އަސްލަމަށް މަޖިލީހުން ރުހުން ދީފި

މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު އަސްލަމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އެ ޕާޓީގެ މެމްބަރު، އަސްލަމަށް ރުހުން ދޭން މިއަދު ފާސް ކުރީ ވޯޓްގައި ބައިވެރިވި 65 މެމްބަރުންގެ އިއްތިފާގުންނެވެ.

އަސްލަމް އެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅޭގޮތުން ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވެސް ވިދާޅުވީ އޭނާއަކީ އެ މަގާމަށް ގާބިލް ބޭފުޅެއް ކަމަށެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެމްބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރު މުހައްމަދު ނާޒިމާއި ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހިމެނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން "މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ" އަށް ބަދަލު ކުރުމުގެ ހުއްދަ ދޭން ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެގޮތަށް ފާސްކުރީ ވޯޓްގައި ބައިވެރިވި 66 މެމްބަރުންގެ އިއްތިފާގުންނެވެ.

ހައުސިން މިނިސްޓްރީ އުވާލައްވައި، ޕްލޭނިން މިނިސްޓްރީގެ ދަށަށް މަސައްކަތްތައް ބަދަލު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ ހައުސިން މިނިސްޓަރަކަށް ހުންނެވި އައިމިނަތު އާތިފާ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އާތިފާ އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކަ އެވެ.

އެ ބަދަލު ގެނައުމާ އެކު، ޕްލޭނިން މިނިސްޓްރީއަކީ މި ސަރުކާރުގައި މިހާރު އެންމެ ބޮޑު މަސްއޫލިއްޔަތު ހަވާލު ވެފައިވާ މިނިސްޓްރީ އަށް ވަނީ ވެފަ އެވެ.