މުނިފޫހިފިލުވުން / ވާހަކަ

ފަތިސްހަނދުވަރު

އިއްޔެގެ ނޫހާ ގުޅޭ

"އެންމެން ހަމަވެ ނިމުނީ!" ބައްޕަ ބުނިކަން ޖެނީއަށް އިހުސާސްވިއެވެ. "ދެން މަންމަ ރަނގަޅުވެދާނެ. ތިބޭ ބަލަން. މުޅިއަކުން ގޯހެއް ނޫން. ދަރިފުޅު ވެސް ޓީޗަރަށްތާ ދޮންބައްޕަ ކިޔާނީ. ބައްޕަޔާ މިހާރު ބެހޭ ކަމެއް ވެސް ނޫން. އެކަމަކު ހިތަށްއަރާ މަންމަގެ ލޮލަށް ކޯޗެއް އެޅިފަބާއޭ ހުންނަނީ. ތިހިރަ މީހާގެ އަންހެނުން މިހާރު ވެސް ހުރީ ވަރިފަށަށް އަރާފަ. އެ ވަރުގެ މީހަކާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން މަންމަ އެ އުޅެނީ. އިންސާނުން ކީއްވެގެންތަ އެހާ ބޭކާރު ކަންތައް ކުރަނީ؟"

ޖެނީ އެ ހުރިހައި ވާހަކައެއް އަޑުއެހިއެވެ.

"ބޭކާރު ކަންތައް ކުރާ ޖިންނި ވެސް އުޅެއެއްނު!" ހިތުގެ އިހުސާސުން ޖެނީ ބުނެލިއެވެ. "ބައްޕަ ދާނެ އެއްވަނައަށް."

ޖެނީ އެނބުރިފައި ބަލައިލިއިރު ބައްޕަ ގެއްލި ނިމިއްޖެއެވެ. ފެންނަންހުރީ ހަމައެކަނި ދުންކޮޅެކެވެ.

ރޭގަނޑުގެ ވަގުތަކީ ސަކީނާ އެންމެ ބިރުގަންނަ ވަގުތެވެ. ގޮތް ނޭނގޭ އަޑުއަޑު އިވޭތީއެވެ. އެ އަޑުތައް ނީވޭ ވަރަށް ޓީވީގެ އަޑު ގަދަކޮށްލާކަށް ސަކީނާއަކަށް ނުކެރެއެވެ. އަޑެއް އިވޭ ވަގުތު އެ އަޑު އަންނަ ދިމާ ނޭނގިދާނެތީއެވެ. ޓީވީން ދައްކަމުންދިޔައީ ދިވެހި ޕްރޮގުރާމެކެވެ. އަޑު މަޑުކޮށްފައި ހުރިވަރުން ކިޔާނުކިޔާ އެއްޗެއް އިވެނީ ކިރިޔާއެވެ. އަނެއްކާ ވެސް އަޑެއް އިވުނެވެ. ގޭގެ ގޯތިތެރެއަށް ކޮންމެވެސް މީހަކު ވަދެއްޖެއެވެ. ސަކީނާއަށް ކަށަވަރެވެ. ދޮރާ ދިމާއަށް ބަލައިލިއިރު ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. ދޮރު ލައްޕަން ސަކީނާ ތެދުވި ވަގުތަކީ ކުއްލިއަކަށް ދޮރުގައި އެއްޗެއް ޖެހިފައި ދޮރު ހުޅުވުނު ވަގުތެވެ. ސަކީނާއަށް ހަޅޭއްލަވައި ނުގަނެވުނީ ކިރިޔާއެވެ. އެތެރެއަށް ވަނީ ގާދިރެވެ.

"މާދަމާ ޖެހޭ އެ ގާފޮޅު ތަޅާލަން،" ފައިތިލައިގައި ފިރުމައިލައިފައި ގާދިރު ބުންޏެވެ. "ވަންނަ ކޮންމެ ފަހަރަކު އެބަ އަޅައިގަނޭ."

ސަކީނާ ހުރީ ގާވެފައެވެ. ގެންފައިވާ ބިރު، ސަކީނާގެ މޫނުމަތިން ރީތިކޮށް ފާޅުވެއެވެ.

