން ކަންތައްތަކަކަށްތޯ ދެނެގަތުމެވެ. މިސާލަކަށް ޑޭޓާ ގެ މައުލޫމާތުން ދޭހަވާ ކަންތައްތައް ދެނެގަތުމާއިި ޕެޓާންތައް ދެނެގަތުމާއިި ދުނިޔޭގެ އެކަމާ ގުޅުން ހުރި ކަންތައްތަކާ ގުޅުވުމަށާއި މައްސަލަ އަށް ހައްލު ހޯދުމަށާއި އަދި ހޯދުމުގެ މައްޗަށް ބިނާކޮށް ތިއަރީތައް ހެދުން ފަދަ ކަންތައްތަކަކީ ވެސް ކޮންޕިއުޓަރަށާއި އާޓިފިޝަލް އިންޓެލިޖެންސަށް އުނދަގޫ މަސައްކަތެވެ. ނަމަވެސް، އިންސާނުން ރޫޓިން-މެނުއަލްކޮށް ކުރާ މަސައްކަތްތަކާއި (ފޯކްލިފްޓު އޮޕަރޭޓްކުރުން، ވެލްޑިން ކުރުން)، ނޮން-ރޫޓިން-މެނުއަލް މަސައްކަތާއި (މިސާލަކަށް: ލީގަލް ޑޮކިޔުމަންޓްސް ތައްޔާރުކުރުން، ޖެނިޓަރުގެ ވަޒީފާ) ރޫޓިން-ކޮގްނިޓިވް މަސައްކަތްތަކަކީ (ސެކްރެޓަރީން، ބުކް ކީޕާސް، ނުވަތަ ބޭންކް ޓެލާސް)، އޮޓޮމޭޓްވަމުން އަންނަ ވަޒީފާގެ ބާޒާރުން ނެތެމުންދާ މަސައްކަތްތަކެވެ.

ކުދިންގެ ކިޔެވުމުގެ ބައެއްގެ ގޮތުގައި، ވިސްނުން ތަރައްގީ ކުރާ ކަންތައްތަކުގައި ބައިވެރި ކުރާށެވެ. ވާހަކަ ދެއްކުމުގެ ހުނަރާއި އަޑު އެހުމާއި މައްސަލަ ހައްލުކުރުން ފަދަ ކަންތައްތައް ދަސްކޮށް ތަރައްގީވާ ފަދަ ޕްރޮގްރާމްތަކުގައި ބައިވެރި ކުރުވާށެވެ. އެހެން މީހުންގެ އިހުސާސްތައް ދެނެގަންނަން ފަސޭހަ އަދި އިސްނަގައިގެން ކަންކަން ކުރާ ކުއްޖަކު 21 ވަނަ ގަރުނުގެ މަސައްކަތުގެ މާހައުލަށާއި އަމިއްލަ ދިރިއުޅުމަށް މިހާރަށް ވުރެން މާ މުހިއްމެވެ. ފައިސާއާ ގުޅުންހުރި ކަންތައްތައް ކުޑައިރުއްސުރެ ދަސްކޮށްދޭން މަސައްކަތް ކުރާށެވެ. ފަހަށް ރައްކާކުރުމާއި ހަރަދު ކުރުމާއި ޕުލޭންކުރުމާއި ހަމަ އެހެންމެ އިންޝުއަރެންސާއި ކްރެޑިޓް ކޮންސިޔުމަސް އާއި ޓެކުހާއި، ޕެންޝަނާއި ކުރައުޑް ފަންޑިން އަދި ބިޓްކޮއިން ފަދަ ބަދަލުތަކާއި އަދި ފައިނޭންޝަލް ލިޓްރަސީ ވެސް އުނގަންނައިދިނުން އިންތިހާއަށް މުހިއްމެވެ.

