ރޯދަ މަސް / ނޫރު

ތަގުވާ އާއި ތަޒުކިޔާ ހާސިލުވިތޯ ކަށަވަރު ކުރުން

މި ރޯދަމަހުގެ 27 ވިލޭރޭ އިސްލާމީ މަރުކަޒުގައި ދަމުނަމާދު ކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ބަރަކާތްތެރި ރަމަޟާން މަހުގެ އެންމެ މުހިންމު އަޅުކަމަކީ ރޯދަ އެވެ. ރޯދަ އިން ދަސްކޮށްދޭ އެންމެ މުހިންމު ކަމަކީ އެދުންތައް ކޮންޓްރޯލު ކުރުމެވެ. އަދި އަޅުކަންތަކުގައި އިތުރަށް ހީވާގި ވުމެވެ. މި ކޮންޓްރޯލު ކުރުމާއި ހީވާގިކަމުން ދަސްވަނީ ނަފުސު ތަޒުކިޔާ ކުރުމެވެ. ނަފުސު ތަޒުކިޔާ ކުރުމަށް އެހީ ލިބެނީ ﷲ ގެ ކޯފާ އަށް ބިރުވެތިވެ އެކަލާނގެ ރުހިވޮޑިގަތުމަށް ދަހިވެތި ވާތީ އެވެ. ﷲ ގެ އަމުރުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުކޮށްދެނީ މި ޖަޒުބާތުތަކުގެ ބާރުގަ އެވެ. މިގޮތަށް މިކަން ވެއްޖެ ނަމަ ﷲ ގެ ކޯފާ އާއި އިންސާނާއާ ދެމެދު ރައްކާތެރިކަމުގެ ފަރުދާއެއް ލެވިގެންދާނެ އެވެ. ތަގުވާ އަކީ އަސްލުގައި މި ފަރުދާ ލެވުމެވެ. ނަމަވެސް މުހިންމު ސުވާލަކީ، ރަމަޟާން މަސް ނިމިގެންދާ އިރު އަހަރެމެންނަށް މިކަންކަން ހާސިލު ކުރެވުނުބާ އެވެ؟

މައިގަނޑު މަގުސަދަކީ ތަގުވާވެރިކަން ވަރުގަދަކުރުން

ރަމަޟާން މަހަކީ ތަގުވާވެރިކަމުގެ މަދަރުސާ އެކެވެ. އެ މަދަރުސާގައި ކުރިއަށް ގެންދަނީ އީމާންތެރިކަން ވަރުގަދަކޮށް ނަފްސު ތާހިރު ކުރުމުގެ ކޯހެކެވެ. އެއީ ތަގުވާވެރިކަން ހާސިލު ކުރުމަށެވެ. ތަގުވާ އަކީ މި އުންމަތާއި އޭގެ ކުރިން ފޮތްތައް ބާވާލެއްވުނު އެހެން އުންމަތްތަކަށް ވެސް ﷲ ކުރައްވާފައިވާ މުހިންމު ވަސިއްޔަތެކެވެ. (އައްނިސާއު 131). އަދި ރޯދަ ފަރުޟު ކުރެވުނުކަން ބަޔާން ކުރެއްވި އާޔަތުގައިވެސް ﷲ ބަޔާން ކުރައްވާފައި ވަނީ ކުރީގެ މީސްތަކުންނަށް ވެސް ފަރުޟު ކުރެއްވި ފަދައިން މި އުންމަތަށް ވެސް ރޯދަ ފަރުޟު ކުރެއްވީ ތަގުވާވެރި ވުމަށްޓަކައި ކަމަށެވެ. (އަލްބަޤަރާ 183). އެހެންކަމުން ރޯދަ ހިފުމުން ނަފްސު ތާހިރުވެ، ﷲ އަށް ކިޔަމަންތެރިވެ، ފާފަތަކުން ދުރުހެލިވާން ދަސްވާން ޖެހޭނެ އެވެ. ﷲ ގެ ކޯފާ އަށް ބިރުވެތިވެ އެކަލާނގެ ރުހިވޮޑިގަތުމަށް ދަހިވެތިވާން ޖެހޭނެ އެވެ. ތަގުވާ އަކީ މިއީ އެވެ.

