ދުނިޔެ / އަލިފާން ފަރުބަދަ ގޮވުން

އަލިފާން ފަރުބަދަ ގޮވާތީ، މީހުން ހުސްކުރަނީ

21 ސެޕްޓެމްބަރ 2021 - 10:09

ކެނެރީ އައިލޭންޑްސްގެ އެއް ޖަޒީރާ ކަމަށްވާ ލަ ޕާލްމާގައި ހުންނަ ކުމްބާ ވިއޭޖާ ކިޔާ އަލިފާން ފަރުބަދަ ގޮވަން ފެށުމާ ގުޅިގެން، އެ ފަރުބަދައާ ކައިރި ހިސާބުތަކުގައި ދިރިއުޅޭ މީހުން ދުރު ސަރަހައްދުތަކަށް ގެންދަން ފަށައިފި އެވެ.

ސްޕެއިންގެ ދަށުގައި އޮންނަ ކެނެރީ އައިލޭންޑްސްގެ ސަރަހައްދީ ރައީސް އެންޖެލް ވިކްޓާ ޓޮރޭސް ވިދާޅުވި ގޮތުގައި، މިދިޔަ އާދީއްތަ ދުވަހު ގޮވަން ފެށި އަލިފާން ފަރުބަދަ، އިތުރު ދެތިން ދުވަހު ގޮވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކުރެ އެވެ. އެހެންކަމުން، އަލިފާން ފަރުބަދަ ގޮވުމުން ނުކުންނަ ދިޔާ އަލިފާންތައް ފަރުބަދައިގެ ވާދީ އަށް ފައިބައިގެން އަންނަ އިރު ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި، އެ ސަރަހައްދު ދޫކޮށް ދިއުމަށް މިހާރު ވާނީ އަންގައިފަ އެވެ.

ކެނެރީ އައިލޭންޑްސްގެ ކުއްލި ނުރައްކާތަކާ ބެހޭ އިދާރާ އިން ބުނި ގޮތުގައި، މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކު މަރުވިކަމުގެ ނުވަތަ މީހަކު ޒަހަމްވި ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައެއް ނެތެވެ. އެހެން ނަމަވެސް ގޮވަމުންދާ ފަރުބަދައާ ކައިރި ހިސާބުތަކުން މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުން ދުރު ސަރަހައްދުތަކަށް ގެންދެވިފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ.

ދުރު ސަރަހައްދުތަކަށް ގެންދިޔަ މީހުންގެ ތެރޭގައި، ހޮޓަލެއްގައި ތިބި 400 ޓޫރިސްޓުން ވެސް ހިމެނެ އެވެ. އެ މީހުން ގެންދިޔައީ އެސަރަހައްދާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ އެހެން ޖަޒީރާއެއް ކަމަށްވާ ޓެނެރިފް އަށެވެ.

އާބާދީގައި 80 ހާސް މީހުން ދިރިއުޅޭ ލަ ޕާލްމާ ޖަޒީރާގައި ގޮވަމުން ދާ އަލިފާން ފަރުބަދައިން ފައިބާ ދިޔާ އަލިފާންތައް، އެ ޖަޒީރާގެ ބައެއް ހައިވޭތަކަށް އެޅޭ މަންޒަރު ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އަދި އެ ސަރަހައްދުގައި ހުރި ގެތަކަށް ވެސް ދިޔާ އަލިފާން ވަންނަމުންދާ މަންޒަރު ފެނެ އެވެ.

ނަމަވެސް އަލިފާން ފަރުބަދަ ގޮވަން ފެށުމާ އެކު، އެ ސަރަހައްދުގެ މީހުން ގެދޮރު ދޫކޮށް ދުރު ހިސާބުތަކަށް ގޮސްފައިވާތީ، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އާދީއްތަ ދުވަހު އަލިފާން ފަރުބަދަ ގޮވަން ފެށުމާ އެކު، އެ ޖަޒީރާގެ ކަންތައް ގާތުން ބެއްލެވުމަށްޓަކައި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް، ލާ ޕާލްމާ ޖަޒީރާ އަށް ވަޑައިގެންނެވި އެވެ. އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ނިއު ޔޯކަށް ކުރައްވާ ދަތުރުފުޅު ފަސްކޮށްލެއްވުމަށް ފަހު، ލާ ޕާލްމާ އަށް ވަޑައިގެން، އަލިފާން ފަރުބަދަ ގޮވަމުންދާ ސަރަހައްދުގެ މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަނީ ބައްލަވައިލައްވައިފަ އެވެ.

ކެނެރީ އައިލޭންޑްސްގެ ވޮލްކެނޮލޮޖީ އިންސްޓިޓިއުޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މިދިޔަ ނުވަ ދުވަހުގެ ތެރޭގައި، އެ ސަރަހައްދަށް 25،000 އަށް ވުރެ ގިނަ ބިންހެލުން އައިސްފައިވާ ކަމަށް ރެކޯޑްކުރެވިފައިވެ އެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެހާ ގިނަ ބިންހެލުންތައް ނުވަތަ ލޮޅުންތައް އައުމަކީ، އަލިފާން ފަރުބަދަ ގޮވަން އުޅޭކަމުގެ ނިޝާނެއް ކަމަށްވާތީ، އެ ފަރުބަދަ ގޮވައިފާނެ ކަމަށް ދުރާލައި އިންޒާރު ދީފައިވެ އެވެ.

ފަރުބަދަ ގޮވުމުގެ ސަބަބުން ފައިބާ ދިޔާ އަލިފާންތަކުގެ ސަބަބުން، ތަނެއްގައި ރޯވުމުގެ ހާދިސާއެއް ހިނގައިފާނެ ކަމަށް ބަލައި، އަލިފާން ނިއްވާ 400 މީހުން މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވައިފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ފަރުބަދަ ގޮވާނެ ކަމަށް ބެލެވޭތީ، ކަނޑުދަތުރު ކުރާ އުޅަނދުތައް ވެސް، އެ ޖަޒީރާއާ ކައިރިން ދަތުރު ނުކުރުމަށް މިހާރު ވަނީ އަންގައިފަ އެވެ.

ކެނެރީ އައިލޭންޑްސް އަކީ އިނގިރޭސި ވިލާތާއި ޖަރުމަން ވިލާތުގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ކޮންމެ އަހަރަކު ޒިޔާރާތްކުރާ މަގުބޫލު މަންޒިލެކެވެ. އޭގެ އިތުރުން ވެސް ވިލާތުގެ ވަރަށް ގިނަ ގައުމުތަކުގެ ޓޫރިސްޓުން ކޮންމެ އަހަރަކު އެ ޖަޒީރާތަކަށް ޒިޔާރަތް ކުރެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454