"ކިހިނެއްވީ ސަކީނާ؟" ގާދިރު އައިސް ސޯފާގައި އިށީންނަމުން ބުންޏެވެ. "މަ ދިޔަ ވަގުތު ފުރޭތައެއް އެރީތަ؟ ތި ޓީވީގެ އަޑު ތަންކޮޅެއް ބާރުކޮށްލަބަލަ! ހީވަނީ އެހެން އަޑެއް ނީވިދާނެތީ އުޅޭހެން."

ގާދިރު ރިމޯޓުން ޓީވީގެ އަޑު ބާރުކޮށްލުމާއެކު ސަކީނާ ރިމޯޓު ޖަހައިގެންފައި އަޑު މަޑުކޮށްލިއެވެ.

"ޓީވީގެ އަޑު ގަސްތުގަ މަޑުކޮށްފައޭ ތިހިރީ،" ސަކީނާ ބުންޏެވެ. "އޭރުން އަހަރެން އިއްވަން މިއުޅޭ އަޑު އިވޭނީ. މާދަމާ ގާފޮޅު ތަޅާލާނަމޭ ބުނާއިރު، މިހާރު ވެސް ގާދިރާ ހެދި އެ މީހުންގެ ޖެއްސުން އިތުރުވެގެން މި އުޅެނީ."

ގާދިރު ސިޓީއުރައެއް ދިއްކޮށްލިއެވެ.

"މިއޮތީ ކުލި،" ގާދިރު ބުންޏެވެ. "އަހަންނާ ހެދިޔޭ ޖެއްސުން އިތުރުވީ؟ މަށަށް ކީއްބާ ކުރެވުނީ؟"

ސަކީނާ ސިޓީއުރައިގައި ހިފިއެވެ. ދެން ވެސް ސަކީނާ ހުންނަނީ ހާސްވެފައެވެ.

"ގަސްތައް ކޮށައި، މުޅި ތަން އަލިކޮށް،" ސަކީނާ ދިގު ލިސްޓެއް ކިޔެވެ. "ގޭތެރެއަށް ދުންއަޅާ، ކުލަލާ، ދަވާދުލާ ބަޔަކު ރުޅިއަންނާނެ ހުރިހާ ކަމެއް ކޮށްފި."

"ބަލަ މީ އަހަރުމެންގެ ގެޔޭ. ނުޖެހޭ ވެނަށް އެއްފައި ދީގެން ތިބޭކަށް." ގާދިރު ބިރެއް ނެތި ބުންޏެވެ.

"ތި ކަމެއް ނޭނގެ،" ސަކީނާއަކަށް އެއްބަހެއް ނުވެވެއެވެ. "ގާދިރު ދިޔަ ފަހުން ދެތިން ފަހަރަކު އެ ކުޑަކުއްޖާ މިހެން ހުރަސްކޮށްފި! އެވެރިންނަށް ގޯނާކުރީމަ އަހަރެން ބިރުގަންނަވަން ވެގެން އެ އުޅެނީ."

ގަބޫލުކުރާކަށް ގާދިރު ބޭނުމެއް ނުވިއެވެ. އެ ވަގުތު ކުއްލިއަކަށް ކުޑަކުއްޖަކު ދުވެފައި ދިޔަތަން ފެނުނެވެ. ވަރަށް ހަލުވި، ކަޅު ކުއްޖެކެވެ. އެ ކުއްޖާ ހުރީ ހުސްގަޔާއެވެ. ގާދިރު ވަގުތުން އެ ކުއްޖާ ފަހަތުން ދުއްވައިގަތެވެ.

"ނުދޭ ގާދިރު!" ސަކީނާ ބުންޏެވެ. "ނުފެންނާނެ."