ތަގުވާވެރި ވެވޭނީ ނަފުސު ތަޒުކިޔާ ކުރެވިގެން

ނަފުސު ތަޒުކިޔާ ކުރުމަކީ ނަފުސުގައިވާ ނުރަނގަޅު އެންމެހާ ސިފަތަކުން ނަފުސު ތާހިރުކޮށް އެންމެހާ ރީތި ސިފަތަކުން ނަފުސަށް ޒީނަތްތެރިކަން ގެނައުމެވެ. ނުވަތަ ޞޫފީން ވިދާޅުވާ ގޮތުން ނަމަ ނަފުސު ތަޚުލިޔާ (ދޮވެ ތާހިރު) ކޮށް ނަފުސު ތަޙުލިޔާ (ޒީނަތް) ކުރުމެވެ. މިގޮތަށް ނަފުސު ތާހިރު ވާއިރު ފާފަތަކާއި އެންމެހާ ނުބައި ސިފަތަކާއި ފިކުރުތަކުން ނަފުސު ދޮވެވިގެންދާނެ އެވެ. އަދި އޭގެ ބަދަލުގައި ހެޔޮ އަމަލުތަކާއި ރަނގަޅު އަހުލާގާއި ފިކުރުތަކުން ނަފުސު ޒީނަތްވާނެ އެވެ. މިކަން ކުރެވިއްޖެ ނަމަ އެއީ ކާމިޔާބެކެވެ. އަދި ނުވެއްޖެ ނަމަ އެއީ ނާކާމިޔާބެކެވެ. ﷲ ގެ ވަހީބަސްފުޅުގެ މާނައިގައި ވަނީ "އެ ނަފުސު ތާހިރުކޮށްފި މީހާ، ކާމިޔާބު ވެއްޖެ ކަން ކަށަވަރެވެ. އަދި އެ ނަފުސަށް އުނިކަން ދީފި މީހާ، ނާކާމިޔާބު ވެއްޖެކަން ކަށަވަރެވެ." (އައްޝަމްސު 9-10).

ނަފުސު ތަޒުކިޔާ ކުރުމުގެ ވަސީލަތްތައް

ރަމަޟާން މަހު ނަފްސު ތަޒުކިޔާ ކުރެވޭނެ ވަސީލަތްތަކެއް ވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ، އަޅުކަމުގައި އިޚުލާސްތެރި ވުމެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ އަމަލުތައް ބަލައިގަނެވުން ވަނީ ނިޔަތުގެ ތެދުކަމުގެ މައްޗަށް ކަމަށެވެ. (މުއްތަފަގު).

ދެވަނަ ކަމަކީ، ގިނަގިނައިން ތައުބާ ވުމާއި ފާފަ ފުއްސެވުމަށް އެދި ﷲ ގެ ހަޒުރަތުގައި ދެންނެވުމެވެ. ކީރިތި ރަސޫލާ ﷺ މީސްތަކުންނަށް ގޮވާލައްވަނީ ތައުބާ ވުމަށެވެ. އެއީ އެކަލޭގެފާނު ވެސް ދުވާލަކު 100 ފަހަރު ތައުބާވެ ވަޑައިގަންނަވާ ކަމަށެވެ. (މުސްލިމް).

ތިންވަނަ ވަސީލަތަކީ، ނަމާދުތަކަށް ފަރުވާތެރިވުމާއި ނަމާދުތަކުގައި ﷲ އަށް ޚުޝޫޢަތްތެރި ވުމެވެ. ޚުޝޫޢަތްތެރި ވުމަކީ ﷲ ގެ ކޯފާ އަށް ބިރުވެތިވެ ﷲ ގެ ރަހުމަތަށް އެދިގެން ނަމާދު ކުރުމެވެ. ކާމިޔާބު ލިބޭ މުއުމިނުންގެ އެއް ސިފައަކީ އެ މީހުންގެ ނަމާދުގައި ޚުޝޫޢަތްތެރި ވުމެވެ (އަލްމުއުމީނޫން 1-2).

މި ރޯދަމަހުގެ 27 ވިލޭރޭ ދަމުނަމާދު ކުރުމަށް ސަލްމާން މިސްކިތަށް ދިޔަ މީހަކު ގުރުއާން ކިޔަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނަފުސު ތަޒުކިޔާ ކުރުމުގެ ހަތަރުވަނަ ވަސީލަތަކީ، ޤުރުއާން ކިޔެވުމާއި ތަދައްބުރު ކުރުމެވެ. ތަދައްބުރު ކުރުމުގެ މާނައަކީ ޤުރްއާނުގައި ބުނާ އެއްޗެއްގެ ފަހަތުގައި އެކުލެވިގެންވާ ހިކުމަތްތަކާއި އެއިން ލިބޭ އިބުރަތްތަކާއި ފިލާވަޅުތަކާ މެދު ވިސްނުމެވެ. ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވަނީ ރޯދަ އާއި ޤުރްއާނަކީ ގިޔާމަތް ދުވަހުން ޝަފާއަތްތެރިވާނެ ދެ ކަންތައް ކަމަށެވެ (އަޙުމަދާއި ޙާކިމް).

ފަސްވަނަ ވަސީލަތަކީ، މީސްތަކުންނަށް އޯގާތެރިވުމެވެ. ރަސޫލާ ﷺ ހަދީސް ކުރައްވާފައި ވެ އެވެ: "މީސްތަކުން ކުރެ، މާތް الله ގެ ހަޒުރަތުގައި އެންމެ ލޯބިވާކަން ބޮޑުވެގެންވަނީ އެހެން މީހުންނަށް މަންފާކޮށްދޭ މީހާއެވެ" (އައްޠަބަރާނީ).

