ދުނިޔެ / ފަލަސްތީން

އެންމެ ނުފޫޒު ގަދަ ޝަޚްސިއްޔަތުންގެ ތެރޭގައި މުނާ އަލްކުރްދު

އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ފާޅުގައި އަޑުއުފުލާ، އިރުމަތީ ގުދުސްގެ މުނާ އަލް ކުރްދު، އޭނާ ހަައްޔަރުކުރަން، ޖޫން 6، 2021 ގައި އޭނާގެ ގޭދޮށަށް އައިސް ތިބި އިޒްރޭލު ފުލުހުންގެ ކައިރީގައި. --ފޮޓޯ:އޭއެފްޕީ

16 ސެޕްޓެމްބަރ 2021 - 10:12

2 comments

މަޝްހޫރު ޓައިމް މަޖައްލާ އިން އަހަރަކު އެއްފަހަރު ކަނޑައަޅާ، އަހަރުގެ އެންމެ ނުފޫޒު ގަދަ ޝަޚްސިއްޔަތުންގެ ތެރޭގައި، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް އަޑުއުފުލުމުގައި މަޝްހޫރުކަން ހޯދާފައިވާ، ހުޅަނގު އައްސޭރީގެ ޝައިޚް އަލްޖައްރާހް އަވަށުގެ މުނާ އަލް ކުރްދު އާއި އޭނާގެ ކޮއްކޮ މުހައްމަދުލް ކުރްދު ހިމަނައިފި އެވެ.

ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަމަށް މުނާ އައީ، ޝައިޚް ޖައްރާހް އަވަށުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ ތެރެއިން ބައެއް މީހުންގެ ގެތައް ހުސްކޮށް، އެ ގޮތަށް އިޒްރޭލުގެ ޔަހޫދީންނާ ހަވާލުކުރުމަށް، އިޒްރޭލު ސަރުކާރާއި އިޒްރޭލުގެ ކޯޓުތަކުން ގުޅިގެން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ހަރަކާތްތެރިވާން ފެށި ހިސާބުންނެވެ.

މުނާމެން ދިރިއުޅެމުން އަންނަ އޭނާގެ މައިންބަފައިންގެ ގޯތި ވެސް ހުސްކުރުމަށް އިޒްރޭލު ސަރުކާރުން އޮތީ އަންގައިފަ އެވެ. ޝައިޚް ޖައްރާހް އަވަށުގެ ވަކި ގެތަކެއް ހުސްކުރުމަށް އިޒްރޭލު ސިފައިންނާއި ފުލުހުން ހިންގަމުންދާ ހަރަކާތްތަކާ ދެކޮޅަށް، މުނާ އާއި އޭނާގެ ނިބޫ ކޮއްކޮ މުހައްމަދު ފާޅުގައި ތެދުވެ ހިންގާ ހަރަކާތްތަކުގެ ސަބަބުން، މިދިޔަ ޖޫން މަހުގެ ތެރޭގައި އިޒްރޭލު ސިފައިން، އެ ދެބެން ހައްޔަރުވެސް ކުރި އެވެ.

އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ފާޅުގައި އަޑުއުފުލާ، އިރުމަތީ ގުދުސްގެ މުނާ އަލް ކުރްދު، މިއަހަރު ޖޫން 6 ވަނަ ދުވަހު ހައްޔަރުކޮށްގެން އިޒްރޭލު ފުލުހުން ގެންދަނީ.

މުނާ އާއި މުހައްމަދު، ޝައިހް ޖައްރާހް އަވަށުގެ ގެތަކުގެ ހިމާޔަތުގައި، ހުޅަނގު އައްސޭރީގަ އާއި ސޯޝަލް މީޑިއާގައި ހިންގާ މައުލޫމާތު ފެތުރުމުގެ ހަރަކާތްތަކުގެ ސަބަބުން، ޝައިހް ޖައްރާހް އަވަށުގައި އިޒްރޭލު ސިފައިން ހިންގާ ޖަރީމާތައް ވަނީ، މުޅި ދުނިޔެ އަށް ފަޅާ އަރައިފަ އެވެ. އެކަމުގެ ސަބަބުން، ބައިނަލްއަގުވާމީ މުޖްތަމައުން އަންނަނީ، ޝައިހް ޖައްރާހް އަވަށުގެ މައްސަލައިގައި އިޒްރޭލަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

ޓައިމް މަޖައްލާ އިން ކަނޑައެޅި އަހަރުގެ އެންމެ ނުފޫޒު ގަދަ ޝަހުސިއްޔަތުންގެ ތެރޭގައި ހިމެނުމުން، މުހައްމަދުލް ކުރްދު ބުނީ، އެއީ އީޖާބީ ހެޔޮ ބަދަލެއް ކަމަށާއި، ނަމަވެސް ފަލަސްތީނު ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ތާއީދުކުރުމަކީ ރަމްޒީ ގޮތުން ކުރެވޭ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.

މިފަހަރު ކަނޑައެޅި އެންމެ ނުފޫޒު ގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި، ތާލިބާން ޖަމާއަތުގެ އެއް މުއައްސިސް، އަދި މިހާރު އަފްގާންގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރުގެ އެއް ނާއިބު ކަމަށްވާ މުއްލާ އަބްދުލްޣަނީ ބަރާދަރު ވެސް ހިމެނެ އެވެ. އޭނާ ހިމެނިފައިވަނީ، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމާ ގުޅޭ ގޮތުން އެމެރިކާއާ އެކު އެއްބަސްވުމެއް ގާއިމުކުރުމަށް ކުރެއްވި މަސައްކަތަށް ބަލައިފަ އެވެ.

