ރިޕޯޓް / ފީނުން

ވޮލީ ކޯޓާ ދުރަށް ގޮސް ކަނޑު އަޑިއަށް!

ހަމްނާ މޫދަށް ފުންމާލީ، އޭނާގެ ހަޔާތް އެކީއެކަށް ބަދަލުވެދާނެ ކަމަށް ހިތަށް ވެސް އަރުވައިގެނެއް ނޫން. އެކަމަކު، ކަނޑާ ހިސާބުން ފެންނަން ފެށި ޓައިގާ ޝާކްތަކާއެކު ލިބުނު ހިތްހަމަޖެހުމުން އޭނާ މިހާރު ހުރީ ކަނޑު ދޫކޮށްލާކަށް ނޫން.

ހަމްނާ ކަނޑު އަޑީގައި--

ގައުމީ އަންހެން ވޮލީޓީމަށް ކުޅެމުން ގޮސް ކަނޑު އަޑީގެ ރީތިކަމުގެ ތެރެއަށް ގެއްލިދާނެ ކަމަށް ހަމްނާ ހުސެއިން (ހަމްޕްޓީ) ދުވަހަކު ވެސް ހިއެއް ނުކުރެ އެވެ. އަދި އަމުދުން، ރާޅާ އަޅަން ދަސްކޮށްލުމުގެ ގޮތުން އެރުނު މޫދުން، ދެން އެއްގަމަށް އަރާ ހިތް ނުވާ ވަރު ވެދާނެއެކޭ ކުޑަކޮށް ވެސް އޭނާ ގެ ހިތަކަށް ނާރަ އެވެ.

ހަމްނާގެ މި ބޮޑު ބަދަލުގެ ފެށުމަކަށްވީ ކޮވިޑްގެ ސަބަބުން އައި ލޮކްޑައުން އެވެ.

އޭނާ ޕާސަނަލް ޓްރައިނާއެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި ޖިމް ލޮކްޑައުންއާ އެކު ބަންދުކުރުމުން، ދިޔައީ އުފަން ރަށް، ފުވައްމުލަކަށެވެ.

"މަންމަމެން މިކޮޅުގައި އުޅޭތީ ދެން އައީ. އަނެއްކާ މާލެ ލައިފްއާ ތަންކޮޅެއް ދުރަށް ޖެހިލަން ބޭނުންވެފައި ހުރީމަ އައީ ވީކަކަށް ރަށަށް،" ރަށުގައި ހުރެގެން، އޭނާގެ ބަދަލުވި ދިރިއުޅުން ކިޔައިދޭން ފެށި އެވެ.

ރަށުގައި ހުންނަން ޖެހުމުން އާ ކަމެއް ދަސްކުރުމުގެ ގޮތުން، އަންހެން ރައްޓެއްސަކާ އެކު ރާޅާ އަޅަން ދާން ފެށުމަކީ ބަދަލުގެ ފެށުމެވެ. ރާޅުތަކުގެ ތެރެއިން ގޮސް ފެށުނީ ޑައިވިންކުރާށެވެ.

"ހަ އަހަރު ފަހުން މިއައީ ރަށަށް އެހާ ދުވަހު ހުންނަން. އަހަރެމެން ބޮޑުވިއިރާ ރަށުގައި މިހާރު މީހުން އުޅޭ ގޮތާ ވަރަށް ތަފާތު. އަބަދުވެސް ފެންނާނީ ރީތިވެލައިގެން ދުއްވަންދާ ތަން މިހާރު. ރަށް ވަށައިގެން މިއޮތީ ހުސް ގުދުރަތީ ރީތިކަން،" 24 އަހަރުގެ ޒުވާނާ ކިޔައިދިނެވެ.

"އެކަމަކު އެ ރީތިކަން އެއްވެސް މީހަކު ބޭނުމެއް ނުކުރޭ. އެހެންވެ ލޮކްޑައުން ތެރޭގައި އާ ކަމެއް ދަސްކުރަން ރާޅާ އަޅަން ދާން ފެށީ. މިއޮއް ބޮޑު ރަށުން އަހަންނާ އޭނާ [އެކުވެރިޔާ] އެކަނި އަންހެނަކަށް ރާޅާ އަޅަން ދަނީ."