ރެޓް ރޭހެއްގައި (ދުނިޔޭގައި އުޅުމުގެ މަގުސަދަކީ، އެކަކު އަނެކަކަށް ވުރެން ގިނައިން ފައިސާ އާ، ބާރާ، ނުފޫޒު ހޯދުން) ދުނިޔޭގައި އުޅުމަކީ، ފަށާއިރު ވެސް ގެއްލުން ލިބެންވި ކަމެއްކަން ވިސްނައިދޭން ޖެހިއްޖެ އެވެ. ރަށްތަކުގެ ގުދުރަތީ ރައްކާތެރިކަން ގުރުބާންކޮށް ކަނޑުގެ ދިރުންތައް އުކާލެވޭ "ސިންގަލް ޔޫސް ޕުލާސްޓިކްސް" ގެ ސަބަބުން ފަނާކޮށް، ޖައްވަށް ވިހަގޭސްތައް ދޫކޮށް ކުރާ ތަރައްގީން މުސްތަގުބަލުގައި އުޅެން އޮތް ދުނިޔެ ގުރުބާން ނުކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީއެއް ދަސްކޮށްދޭން އެންވަޔަރަމަންޓަލް ލިޓްރަސީ ވެސް އުނގަންނައިދިނުން ވަރަށް މުހިއްމެވެ.

އިންފޮމޭޝަން އޭޖްގައި ދުނިޔެ އޮތް އިރު ސައްހަ މައުލޫމާތާއި ސައްހަ ނޫން މައުލޫމާތު ދެނެގަތުމާއި ފިކުރީ މުދަލަށް އިހުތިރާމު ކުރުމާއި ސިކުނޑިއާ ކުޅެން ކުރާ ހަނގުރާމަ އަށް ތައްޔާރުވެފައި ހުރި ކްރިޓިކަލް ތިންކިން ފަދަ އަދި ހަމަ ދެއްކުން ފަދަ ކަންކަމަށް ގާބިލު ކުއްޖަކު އުފެއްދުމަށް އިންފޮމޭޝަން ލިޓްރަސީ ދަސްކޮށް ދޭށެވެ. މީގެ އިތުރުން، ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ޓެކްނޮލޮޖީ ބޭނުން ކުރަން ޖެހިފައި އޮތްއިރު ޓެކްނޮލޮޖީގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ދަސްކޮށްދިނުމުގެ އިތުރަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ވުމަށް ވެސް ކިޔަވައިދޭން ޖެހެއެވެ.

ސައިބާ ބުލީން، ޑިޖިޓަލް ޑިސްޓްރެކްޝަން، އިންފޮމޭޝަން އޯވަލޯޑް، ސައިބަ ތެފް، ސައިބަ ސެކިޔުރިޓީ ރިސްކްސް ފަދަ މައްސަލަތަކަކީ މިހާރު ވެސް އާއްމުވަމުން އަންނަ މައުލޫމާތާއި ހޭލުންތެރިކަން ނެތް ނަމަ، ބޮޑެތި ގެއްލުންތައް ލިބިދާނެ ފަދަ ކަންތައްތަކެވެ. ހަމަ އެހެންމެ އަބަދު ޑިވައިސް ބޭނުންކޮށް ހަދާ ނަމަ ކުދިންނަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށް 'ޑިޖިޓަލް ޑިޓޮކްސް' ފަދަ މުހިއްމު މައުލޫމާތު ދީ ޑިވައިސް ބޭނުން ކުރުމުގެ ރަނގަޅު އާދަތައް އަށަގަންނުވަން ޖެހެ އެވެ.

