މޫސުން ގޯސްވެ، ސަލަ ތައި ރެސްޓޯރަންޓުގައި ހުރި ގަސް ވެއްޓިފައި. --- ފޮޓޯ: މިހާރު
06 އޯގަސްޓް 2021 - 23:24
ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބައެއް ސަރަހައްދުތަކަށް މިއަދު މެންދުރު ނެރުނު ވައިޓް އެލާޓްގެ މުއްދަތު މިރޭ މެންދަމާ ހަމައަށް މޫސުމާ ބެހޭ އިދާރާ އިން ދަންމާލައިފި އެވެ.
މެޓުން ބުނީ، ހއ. އިން ފެށިގެން ތ. އަތޮޅަށް މިރޭ މެންދަމު 2:03 އާ ހަމައަށް ވައިޓް އެލާޓް ދަންމާލާފައިވާ ކަމަށެވެ.
މޫސުމާ ބެހޭ އިދާރާ އިން "މިހާރު" އަށް މިރޭ ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރާއްޖޭގެ އެންމެ އުތުރުން ފެށިގެން މެދު ދެކުނުގެ ރަށްރަށަށް ގަދަ ވަޔާ އެކު ވިއްސާރަ ކުރާނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ.
ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ވައި މަޑުވާނެ ކަމަށް މެޓުން ބުނެ އެވެ. އެ އިދާރާ އިން ލަފާކުރާ ގޮތުގައި، އެ އަތޮޅުތަކަށް ގަޑިއަކު 13 މޭލުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy