ޖޯން ކީލްސް އިން ރާއްޖޭގައި ހިންގާ ސިނަމަން ދޮންވެލި ރިސޯޓް.-- ފޮޓޯ: ޖޯން ކީލްސް
04 ޑިސެމްބަރ 2016 - 23:08
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އިތުރު އިންވެސްޓްމަންޓްތައް ކުރުމަށް ބޭނުންވާ ކަމަށް ސްރީ ލަންކާގެ އެންމެ ބޮޑު ހޮޓެލް ޗެއިން ކަމަށްވާ ޖޯން ކީލްސް އިން ބުނެފި އެވެ.
ޓޫރިސްޓް ހޮޓާ އަދި ރިސޯޓް ހިންގުމުގެ އިތުރުން ވެސް ވިޔަފާރީގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ޖޯން ކީލްސްގެ އެގްޒެކްޓިވް ވައިސް ޕްރެޒިޑެންޓް ސުނިމާލް ސެނަޔަކަ މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި ލަންކާ އަށް ފަހު ޓޫރިޒަމް ދާއިރާގައި އިންވެސްޓްކުރުމަށް އެންމެ ރަނގަޅީ ރާއްޖެ އެވެ. އެގޮތުން، މިދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ކުރި އަރާ މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިިދިޔަ ދެ އަހަރު އެއްވަރެއްގައި ހިފެހެއްޓިފަައި ހުރުމަށް ފަހު، އަނެއްކާ ވެސް އިތުރުވާން ފަށާފައިވާ ކަމަށް ސުނިމާލް ވިދާޅުވި އެވެ. އެގޮތުން، އެ ކުންފުނިން ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ އޮކިއުޕެންސީ ރޭޓް ވެސް މިދިޔަ ދެ މަހުގެ ތެރޭގައި މައްޗަށް ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރާއްޖެ އަކީ ވަރަށް ތަފާތު، އެފަދަ ދެވަނަ އެއް ނެތް މަންޒިލެއް. އެއީ އަދިވެސް އެންމެ ރަނގަޅު އެއް މާކެޓް އަދި އިތުރު އިންވެސްޓްމަންޓްތައް ކުރުމަށް ވެސް ރާއްޖެ ވަރަށް ކަމުދޭ،" ލަންކާގައި ބޭއްވި އޭޝިއާ ހޮޓެލް އެންޑް ޓޫރިޒަމް އިންވެސްޓްމަންޓް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ސުނިމާލް ވިދާޅުވި އެވެ.
ޖޯން ކީލްސް އިން ރާއްޖޭގައި ތިން ރިސޯޓެއް ހިންގަ އެވެ. އެއީ އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން، ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް އަދި ސިނަމަން ދޮންވެލި މޯލްޑިވްސް އެވެ. ރާއްޖޭގައި ހިންގާ ރިސޯޓުތަކުން ލިބޭ ފައިދާ ކޮންމެވެސް ވަރަކަށް ދަށްވެފައިވާ ކަމަށް ޖޯން ކީލްސް އިން އެންމެ ފަހުން އާންމުކުރި މާލީ ހިސާބުތަކުގައި ބުނެފައިވެ އެވެ.