އޭރު ވެސް ޑައިވިނަށް ދިއުމުގެ ވިސްނުމެއް އޭނާ ނުގެން ގުޅެ އެވެ. ރައްޓެހިން ޑައިވިނަށް ދާ ވާހަކަ ދެއްކިޔަސް އެކަމަށް އޭނާގެ ޝައުގުވެރިކަމެއް ވެސް ނުހުރެ އެވެ. އެކަމަކު އޭރު ވެސް ހަވީރު ގަޑީގައި ފޫހިވުމުން ފްރީ ޑައިވިނަށް ގޮސްލަ އެވެ.

"ރައްޓެއްސަކު ޑައިވިނަށްދާ ވާހަކަ ބުނީމަ އަހަރެން ވެސް ބުނެފިން، ދާން ބޭނުންވާ ވާހަކަ. ކުރާނެ ކަމެއް ނެތިފައި ފޫހިވާތީ އަސްލު އެހެން ބުނީ. ވަރަށް ހާޑް ޓައިމެއްގައި އުޅުނީ. މެންޓަލީ އައި ވޯޒް ވެރީ ލޯ،" ހަމްނާ ކިޔައިދިނެވެ.

އެކުވެރިޔާގެ ގާތުގައި ޑައިވިނަށް ދާ ވާހަކަ ދެކެވުނަސް ހަމްނާ އޭރު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ. އެހެން ހުއްޓާ އެއް ދުވަހެއްގެ ހެނދުނު ގޭ ދޮށަށް އެކުވެރިޔާ ގޮސް، ގަދަކަމުން އޭނާ ގޮވައިގެން ޑައިވިނަށް ދިޔައީ އެވެ.

"އޭރު ވެސް އެއްވެސް ވަރަކަށް އެކްސައިޓެއް ވެސް ނުވޭ ޑައިވިނަށް ދެވޭތީ. އެކަމަކު މީނަ [އެކުވެރިޔާ] ހަމަ އެނބުރެނީ އެކްސައިޓްވެގެން ގޮސް."

މަސް ދޯންޏެއްގައި ހަމްނާ ފުރަތަމަ ޑައިވިނަށް ދިޔައިރު ޑައިވްކުރުމާ ބެހޭ މާގިނަ މައުލޫމާތެއް ވެސް އޭނާއަކަށް ނޭނގެ އެވެ. އެނގުނުހާ ވެސް އެއްޗަކީ އެތަނަށް ގޮސް، އިންސްޓްރަކްޓާ ކިޔައިދިން އެއްޗެކެވެ.

އެ ލިބުނު މައުލޫމާތާ އެކު ހަމްނާ މޫދަށް ފުންމާލީ، އޭނާގެ ހަޔާތް އެކީއެކަށް ބަދަލުވެދާނެ ކަމަށް ހިތަށް ވެސް އަރުވައިގެނެއް ނޫނެވެ. އެކަމަކު، ކަނޑާ ހިސާބުން ފެންނަން ފެށި ޓައިގާ ޝާކްތަކާއި ކަނޑު އަޑިން އެ ލިބުނު ހިތްހަމަޖެހުމާ އެކު އޭނާ މިހާރު ހުރީ ކަނޑު ދޫކޮށްލާ ގޮތަކަށް ނޫނެވެ.

"ޓައިގާ ޝާކްތައް ފެންނަން ފެށީމަަ ދެން އެކްސައިޓް ވާން ފެށީ، އެންމެ ފުރަތަމަ އަޑީގައި އެ ލީ ނޭވާ އަސްލު ދިރިއުޅުން ހަމަ ބަދަލުކޮށްލި ކަހަލަ. ފުރަތަމަ ޑައިވް އިނީ ވަރަށް އާވެފައި. އަޑީގައި ނޭވާލައިފައި. އިޓްސް ލައިފް ފްލައިން،" ފުރަތަމަ ޑައިވްއަކީ ވަރަށް ބަޔާން ނުކުރެވޭ ކަހަލަ އިހުސާސްތަކެއް ކުރުވި ޑައިވިނެއްކަން ފާހަގަކޮށް، ހަމްނާ ކިޔައިދިނެވެ.