ތާލިބާންގެ އާ ސަރުކާރުގެ ބޮޑުވަޒީރުގެ ނާއިބު އަދި އެ ޖަމާއަތުގެ ސިޔާސީ ގޮފީގެ މިހާރުގެ ވެރިޔާ މުއްލާ އަބްދުލްޣަނީ ބަރާދަރު

އޭގެ އިތުރުން، އީރާންގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ ގާނޫނީ ވަކީލެއް ކަމަށްވާ ނަސްރީން ސޮތޫދާ ވެސް، އެންމެ ނުފޫޒު ގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ހިމެނިފައިވެ އެވެ. އީރާން ސަރުކާރުން 2019 ވަނަ އަހަރު ނަސްރީން ހައްޔަރުކޮށް، އަންހެނުންގެ ހައްގުތަކުގެ ދިފާއުގައި ކުރެއްވި މަސައްކަތްތަކާ ގުޅިގެން 148 އެތިފަހަރުން ތައުޒީރުކުރި އެވެ.

އަދި، އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އަބުރުފުޅަށް އިހާނެތިކޮށް ހިތުމުގެ ކުށުގަ އާއި ސަރުކާރާ މެދު ރައްޔިތުން ނަފްރަތުކުރުމުގެ ކުށުގައި 38 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް ޖަލުގައި ހައްޔަރުކުރި އެވެ. ނަމަވެސް އެ ހުކުމާ ދެކޮޅަށް ޖަލުގައި އޭނާ ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި 46 ދުވަސް ހޭދަވުމަށް ފަހު، މިދިޔަ އަހަރު އީރާން ސަރުކާރުން ވަނީ އޭނާ މިނިވަންކޮށްފަ އެވެ.

މި ލިސްޓުން ޖާގަ ހޯދި އެންމެ ފާހަގަކޮށްލެވޭ އަނެއް ޝަހުސިއްޔަތަކީ، އެމެރިކާގެ އޮލިމްޕިކް ޖިމްނާސްޓިކް ކުޅުންތެރިޔާ ސިމޯން ބައިލްސް، 39، އެވެ. އޮލިމްޕިކްގައި ހަތަރު ރަން މެޑެލް އާއި ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ސިމޯން، މި ލިސްޓުގައި ހިމެނިފައިވަނީ، އޭނާ އާއި އެމެރިކާގެ ޖިމްނާސްޓިކް ޓީމުގެ ކުޅުންތެރިންނަށް ކުރިމަތިވި ޖިންސީ ގޯނާތަކާ ދެކޮޅަށް ކުރި މަސައްކަތަށް ބިނާކޮށެވެ.

ޕްރިންސް ހެރީ އާއި މޭގަން.

އެމެރިކާގެ ކޮންގްރެސްގެ ކޮމިޓީގައި މައުލޫމާތު ހިއްސާކުރަމުން ސިމޯން ބުނެފައިވަނީ، އޭނާ އާއި އެ ޓީމުގެ އެތައް ސަތޭކަ ކުޅުންތެރިންނަށް، އެ ޓީމުގެ ޑޮކްޓަރު ލެރީ ނަސާރް އެތައް ފަހަރަކު ޖިންސީ ގޯނާތައް ކޮށްފައިވާ އިރު، އެ މައްސަލަ ހުށަހެޅުމުން އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައި އާއި އެމެރިކާގެ ޖިމްނާސްޓިކް އިދާރާގެ ވެރިން ވެސް، އެކަމަށް ދިނީ "ކަނު ލޮލެއް" ކަމަށެވެ.

މި ފަހަރުގެ 100 ޝަހުސިއްޔަތުގެ ތެރޭގައި އިނގިރޭސި ޝާހީ އާއިލާ ދޫކުރައްވައި އަމިއްލަ ދިރިއުޅުމަކަށް އެމެރިކާ އަށް ބަދަލުވެވަޑައިގެން އުޅުއްވާ، ޕްރިންސް ހެރީ އާއި އަނބިކަނބަލުން މެގަން އާއި، މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާޒް ހިމެނެ އެވެ. އޭގެ އިތުރުން އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ނައިބު ރައީސް ކަމަލާ ހެރިސް އާއި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެސް ހިމެނެ އެވެ.

އެންމެ ނުފޫޒު ގަދަ 100 ޝަހުސިއްޔަތު ކަނޑައެޅުމުގައި އެކި މީހުން ދަރަޖަކުރުމެއް ނޯވެ އެވެ. މިލިސްޓުގައި މިފަހަރު 54 އަންހެނުން ހިމަނާފައިވެ އެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާއެނގޭ

16 September 2021

ލިސްޓުގައި އަދުރޭ ނެތުން މިއީ ވަރަށް ބޮޑު މައްސަލައެއް......

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

16 September 2021

މަމެންގެ ސުޒޭންގެ ނަންވެސް އޮންނަން ޖެހޭ ލިސްޓްގަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454