ބަދިގޭގެ ދޮރާ ނިވާވެފައި އެ ކުއްޖާ ގެއްލުނެވެ. ގާދިރު މަޑުމަޑުން ގޮސް ބަދިގޭގެ ދޮރުމައްޗަށް ހުއްޓުނެވެ. ބަދިގެތެރެ އޮތީ އަނދިރިކޮށެވެ. ގާދިރު ބޮކި ދިއްލަންވެގެން ސުވިޗު ޖައްސައިލިއެވެ. ބޮތްކެއް ނުދިއްލުނެވެ. އަޑެއްބަޑެއް ނީވެއެވެ. ތަށްޓެއް ވެއްޓި ތަޅައިގެންދިޔަ އަޑު އިވުނެވެ. ބޮކި ދިއްލިލައިފައި ނިވުނެވެ. ދިއްލުނު ވަގުތު، ކުޑަކުއްޖެއްގެ ހިޔަނި ފާރަށް އެޅިފައިހުރިތަން ގާދިރަށް ފެނުނެވެ. ކައިރިކައިރީގައި ފައިއަޅަމުން ދުއްވައިގަތް އަޑަކާއި، ކަބަޑެއް ދޮރު ހުޅުވިފައި ލެއްޕުނު އަޑު އިވުނެވެ. ގާދިރު ފޯނު ނެގިއެވެ. ދިއްލައިލިއެވެ. ފޯނުގެ އަލި ވަރަށް މަޑެވެ.

"ނުވަދޭ ގާދިރު!" ސަކީނާ ބުނި އަޑު އިވުނެވެ.

ގާދިރު އެ އަޑަކަށް ސަމާލުކަމެއް ނުދެއެވެ. ބަދިގެތެރެއަށް ވަނެވެ. ފަހަރަކު ކަބަޑެއް ހުޅުވައިފައި އެތެރެއަށް އަލިކުރިއެވެ. ކުޑަކުއްޖަކަށް ވަދެވޭހާ ކަބަޑު ބޮޑު ނަމަވެސް، ކަބަޑުގެ ތެރެއިން ދިރޭ އެއްޗެއް ގާދިރަކަށް ނުފެނެއެވެ. ހަތަރުވަނަ ކަބަޑު ހުޅުވައިލުމުން ގާދިރަށް ފެނުނީ ރަތްކުލައިގެ ދެ ލޮލެވެ. ސިއްސައިގެން ދިޔަ ވަގުތު ފޯނު ވިއްސައިގެންދިޔައެވެ. ބުޅަލުގެ އަޑުން ނިކަން މަޑުމަޑުން ގޮވައިލި އަޑު ގާދިރަށް އިވުނެވެ. ފޯނު ނަގައިގެން އައިސް އަލިކުރިއިރު އެކައްޗެއް ވެސް ނެތެވެ. ގާދިރު ބަދިގެއިން ނުކުތްއިރު ހުރީ ވަރަށް ފިކުރު ބޮޑުވެފައެވެ.

"ފެނުނު؟" ސަކީނާ އެހިއެވެ.

"އެބަޖެހޭ މައިތިރިއެއް ހަދަން." ފުރަތަމަ ފަހަރަށް ގާދިރަށް އެއްބަސްވެވުނެވެ.

"ފެނުނީ ދޯ؟" ސަކީނާއަށް ކަށަވަރުވިއެވެ. "އެކަމަކު ދޮންމުޙައްމަދެއް ވެސް މިހާރަކު ނެތޭ."

ގާދިރު ވިސްނައިލިއެވެ. ކުއްލިއަކަށް މުޅި ގެއިން ކަރަންޓުދިޔައެވެ.

"ދެން ތިބޭ ބަލަން،" ސަކީނާ ބުންޏެވެ. "ޖެއްސުންފަށެއް ކޮށްލާނެ. މިރޭ ލާހިކެއް ނޫން ނިދާކަށް."

"އެހެން ފާޑުފާޑެއް ނުކުރެވޭނެ،" ޗޮކެއްކަނޑައިލައިފައި ގާދިރު ބުންޏެވެ. "ސަކީނާ ކާންހަދާ! މި އަންނަނީ."

