އާޖެންޓީނާގެ ފޯވަޑް ލައުޓާރޯ މާޓިނޭޒް، ކޮޕާ އެމެރިކާގައި އުފާ ފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ
12 ޖުލައި 2021 - 14:17
މެޑްރިޑް (ޖުލައި 12) - އެތުލެޓިކޯ މެޑްރިޑުން ގެންނަން މަސައްކަތް ކުރާ އިންޓަ މިލާންގެ ފޯވަޑް ލައުޓާރޯ މާޓިނޭޒްގެ ޓްރާންސްފާ އެތުލެޓިކޯ އިން އަންނަ އަހަރަށް ފަސް ކޮށްފި އެވެ.
ލަ ލީގާގެ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ އެންމެ ބޮޑު ޓާގެޓަކީ ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި ލައުޓާރޯ ސޮއި ކުރުވުމެވެ.
ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެތުލެޓިކޯ އަށް ކުރިމަތިވި މާލީ ގެއްލުންތަކުގެ ސަބަބުން ޓްރާންސްފާގައި މިފަހަރު ބޮޑު ހަރަދެއް ނުކުރުމަށް އެ ކްލަބުން ވަނީ ނިންމައިފަ އެވެ.
އެތުލެޓިކޯ އިން އުންމީދު ކުރަނީ އަންނަ ސީޒަނުން ފެށިގެން ސްޓޭޑިއަމަށް ސަޕޯޓަރުން ވަނުމުގެ ފުރުސަތު ލިބެން ފެށުމުން އަލުން މާލީ ގޮތުން ރަނގަޅު ވާނެ ކަމަށެވެ. އެހެންވެ އަންނަ ސީޒަނަށް ފަހު އޭނާގެ ސޮއިކުރުވުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އެތުލެޓިކޯ އިން އުންމީދު ކުރެ އެވެ.
މިދިޔަ ސީޒަންގެ ލަ ލީގާގެ ޗެމްޕިއަންކަން އެތުލެޓިކޯ ހޯދިއރު އެ ޓީމުގެ ފޯވަޑުލައިންގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy