30 މެއި 2018 - 09:16
އިއްޔެ އާ ގުޅޭ
"އަޅެ މަންމަ އެ ވަރަށް އާދޭސްކުރާއިރު ކީއްވާނީ ބޭބެ ދިޔައްޔާ!" ޒުލްފާ ބުންޏެވެ. "ކޮންމެ ގޮތެއް ވިޔަސް ބައްޕަ ވާނީ ބައްޕައަށް."
"ބުނަން ޒުލޭ!" ޢަލީ ބުންޏެވެ. "ބޭކާރު ކަންތައް ކުރުމަކީ ބޭކާރުކަމެއް."
ޢަލީގެ ޖަވާބު އިވުމުން ރުގިއްޔާ ހިތުގަޖެހުނެވެ. ކުޑަކޮށް ރުޅި ވެސް އައެވެ.
"ބަލަ ދަރިފުޅުގެ ބައްޕަ ދިރިހުރިތޯ ބެލުމަކީ ބޭކާރުކަމެއްތަ؟" ރުގިއްޔާ ސުވާލުކުރިއެވެ.
"ބައްޕަ ދިރިހުއްޓޭ ކިޔާފަ ވީ ކަމެއް އެބައޮތްތަ މަންމާ؟" ޢަލީ ދެން ވެސް ވާހަކަދެއްކީ ދެކޮޅަށެވެ. "ވަގުވަގަށް ރަށުން ފިލައިގެން ދިޔަ ފަހުން އަޅެ އެއް ފަހަރު ވެސް މި ރަށަށް އައިތަ؟ އަހަރުމެންގެ ހާލު ބަލައިލިތަ؟ މަންމަ ދެރަވެދާނެތީ މި ކަހަލަ ވާހަކަ ނުދައްކަން މި ހުންނަނީ."
"ބައްޕަ ދިޔައީ ސިއްރަކުން ނޫނޭ ދަރިފުޅާ!" ރުގިއްޔާ ބުންޏެވެ. "ވަރަށް ފަހަކާ ޖެހެންދެން ބައްޕަ ލާރި ވެސް ފޮނުވި. ދަރިފުޅަށް ވެސް ރަނގަޅަށް އެނގޭނެ ބައްޕަ މާލެދިޔައީ އާމްދަނީ ހޯދަންކަން."
ލިޔެ ނިމުނު ކަށިކެޔޮއޮށް އެ ފަހަރު ރުގިއްޔާ އެއްލީ ތަންކޮޅެއް ބާރަށެވެ. އިހުސާނަށް ނިސްބަތްކޮށް ޢަލީ އެ ގޮތަށް ވާހަކަދެއްކުމަކީ ރުގިއްޔާއަށް ކަމުދާކަމެއް ނޫނެވެ.
"ތީ އެއްވެސް ވާހަކައެއް ނޫން މަންމާ!" ތެދު ބުނުމަކީ ޢަލީ ކުޑަކޮށް ވެސް ޖެހިލުންވާ ކަމެއް ނޫނެވެ. "ކުރެވޭނެ މަސައްކަތް މި ރަށުގަ ވެސް ބައިވަރު އެބަހުރި. މަންމަ ކުރާ މަސައްކަތަށް ރިސޯޓުން ނުލާހިކު ރަނގަޅު އަގު ލިބޭ. އަހަރެން ރިސޯޓުގަ އަދާކުރާ ޖޮބުން ވެސް އިންކަމް އެބަ ލިބޭ! ބައްޕަ އެ ފޮނުވާ އެއް ހާސް ރުފިޔާ އެއީ ކޯޗެއް؟"
"ދަރިފުޅު ތި ހީކުރީ މަންމަ މި އުޅެނީ އެ ލާރިކޮޅު ނުލިބިގެން ކަމަށްތަ؟" ރުގިއްޔާ ދެރަވެފައި ހަޅޭއްލަވައިގަތެވެ. "އިހުސާން ފޮނުވި ސިޓީއުރަތައް އަދިވެސް އެހެރީ ނުވެސް ކަނޑާ. މަންމަ އެއަކު އަތެއް ނުލަން. އެ ސިޓީއުރަތަކުން މަންމައަށް ލިބޭ ހަމައެކަނި ހިތްހަމަޖެހުމަކީ ދަރިފުޅުގެ ބައްޕަ ގަދަވެ ސަލާމަތުން ދުނިޔޭގަ ހުރިކަން އެނގުން. މިހާރު އޭނަގެ ޚަބަރެއް ނުވާތާ ތިން އަހަރު މި ވަނީ. އެއީ މަންމަ މި ދައްކާ ވާހަކައަކީ."
"ދެން ހުއްޓާލާ މަންމާ!" ރުގިއްޔާއަށް ހިތްވަރު ދިނުމުގެ ގޮތުން ޒުލްފާ ބުންޏެވެ. "ބޭބެ ގާތުގަ މިހާރު އާދޭސް ވެސް ކުރެވިއްޖެ! އޭނަ ބޭނުމެއް ނޫން ބައްޕަ ފެންނަ ހިސާބަކަށް ވެސް ދާކަށް."
