އިޒްރޭލުގެ ޖަލުން ހަ ގައިދީން ފިލުމަށް ބިންގަރާސް ކޮނުމަށް ބޭނުންކުރީ، ކާން ބޭނުންކުރާ އުލާއި ސަމުސާ ފަދަ ތަކެތި. އެ ބިންގަރާސް ކޮނުމަށް ނުވަ މަސް ދުވަސް ހޭދަވި ކަމަށް އިޒްރޭލުގެ ބައެއް މީޑިއާތަކުން ބުނޭ
19 ސެޕްޓެމްބަރ 2021 - 13:47
މި މަހުގެ 5 ވަނަ ދުވަހުގެ ރޭ ދަންވަރު، އިޒްރޭލްގެ ޖިލްބާއޯ ޖަލުން ފިލައިގެން ދިޔަ ހަ ގައިދީންގެ ތެރެއިން މިހާތަނަށް ހައްޔަރު ނުކުރެވި ތިބި ދެ ގައިދީން ވެސް ހައްޔަރުކޮށްފައިވާ ކަމަށް އިޒްރޭލު ފުލުހުން މިއަދު ބުނެފި އެވެ.
އިޒްރޭލު ފުލުހުން ޓުވިޓާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުން އެ ދެ ގައިދީން އަތުލައިގަތީ ހުޅަނގު އައްސޭރީގެ ޖެނީން ސަހަރުގައި ހުރި ގެއެއްގައި ފިލައިގެން އުޅެނިކޮށެވެ. އެ ދެ މީހުން އަތުލައިގަނެވުނީ ސިއްރު ފުލުހުން ފޯރުކޮށްދިން މައުލޫމާތަށް ބިނާކޮށް، އިޒްރޭލު ސިފައިން އެ ސަރަހައްދަށް ގޮސް އެ ދެ މީހުން ތިބި ގެ ވަށައިލުމުން، އިތުރު ގޮތެއް ނެތި އަމާން ދިނުމުންނެވެ.
ޖިލްބާއޯ ޖަލުން ފަލަސްތީނުގެ ހަ ގައިދީއަކު ފިލީ އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައި ތިބި ގޮޅީގެ ފާހާނާ ތަށީގެ ދަށުން ކޮނެގެން ޖަލުގެ ބޭރަށް ފޫދުއްވައިލި ބިންގަރާހެއްގެ ތެރެއިން ނުކުމެގެންނެވެ. އެ ހަ މީހުން ބިންގަރާސް ކޮނުމަށް ބޭނުންކުރީ، ކާން ބޭނުންކުރާ އުލާއި ސަމުސާ ފަދަ ތަކެއްޗެވެ. އަދި އެ ބިންގަރާސް ކޮނުމަށް ނުވަ މަސް ދުވަސް ހޭދަވި ކަމަށް ވެސް އިޒްރޭލުގެ ބައެއް މީޑިއާތަކުން ބުނެ އެވެ.
އިޒްރޭލު ފުލުހުން ބުނި ގޮތުގައި، އެ ހަ ގައިދީން ޖަލުގެ ބިންގަރާހުން ޖަލުގެ ބޭރަށް ނުކުތް މަންޒަރު، ޖަލުގެ ބޭރުގައި ހުރި ސީސީޓީވީތަކަށް އަރާފައިވާ ހުއްޓެވެ. ނަމަވެސް، އެ ގައިދީން ފިލަން މަސައްކަތް ކުރި ވަގުތު، ޖަލުގެ ސީސީޓީވީ ކެމެރާތަކުން މަންޒަރުތައް ބަލަން ތިބޭ ސަލާމަތީ އޮފިސަރުން ތިބީ ޓީވީން ފިލްމު ބަލަން ކަމަށް ވާތީ، ގައިދީން ފިލައިގެން ދިޔަކަން އެކަކަށް ވެސް ނޭނގެ އެވެ.
ބަޔަކު ޖަލުން ފިލިކަން އިޒްރޭލުގެ ފުލުހުންނަށް އެނގުނީ، އެ ޖަލާ ކައިރީގައި އޮންނަ ދަނޑުބިންތަކުގައި މަސައްކަތްކުރާ ބަޔަކަށް، ގޮތް ނޭނގޭ ބަޔަކު އެ ސަރަހައްދުން ފެނިގެން އެކަން ފުލުހުންނަށް ރިޕޯޓް ކުރުމުން ޖަލު ބަލައި ފާސްކުރުމުންނެވެ.
ފިލައިގެން އުޅުނު ހަ ގައިދީންގެ ތެރެއިން ފުރަތަމަ ދެ މީހުން އަތުލައިގަތީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އަދި 11 ވަނަ ދުވަހު އިތުރު ދެ މީހަކު އަތުލައިގަތެވެ.
ފިލައިގެން އުޅެނިކޮށް ގައިދީން ހައްޔަރުކުރުމަށް ފަހު، އިޒްރޭލު ސިފައިންނާއި ފުލުހުން އެ ގައިދީންނަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް، އެ ގައިދީންނަށް ފަލަސްތީނު ސަރުކާރުން ހަމަޖައްސައިދިން ގާނޫނީ ވަކީލުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލީލީ
20 September 2021
ތިޔައީ ފަލަސްތީނު ގެ މުސްލިމުން ބިމުގެ އަޑިން ހޯދި ނަސްރެކެވެ. ހައި ސެކިއުރިޓީ ޖަލެއް ފަޅާލައި ފިލީއެވެ. ދާދި އަވަހަށް ބިމުގެ މަތިންވެސް ފަލަސްތީނުގެ ހިތްވަރުގަދަ މުސްލިމުން ޔަހޫދީން ބަލިކުރާނެ އިން ޝާ ﷲ. ސަލާހުސްދީނުލް އައްޔޫބީ އަށް ދެއްވި ނަސްރު އަލުން ތަކުރާރު ވާނެ.
ޙަމް77
19 September 2021
އަލްހަމްދުﷲ! މުޖުރިމުން ފިލިޔަދީގެން ނުވާނެ.
ރަދީފްއޮފިޝިއަލް
19 September 2021
މުޖުރިމުން ހައްޔަރުކުރަން މަސައްކަތްކުރީ ވެސް މުޖުރިމުންކަން ކަލެއަށް ނޭނގުން އެއީ މެދުއިރުމަތީގެ އަސްލު ހާލަތު ނުވަތަ އެމައްސަލައިގެ ހަގީގަތް ރަނގަޅަށް ކަލެއަށް އެނގިފަ ނެތް ކަން ހާމަވާކަމެއް.ވ.ވެދުން
ނިއޫ
19 September 2021
ކަލޯ ވާނުވާ ނޭގުނަސް ﷲ އަށް ހަމްދު ކޮށްފަ ކޮމެންޓް ކުރާތި. ކަލެއަށް ﷲ ގެ އިސްމުފުޅު ބޭނުން ކުރަން ކެރުނީތީވެސް ހައިރާންވޭ!
ގުލްޒާރު
19 September 2021
އަނެއްކާ ޖަލަށް ލީ ފިލީ. ފަލަސްތިނުރައްޔިތުން އެކަމަށް ވަރަށް ކުޅަދާނަވާނެ.