"ކޮންމެ ސާފް ޗެމްޕިއަންޝިޕެއްގައި ވެސް ދިވެހިންގެ އުންމީދުތައް މިހާރު ގުޅިފައި މިއޮންނަނީ ތައްޓާ. އެހެންވީމާ އެއީ ޕްރެޝައެއް. އެހެން ނަމަވެސް އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްމެއް"
ގައުމީ ޓީމުގެ ކޯޗް އަލީ ސުޒޭން ގައުމީ ސަލާމަށް ހުއްޓިގެން --- ފޮޓޯ: ރައީސް އޮފީސް
12 އޮކްޓޯބަރ 2021 - 17:24
އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ރޭ އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި ދިވެހި ޓީމަށް އޮތީ ޕޮޒިޓިވް ޕްރެޝަރެއް ކަމަށް ގައުމީ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.
މާދަމާ ރޭ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރީ ޕްރެސްގައި ސުޒޭން ބުނީ ޕްރެޝަ ޕޮޒިޓިވް ވަނީ ދިވެހި ސަޕޯޓަރުން ގައުމީ ޓީމާ މެދު ކުރާ އުންމީިދު ބޮޑުވުމުން ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕްގައި 1997 ވަނަ އަހަރު ރާއްޖެއިން ފައިނަލް ކުޅުނު ހިސާބުން ފެށިގެން ދެކުނު އޭޝިއާގެ ކޮންމެ މުބާރާތެއްގައި ކުޅުނަސް ދިވެހިން ބޭނުން ވަނީ ތަށި ކަމަށް ސުޒޭން ބުންޏެވެ.
"ސާފް ޗެމްޕިއަންޝިޕްގެ ކޮންމެ މެޗަކީ ޕްރެޝަރެއް. ކޮންމެ ސާފް ޗެމްޕިއަންޝިޕެއްގައި ވެސް ދިވެހިންގެ އުންމީދުތައް މިހާރު ގުޅިފައި މިއޮންނަނީ ތައްޓާ. އެހެންވީމާ އެއީ ޕްރެޝައެއް. އެހެން ނަމަވެސް އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްމެއް ވެސް މެ،" ސުޒޭން ބުންޏެވެ.
"އެ ހިތްހަމަޖެހުމަކަށް ވަނީ އަޅުގަނޑުމެންގެ ޓީމަށް އިތުބާރުކޮށް، ދިވެހިންގެ 12 ވަނަ ކުޅުންތެރިޔާ [ސަޕޯޓަރުން] އެބަ ގަބޫލު ކުރޭ އަޅުގަނޑުމެން މިކަން ކުރާނެކަން. ގަބޫލުކޮށްގެން އަދި ކާމިޔާބަށް ބޭނުންވެގެން އެ ވާހަކަ މި ދައްކަނީ. އެހެންވީމާ އަޅުގަނޑުމެން އެ ޕްރެޝަ ނަގާނީ ވަރަށް ޕޮޒިޓިވް އެއްޗެއްގެ ގޮތުގައި. ކޮންމެ ގޮތެއްވިޔަސް ކަމަކަށް ކުރިމަތިލާއިރު ހުންނާނެ އެކަހަލަ ކަންތައްތަކެއް [ޕްރެޝަރެއް]. އެކަމަކު އެއީ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ މެޗަށް ހުރަސް އެޅޭނެ ކަމެއް ނޫން."
ލަންކާ އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ދިވެހި ޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: ނީޝާން އަލީ | މިހާރު
ޕޮއިންޓް ތާވަލަށް ބަލާއިރު ނޭޕާލާއި ރާއްޖެ މިއޮތީ އެންމެ ކުރީގަ އެވެ. އެކަމަކު ސުޒޭން ބުނީ ފައިނަލްގެ ކުރިން އެއް މެޗު އޮއްއިރު އަނެއް ދެ ޓީމަށް ވުރެ ރާއްޖެއަށް ރާއްޖެ އާއި ނޭޕާލަށް ކުރިއަށް ދެވުނީ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.
އޭނާ ބުނީ މިސަރަހައްދުގެ ކޮންމެ ގައުމަކުން ވެސް އެންމެ ވާދަކުރަން ޖެހޭ އެއްޗަކަށް ވާނީ އިންޑިއާ ކަމަށެވެ. އެއީ އިންޑިއާގެ ފުޓްބޯޅައިގެ އޮތް ނުފޫޒުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.
"މި ސަރަހައްދުގެ ހުރިހާ ގައުމެއް، ނޭޕާލް ވިއަސް ބަންގްލަދޭޝް ވިއަސް ގަބޫލު ކުރާނެ އިންޑިއާ އަތުން މޮޅުވެގެންކަން ސާފް ޗެމްޕިއަންޝިޕް ހޯދޭނީ. ނޫނީ އިންޑިއާ އާ ވާދަކޮށްގެން ހޯދާ ކާމިޔާބެއް ބިނާ ވެފައި މިއޮތީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުން."