ޢަލީއަށް މައްސަލައަކީ އެހެން މީހުން މާނަ އޮޅުވައިލާތީއެވެ. ވިސްނައިދޭން އުޅޭ ގޮތަށް އެހެން މީހުންނަށް ނުވިސްނޭތީއެވެ.
"ޒުލޭ! އަހަންނެއް ނޫނޭ ބައްޕަ ފެންނަ ހިސާބަށް ދާން ބޭނުން ނުވެގެން މި އުޅެނީ،" ޢަލީ ބުންޏެވެ. "ބައްޕަ ބޭނުމެއް ނޫން ބައްޕަ ހުރި ހިސާބަކަށް އަހަރުމެން އަޔަދޭކަށް. އެންމެ ސިޓީއުރައެއްގަ ވެސް އެޑްރެހެއް ޖަހާފަ އޮވޭތަ؟"
"ދެން ހުއްޓާލާ!" ރުގިއްޔާއަކަށް ކެތެއް ނުވިއެވެ. "އެނގޭތަ ތި ބުނެވޭ އެއްޗެއް؟ ބައްޕަޔަށް ދަރިފުޅު ކިތަންމެ ޝައްކެއް ކުރިޔަސް ބައްޕަޔަށް މަންމަ އަދިވެސް އިތުބާރުކުރަން. އަބަދުވެސް ކުރާނަން."
ކަށިކެޔޮވައްތަކުގެ ތެރެޔަށް ވަޅިޖަހައިފައި ރުގިއްޔާ ލޯ ފުހެމުން ތެދުވެގެން ދިޔައެވެ. ޢަލީ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބުނެވުނު އެއްޗެއް ބުނެވުނު މޮޔަ ހިތަށްއަރައިފައެވެ.
"މިއޮތް ހުރިހާ ދުވަހަކު އަހަރެން ހީކުރީ ބޭބެ ލޯބިނުވަނީ ބައްޕަ ދެކެ އެކަނިކަމަށް،" ޒުލްފާ ވަރަށް ހިތްހަމަނުޖެހިފައި ބުންޏެވެ. "މިހާރު އެނގިއްޖެ މަންމަ ދެކެ ވެސް ލޯބިނުވާކަން. އެހެން ނޫން ނަމަ، މަންމަޔަށްޓަކާ ނަމަވެސް މާލެ ގޮސްދިނީސް."
ޒުލްފާ ވެސް އެ ތަނުން ތެދުވެގެން ދިޔައީއެވެ. ޢަލީ އަތުގައި އޮތް ވަޅި، އެ ތަނުގައި އޮތް ލަކުޑިގަނޑަށް ޖެހިއެވެ. އަދި އިރުކޮޅެއް ވަންދެން އެ ތަނުގައި ވިސްނަން އިނެވެ.
ވިދުވަރުގެ ގަދަ އައްޔާ އެކުއެކީގައި ކަހަލަ ގޮތަކަށް ގުގުރައިލިއެވެ. ޒޫނާ އިނީ އެނދުގައި އިށީނދެލައިގެން ތަޅުންގަނޑަށް ބަލަހައްޓައިގެންނެވެ. ޒޫނާގެ ހަރަކާތެއްގެ އިންތިޒާރުގައި ޒޫނާއާ ދިމާއަށް ސަމަދު ބަލަހައްޓައިގެން ހުއްޓެވެ. އެނދުގެ ފަޑީގައި އަތްއަޅައިލައިގެން ޖިނާ ހުއްޓެވެ. އަންހެން ދެ އެހީތެރިން ވެސް އެ ތަނުގައި ތިއްބެވެ. ގަޑިން ރޭގަނޑު ނުވައެއް ޖަހަނީއެވެ. ވަރަށް ތުނިތުނިކޮށް ވާރޭ ވެހެމުންދިޔައެވެ.
"ހަނދާނެއް ނުވި؟" ވަރަށް އޯގާތެރިކަމާ އެކުގައި ޖިނާ ސުވާލުކުރިއެވެ. "އަދި މަސައްކަތް ކޮށްލަމާ! މިހާރު ތިން އަހަރު ވަނީ. ޒޫނާގެ ވެސް ގެޔެއް އެބަހުއްޓޭ! ކީއްކުރަން އަބަދު މިތާ އުޅެނީ؟ އަހަރުމެން ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ޒޫނާގެ މަންމަ ގާތަށް ޒޫނާ ގެންދަން."
ޒޫނާ ބަލައިލިއެވެ. ސީދާ ޖިނާގެ ލޮލަށެވެ. އެ ދެ ލޯ ފެނުމުން ޒޫނާގެ އަމިއްލަ ނަފުސު ކޮންމެވެސް އެއްޗެއް ބުނަން އުޅޭ ކަހަލައެވެ. ޒޫނާ އެހެން އަތަކަށް ބޯ އަރިކޮށްލިއެވެ. ވާގޮތް ޖިނާއަށް އެނގެއެވެ. ޒޫނާގެ ސިކުނޑިއަށް ހަނދާންތަކެއް އެބަ އާދެއެވެ. ޒޫނާ އުޅެނީ ހަނދާންތައް ތަރުޖަމާކުރަން ނޭނގިގެންނެވެ. ޖިނާ އަތުގައި އޮތް ސިޓީއުރައިގައި ހުރި ފޮޓޯތައް ނެގިއެވެ. ފުރަތަމަ ދެއްކީ ސަކީނާގެ ފޮޓޯއެކެވެ.
