ކެފޭ އުސޫލުން ޑްރަގް ވިޔަފާރި ކުރާ ހ. ލޮނުމިދިލިގޭގެ އެތެރެ -- ފޮޓޯ: ހުސެއިން ވަހީދު/މިހާރު
02 ސެޕްޓެމްބަރ 2021 - 15:10
ކެފޭ އުސޫލުން ޑްރަގު ވިޔަފާރި ކުރަން ބޭނުން ކުރާ ކަމަށް ބުނާ ގެއެއްގެ ވެރިފަރާތަކަށް ފުރަތަމަ ފަހަރަށް ޕީޖީ އޮފީހުން ދައުވާ ކޮށްފި އެވެ.
ފުލުހުން ބުނާ ގޮތުގައި ދަގަނޑު ދޮރު ޖަހައި ސެކިއުރިޓީ ވަރުގަދަކޮށްގެން މާލޭގައި ކެފޭ އުސޫލުން ޑްރަގް ބޭނުން ކުރަން މީހުން ދާ ވިއްސަކަށް ގެ މާލޭގައި އެބަ ހުއްޓެވެ.
ކެފޭ އުސޫލުން ޑްރަގުގެ ވިޔަފާރި ކުރަން ގެ ދިން ކަމަށް ބުނާ މައްސަލައިގައި ދައުވާ ކުރީ މ. ބްރައިޓްފްލާވާ ގޭގެ ވެރިޔާ ހުސެއިން ޔޫސުފްގެ މައްޗަށެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި އޭނާއަށް ދައުވާ ކުރީ، އެ ގޭގައި މީހުން މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކޮށް، ޕެޑަލްކުރާ ކަމަށް ގަބޫލު ކުރެވޭ ހާލަތު އޮވެ، ނުވަތަ އެގޮތަށް ގަބޫލު ކުރުމުގެ ފުރުސަތު އޮވެ، އެކަން ހުއްދަ ކޮށްފައިވާތީ ކަމަށެވެ. މިއީ މިފަދަ މައްސަލައެއްގައި ދައުވާ ކުރި ފުރަތަމަ ފަހަރެވެ.
ކެފޭ އުސޫލުން ޑްރަގް ވިޔަފާރި ކުރާ ގެއެއްގެ އެތެރެ -- ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އޭނާގެ މައްޗަށް ކުރީ "ގެއެއް ނުވަތަ އިމާރާތެއް ނުވަތަ ގެއަކުން ނުވަތަ އިމާރާތަކުން ބައެއްގައި، ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ނުވަތަ ޖަދުވަލު ދޭއެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމަށް ނުވަތަ ޕެޑަލް ކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ އެއިން ކަމެއް ކުރުމަށްކަން ގަބޫލު ކުރެވޭ ހާލު، ނުވަތަ އެގޮތަށް ގަބޫލު ކުރާނެ ފުރުސަތު އޮވެ، އެތަނުގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެތަނެއްގެ މަސްއޫލިއްޔަތު އުފުލާ ފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަ ކުރުމުގެ" ކުށުގެ ދައުވާ އެވެެ.
ކެފޭ އުސޫލުން ގެތަކުގައި ޑްރަގް ވިޔަފާރި ކުރަން ގެތަކުގެ ވެރިފަރާތްތަކުން އެއްބާރުލުންދޭތީ އެކަން ހުއްޓުވަން އުނދަގޫވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް، އެފަދަ ގެތަކަށް ގޭގެ ވެރިފަރާތް ނޫން މީހުން ވަނުން ހުއްޓުވޭނެ ގޮތެއް ފުލުހުންނަށް ގާނޫނީ ގޮތުން ނޯވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަލޯ
03 September 2021
ޑްރަގް ހުއްޓުވޭނޭ ގާބިކުކަމެއް މިސަރުކާރަކު. ނެއް. ތިޔަ ކަހަލަ ކިތައް ސަތޭކަގެ މިމާލޭގައި އެބަހުރިތޯ. އެކަމަކު ތިޔައެޅުއްވީ ރަނގަޅު ފިޔަވަޅެއް. ތިއިން ގެއެއްގެ ހިސާބުގަނޑުގައި އުޅުމާ ނުކުޅަދާނަ ވާނެ. އެކަމަކު ޑްރަގު އެތެރެ ކުރާމީހުން ހިފާ ހައްޔަރު ނުކުރާޖާ ހިނދަކު މިކަމުން ސަލާމަތެއް ނުވެވޭނެ
މިނިމަލް
03 September 2021
ކޮން ސަރުކާރެއްގަތަ ގާބިލުކަން ހުރީ؟ ތިބުނާ ސަރުކާރެއް އަދި ނުފެނޭ، ތި ބައިގަނޑު ހައްޔަރެއް ނުކުރެވޭނެ، ސަރުކާރުގެ ބޮޑުންނާއި، ބޮޑެތި ވިޔަފާރަވެރިންނާއި، މަޖިލިސް މެމްބަރުން ތިބެނީ ތީގެ އަޑީގަ، ދެން ތިކަމެއް ހުއްޓުވޭނެ ގޮތެއް އެބަ އޮތްތަ؟ ޖަލަށް ދާނީ އާދާއިގެ މީހާ އަބަދުވެސް.
