މަޣްރިބް · 18:21

ޕްރޮފެސަރު އުގެއިލްގެ ހަދިޔާ: ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުން

ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ކަސްރަތު ކުރުމުގެ ބޭނުމަކީ މީހާގެ ބަރުދަން ލުއިކުރުމާއި ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށް، މީހާގެ ބާރުގަދަ ކުރުމެވެ. ނަމަވެސް ކަސްރަތު ކުރުމުން ލިބޭ ހަމައެކަނި ފައިދާއަކީ އެއީއެއް ނޫނެވެ. ގިނައިން ހެލިފެލިވެ އުޅެ، ގަވާއިދުން ކަސްރަތު ކުރުމަކީ، އިންސާނާ ތަފާތު ބަލިމަޑުކަކުން ސަލާމަތްވެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ބިންގަލެއް ވެސް މެ އެވެ.


ދުޅަހެޔޮ ސިއްހަތެއްގައި ދުނިޔޭގައި ގިނަ ދުވަހު ހުރުމަށް ގަވާއިދުން ކަސްރަތު ކުރުން ނުވަތަ ގިނައިން ހެލިފެލިވެ އުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް ގަވާއިދުން ކަސްރަތު ކުރުމަކީ ގިނަ މީހުންނަށް އެހާ ފަސޭހަ ކަމެއް ނޫނެވެ.

އެމެރިކާގެ ސައިންސްވެރިން 16،000 ފިރިހެނުން ބައިވެރިކޮށްގެން ހަތް އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި ގަވާއިދުން ކަސްރަތު ކުރާ މީހުން އަވަހަށް މަރުވުމުގެ ފުރުސަތު 50 އާއި 70 ޕަސެންޓާ ދެމެދުގެ ނިސްބަތަކަށް ދަށް ކަމަށް ހާމަވެފައިވެ އެވެ. މި ދިރާސާ ކުރި ދިރާސާވެރިން އިތުރަށް ބުނެފައި ވަނީ ގަވާއިދުން ކަސްރަތު ކުރާ މީހުންގެ ހަށިގަނޑުގައި ކޮލެސްޓްރޯލްގެ މިންވަރު ރަނގަޅު ވަރެއްގައި ހިފެހެއްޓެން މަގުފަހި ކޮށްދޭ ކަމަށެވެ. މީގެ އިތުރުން، އިޓަލީގައި ސައިންސްވެރިން ކޮށްފައިވާ އެހެން ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ގަވާއިދުން ކަސްރަތު ކުރާ މީހުންނަށް ހަނދާން ނެތޭ ބަލި ފަދަ މައްސަލަތަކުން ދުރުވެ އެވެ.

ކުރީ ޒަމާނުގައި ނަމަ ކާބޯތަކެތި ހޯދުން ފަދަ ކަންކަމުގައި ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހެ އެވެ. ޚާއްސަކޮށް، ރިޔަލު ދޯނީގައި ކުރި މަސްވެރިކަމާއި ރައިވެރިކަމާއި އޮޅުއަލަ ހެއްދުން ފަދަ ދަނޑު ގޮވާން ކުރުމަކީ އޭރު ރާއްޖޭގައި އާންމު ކަމެކެވެ. އަދި އެ މަސައްކަތްތަކަކީ ހަށިގަނޑަށް ލިބޭ ކަސްރަތުގެ ބަޔަކަށް ވެސް އޮންނަނީ ވެފަ އެވެ.

މީގެ ތިރީހަކަށް ހާސް އަހަރު ކުރިން، މާ ގިނަ ކަންތައްތަކެއް އިންސާނުންނަށް ދަސްވެފައި ނުވާ ގަދީމީ ޒަމާނުގައި، ދުރު ތަންތަނަށް ހިނގާފައި ދިއުމާއި ކާނާ ހޯދުމަށް ކިތަންމެ ބުރަ މަސައްކަތެއް ކުރަން ޖެހުނު ނަމަވެސް އެއީ މާ ބޮޑު ކަމަކަށް އެމީހުން ނުދެކެ އެވެ.

ދިރިހުރުމަށް ބޭނުންވާ ކާނާ ހޯދުމަށާއި، ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށާއި އަދި ޖަންގަލީގައި އުޅޭ އެހެނިހެން ބިޔަ ޖަނަވާރުތަކުގެ ޝިކާރައަކަށް ނުވެ ސަލާމަތްވާން ދުވެ ހެދުމާއި، ދުރު ހިސާބުތަކަށް ހިނގާފައި އުޅުމަކީ އެ ޒަމާނުގެ މީހުންނަށް މާ ބޮޑު ކަމެއް ނޫނެވެ. އެހެންކަމުން، އެފަދަ ގޮތްގޮތުން އޭރު އެމީހުންގެ ހަށިގަނޑަށް ބޭނުންވާ ހެލިފެލިވުމާއި ކަސްރަތު ގަވާއިދުން ލިބެ އެވެ. ހަމަ އެހެންމެ، މި ޒަމާނުގައި މީހުން ކަސްރަތު ކުރަން ފަށައިގަތުމަށް ބޭނުންވާ ހިތްވަރާއި ގަވާއިދުން ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ކަސްރަތު ކުރުން އާދަކުރަން އެމީހުން އަޒުމު ކަނޑައަޅާކަށް ވެސް ނުޖެހެ އެވެ. ކުރީ ޒަމާނުގައި ނަމަ ކާނެ ނުވަތަ ބޯނެ މާ ގިނަ އެއްޗެހި ނެތުމުން އެމީހުންގެ ދުވަހުގެ ހަތަރުދަން ކާބޯތަކެތި ހޯދުމުގައި، ހައިކަންމަތީ ތިބެ އަވަދިނެތި ބުރަކޮށް މަސައްކަތް ކުރެ އެވެ.