ނަފުސު ތަޒުކިޔާ ކުރުމުގެ އެންމެ ފަހު ވަސީލަތެއްގެ ގޮތުގައި މި ލިޔުމުގައި ފާހަގަ ކޮށްލާނީ ކެތްތެރިކަމާއި ނަފުސު ކޮންޓްރޯލު ކުރުމެވެ. ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބަޔެވެ (އައްތިރުމިޛީ).

މިއީ ނަފުސު ތާހިރު ކުރެވޭނެ ވަސީލަތްތައް ކަމަށް ވާއިރު ރަމަޟާން މަހުގެ ރޯދަ އާއި އެހެނިހެން އަޅުކަންތަކުން ހަމަ ޔަގީނުން ވެސް ނަފުސު ތާހިރު ކުރަން ފުރުސަތު ވަރަށް ބޮޑަށް ލިބިގެން އެބަދެ އެވެ.

ތަގުވާ އާއި ތަޒުކިޔާ ހާސިލުވިކަން ކަށަވަރު ކުރާނީ ކިހިނެއް؟

ރަމަޟާން މަހުގެ ތަމްރީނު ޕްރޮގްރާމުން ތަގުވާ އާއި ތަޒުކިޔާ ހާސިލު ކުރެވުނުކަން ކަށަވަރު ކުރުމަށްޓަކައި އަމިއްލަ ނަފުސަށް ބައެއް ސުވާލުތައް ކޮށްލެވިދާނެ އެވެ. މިގޮތުން، ﷲ އަށް ކިޔަމަންތެރިވުމާއި އަޅުވެތިވުމަށް އަހަރެންގެ ލޯބި އިތުރުވެ، ފާފަތަކުން ދުރުހެލިވުމަށް އަހަރެންގެ ނަފުރަތު އިތުރުވެއްޖެ ހެއްޔެވެ؟ މާތް الله އަށް ޚުޝޫޢަތްތެރިކަން އިތުރުވެ، އެކަލާނގެ ކޯފާ އާއި އަޒާބަށް ބިރުވެތިކަން އިތުރު ވެއްޖެ ހެއްޔެވެ؟ އަހަރެންގެ އަހުލާގާއި އަހަރެން މީސްތަކުންނާ ކުރާ މުއާމަލާތުތަކަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ ހެއްޔެވެ؟ އަހަރެން ކީރިތި ޤުރުއާނާއި ނަމާދާއި ދުއާ ކުރުމާ އޮންނަ ގުޅުން އިތުރުވެއްޖެ ހެއްޔެވެ؟

މި ފަދަ ސުވާލުތަކުގެ ޖަވާބަކީ އާނއެކޭ ނަމަ އެ އާއެކޭ ބުނާ މިންވަރަކަށް ބަލައި އެމީހަކަށް ތަގުވާ އާއި ތަޒުކިޔާ ހާސިލު ކުރެވުނު ކަމަށް ނިންމިދާނެ އެވެ. މިގޮތުން އާއެކޭ ބުނެވޭނެ މިންވަރު މަތި ނަމަ ދެން ކުރަންވީ ކަމަކީ ރަމަޟާން މަސް ނިމުނަސް ހަމަ އެ މިންވަރުގައި މިކަންކަން ދެމެހެއްޓޭތޯ ގަދައަޅައި މަސައްކަތް ކުރުމެވެ. އަދި މިންވަރު ދަށް ނަމަ އިތުރަށް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަން ޖެހޭނެ އެވެ. މި ސުވާލުތަކުގެ ޖަވާބަކީ ނޫނެކޭ ނަމަ ތައުބާވެ ނަފުސު އިސްލާހު ކުރަން މަސައްކަތް ކުރަން ޖެހެއެވެ.

އެންމެ މުހިންމީ ރަމަޟާންމަހު ހާސިލު ކުރެވުނު ކަންކަމުގެ ހެޔޮ އަސަރުތައް ރަމަޟާން މަސް ފާއިތުވުމަށް ފަހު ވެސް ހަޔާތުގައި ދެމިހުރުމެވެ. ތަގުވާވެރިވުމާއި ނަފްސު ތަޒުކިޔާ ކުރުމުގައި ﷲ އާ ބައްދަލުވާން ދެން ދެމިހުރުމަކީ މުހިންމު ކަމެކެވެ. އަދި ޖެހިގެން އަންނަ އަހަރުގެ ރަމާޟާން މަހު މިއަށް ވުރެ ކާމިޔާބު ކުރެވޭތޯ އަޒުމް ކަނޑައެޅުން ވެސް މުހިންމެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454