އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް ލުއިސް ސުއަރޭޒް --- ފޮޓޯ: އޭއެފްޕީ
03 އޮކްޓޯބަރ 2021 - 09:44
މެޑްރިޑް (އޮކްޓޯބަރު 3) - އެފްސީ ބާސެލޯނާގެ މައްޗަށް 2-0 އިން އެތުލެޓިކޯ މެޑްރިޑް މޮޅު ކޮށްދޭން ލަނޑު ޖަހައިދިން ލުއިސް ސުއަރޭޒް ބާސާ އާއި އެ ޓީމުގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިއްޖެ އެވެ.
މެޑްރިޑްގެ ވަންޑާ މެޓްރޮޕޮލިޓާނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެތުލެޓީކޯގެ ފުރަތަމަ ލަނޑު ޖަހަން ތޯމަސް ލެމާ އަށް ފުރުސަތު ތަނަވަސް ކޮށްދިނީ ވެސް ސުއަރޭޒް އެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތު ސުއަރޭޒް ވަނީ އެތުލެޓިކޯގެ ދެ ވަނަ ލަނޑު ޖަހައިދީފަ އެވެ. އޭނާ ބާސާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޓީމުގެ އެހެން ކުޅުންތެރިން އުފާފާޅުކުރި ނަމަވެސް ސުއަރޭޒް އުފާފާޅުކޮށްފައެއް ނުވެ އެވެ. ލަނޑު ޖެހުމަށް ފަހު ސުއަރޭޒް އިޝާރާތް ކުރީ ފޯނުން ގުޅާށޭ ބުނާ ކަހަލަ ގޮތަކަށެވެ.
މިދިޔަ ސީޒަން ފެށުމުގެ ކުރިން ބަސާއާ ހަވާލުވި ރޮނަލްޑް ކޫމަން ވަނީ، އޭނާގެ ޕްލޭންގައި ސުއަރޭޒް ނުހިމެނޭ ކަމަށް ބުނެފަ އެވެ. އޭރު ސުއަރޭޒް ބުނެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ވެސް އޭނާ ބާސާ އަށް ކުޅެން ބޭނުންވާ ކަމަށެވެ.
ރޭގެ މެޗަކީ ބާސާ ދޫކޮށްލި ފަހުން އެ ޓީމާ ދެކޮޅަށް އޭނާ ކުޅުނު ދެ ވަނަ ފަހަރެވެ. މިދިޔަ ސީޒަންގައި ބާސާއާ ދެކޮޅަށް ކޭމްޕް ނޯ ސްޓޭޑިއަމްގައި އެތުލެޓިކޯ ކުޅުނު މެޗުގައި ސުއަރޭޒަށް ބައިވެރި ނުވެވުނީ އޭނާ އޭރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވުމުންނެވެ. މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި މިދިޔަ ސީޒަންގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
"އަހަންނަށް އެނގޭ ލަނޑު ޖަހާފައި އަހަރެން އުފާފާޅު ކުރަން ބޭނުން ނުވާނެކަން،" މެޗަށް ފަހު ސުއަރޭޒް ބުންޏެވެ.
"އެ އިޝާރާތަކީ އަހަރެން އެނގޭ މީހުންނަށް އަހަރެން އަދިވެސް ބޭނުން ކުރަނީ ހަމަ ފޯން ނަންބަރުކަން ހާމަކޮށްދިނުމަށް. ބާސާއާ ދެކޮޅަށް ލަނޑު ޖެހުމަށް ފަހު އަހަރެންގެ ދަރިން ކައިރީ ވައުދުވެފައި ވާނެ އުފާފާޅު ނުކުރުމަށް."
ބާސާ އަށް މިދިޔަ ދެ ސީޒަންގައި ކުޅުނު އެންޓޮއިން ގްރީޒްމަ ވެސް ވަނީ ރޭގެ މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެފަ އެވެ. އެތުލެޓިކޯ ދޫކޮށް އޭނާ ބާސާ އަށް 2019 ގައި ބަދަލުވީ 129 މިލިއަން ޑޮލަރަށެވެ. އަލުން މި ސީޒަންގައި އެތުލެޓިކޯ އަށް ބަދަލުވީ ލޯން އުސޫލުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
03 October 2021
ބާސާގެ ދުވަސް ދަނީ ބާ؟؟! ޔޫރަޕްގެ ޖައެންޓުން ކަމުގައިވާ ޔުވޭ ، ބާސާ އަދި މެންޔޫ ވެސް ޑިކްލައިންވަމުންދާތަން ފެނުން އެއީ އަސްލު ފުޓްބޯޅައަށް ލޯބިކުރާ ގިނަބަޔަކަށް ހިތާމައެއްކަމުގަ ނޫނީ ނުވާނެ.