ޖޯން ކީލްސްގެ އިތުރުން، ލަންކާގެ އެއިޓްކެން ސްޕެންސް އިން ވެސް ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓުތައް ހިންގަ އެވެ. އެއީ އަދާރަން ބްރޭންޑުގެ ދަށުން ހިންގާ އަދާރަން ޕްރެސްޓީޖް ވާދޫ، އަދާރަން ޕްރެސްޓީޖް އޯޝަން ވިލާސް، އަދާރަން ޕްރެސްޓީޖް ވޯޓާ ވިލާސް، އަދާރަން ސިލެކްޓް މީދުއްޕަރު، އަދާރަން ސިލެކްޓް ހުދުރަންފުށި އަދި އަދާރަން ކްލަބް ރަންނާޅި އެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ އާ ރިސޯޓުތައް އަންނަނީ ހުޅުވަމުންނެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް 10 އަށް ވުރެ ގިނަ ރިސޯޓް ހުޅުވާފައިވާ އިރު، މި މަހުގެ ތެރޭގައި ވެސް އިތުރު ރިސޯޓުތަކެއް ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަދި އަންނަ އަހަރު 20 އާ ރިސޯޓް ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
05 December 2016
ބޭނުންވާނެތާ؟ އެމީހުން ރިސޯޓް ހަދަން ގެންނަ އެއްވެސް އެއްޗަކުން ޑިއުޓީއެއް ނުނަގާ އެ މީހުންނަށް ލިބޭ އާމްދަނީ ރާއްޖޭގެ ބެންކަކަށް ލުމެއްނެތި ބޭރުކުރެވޭ. ދެން އޮތީ ކުރާ އިންވެސްޓްމަންޓްގެ ވާހަކަ. ޙަޤީޤަތަކީ މާބޮޑު އިންވެސްޓްމަންޓެއް ނުކޮށްވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރެވެން އޮތްކަން. ރާއްޖޭން ވިއްކަނީ އެމީހުން ހަދާ ބޮޑު ބިޔަ ޢިމާރާތެއްގެ ރޫމްތަކެއްނޫން. ރާއްޖޭން ވިއްކަނީ ހަމައެކަނި ރީތި ބީޗާއި ހިތްގައިމު މޫދާއި ސާފު ތިމާވެށި. އެއީ އެ އިންވެސްޓަރުން ގެންނަންނ އެއްޗެއްނޫން. އެއީ އަހަރެމެންނަށް މާތްﷲ ދެއްވި ހެޔޮ ނިޢުމަތް. ދެން އަހަރެމެންނަށް އޮތީ ހަމައެކަނި އޮޅުވާލާފައިދައްކާ ޓީޖީއެސްޓީ ކޮޅު. ވަﷲ އައުލަމް.
ބަނދަރު ކާޅު
05 December 2016
ރާއްޖޭގަ އިންވެސްޓް ނުކުރާނެކަމެއްނެތް، ހަމަ ކުރަންވީ. ރާއްޖޭގެ ހުރިހާ ރައްތައް ބޮޑު އަގުގަ ވިއްކައިގެންލިބޭހާ ލާރިޔެއް ރާއްޖޭން ބޭރަށް ގެންގޮސްގެން ހުރިހާ މަންފާއެއް ބޭރު މީހުންނަގަންވީ. ދުނިޔޭގެ އެންމެ އަގުބޮޑު ތޫރިޒަމް ރާއްްޖޭގައި އޮވެ، ރާއްޖޭގެ އިގްތިސާދު ނާށިގަނޑު ހިފައިގެން ހިނގަންޖެހެނީ ކީއްވެކަމެއް އެގޭ މީހަކު ރާއްޖޭގަ އުޅޭހެނެއް ހިޔެއްނުވޭ. ރާއްޖޭގެ ޓޫރިޒަމްގެ މަންފާ ރާއްޖޭގެ ދިހަވަރަކަށް މީހުނަށް، އަނެއްބައި ބޭރުގެ އިންވެސްޓަރުންނަށް. ރައްޔިތުންނަށް ވޯޓްލާދުވަހުލިބޭ 500 ރުފިޔާ.
ވަނީދޯ
04 December 2016
ނިސްބަތުން ޓޫރިޒަމް ދާއިރާގެ ވަރަށް ކުޑަ ކުޑަ ލިޓިލް ލިޓިލް އިންވެސްޓަރުން ލޯ ޕްރޮފައިލްޑް އިންވެސްޓަރުން ވެސް އިތުރަށް ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާނީ ރާއްޖޭގެ ޓޫރިޒަމް ވޮންޑަރފުލް އެން ޗާރމިންގް އެން ޗިއަރ އަޕް ވާތީއެވެ. އެކަން އެހެން އެވަނީ އެއީ މަމެންގެ ބިއުޓިފުލް ވެރިކަމުގައެވެ.