އެ ޑައިވިނަށް ފަހު، ޑައިވް މާސްޓާ އިންޓާންޝިޕެއްގައި ބައިވެރިވުމުގެ ފުރުސަތު ހަމްނާ އަށް ދިނީ ތިމާގެ ފިރިހެނެކެވެ. ރަށުގައި "ޕެލާޖިކް" ޑައިވް ސެންޓަރު ވެސް ހިންގަމުން އަންނަ އަހްމަދު އިނާހް، ހަމްނާގެ ގާތު އެދުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން އެ މީހުންގެ "ބަކެޓް ލިސްޓު"ގައި ހިމަނައިގެން ފުވައްމުލަކަށް ޑައިވްކުރަން އަންނައިރު އެތަނުގައި އަންހެން ޑައިވް މާސްޓާއެއް ނެތުމުން އެކަން ހަމްނާ ކުރުމަަށެވެ.

"މާލޭގަ އުޅެއުޅެފައި ރަށުގެ އެ ދިރިއުޅުން އެހާ ލައިކް ނުވާނެ ކަމަށް ހީކުރީމަ އަސްލު ބުނީ އެކަމާ ވިސްނާނަމޭ. އޭނާ ވެސް ބޭނުމެއް ނުވި ކޮންމެ ކޮންމެ މީހަކަށް އެ އޮފާކުރާކަށް. ދެން އޭތި އިނީ ސްޓޭންޑް ބައިގައި."

ފުރަތަމަ ޑައިވް ހަނދާނުން ފޮހެލަން ދަތި ނަމަވެސް ރަށުގައި ހުރެގެން ވަޒީފާ އަދާކުރެވިދާނެ ކަމަށް ގަބޫލުނުކުރެވޭތީ ހަމްނާ އަނބުރާ އައީ މާލެ އަށެވެ. އެކަމަކު ޖިމްގެ މަސައްކަތުގައި އުޅެން ފެށުމުން ވެސް އޭނާއަށް ހިތްހަމަޖެހުން ލިބޭ ގޮތެއް ނުވި އެވެ.

"ހަމަ އެއްވެސް ވަރަކަށް އުފަލެއް ނުލިބޭ. އެހެންވެ ހަމަ އެއް ރޭ ހިތަށް އެރީ ގުޅައިފަ އަހަން އަދިވެސް އެ އޮފާ ލިބޭނެތޯ. ދެން އޭނަ ބުނީ އާނއެކޭ. އެހެންވެ ވަޒީފާ ދޫކޮށްލައިފައި އަލުން އަނބުރާ ރަށަށް އައީ."

އެއް އަހަރުގެ އިންޓާންޝިޕަކަށް ދިޔަ ނަމަވެސް ރަށަށް ގޮސް ދެ ހަފްތާވުމާ އެކު ހަމްނާ އޭނާގެ އެންމެ ފަހުގެ ނިންމުން ނިންމި އެވެ. އެއީ ރަށުގައި މަޑުކޮށް ޑައިވިން އިން ކުރިއަށް ދިއުމަށެވެ.

"މާލެ އަށް ވިޒިޓްކުރެވިދާނެ. އެކަމަކު މިކޮޅު އުޅެން ނިންމީ މި. ޓައިގާ ޝާކާ އެކީގައި ޑައިވްކުރަން ފެށީމަ އިޓް ބިކަމް ޕާޓް އޮފް މީ. މިސާލަކަށް، މިހެން ޑައިވްކުރާއިރު ވެސް ވީކެއް ދެވީކެއް ވަންދެން ޓައިގާ ޝާކް ނުފެނި ނޫނީ އެކަހަލަ ޑައިވެއް ނުކޮށް އިންނަންޏާ ހަމަ ވަރަށް މިސްވޭ."