މި ޒަމާނުގައި، ގަވާއިދުން ކަސްރަތު ކުރުމަކީ ބައެއް ފަރާތްތަކަށް އުނދަގޫ ކަމަކަށް ވިޔަސް، މިއީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ވަރަށް ފަސޭހައިން ކުރެވެން ވެސް އޮތް ކަމެކެވެ. މިފަދަ ވަސީލަތްތަކުގެ އެހީގައި ކަސްރަތު ކުރަން ފެށުމުން އިސާހިތަކު ނަތީޖާ ނެރެވޭތަން ވެސް ފެނެ އެވެ

ކޮންމެއަކަސް، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޒަމާން ބަދަލުވިއެއް ކަމަކު އިންސާނާގެ ހަށިގަނޑުގައި ގުދުރަތީ ގޮތުން ލައްވާފައިވާ ނިޒާމުތަކަށް ބަދަލު އައިސްފައި ނުވާ ކަމެވެ.

ކުރީ ޒަމާނެކޭ އެއްފަދައިން އިންސާނާގެ ހަށިގަނޑުގެ ގުނަވަންތައް މަސައްކަތް ކުރަނީ އެއް ގޮތަކަށެވެ. އެހެންކަމުން، އެ ޒަމާނުގެ މީހުން ގައިން ދާ އޮހޮރުވި ފަދައިން އަޅުގަނޑުމެންގެ ގައިން ވެސް ދާ އޮހޮރުވަން ޖެހެ އެވެ. އަދި އަޅުގަނޑުމެންގެ ހަށިގަނޑަށް ވެސް ގަވާއިދުން ކަސްރަތު ބޭނުންވެ އެވެ.

ގަވާއިދުން ކަސްރަތު ކުރުމާ ގުޅިފައި ވަނީ އަޅުގަނޑުމެންގެ ހިތްވަރާ އެވެ.

މި ޒަމާނުގައި، ގަވާއިދުން ކަސްރަތު ކުރުމަކީ ބައެއް ފަރާތްތަކަށް އުނދަގޫ ކަމަކަށް ވިޔަސް، މިއީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ވަރަށް ފަސޭހައިން ކުރެވެން ވެސް އޮތް ކަމެކެވެ. މިފަދަ ވަސީލަތްތަކުގެ އެހީގައި ކަސްރަތު ކުރަން ފެށުމުން އިސާހިތަކު ނަތީޖާ ނެރެވޭތަން ވެސް ފެނެ އެވެ. އެހެންކަމުން ކަސްރަތު ކުރަން ފަށައިގަންނަން ބޭނުންވެފައިވާ ފަރާތްތަކަށް އެކަން ކުރިއަށް ގެންދެވިދާނެ އުސޫލެއް ވެސް މިތާނގައި ހިމަނާލާނަމެވެ.

ކަސްރަތު ކުރަން ފަށައިގަންނައިރު، އެންމެ މުހިއްމު އެއް ނުކުތާއަކީ ކަސްރަތު ކުރަން ތިމާ ފަށަނީ އެއިން ފައިދާ އާއި ހިތްހަމަޖެހުން ލިބިގަތުމަށް ކަމަށް ހިތުގައި އަޒުމު ކަނޑައެޅުމެވެ. ދެވަނަ ނުކުތާއަކީ ކަސްރަތު ކުރުމަށްޓަކައި ގަޔާވެގެން އަބަދުވެސް ކުރެވޭ ކަހަލަ ހަރަކާތްތަކެއް ހިޔާރުކުރުމެވެ. މިސާލަކަށް، ހިތްގައިމު ރީތި ތަނެއްގައި ހިނގާލަން ދިއުން، ނުވަތަ ގާތް ރައްޓެއްސަކާ އެކު ދުވަން ދިއުން ކަހަލަ، ތިމާ ހިތްހަމަޖެހޭ ކަމެއް ޚިޔާރު ކުރެވިދާނެ އެވެ. އެފަދަ ކަސްރަތެއް ކޮށްގެން ތިމާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ނަމަ، ގަވާއިދުން އެކަމެއް ކުރުމަށް ބާރު އެޅިދާނެ އެވެ.