ޝަފީރު
02 September 2021
ޥިޔަފާރީގެ އަޞްލު ކަނޑުވައިނުލާ ޑްރަގްގެ މައްސަލަ ހުއްޓުވަން މަސައްކަތް ކުރުމަކީ ފޫނެތްއެއްޗަކަށް ފެން އެޅުން. މަސްތުވާތަކެތީގެ ވިޔަފާރި އަޑިގައިތިބީ ސަރުކާރުގެ ބޮޑުންނާ މަޖިލިސްމެމްބަރުންނޭ ބުނޓީ އަޑުއިވެނީ. އަސްލެއްނެތް ވާކަތަކެއް އަބަދު އަބަދު ރައްޔިތުން ނުދައްކާނެ. ބޭކަރުމިހުން ރައްޔިތުން ހައްލަން އަރުވާ އަޑެއް
ކުޗީ
02 September 2021
ރަނގަޅު ފެށުމެއް .... ސާބިތުވެ ދެތިން އަހަރުގެ ޖަަލު ހުކުމެއް އަންނަން ޖެހޭ.
އޮނަރަބްލް އަފީފު ދީދީ
02 September 2021
ގިނަ ރައްޔިތުންގެ ޙައްޤާއި ރައްކާތެރިކަމަށްޓަކާ ދިރިއުޅުމާއި ގުދަން ނުވަތަ ވިޔަފާރީގެ ބޭނުމަށް ދޫކުރާތަންތަން އެގްރީމަންޓްކޮށް ސިވިލްކޯޓްގައި އެއްބަސްވުން ރެޖިސްޓްރީކޮށްގެން މެނުވީ 1 އަހަރަށްވުރެން ދިގު މުއްދަތަކަށް ކުއްޔަށްދިނުމާއި ހިފުމަކީވެސް ޖިނާއީ ކުށެއްކަމަށް ޤާނޫނުގައި ކަޑައަޅާންވީ ނޫންތޯ. # މިހާރުވެސް މާލެއިން ތަންތަން ކުއްޔަށް ހިފާމީހުން އެތަންތަނަށް އެޑްވާންސް ނުވަތަ ސިކިއުރިޓީ ޑިޕޮޒިޓްގއ ގޮތުގައި ދައްކާ ފައިސާ އަބުރާ ނުލިބޭ.
ހިސާބު މީހާ
02 September 2021
ކޮބާ ތިޔަ ގޭގެ އެހެން ވެރިން؟ ތިޔަ ގެ ދަންނަން، އުޅެ ބޮޑުވި ހިސާބު ވީމާ. ތިޔަ ގޭގެ އެންމެ ވެރިޔަކަށް ތި ދައުވާ ކޮށްގެން ތިޔަ "ކެފޭ"ގެ ހިންގުން ހުއްޓޭނެ ހީއެއް ނުވޭ! ތިޔަ ގޯޅީގައި ހިނގާ ބިގާވެ، ނޭވާ ލާ އުޅެވޭ ވަރެއް ނޫން މިހާރު ތިޔަ "ކެފޭ"ގެ ބިރުވެރިކަމާއި އުދަގޫ ބޮޑުކަމުން. އެތަން މިތަނުން މީހުން އައިސް އަބަދު ހިސާބުގަނޑު ފުރާފަ. ހިސާބު އެހެން ގޭގޭގައި ވެސް ދިރިއުޅުން ބިރުވެރިކަމަކަށް ވެފައި މިހާރު އޮތީ.
ޑޮންޑޮނ
02 September 2021
މިތާ ކުށެއް ކުރުން ހުއްޓުވޭގޮތަށް ހަދާފަ އޮތީ ކޮން ގާނޫނެއްތަ. ޕާކު ކުރާނެ ތަނެއް ނުދައްކާ ޕާކު ކުރާ ސައިކަލުތަކަށް ޖުރިމަނާކުރެވޭ ގޭންގު މީހުން ނާ މަސްތުވާ އެއްޗެހި ވިއްކަ މީހުން ނުހިފެއްޓޭ. ގަވައިދާ ހިލާފަށް އެކި އެކި ވިޔަފާރި ކުރާ ބަންގުލަދޭސް މީހުންނާ ބޭރުމީހުން ނުހުއްޓުވޭ. ނިކަމެތި ރައްޔިތަކު މަޖުބޫރުވެގެން ގަވައިދާ ހިލަފު ކުޑަ ކަމެއްވާއިރަށް ހާހުން ޖޫރިމަނާކުރެވޭ. މީ އިންސާފު ހުރިވަރު މިތާ
ނިރު
02 September 2021
ގިނަ ގޯތި ތަކަކީ ބަންޑާރަގޯތި ދައުލަތުން ދައުވާ ކުރެވިދާނެ އެފަދަ ގޯތި ގެދޮރު ދައުލަތަށް އަބުރާ ނެގުމަށް ގޯތީގެ ވެރިފަރާތުން ޑްރަގް ވިޔަފާރި ކުރަން އެއްބާރުދޭނަމަ ގޯތި އަތުލަން ދައުވާ ކުރަންވީނުންތޯ... ޑްރަގް ވިޔަފާރި ކުރުން ހުއްޓުވޭނެ ކިތަންމެ ގޮތެއް އޮއްވާ އެކަން ނުކުރަން ކިތަންމެ ބަހަނާތަކެއްވެސް ދެއްކިދާނެ