ހަމްނާއަކީ މި ވަގުތު ފުވައްމުލަކުގައި ހުރި ހަމައެކަނި އަންހެން ޑައިވް މާސްޓާ އަށް ވެފައި މި ވަގުތު އޭނާ ބޭނުން ވަނީ ޑައިވިން ދާއިރާ އިން ކުރިއަށްދާށެވެ. އަނބުރާ ވޮލީގެ ދާއިރާއާ އައުމާ މެދު އޭނާ ގޮތެއް ނުނިންމަ އެވެ. އެކަމަކު ހަމްނާ ބުނި ގޮތުގައި ހަޔާތުގެ ގާތްގަނޑަކަށް ހަތަރު ފަސް އަހަރު އެކަމަށް އޭނާ ހުސްކުރި ނަމަވެސް އުއްމީދުކުރި ވަރުގެ ދިހަ ޕަސެންޓު ވެސް ވޮލީބޯޅަ އެސޯސިއޭޝަނަށް ނުދެވުނެވެ.

އެކަމާ ކަންބޮޑުވެފައި ހުރި ހަމްނާ ބުނީ ކޮވިޑާ އެކު މާލީ ގޮތުން ދަތިވެ ކުޅުންތެރިންނަށް އެސޯސިއޭޝަންގެ ބޭނުން ޖެހުނު ވަގުތު ނެތުމުން ހިތާމަކުރާ ކަމަށެވެ.

"ހަޔާތުގެ ހުރިހާ ކަމެއް އެއްފަރާތް ކޮށްފައި އަހަރެމެންް ކުޅުމައިގެން އުޅުނީ. ވަރަށް ގިނަ ގޮންޖެހުންތަކާ އެކީ ހަތަރު ވަރަކަށް އަހަރު އުޅުނީ. ޕެންޑެމިކް ތެރޭގައި އެންމެ ބޭނުން ޖެހުނު ދުވަހު އެ މީހުންނަށް ކަމެއް ކޮށްނުދެވުނީމަ އެ އަސްލު ވޯތެއް ނޫން."

މި ވަގުތު ކުޅުމާއި ޑައިވިންގެ ތެރެއިން އެއް ކަމެއް ނަގަން ޖެހުނަސް އޭނާ ހުރީ ޑައިވިން ނަގަން ތައްޔާރަށެވެ. ހަމްނާ ބުނީ ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އޭނާއަށް ވަރަށް ރަނގަޅު ގިނަ ބަޔަކާ ބައްދަލުވެ ގިނަ ފުރުސަތުތަކެއް ވެސް ލިބިފައިވާ ކަމަށެވެ.

ހަމްނާއަކީ "ގާލްސް ދެޓް ސްކޫބާ" އެމްބެސެޑާ އެކެވެ. އޭނާ ތަމްސީލުކުރަމުން އެދަނީ މި ވަގުތު އޮތް އަންހެނުންގެ އެންމެ ބޮޑު ޑައިވް ކޮމިއުނިޓީ އެވެ. މިއީ ޕެލާޖިކް ޑައިވާސްގެ ސަބަބުން ތަނަސްވި ފުރުސަތެއް ކަމަށް އޭނާ ދެކެ އެވެ.

މޫދު އަޑީގައި އޭނާ އަށް އެ ލިބޭ ހިތްހަމަޖެހުމަކީ މޫދުން އެރުމަށް ފަހު ނުލިބޭ ފަދަ ބޮޑު ހަމަޖެހުމަކާއި އުފާވެރި ވަގުތުތަކެއްގެ ގޮތުގައި ހަމްނާ ސިފަކުރެ އެވެ. ޝާކް ކޮންޒަވޭޝަނާ އެކު ރަށުގައި ފައުންޑޭޝަނެއް ފަށައިގެން ގިނަ މަސައްކަތްތަކެއް އޭނާ މަސައްކަތްކުރަމުން އަންނަ ޕެލާޖިކް ޑައިވާސް އިން ކުރަމުން އެބަދެ އެވެ. އެގޮތުން ރަށުގައި ހުރި މައްސަލަތައް ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފުރަތަމަ ޕްލާސްޓިކުން ސަލާމަތްވުމަށް ރަށުގެ ހުރިހާ ގެއެއްގައި ފިލްޓަރު ހަރުކުރުމަށް އޮތީ ނިންމައިފަ އެވެ. އެކަމަށް ބޭނުންވާ ފަންޑު ހަމަޖެހި، އަންނަ ޑިސެމްބަރުގައި އެ މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެން ބެލިއިރު މި ރަށަށް ބޯފެނުގެ ގޮތުގައި އެންމެ ގިނައިން ޕްލާސްޓިކް އެތެރެވަނީ. އެހެން އެ މައްސަލަ ހައްލުކުރަން ފިލްޓާ ހަރުކުރަނީ. އެގޮތަށް ގިނަ ޕްރޮޖެކްޓްތަކެއް އެބަހުރި."

