ފަރުގެ މުރަކަތައް ހަލާވެފައިވާތަން މިހާރު ވެސް ފެންނަ އެބަހުރި. ބޯޓު ދަނީ ފަރުމައްޗަށް އިތުރަށް ލައްގަމުން
މާލެ އަތޮޅު ރަސްފަރީ ފަރަށް އެރި އާގު ބޯޓު-- ފޮޓޯ: މުހައްމަދު ޝާހިދު
23 އޯގަސްޓް 2021 - 13:54
މިދިޔަ ބުރާސްފަތި ދުވަހު މާލެ އަތޮޅު ރަސްފަރީ ފަރަށް އާގު ބޯޓެއް އެރުމުގެ ސަބަބުން އެ ފަރަށް މިހާރުވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
ފަރަށް އެރި، ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ބޯޓަކީ 32،415 ޓަނުގެ ބަލްކް ކެރިއާ އެކެވެ. ދިގުމިނުގައި 189.99 މީޓަރު (623.23 ފޫޓް) ހުރި އެ އާގުބޯޓު ރަސްފަރީ ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދާން "އިނޮސެންޓް ޕެސޭޖް" ގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަނިކޮށެވެ.
އީޕީއޭގެ ޑިރެކްޓަރު ރިއްފަތު ނައީމް "މިހާރު" އަށް ވިދާޅުވީ ބޯޓު ފުން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ފަރަށް ވެފައިވާ ގެއްލުން އެނގޭނީ އެ ސަރަހައްދުގައި ޑައިވްކޮށް އިންސްޕެކްޝަން ކުރުމުން ކަމަށެވެ. އިންސްޕެކްޓް ކުރާނީ ބޯޓު ފުންކުރުމަށް ފަހު އެވެ.
ބޯޓު ފަރަށް އެރި ހިސާބު
ރިއްފަތު ވިދާޅުވި ގޮތުގައި އެ އާގު ބޯޓު ފަރަށް އެރި ފަހުން ކޮންމެ ދުވަހަކު ވެސް އީޕީއޭގެ ޓީމެއް އެ ސަރަހައްދަށް ގޮސް އެތަނުގެ ހާލަތު ބަލައި ފޮޓޯ ނަގަ އެވެ. ފެންނަ ފެނުމަށް ވަރަށް ބޮޑެތި ގެއްލުންވެފައިވާކަން ފާހަގަކުރެވޭ ކަމަށް ރިއްފަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަރުގެ ބައެއް ފުނޑުފުނޑުވެފައިވާ މަންޒަރު ވެސް ފެނެ އެވެ. އަދި ފުން ނުކުރެވި ލަސްވާ ވަރަކަށް ބޯޓު ފަރު މައްޗަށް ލައްގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިއްފަތު ވިދާޅުވީ ޑްރޯން އިން ނަގާފައިވާ ފޮޓޯތަކުން ވެސް މުރަކަތައް ބިނދި ހުދުވެފައިވާ މަންޒަރު ފެންނަ ކަމަށެވެ.
މާލެ އަތޮޅު ރަސްފަރީ ފަރަށް އާގު ބޯޓެއް އަރާފައި-- ފޮޓޯ: މުހައްމަދު ޝާހިދު
"އެތާ ކައިރިއަށް ގޮސް ބަލާއިރު ވެސް ވަރަށް ބޮޑެތި ގެއްލުންތައް ފެނޭ. ބޯޓު ފުން ނުކުރެވި ލަސްވާ ކޮންމެ ދުވަހަކު ބޯޓު ދަނީ އިތުރަށް ލައްގަމުން،" ފުން ނުކުރެވި ދުވަސްވާ ވަރަށް ލިބޭ ގެއްލުން ބޮޑުވާނެކަން ފާހަގަކުރައްވަމުން ރިފްއަތު ވިދާޅުވި އެވެ.
އީޕީއޭ އާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރަތަކާއި އެ އުޅަނދުގެ ލޯކަލް އެޖެންޓްގެ ގޮތުގައި ކަނޑައަޅާފައިވާ އެންޓްރެކް މޯލްޑިވްސް ގުޅިގެން ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ ބޯޓަކީ ބޮޑު ބޯޓެއް ކަމަށް ވާތީ އެ ފުންކުރަން ބޭނުންކުރާނެ ސާމާނު ވެސް ރާއްޖޭގައި ނެތުމުން ބޭރުން ގެނައުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ޓްރާންސްޕޯޓުން ބުނި ގޮތުގައި، ބޯޓު ފަރަށް އެރިއިރު އޭގައި ހުރީ ބޯޓު ދުއްވުމަށް ބޭނުންކުރުމަށް ހުރި 1،200 ޓަނުގެ ލޯސަލްފާ އައިއެފްއޯ އަދި 80 ޓަނުގެ ލޯސަލްފާ މެރިން ގޭސް އޮއިލް އެވެ. އެކަމަކު މިހާތަނަށް ބެލި ބެލުމުން އެ އުޅަނދުން ތިމާވެއްޓަށް ގެއްލުންވާނެ އެެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައިވާކަން ފާހަގަނުކުރެވޭ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަށުކަމާކއމި
24 August 2021
ތި ފުންކުރާނެކަމެއް މެތް ދެކޮޅަށް ދެ ނަގިލި ލައިފައި ރަހުނެއް ގޮތުގައި ބާއްވާ ބާކީ އޮތް ދެއަހަރަށް ވާވަރަށް ލާރި ލިބުނީމައި ނޫނީ ދޫނުކުރާތި
ޒިމޭ
24 August 2021
ތި ބޯޓް ފުންކުރެވޭއިރު ތިބޯޓްގެ އަގު ހުންނާނީ ދައުލަތަށް ދައްކަންޖެހިފައި..
1828
23 August 2021
ފިނޭންސް މިނިސްޓަރު، އެއޮއްތީ ރަހުނުކޮށްލަން ރަނގަޅު އެއްޗެއް.
ރަސް ފޯސް
23 August 2021
ރަސްދޫ މީހުން ފޮނުވަންވީ ތި ބޯޓު ފޫން ކުރަން ???
ހިތުން ބޭޑޭ
24 August 2021
އެއީ މާ ގަދަ ބައެއްތަ؟