މި އަހަރުގެ ރޯދަމަސް މާދަމާ ފަށާއިރު، މާލޭގެ ބާޒާރުގައި މިރުގެ އަގު ރަނަށް ވެއްޖެ އެވެ.
މީގެ ހައެއްކަ ދުވަސް ކުރިން ބާޒާރުގައި 20ރ. އަށް ވިއްކި 100 ގްރާމްގެ މިރުސް މިހާރު ވަނީ 35ރ. އަށް އުފުލިފަ އެވެ. އަދި ކުރިން 60ރ. އަށް 100 ގްރާމް ވިއްކި ގިތެޔޮ މިރުހުގެ އަގު މިއަދު ވަނީ 75ރ. އަށް އުފުލިފަ އެވެ.
ލޯކަލް މާރުކޭޓުގައި މިވަގުތު އެންމެ ތިޔާގި އެކަމަކު އެންމެ އަގު އުފުލިފައިވާ ބާވަތްތަކުގެ ތެރޭގައި ތާޒާ ރޯ މިރުސް ހިމެނެ އެވެ. މިރުސް ކިލޯއެއްގެ އަގު މިވަގުތު އުޅެނީ 200ރ. އާއި 700ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ރޯދައަށް ބޭނުންވާ ތަކެތި ގަންނަން ލޯކަލް މާރުކޭޓަށް ގޮސް ހުރި އަންހެނަކު ބުނީ މިރުހުގެ އަގު މިހާބޮޑަށް އުފުލުނު ދުވަސްވަރެއް ހަނދާނެއް ނެތް ކަމަށެވެ.
"މިފަހަރު މިޖެހެނީ މިރުހާ ނުލައި ކުޅިކުރަން. ކިހިނެތް މިއަގުގައި މިރުސް ގަނެގެން ކާނީ. މިރުހުގެ އަގު ގަސްދުގައި ރޯދަމަހާ ދިމާކޮށް ބޮޑުކޮށްގެން އެ އުޅެނީ،" އޭނާ ބުންޏެވެ.
ދަތުރުވެރިންގެ މާރުކޭޓުގެ ވަރަށް ގިނަ ގޮޅިތަކުގައި އެކި ވައްތަރުގެ މިރުސް އެބަހުއްޓެވެ. ނަމަވެސް މިރުހުގެ އަގު މިހާ ބޮޑުވި ސަބަބެއް ގޮޅިތަކުގައި ވިޔަފާރިކުރާ މީހުން ކިޔައިދޭން ބޭނުމެއް ނުވެ އެވެ.
"ކީއްކުރަން ކަލޭމެންނަށް އެއްޗެތީގެ އަގު ބޮޑުވާ ސަބަބު ކިޔައިދޭންވީ؟ ކަލޭމެން ނޫހުގައި ޖެހީމަ އަހަރެމެން ދެކެ މީހުން ރުޅި އަންނާނީ. މިތަނުގެ އަގުތައް ބަލަން ދެން ނާންނާތި،" ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި ހުރި މީހަކު ނުރުހުމާ އެކު ނޫސްވެރިންނާ ދިމާލަށް ބުންޏެވެ.
ކަރާ އާއި ލުނބޯގެ އަގު ވެސް ބޮޑުވެއްޖެ
ރޯދަމަހު އެންމެ ގިނަ ބަޔަކު ރޯދަ ވީއްލަން ބޭނުންކުރާ އެއް ބާވަތަތަކީ ކަރަލެވެ. ދަތުރުވެރިންގެ މާރުކޭޓަށް އެކި ރަށްރަށުން ގިނަ އަދަދެއްގެ ކަރާ ގެނެސްފައި އެބަހުއްޓެވެ. މިދިޔަ ހަފުތާ ފެށުނުއިރު 12ރ. އާއި 15ރ. އަށް ވިއްކި ކަރާ ކިލޯއެއްގެ އަގު މިހާރު ވަނީ 18ރ. އަށް އުފުލިފަ އެވެ.
މާރުކޭޓުގެ ގޮޅިއެއްގައި ކަރާ ވިއްކަން ހުރި މީހަކު ބުނީ ކަރަލުގެ އަގު ބޮޑުވީ މިފަހަރުގެ ވިއްސާރާގައި ތޮއްޑޫގެ ދަނޑުތަކަށް ލިބުނު ގެއްލުމާ ގުޅިގެން ކަމަށެވެ.
"ވިއްސާރާގައި ވަރަށް ގިނަ ރަށްރަށުގެ ދަނޑުތައް ވަނީ ހަލާކުވެފައި. އޭގެ އިތުރުން ވިއްސާރަވުމުން ރަށްރަށުން ގެނައުމަށް ވެސް ދަތިތަކެއް އެބަހުރި،" އޭނާ ބުންޏެވެ.
ކަރަލުގެ އިތުރުން ލުނބޯގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. މިދިޔަ ހަފުތާގައި 35ރ. އާއި 40ރ. އަށް ވިއްކި ލުނބޯ ކިލޯއެއްގެ އަގު މިހާރު ވަނީ 60ރ. އާއި 90ރ. އަށް އުފުލިފަ އެވެ.
މިރުހާއި ކަރަލާއި ލުނބޯގެ އަގު އުފުލިފައިވީ ނަމަވެސް ކުރުނބާ އަދި އެނޫން ވެސް ބައެއް ބާވަތްތަކުގެ އަގަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ.
މާރުކޭޓުގައި ތިބި ދަތުރުވެރިން ބުނީ މޫސުން ރަނގަޅު ނުވެ ދިގުލައިގެން ދާނަމަ ތަކެތީގެ އަގު އަދިވެސް އުފުލުން އެކަށީގެންވާ ކަމަށެވެ.
"މިފަހަރު ރޯދައަށް ރަށްރަށުގައި ގިނަ އަދަދަކަށް ތަކެތި ހައްދާފައި އެބަހުރި. އެކަމަކު ވިއްސާރަވުމުން ދަތުރުފަތުރުކުރަން ދަތިތަކެއް ދިމާވަނީ. ހާއްސަކޮށް ދުރު އަތޮޅުތަކުން ގެންނަން ވަރަށް އުނދަގޫ،" އެތަނުން ދިމާވި ދަތުރުވެރިއަކު ބުންޏެވެ.