އުއްބައްތިއެއް ހިފައިގެން ގާދިރު ކޮޓަރިއަށް ވަނެވެ. ބައްތި ދިއްލައިލައިފައި ތަޅުންގަނޑު މަތީގައި ބެހެއްޓިއެވެ. އެއްޗެހި ބަދަލުކުރަން އުޅެނިކޮށް ފަޓުލޫނު ޖީބުގައި އެއްޗެއް އޮތްކަން ގާދިރަށް ފާހަގަކުރެވުނެވެ. އެއީ ކޯޗެއްކަމެއް ނޭނގުނެވެ. ގާދިރު ހުރީ އޭގެމަތިން ހަނދާންނެތިފައެވެ. ޖީބުން ނެގިއިރު އެއީ ފަށެކެވެ. ދެން ހަނދާންވިއެވެ. އެ ފަށަކީ ގޭތެރެއިން ގާދިރު ހޮވި ފަށެކެވެ. ކޯޗެއްތޯ ބަލައިފައި ނޫނީ އެއްލައިނުލަންވެގެން ޖީބަށް ލައިގެން ގެންގުޅެނީއެވެ. ފަށުގައިވާ ފުލަށް ރަނގަޅަށް ބަލައިލުމުގެ ގަސްތުގައި، އުއްބައްތީގެ ހުޅުކޮޅާ ކައިރިކޮށްލިއެވެ. ފަށުފުލުގައި ތޫނު ވިދުމެއް ހުއްޓެވެ. އެއީ ކޮންކަހަލަ މައުދަނެއް ކަމެއް ވެސް ގާދިރަކަށް ނޭނގެއެވެ. ވީމާ، ހުޅުކޮޅުގައި ޖެހޭ ވަރަށް ފަށުފޫ ކައިރިކޮށްލިއެވެ. ހަމަ އެ ވަގުތު ދޮރުގައި ޓަކިޖަހައިލި އަޑު އިވުނެވެ. ފަށް ބާއްވައިފައި ގާދިރު ގޮސް ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ހުރީ ސަކީނާއެވެ. އޭނަ ހުރީ ކަޅިއަޅާ ކަހަލަ ގޮތަކަށް ބަލަހައްޓައިގެންނެވެ. އެއް އަތުގައި އުށްބައްތިއެއް އޮތެވެ.

"ކާކުހޭ އަހާ ވެސް ނުލާ ތި ހުޅުވީ ކީއްވެ؟" ހިތްހަމަނުޖެހިފައި ސަކީނާ ބުންޏެވެ.

"މި ގޭގަ އެހެން މީހަކު ނޫޅޭނެއެއްނު!" ގާދިރު ވަރަށް އާދައިގެ ގޮތަކަށް ބުނެލިއެވެ.

ސަކީނާގެ މޫނުމަތިން ފެންނަންހުރި ކުލަވަރަކަށް ކުޑަ ވެސް ބަދަލެއް ނާދެއެވެ. އެތެރެއަކަށް ވަންނާކަށް ނޫޅެއެވެ. ދާކަށް ވެސް ނޫޅެއެވެ. ގާދިރު ދޮރު ހުޅުވައިފައި އެތެރެއަށް ހިނގައިގަތެވެ.

"ތީ ކުށްހީއެއް،" ސަކީނާ ބުންޏެވެ. "އެތެރެއަށް ވަންނާކަށް ނުބުނާނަންތަ؟ ކަރަންޓު ދިޔައިމަ ބިރުން މި އައީ."

"ވަދެވަދެ!" ފަހަތް ނުވެސް ބަލައި ބުންޏެވެ. "ސަކީނާގެ ގޭގަ ސަކީނާ ހުއްދަ ހޯދަންޖެހޭ ތަނެއް ހުރޭތަ؟"

ސަކީނާ އެތެރެއަށް ވަދެފައި ދޮރު ލެއްޕިއެވެ. އޭނަގެ ކަޅި ސީދާވެފައި ހުރީ، އެނދު ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި އޮތް ފަށަށެވެ.

"އިށީނދެ!" އެނދު ދައްކައިލައިފައި ގާދިރު ބުންޏެވެ.

އިށީންނަން ބުންޏަސް ސަކީނާއެއް ނުއިށީނދެއެވެ. ގާދިރު ފަސްއެނބުރިފައި ބަލައިލިއެވެ.

