ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިރިޔާ ސްކޫލުގައި މީގެ ކުރިން ބޭއްވި ހަރަކާތެއްގައި ޓީޗަރުން ބައިވެރިވަނީ--.ފައިލް ފޮޓޯ: މިހާރު
05 އޮކްޓޯބަރ 2021 - 11:22
އިޖުތިމާއީ އަދަބު އިހުތިރާމުގެ ތެރޭގައި ދަރިން ތަރުބިއްޔަތުކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.
ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، އެ މަނިކުފާނު ދެއްވި ހިތޯބުގައި ވިދާޅުވީ މުޖުތަމައު އަށް އެންމެ ބޭނުންވާ ގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައި ޓީޗަރުން އަދާކުރަނީ ގައުމީ ހިދުމަތެއް ކަމަށެވެ. އެއާއެކު، ޒުވާން ޖީލު ސަލާމަތްކުރުމުގައި ވެސް ޓީޗަރުން އަދާކުރައްވަނީ ވަރަށް މުހިއްމު ޒިންމާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ޓީޗަރުން ކުރައްވަނީ ދުލަކުން އަދި ގަލަމަކުން ބަޔާންކުރެވޭ ވަރަށް ވުރެ ބުރަ މަސައްކަތެކެވެ. އެއީ މުދަލާއި ފައިސާއިން ވަޒަންކުރެވޭ ވަރަށް ވުރެ މާތް ޖިހާދެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ގައުމުގެ އިންސާނީ ވަސީލަތް ތަރައްގީކޮށް ބިނާކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރައްވާ ބަޔަކީ މުދައްރިސުން. އެކަމަށްޓަކައި، ދިވެހިރާއްޖޭގެ ހީވާގި އެންމެހާ މުދައްރިސުން އެ ކުރައްވާ މިންނެތް މަސައްކަތުގެ އަގު ވަޒަންކޮށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ޓީޗަރުން އަދާކުރައްވަނީ، ރައީސް ވިދާޅުވި ގޮތުގައި، ހަމައެކަނި ވަޒީފާއެއް ނޫނެވެ. އަމިއްލަ ޝައުގުވެރިކަމާއި ހިތުގައި އޮންނަ ލޯތްބާއެކު ހަޔާތުގެ މުހިއްމު އެތައް ދުވަސްތަކަކާއި ވަގުތުތަކެއް ގުރުބާން ކުރަމުން އަންނަނީ ގައުމުގެ ކުރިމަގުގެ ޖީލު ބިނާކުރެއްވުމަށްކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އެއާއެކު، ސްކޫލު އުމުރުގެ ދަރިވަރުންނަށް މި ވަގުތު ސަމާލުކަން ދޭންޖެހެނީ ކޮން ދާއިރާތަކަކުންތޯ ވިސްނުމަށް އެ މަނިކުފާނު ބާރުއެޅުއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައިި މަސްތުވާތަކެތީގެ ވަބާއިން ގައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމާއި ހަރުކަށި ފިކުރުތަކާއި އަމަލުތަކުން ޅަދަރީން ސަލާމަތްކުރުމަކީ ގައުމީ ފެންވަރުގައި މި ވަގުތު އެންމެ ސަމާލުކަން ދީގެން ކުރަންޖެހިފައިވާ ކަމެވެ.
އޭގެ އިތުރުން، މުޖުތަމައުގެ ނޭދެވޭ ކަންކަން އިސްލާހުކުރުމަށް ދަރިންގެ ހިތްތަކުގައި އިސްލާމް ދީނުގެ ސައްހަ އަގީދާ އަށަގަންނުވައި އިސްލާމީ ރިވެތި އަހުލާގާއި އިޖުތިމާއީ އަދަބު އިހުތިރާމުގެ ތެރޭގައި ދަރިން ތަރުބިއްޔަތުކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
05 October 2021
ފުރަތަމަ ކަމަކަށް ދައުލަތުން މުސާރަ ދޭ އެންމެންނަށް މުސާރައިގެ ހަމަހަމަ ކަމެއް އޮތުން މުހިއްމު. ޑޮކްޓަރުންނާއި ނަރުހުން ޓީޗަރުންނަށްވެސް ހައްގު އުޖޫރަ ލިބެންޖެހޭ މިނިވަން މުއައްސަސާތައް ޖުޑީޝަލް ސާވިސް ސިވިލް ސަރވިސްގަ ހުރި މުސާރައިގެ ފަރަގުވެސް ނައްތާލަ ން ޖެހޭ
އަހުމިއްޓޭ
05 October 2021
ދަރީން ރަނގަޅަށް ތަރުބިއްޔަތެއް ނުކުރެވޭނެ މިސިޔާސީމީހުންނާއިހެދި. އިސްލާމްދީނުގައި ވާގޮތަށް ތަރުބިއްޔަތުކުރަން އުޅެފިނަމަ ކޮންމެވެސް ހަރުކައްޓޭ ކިޔައި ލޭބަލް އެބަކުރޭ. އެކަމު މިއުޒިކުޖަހާ ކުޑަކުދީންލައްވާ ނެށުވުން ރައީސްއަށްވެސް އޯކޭ.
ފީމެލް
05 October 2021
ސްކޫލްތަކުން “ފީމެލް”ޓީޗަރުން ނަކީ ދަރިންތަކުގެ މައްމަ އިންކަމެއް ނުދަނޭ ރެޔާދުވާލް ސްކޫލްގަ އޯވަޓައިމް ލިޔެފި ނަމަ ޕްރިންސިޕަލް ޙިންހަމަ ނުޖެހޭ. ޓީޗަރުންގެ ލޭބޮއިގެން ޕްރިންސިޕަލް މެޑެލް ޖަހަނީ
މަދަރުސާ
05 October 2021
ޢަން ކޮލިފައިޑް ޕްރިންސިޕަލުންފެ ސަބަބުން ޓީޗަރުން “ޑިޕްރެޝަނަށް” އެބަވެއްޓޭ އެޑިއުޝަނުން މިކަންކަން ޙުށައަޅާ ފަރާތް ނޭގޭގޮތަށް ކޮމްޕްލައިން ކުރެވޭ ގޮތް ހަމަޖައްސަން އެބަޖެހޭ. ޢެޑިއުކޭޝަނުން ތެދު ދޮގޮ ވެރިފައިކޮށް ފިޔަވަޅު އަޅަން ޖެހޭ.
ޙެޑް
05 October 2021
ސުކޫލް ތަކުގެ ޓީޗަރުންނަށް ހަފްތާ ބަންދު ދެދުވަސް ސްކޫލްތަކަށް ހާޒިރުވުން މަނާކުރަން އެބަޖެހޭ… އެހެންނޫންނަމަ ސްކޫލް ބަލިޖެހިފަ ތިބޭ ޕްރިންސިޕަލުން “ފާރޮށި” މޮޑެގެން ކާންވެސް ސްކޫލް އަށް ޓީޗަރުން އެބަގެނޭ.
ޓީޗާ
05 October 2021
ދަރިން ތަރުބިއްޔަތެއް ނުކުރެވޭނެ ހަފްަތާ އަކު 7 ދުވަހު ރެއާދުވާލު މަސައްކަތް ކުރަން ޖެހޭ ދެމަފިރިންނަޢް.