21 ސެޕްޓެމްބަރ 2021 - 18:34
ސޫދާނުގައި އޮތް ސަރުކާރު ވައްޓާލުމަށް އިއްޔެ ގެންނަން އުޅުނު ބަގާވާތެއް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް، އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީން މިއަދު ބުނެފި އެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު އަލްފާގީ ސުލައިމާންއާ ހަވާލާދީ ނޫސް އޭޖެންސީން ބުނި ގޮތުގައި، ބަގާވާތްކުރަން އުޅުނު މީހުން ހައްޔަރުކޮށް މިހާރު ވަނީ ތަހުގީގު ފަށައިފަ އެވެ. އަދި ގައުމުގެ ހުރިހާ ކަމެއްވެސް އޮތީ ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް ވެސް ބުންޏެވެ.
ސޫދާނުގައި ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ކުރީގެ ރައީސް އުމަރުލް ބަޝީރުގެ ވެރިކަމާ ދެކޮޅަށް އާންމު ރައްޔިތުން ހަތަރު މަސް ވަންދެން ކުރި މުޒާހަރާތަކާ ގުޅިގެން، 2019 ވަނަ އަހަރުގެ އެޕްރީލް މަހު އެ ގައުމުގެ ސިފައިން ނުކުމެ ވެރިކަން ބަދަލުކުރި ފަހުން، ސޫދާން އޮތީ ވަރަށް ބޮޑު ސިޔާސީ ހަމަނުޖެހުންތަކެއްގެ ތެރޭގަ އެވެ. އޭގެ އިތުރުން އެ ގައުމުގެ އިގްތިސާދަށް ވެސް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް ލިބިފަ އެވެ.
ސޫދާނުގައި މިހާރު ވެރިކަން ކުރަމުން އަންނަނީ، މަދަނީންނާއި އަސްކަރިއްޔާގެ ގުޅިގެން އުފައްދާފައި އޮތް ސަރުކާރަކުންނެވެ. އެ ސަރުކާރުން ވެރިކަން ކުރި ފަހުން، އިގްތިސާދީ ގޮތުންނާއި ސަލާމަތީ ގޮތުން ގިނަ ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.
ސަރުކާރުގެ ނޫސް އޭޖެންސީން ބުނި ގޮތުގައި، ބަގާވާތްކޮށް ސަރުކާރު ވައްޓާލަން އުޅުނީ ސިފައިންގެ އޮފިސަރުންތަކެކެވެ.
ސޫދާނުގެ އަސްކަރިއްޔާގެ އޮފިސަރަކު ނަން ހާމަނުކުރުމަށް އެދި ބުނެފައިވާ ގޮތުގައި، ވެރިކަން ބަދަލުކޮށްލަން މަސައްކަތްކުރި ސިފައިންގެ އޮފިސަރުން މަސައްކަތް ކުރީ، ސަރުކާރުގެ އޮފީސްތައް އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމަށެވެ. ނަމަވެސް މިކަމުގައި ބައިވެރިވަނީ ކިހާ ސިފައިންނެއް ކަމެއް އަސްކަރިއްޔާ އިން ނުބުނެ އެވެ.
އެ އޮފިސަރު ބުނި ގޮތުގައި ނާކާމިޔާބުވި ބަގާވާތާ ގުޅިގެން ހައްޔަރުކުރި ސިފައިންގެ ތެރޭގައި އެންމެ މަތީ ރޭންކުގައި ހިމެނޭ ބައެއް އޮފިސަރުން ވެސް ހިމެނެ އެވެ. އަދި ގިނަ އަދަދެއްގެ ސިފައިން ހައްޔަރުކޮށް މިހާރު ތަހުގީގު ފަށާފައިވާ ކަމަށް ވެސް އެ އޮފިސަރު ބުންޏެވެ.
ބަގާވާތެއް ގެންނަން ސިފައިންގެ އޮފިސަރުންތަކެއް އިއްޔެ މަސައްކަތްކޮށް އެކަން ނާކާމިޔާބުވި އިރު ވެސް، ސަރުކާރުގެ ފަރާތުން މިއަދު އެކަން އާންމުކުރުމާ ހަމައަށް، އެފަދަ ކަމެއް ހިނގިކަން އާންމު ރައްޔިތުންނަކަށް ނޭނގެ އެވެ. އެހެންކަމުން، މިއަދު ވެސް ވެރިރަށް ޚަރުތޫމުގައި ހުރިހާ ކަމެއް ވެސް ދަނީ ވަރަށް އޮމާންކޮށް ކަމަށް، ޚުރުތޫމުގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިރު
21 September 2021
ބަގާވާތަކުން ވެރިކަން ވައްޓާލި ބަޔަކު އެހެން ބަގާވާތެއް ތަހްގީގު ކުރަނީ ވަރަށް އިންސާފްވެރި ކުޑަ ތަންކޮޅެއް ތިއޮތީ ކުރީގަ މގއ މަށް ވުރެ
ބުލްބުލާ
21 September 2021
ބަޣާވާތަކީ ގެންނަންޖެހުނީމާ ގެންނަންޖެހޭވެސްއެއްޗެއް.
އެމްބާޕޭ
21 September 2021
ނާޒިމް ސޯ އާއި ރިޔާޒް ސޯ ގެ ލަފާ ހޯދި ނަމަ ތިކަން ތިޔަހެން ނުވީސް