"ގާދިރު ވަރަށް ފޫހިވޭ ދޯ މި ގޭގަ އުޅެން؟" ސަކީނާ ސުވާލުކުރިއެވެ. "އަހަރެން ވެސް ވަރަށް ފޫހިވޭ! މި ގޭގެ އަސްލު އަހުލުވެރިން މިހާރު ބަދަލުވެއްޖޭ! އަހަންނަށް ފެންނަނީ އެވެރިންނަށް މި ގެ ދޫކޮށްލާފަ އަހަރުމެން އެހެން ތަނަކަށް ދާން. އެހެންނޫނީ އެމީހުން ވަރަށް ގޯނާކުރާނެ. އުޅެން ނުކުޅަދާނަ ވާވަރު ކުރާނެ. އިހަށް ރޭ މަގުމަތިން ގާދިރާ ވެސް ދިމާކުރި ދޯ؟"

ގާދިރަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. އެ ހާދިސާގެ ވާހަކަ ސަކީނާ ގާތުގައި ބުނި ހަނދާނެއް ގާދިރު ނުވެއެވެ.

"ކިހިނެއް ސަކީނާއަށް އެނގުނީ؟" ގާދިރު ސުވާލުކުރިއެވެ.

އަނެއްކާ ވެސް ދޮރުގައި ޓަކިދިން އަޑު އިވުނެވެ.

"ކާކު އެ އައީ؟" މަޑުމަޑުން ގާދިރު ބުނެލިއެވެ.

ގާދިރު ދޮރު ހުޅުވިއިރު ދޮރުމަތީގައި ހުރީ ސަކީނާއެވެ. ކުއްލިއަކަށް ގާދިރަށް ބަލައިލެވުނީ ކޮޓަރިތެރޭގައި ހުރި ސަކީނާއަށެވެ. އޭނައެއް ނެތެވެ. އަނެއްކާ ވެސް ސަކީނާއަށް ބަލައިލެވުނެވެ.

"ކީއްވެ މާ ހައިރާންވެގެން ތި ބަލަނީ؟" ސަކީނާ އެހިއެވެ.

ގާދިރަށް ހުރެވުނީއެވެ. ދޭނެ ޖަވާބެއް ހިތަށް ނުވެސް އައީއެވެ.

"އުއްބައްތިއެއް ދޭންވެގެން މި އައީ،" ސަކީނާ ބުންޏެވެ. "އެބަހުރި ދޯ!"

ސަކީނާ ދިޔައިމަ ދޮރު ލައްޕައިފައި ގާދިރު ގޮސް އެނދުގައި އިށީނދެލިއެވެ. ގޭތެރެއިން ފެންނަ އާދަޔާ ޚިލާފު ކަންކަން ގާދިރުގެ ވިސްނުން ފޯރާ ހިސާބަށް ވުރެ މަތިވާން ފަށައިފިއެވެ. އެއީ ބިރުވެރިކަމެކެވެ. އުފާވެރިކަމަކީ ޙައްލު ހޯދަން ގާދިރަށް ވަރަށް ފަސޭހަކަމެވެ. އެ ކޮޓަރީގައި ހިނގައިދިޔަ އެންމެ މުހިންމުކަންތައް ގާދިރަކަށް ނޭނގެއެވެ. ސަކީނާގެ ސިފައިގައި އައި މަޚްލޫޤު ދިޔައީ ފަށުގެ ފޫ ހިފައިގެންނެވެ.