ދިވެހި ސަޕޯޓަރުން ރާއްޖެ ޓީމަށް ސަޕޯޓް ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
ސުޒޭން ބުނީ ސަޕޯޓަރުން ޓިކެޓް ގަންނަން އެތައް ގަޑިއިރެއް ކުރިން ކިޔުގައި ޖެހުމަކީ ދިވެހިންގެ ހިތުގައި ގައުމީ ޓީމަށް އޮތް ލޯބި ހާމަކޮށްދޭ ކަމަށެވެ. ސަޕޯޓަރުން މާޔޫސް ނުވާނެ ހުރިހާ ގޮތަކަށް ދިވެހި ކުޅުންތެރިން މަސައްކަތް ކުރާނެ ކަމުގެ އުންމީދު އޭނާ ދިނެވެ.
މާދަމާ ރޭ ގެ މެޗަކީ ލީގު އުޅުން ކުރިއަށްދާ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗެވެ. މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މާދާމާގެ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ފައިނަލަށް ދެވޭނެ އެވެ. އެކަމަކު މެޗު އެއްވަރު ކޮށްލައިގެން ފަރުޖައްސާލުމުގެ ވިސްނުމެއް ނުގެންގުޅެ ޓާގެޓަކީ މެޗުން މޮޅުވުން ކަމަށް ސުޒޭން ބުންޏެވެ.
"އެކަމަކު އެއީކީ [މެޗު އެއްވަރު ކުރަން ވިސްނުމަކީ] އަޅުގަނޑުމެން ފޯކަސް ކުރާ ޓާގެޓެއް ނޫން. ހިސާބު ޖަހާއިރު އެގޮތަށް އޮތް ވާހަކަ މިދަންނަވާލީ،" ސުޒޭން ބުންޏެވެ. "އެކަމަކު އޭއެފްސީ ކަޕު ގުރޫޕް ސްޓޭޖުގައި ކުޅެވިދަޔަ މެޗުތަކަށް ބަލާއިރު އަޅުގަނޑުމެންނަށް އުންމީދު އެބައޮތް އަޅުގަނޑުމެންނަށް ބޭނުންވާ ޓާގެޓަށް ދެވޭނެކަމުގެ."
މާދަމާ ރޭ ގެ މެޗު ފަށާނީ 9 ޖަހާއިރު އެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ނުކުންނާނީ ނޭޕާލާއި ބަންގްލަދޭޝް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފޯޓަރ
13 October 2021
ގައުމީޓީމް ޖޯޒީހަދައިގެން މިއުޅެނީވެސް ހާދަ ނާގާބިލު ބައެކޭ. ދިވެހި ރަށްއިތުން ޖޯޒީނުލިބިގެން ތެޅިފޮޅޭ އިރުވެސް މި މީހުން މެޗަކަށް ވިއްކަން ނެރެފާނެ 100 ޖޯޒީ. ދެން މި ބުނަނި އޯޑާކުރާށޭ. ދެފަހަރުން އެއްފަަރު ނުގުޅޭނެ. ރަށްއިތުން ބޭނުންވާ ވަރުގެ ސުޓޮކެއް މި މީހުންނަށް ވިއްކަށް ނުނެރެވޭ. ހުންނަ އެތިކޮޅު ވެސް އަޑިއަޑިން ބަހަނި ގާތް މީހުންނަށް
ފައިން ތަޅާ ބޯޅަ
13 October 2021
އިންޝާ ﷲ، މޮޅުވާނެ. ހިއްވަރު ހުރީޔާ ތިކަން ކުރެވިދާނެ.
ޝޯމޭން
12 October 2021
ސުޒޭން އަށާ ކުޅުންތެރިންނަށް ކާމިޔާބަށް އެދެން. ވަރަށް ހިތްވަރު ކުރާތި. އެންމެ ފަހުމިނެޓާ ޖެހެންދެންވެސް ކުޑަދޫ ބޭރަށް ނުކުންނަވަރަށް ވަރުބަލިވިޔަސް ހިފަހައްޓާލަންވާނެ. އަހަރުމެން ދިވެހިންގެ ގައިގަހުރި ހިތްވަރު ދައްކާލާތި ފިސާރި. އިރާދަކުރެއްވިއްޔާ ނަތީޖާ ރަނގަޅުވާނެ.