ކަނޑު އަޑީގެ ދުނިޔެއެއްގައި ފިޔަ ޖަހަމުން އަންނަ ހަމްނާގެ އެދުމަކީ މި ދާއިރާގައި މަސައްކަތްކުރާ އަންހެނުން އިތުރުވުމެވެ. އަދި ކޮންމެ މީހަކީ ވެސް ހަޔާތުގެ އެއް ފަހަރު ނަމަވެސް މި ތަޖުރިބާތައް ކޮށްލާ މީހަކަށް ވުމެވެ. އޭނާ ދޭ ޔަގީންކަމަކީ ބިން މަތީގައި މި ލިބޭ ހަމަޖެހުމަށް ވުރެ ބޮޑު ހަމަޖެހުމެއް ކަނޑު އަޑިން ލިބޭނެ ކަމެވެ.

8 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 86%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމު އިދުރީސް

26 September 2021

އިންސާނުން ގިނަފަހަރު ހިޔާލު ބަދަލިވަނީ އެކަމެއް ތަޖުރިބާކުރެވުނީމަ ރާޖެތެރެ މީހުން ރައްދޫކޮއްފަ ފުލެޓު ދިރިއުމައް ބަދަލުވަނީ ދިވެންހިނައް ފުލެޓު ދިރިއުޅުން އާވީމަ ތަޖުރިބާކުރަން ކަމުގަ ވެދާނެ! ރަށުގައޮތް ގޯތި ފަޅުކޮއް ދިއައީމަ ދިރިއުޅުގެ ފެންވަރު ދައްކުރެވުނީކަން ނޭގެނީ ކުރިއަރާފަ ހުރި ގައުތަކުގަވެސް އަބަދުވެސް ދެކޭ ހުފެނަކީ ބިމެއްގަނެ ގެއެއް އެޅުން ނުވަތަ ގެއަކާއެކު ބިމެން ގަތުން!

The name is already taken The name is available. Register?

އަގިލަމް

26 September 2021

މާލޭގެ މި ތަގައްޔަރުކަމުން ދިވެހިން ނިކުމެ އަމިއްލަ ރަށުގައި ބާރުވެރިބަޔަކަށް ވުމުގެ މިސާލެއް. ދިރިއުޅުމަކީ ދިވެހިން މާލެގައި ރެފިއުޖީވުމެއް ނޫން

The name is already taken The name is available. Register?

ހަލީމާއްތަ.

26 September 2021

މަންޖޭ މިރަށްގަނޑަށް އަންނާނެ ކަމެއްނެތް. މުލަކުގައި ހުރެގެން ރަނގަޅު މުސާރަ ލިބޭނަމަ ތިޔަ އުފާވެރިކަން ދޫކޮށް ސްލަމްއެއްފަދަ މުޑުދާރު ތަނަކަށް ހިޖުރަކޮށް ކުލީ އަޅަކަށް ވާނެ ކަމެއްނެތް. ރަށުގައި މަޑުކުރޭ. އަހަރުމެންވެސް ވަރަށް އަވަހަށް ރަނށަށް ބަދަލުވާނަން. އަންނަ އަހަރު ދަރިފުޅު އޭލެވެލް ނިމޭނެ. ދެން ދަރުފުޅު ބޭރަށް ފޮނުވާލާފަ ރަށަށް ބަދަލުވާނީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

