އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ (ކ) އާއި އިންޑިއާގެ ސީއޭޖީ ގިރީޝް (ވ) އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: ނިޝާން އަލީ/މިހާރު
24 އޮކްޓޯބަރ 2021 - 12:25
ރާއްޖޭގެ ޕަބްލިކް އޮޑިޓް ދާއިރާ ކުރިއެރުވުމަށް އޮޑިޓާ ޖެނެރަލް އޮފީހާއި އިންޑިއާގެ ކޮމްޓްރޯލާ އަދި އޮޑިޓާ ޖެނެރަލް (ސީއޭޖީ) ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާއި ކޮމްޓްރޯލާ އެންޑް އޮޑިޓާ ޖެނެރަލް އޮފް އިންޑިއާ ގިރީޝް ޗަންދްރާ މުރްމޫ އެވެ.
މި އެއްބަސްވުމަކީ އިންޑިއާ އާއި ރާއްޖޭގެ އޮޑިޓް އޮފީހުގެ ގުޅުން ބަދަހިކޮށް އޮޑިޓް ދާއިރާއިން ދެ ގައުމު ކުރިއެރުވުމަށް ވެވުނު އެއްބަސްވުމެކެވެ. މިި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ އޮޑިޓަރުންނަށް އަމާޒުކޮށްގެން ތަމްރީންތައް ވެސް ބާއްވާނެ އެވެ.
އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ ރާއްޖޭގެ އެކި ދާއިރާތައް ކުރިއަރައިގެން ދާއިރު އޮޑިޓް ދާއިރާ ކުރިއެރުވުން މުހިންމު ކަމަށެވެ. އަދި އިންޑިއާގެ ސީއޭޖީއަކީ ބައިނަލްއަގުވާމީ ގޮތުން ވެސް ތަޖުރިބާ ލިބިފައިވާ ބައެއް ކަމުން މި އެއްބަސްވުމުގެ ދަށުން އެ ތަޖުރިބާގެ ފައިދާ ރާއްޖެ އަށް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސީއޭޖީއަކީ ދާއިރާގައި ތަޖުރިބާ ހުރި އިންސްޓިޓިއުޝަނެއް. ބައިނަލްއަގުވާމީ ގޮތުން ވެސް ތަޖުރިބާ ހުރި ބައެއް. އަޅުގަނޑުމެންނަށް ވެސް މީގެ ސަބަބުން ފައިދާ ވާނެ،" ނިޔާޒީ ވިދާޅުވި އެވެ.
އިންޑިއާގެ ސީއޭޖީ ގިރީޝް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާ ދެމެދު ގުޅުން ބަދަހިވެ، އޮޑިޓް އަދި ޕަބްލިކް ފައިނޭންސް ދާއިރާއިން ކުރިއެރުންތައް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެގޮތުން، ސްމާޓް އޮޑިޓިން ޕްރެކްޓިސް ބޭނުން ކުރުމާއި ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އޮޑިޓާ ޖެނެރަލް އޮފީހާއި އިންޑިއާގެ ސީއޭޖީ އިން އަންނަނީ 2008 ވަނަ އަހަރުން ފެށިގެން ގުޅިގެން މަސައްކަތް ކުރަމުންނެވެ. މި ދެ އިންސްޓިޓިއުޝަނަކީ ވެސް އޭޝިއަން އޮގަނައިޒޭޝަން އޮފް ސުޕްރީމް އޮޑިޓް އިންސްޓްޓިޓިއުޝަން (އޭސޯސާއި) އާއި އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް ސުޕްރީމް އޮޑިޓް އިންސްޓްޓިޓިއުޝަން (އިންޓޮސާއި)ގެ މެމްބަރުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
24 October 2021
އިންޑިޔާގެ ފައިކޭޓަށް ވެއްޓޭނީ މިވަރަށް. ދިވެހިންގެ ތެރެއިން ބަޔަކު ދިވެހި ގައުމު ހަލާކުކޮށްފި.
މޫސާ ލަތީފް
24 October 2021
"ރާއްޖޭގެ އޮޑިޓާ ޖެނެރަލް އޮފީހާއި އިންޑިއާގެ ސީއޭޖީ އިން އަންނަނީ 2008 ވަނަ އަހަރުން ފެށިގެން ގުޅިގެން މަސައްކަތް ކުރަމުން" 2008 ގެ ފަހުން ވަކި ޚާއްޞަ މަސައްކަތެއްކުރަން ފެށިތަ؟ އޭގެ ކުރިން ވެސް ކުރަމުންއައި ކަމެއް ކުރަނީ.
Ahmed Moosa
24 October 2021
އިންޑިޔާ ހަމަ އިން ވަނީ… އައުޓެއްނުވޭ!
އެހެން
25 October 2021
އެކަމުވެސް އިންޑިއާއަށް މިވެރިކަމުގަ ކަންކަން ހަނިކުރާ ވާހަކަ އެ ބުނަނީ. މަންޒަރުގަ ފެންނަނީ ހުރިހާ ދިމާއަކުން ފުޅާކުރާތަން.