ސަންޕަދަރި
12 October 2021
ޕޮސިޓިވް ކޮޅު ނައްޓާލާފަ ބަހައްޓާ މެޗުނިމެންދެން,
ސަފޯޓަރ
12 October 2021
ހެޔޮނުވާނެ ފުލަށްބަރު ކުޅުންތެރިން ނާރުވާތި މެޗް ހަރާބު ކުރަށް. ލަންކާ މެޗްގަ ވެސް .....
އޮފްސައިޑް
12 October 2021
މިމެޗް މިވީ އޯލްމޯސްޓް ހަމަ ސެމީފައިނަލް މެޗަކަށް! ރާއްޖެ އިންޑިއާ ސެމީގައި ބައްދަލްކޮށްގެން ދުވަހަކުވެސް މޮޅުވެފައެއްނެތް، އެކަން ބަދަލް ކުރަން ވަރަަށް ގިނަކަންތަކެއް ރަގަޅުކުރަންޖެހޭ. ބަންގްލަދޭޝްއާއެކު ކުޅުނު ފޯމްގައި އެޓެމްޕޯގަ އެޚުށިޔާރު ކަމާއެކު ކުޅުން، އިންޑިވިޑުއަލް މިސްޓޭކް މަދުކުރުން، އަމިއްލަ އަމިއްލައަށް ކުޅެން ނުއުޅެ ރަގަޅު ޕްލޭސްގަ ހުންނަ މީހާއަށް ބޯޅިދިނުން. ޑްރޯވެގެން ފައިނަލަށް ދެވެން އޮތަސް %200 މަސައްކަތް ކުރަންވީ މޮޅުވަން
ބާދިއު
12 October 2021
ރާއްޖެ ކުރީދުވަހު ކިރިއާ ސަލާމަތްވީ. ލަންކާ ފޯވަޑުން ގަޅިކަމުން އެއްޗެއް ނުޖެހުނީ. ބައެއް ފަހަރު ޑިފެންސިވް މިޑިފިލްޑާރ ޑިފެންސާ ދޭތެރޭ އޮންނަ ގެޕް މާބޮޑުވީމަ އެދެމެދަށް ވައްޓާލާ ބޯޅައިން އެމީހުން ރަގަޅު ޗާންސް ކްރިއޭޓްކުރި. މިއީ އަހަރުމެން ވިސްނަންޖެހޭ ތަންކޮޅެއް، ޗެތްރީ މެން އަތުން އެކަހަލަ ފުރުސަތެއް ފަސޭހައިން ނުގެއްލޭނެ.
ވަތަނަބޭ
12 October 2021
މަހުލޫފް ކީކޭތޯ އެވިދާޅުވަނީ ކޮންމެ ރެއަކު މިއުޒިކު ޝޯއެކޭ، އެމަނިކުފާނަށް ނޭގެނީތަ މިކަހަލަ މުބާރާތަކީ ވަރަށް ވިސްނައިގެން އެންމެންގެ އެއްބާރުލުން ލިބިގެން ކުޅުންތެރިންގެ ފޯކަސް ނުއްގެއްލޭގޮތަށް ނޫނީ ނުކުރެވޭނެ ކަމެއްކަން. އިންޑިއާ މެޗުން މޮޅުވެއްޖެއްޔާ ކޮންމެ ރެޔަކު މިއުޒިކު ޝޯއެއް ބެއްވުމަކީ ކުރިމަތީ އެންމެ މުހިއްމު މެޗުއޮއްވާ އެއްގޮތަކަސްވެސް ކުރުން ރަގަޅުކަމެއްނުން. ތިއުޅުއްވަނީ މަނިކުފާނު ބަންދުން ފިލީމަ އެކަމުގެ އުފާ ފާހަގަ ކުރަންދޯ!
ވަކުންޖު
12 October 2021
ސުޒޭނު ދައްކާ ވާހަކަ ފަހުމުކުރަން މީހަކު ބޭނުންވޭ. ކޮބާތަ ޕޮޒިޓިވް ޕްރެޝަރަކީ؟ ކުރީދުވަހު ބުނީ ލަނޑުޖަހާ ސިސްޓަމް ދަނެގަނެވިއްޖެއޭ، އެކަމަކު މަށަށް ހީވަނީ މެޗަށް އައި އޮޅިގެން އޭތި ބާއްވާފަ ގޯލު ދަނޑީގަ ޖަހާ ސިސްޓަމްހެން، ކިތަށް ޝޮޓް ގޯލު ދަނޑީގަ ޖެހުނީ!
ރަދީފު ބިން ރަފައިދާ
12 October 2021
ބަލިވެއްޖިންޔާ އަނެއްކާ ނުބުނާތި އަސްލު އޭރުއޮތީ ނެގެޓިވު ޕުރަޝަރެކޭ. ޕޮޒިޓިވު ޕުރެޝަރެކޭ އޭރު ބުނެވުނީ އޮޅުމަކުންނޭ.