ހަނދުވަރު ރީތި ރެޔެކެވެ. ފަޅުރަށަށް އޮތީ ހަމަހިމޭންކަން ވެރިވެފައެވެ. ކުދިކުދި ރާޅުތައް ގޮނޑުދޮށަށް ބީއްސާ އަޑު ފިޔަވައި އެހެން އަޑެއް ނެތެވެ. ވައިރޯޅިއެއް ނުޖެހެއެވެ. ރަށުގެ ދެކުނު ފަރާތުގައި އޮތް ވިނަގަނޑެއްގެ މަތީގައި އޮށޯވެލައިގެން ޖެނީ އޮތެވެ. ބައްޕަ ގެނެސްދިން ފަށުފުލާ ކުޅެން ޖެނީ އެހެން އޮންނަތާ ކިތަންމެ އިރެކެވެ. އެ ފަށުފުލަކީ ޖެނީއަށް ބައްޕަ ވަރަށް ކުރިން ގެނެސްދިން ފަށެއްގައި އޮތް ފުލެކެވެ. ޖެނީ އަތުން ގެއްލުނީއެވެ. ފަށުފުލަށް ހޫނުކޮށްލުމުން، ކޮންމެތާކު ހުއްޓަސް އަންނާނެ ކަމުގައި ބައްޕަ ބުނެފައި ވެއެވެ. އެކަމަކު ހާލަތު ބަދަލުވެއްޖެއެވެ. ބައްޕަޔާ އެކުގައި ޖެނީ ދިރިއުޅޭތާ އެތަކެއް އަހަރެއް ވެއްޖެއެވެ. ވީއިރު އެ ފަށުފުލުގެ ބޭނުމެއް ނެތެވެ. ޖެނީ ތެދުވިއެވެ. ގަސްތަކުގެ ފަތްތައް ދުރުކޮށްލައިފައި ގޮނޑުދޮށަށް ބަލައިލިއެވެ. ބައްޕަ ހުރީ މޫދުކައިރީގައެވެ. އެކަނިމާއެކަންޏެވެ.

ނުނިމޭ

7 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 11%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒޫނާ

24 May 2018

ސަކިނާ އާ ޤާދިރުގެ ބައި މާ ބޮޑީ، މިވާހަކައިގެެ ބަތަލު އަދި ބަތަލާގެ ބައި މާބޮޑަށް މަދީ، މިހާރު ހީވާންފަށާފި 2 ވަނަ ބައިގަ ލީޑުގަ އުޅޭނީ ސަކީނާހެން

The name is already taken The name is available. Register?

މަ

24 May 2018

މި އާ ވާހަކައަށް ފިލްމެއް ހަދާނަމަ!

The name is already taken The name is available. Register?

ސާބެ

24 May 2018

ނޫން...އޭރަށް ކަމަކު ނުދާނެ...ސިފަ ކޮަށްދޭކަށް ނޭންގޭނެ ފިލްމު ހަދާ މީހުންނަކަށް...

The name is already taken The name is available. Register?

ދޯ ދޯ

24 May 2018

ހަމަ ކުރީގެ ތަރިން ލައިގެން ފިލުމު ހަދަންވީ. އޮބިނޯންނާނެ. ރީކޯ، ނިއުމާ، އާރިފާ. އަސްލު ކީއްވެތަ އޭރުގައި 2ވަނަ ބައިގެ ސްކްރިޕްޓް ވެސް ލިޔާފައި ފިލުމު ނުހެދީ؟

The name is already taken The name is available. Register?

އީސަގެ ނަޝީދާ

25 May 2018

ފަތިސްހަނދުވަރު 2 ގެ ފިލުމު ހެދި. ވަރަށް ހަޑި. ވާހަކައިގެ ރީތިކަމާ ބަލާފަ ސުމެއް. ސްކްރިޕްޓް ކިޔުމުގެ ނަސީބު ލިބުނު މީހެއް މަށަކީ. ހަނދާން ވާ ގޮތުގަ 2000 ވަނަ އަހަރު. ކުދި ބަދަލުގެނެސްގެން ވާހަކައެއްގެ ސިފައިގަ ގެނައިމަ ވަރަށް އުފާވެއްޖެ. އައިމް ނޮޓް ގޮއިން ޓު ސްޕޮއިލް އިޓް ފޮ އެނީވަން.

The name is already taken The name is available. Register?

ހަމް

28 May 2018

ކުރީގެ އެ ތަރިން ލައިގެން މީގެ ދެވަނަ ބައި ހެދީމަ ފިލްމުގެ އަސްލު ފީލް އަންނާނީ. ވާހަކަ ކިޔާއިރު ހަަމަ އެ މީހުން ހިތަށް އަންނަނީ

The name is already taken The name is available. Register?

ސަލި

24 May 2018

ވަރަށް ސަލި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454