26 September 2021

މި ލިއުން ފެނިފައި ކ.އަތޮޅު މާލޭގައި ހަމްނާ އާއިއެކު ކުޅުނު ކުދިން ތިހެން ނަހަދާ އަލުން އެބުރި ކުޅުނަށް އަންނާން އެދި އާދޭސް ކުރާން. އެކަމަކު އެކުދިންނަށް ކޮންވިންސް ކޮށްދޭން އުޅުމުގެ ބަދަލުގައި ކުޅެން އަންނާން ބުނެފިނަމަ ބުނޭ "އަހަރެން ގޮތެއް ނިންމައިފި ކަމަށާއި ދެން އެގޮތް ބަދަލު ނުކުރާނެކަމަށް" އަދި އެކަން ބަދަލު ކުރާން ވާހަކަ ނުދެއްކުމަށް. # މުޅިއުމުރު އެހެންބަޔަކު އެންޓަރޓައިން ކޮށްދިނުމަށް ހޭދަކޮށްލާކަށް ނުޖެހޭ. ތިޔަ ވަޒީފާގައި ކުރިއަށްދޭ.

The name is already taken The name is available. Register?

އެދުރުބޭބެ

26 September 2021

ކަލެޔަކީ ނަމުގެ ފަހަތަށް އޮނަރަބްލް ލައިގެން އުޅޭ ވަރަށް ރޭސިސްޓް މީހެއް. ކަލޭގެ ހުރިހާ ކޮމެންޓެއްގެ ވެސް މަޤުސަދަކީ މާލޭ މީހުންނަށް ފުރައްސާރަ ކުރުން.

The name is already taken The name is available. Register?

މުޙައްމަދު އީސަ.

26 September 2021

އެދުރުބޭބެ ކަލޭމެން ރުޅި އަންނަނީ އަފީފު އެގޮތަށް ކޮމެންޓް ކުރީމަދޯ. ކަލޭމެން ރުޅިއެއްނާދޭދޯ ރާއްޖޭގެ އެހެން އެއްވެސް ރަށަކަށް ކަމެއްނުކޮށްދީ ކ.އަތޮޅު މާލެއަށް ސަރުކާރުގެ ޙަޒާނާ އެއްކޮށް އަޅާތީއެއް. ކަލޭމެން ކަންކަން ކުރާގޮތުންދޯ އޭނައަށް އެގޮތަށް ކޮމެންޓު ކުރާން ފުރުސަތުލިބި އަދި އެކޮމެންޓްތައް ކިއުންތެރިންގެ މެދުގައި މަޤުބޫލުވަނީ.

The name is already taken The name is available. Register?

ހަސަންފުތާ.

26 September 2021

އެދުރުބޭ ރުޅި ގަދަވެފައިހުރިވަރުން އޭނާގެ ނަމުގެ ކުރިއަށް ލާފައި އޮތް ތަންވެސް ފެނުނީ ނަމުގެ ފަހަތަށް ލާފައި އޮތްކަމަށްދޯ ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

26 September 2021

ވޮލީބކުޅުމުގައި ހޭދަކޮށްލެވުނު "ބޭކާރު ވަގުތު" އަބުރާހޯދަން އުޅުމުގެބަދަލުގައި އުފާވެރިކަމާއި އާއިލާއާއިއެކުގައިއުޅެމުން އާމްދަނީހޯދަން ލިބުނު ފުރުސަތާއިއެކު މާޒީދޫކޮށް ޑައިވިންގގެދާއިރާއިން ކުރިއަށް ވަޑައިގަންނަވާށެވެ. # ހަމައެކަނި "ފުވައްމުލަކު އަންހެން ޑައިވަރު" ގެގޮތުގައި ހުރުމުގެބަދަލުގައި ދާއިރާއަށް އަންހެންކުދިން އިތުރުކުރުމަށް ރާއްޖޭގެ އެންމެރީތި ކަނޑުއަޑީގެ މަންޒަރުތައް ހުރި ދެކުނު ރީޖަންގެ އަންހެންކުދިން ތިކަމަށް ޝައުގުވެރިކުރުވާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454