އަޅުގަނޑު މި ދެންނެވި ވާހަކަ ތަކަށް ބާރު ލިބެނީ، އޯއީސީޑި އަދި ވޯލްޑް އިކޮނޮމިކް ފޯރަމް ފަދަ ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ހަދާފައިވާ ދިރާސާތަކެވެ. އަދި ސްކޫލުތަކުން ދެވޭ ތައުލީމާއި ޒަމާނާ ގުޅުން ހުރީ ކިހާވަރަކަށްތޯ ބެލުމަށް އެކި ޕްލެޓްފޯމްތަކުގައި އިލްމީ ބޭފުޅުން ދައްކަވާފައިވާ ވާހަކަތަކެވެ. ފިޔުޗާ އޮފް އެޑިޔުކޭޝަން އެންޑް ސްކިލްސް 2030 ގައި ބުނެފައިވަނީ، 21 ވަނަ ގަރުނުގައި އަދިވެސް ދަރިވަރުންނަށް ކިޔަވައިދެނީ، 20 ވަނަ ގަރުނުގެ ކިޔަވައިދިނުމުގެ ޕެޑަގޮޖީ ނުވަތަ ކިޔަވައިދޭން ބޭނުންކުރާ މެތަޑްސް ބޭނުން ކޮށްގެން، 19 ވަނަ ގަރުނުގައި ދުނިޔެ އަށް ދިމާވެފައިވާ ކަންތައްތަކަށް ތައްޔާރު ވެފައިވާ ސްކޫލު ސެޓިން އެއްގައި ކަމަށެވެ.

ދަރިންގެ ކިޔެވުމުގެ މުސްތަގުބަލު އުޖާލާ ކުރުމުގައި 21 ވަނަ ގަރުނުގައި ދުނިޔެ ބަދަލުވަމުން ދާ ދިއުމަށް ތައްޔާރު ކުރަން ޖެހޭކަމެވެ. އަންނަމުންދާ ހުރިހާ ތަރައްގީ އަކީ ވިސްނާނުލައިފިނަމަ އަދި އެކަމަށް ހޭލުންތެރި ނުކޮށްފިނަމަ އޭގެ ގެއްލުންތައް އަޅުގަނޑުމެންގެ ދަރިންނަށް ލިބޭނެ ކަންކަމެވެ. އަދި އަންނަ ބަދަލުތަކާ ގުޅުންހުރި ތައުލީމެއް ނުދެވިއްޖެނަމަ އެ ކުދިންގެ ކުރިއެރުމަށް އެތައް ދަތިތަކެއް ކުރިމަތި ވާނެކަމެވެ.

ސްކޫލު ސިސްޓަމަކީ ވަކި ބަޔަކު ގޮތް ނިންމާ ނިޒާމަކަށް ވުރެ މުޅި ރައްޔިތުންނާ މުޅި ގައުމުގެ އެންމެހާ ކަންތައްތަކާ ގުޅި ލާމެހި ގޮތް ނިންމުމުގައި ފުޅާ ދާއިރާއެއްގައި ރައްޔިތުން ޝާމިލްވާ ކަމެކެވެ. އެއީ ހަމައެކަނި ކަރިކިޔުލަމް ހެދުމަށް ރައްޔިތުންގެ ހިޔާލު ހޯދުމައި ފޯކަސް ގުރޫޕް ޑިސްކަޝަން ބޭއްވުމުން ނިމޭ ކަމެއް ނޫނެވެ. ސްކޫލުތައް ހިންގުމައި ކިޔަވައިދިނުމުގައި ވެސް ބެލެނިވެރިންނާއި ދަރިވަރުން އަދި ޓީޗަރުންގެ ރޯލު ފުޅާކުރަންޖެހެ އެވެ.

އެޑިޓަރުގެ ނޯޓް: ތޯހާ ސަލީމަކީ ޓީޗިންގެ ދާއިރާ އިން ފުރަތަމަ ޑިގްރީ، އަދި މެލޭޝިޔާއިން އެޑިއުކޭޝަނަލް މެނޭޖްމަންޓް އިން މާސްޓާސްގެ އިތުރުން ސިންގަޕޫރުން ޑިޕާޓްމެންޓަލް މެނޭޖްމަންޓްގެ ދާއިރާ އިން ޑިޕްލޮމާ ވެސް ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ސްކޫލުތަކުގެ ޕްރިންސިޕަލްކަން އަދާކުރެއްވުމަށް ފަހު، އޭނާ އެންމެ ފަހުން ހުންނެވީ ގިޔާސުއްދީން އިންޓަނޭޝަން ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަގާމުގަ އެވެ.

1 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 86%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އއޭޖަޖު

07 August 2021

ވަރަށް ވެސް ފުރިހަމަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454