"މީ ކާކު؟" ޖިނާ އެހިއެވެ. "މީ ޒޫނާގެ މަންމަ. ދެން މީ ޒޫނާގެ ފިރިމީހާ އިހުސާން. މި ފޮޓޯ ގައިމުވެސް އެނގޭނެ."
ޖިނާ ދެއްކީ ސާޖިދުގެ ފޮޓޯއެކެވެ. ޒޫނާއަށް ފެންނަނީ ރީތި ކުޑަކުއްޖެކެވެ. ކާކުކަމެއް ނޭނގުނެވެ.
"އެންމެ ރަނގަޅު! މީ ކާކު؟" ޖިނާ ދައްކައިލީ ޒޫނާގެ ފޮޓޯއެކެވެ.
ޒޫނާ ކުއްލިއަކަށް އެ ފޮޓޯ ޖަހައިގަތެވެ. އެހީތެރިން އަވަސްވެގަތީ ޒޫނާ ހިފަހައްޓާށެވެ.
"އެކަކު ވެސް އޭނަ ގައިގަ އަތްނުލާތި!" ޖިނާ އަމުރުކުރިއެވެ.
ނިކަން ގަދަޔަށް ވިދައިލިއެވެ. ގުގުރައިލިއެވެ. ފޮޓޯގަނޑު ހިފައިގެން ޒޫނާ ތެދުވިއެވެ. ވިދުވަރުގެ އައްޔާ އެކުގައި ޒޫނާގެ ބައެއް ހަނދާންތައް ވެސް ފިޔަޖަހައިލި ކަހަލައެވެ. ވިދާގުގުރި ރެޔެއްގައި ވާރޭ ހިޔާވާން ޒޫނާ ދުވަނިކޮށެވެ. ހެމުން ހަޅޭއްލަވަމުންނެވެ. އެއީ އަތިރިމައްޗެކެވެ. ވިއްސާރަ ރެޔެކެވެ. ކޮންމެވެސް މީހަކު ޒޫނާގެ އަތުގައި ހިފައިގެން ހުއްޓެވެ. ވިސްނަމުން ފިކުރުކުރަމުން ޒޫނާ މިސްރާބުޖެހީ ދޮރާ ދިމާއަށެވެ. އެހީތެރިން ޒޫނާއަށް ހުރަސްއަޅަން އުޅުނެވެ. އެހެން ފަހަރުތަކުގައި އެ ހިސާބުން ދެން ނިމުނީއެވެ. ޒޫނާ ނުކުތަ ނުދޭން މީހުން އައިސް ޒޫނާ ހިފެހެއްޓީމައި އަނެއްކާ ވެސް ފެށި ހިސާބުން ފަށަންވީއެވެ. އެކަމަކު، އެ ފަހަރު ޖިނާ އެ ކަން މަނާކުރިއެވެ. ޒޫނާއަށް ތަންދެއްކުމަށް އަތުގެ އިޝާރާތުން އެދުނެވެ. ޖިނާ އެ ތަނުގައި އޮތް ބައްތިއާއި ކުޑަ ނެގިއެވެ. ޖިނާޔާ އެކުގައި ސަމަދު ވެސް ދިޔައެވެ. ބައްތި ހިފައިގެން ފަހަތުން އަންނަން އެހެން މީހުން ގާތުގައި ބުނެފައި ޖިނާ ކުޑަ ހުޅުވައިލިއެވެ. ވެހެމުންދިޔަ ތުނި ވާރެއިން ޒޫނާ ހިޔާކޮށްދިނެވެ. ޖިނާ ހުރީ ޒޫނާޔާ ވަރަށް ގާތުގައެވެ. ދެން ތިބި މީހުން ތިބީ ތަންކޮޅެއް ފަހަތުގައެވެ. ވިދާލާ ކޮންމެ ވިދުވަރަކާ އެކުގައި ހަނދާނުގެ ކުޑަކުޑަ ދެތިން މަންޒަރު ޒޫނާއަށް ފެނެއެވެ. އެ މަންޒަރާ ގުޅިފައިވާ އަޑުތައް ޒޫނާއަށް އިވެނީ ކެނޑިކެނޑިގެންނެވެ. ނޭވާ ހިފަހައްޓައިލައިގެން އެންމެން ތިބިއިރު، ހަމަ އެ ހާލަތުގައި މަޒްލާން ވެސް ހުއްޓެވެ. އޭނަ ހުރީ ތަންކޮޅެއް ދުރުގައި، ގަސްތަކުގެ ތެރޭގައި ފިލައެވެ. ގައިގެ ކުލަ ކަޅުކަމުން ވިދާލިޔަސް މަޒްލާން ފާހަގަކުރެވެނީ ވަރަށް ކުޑަކޮށެވެ. މަންމަ ރަނގަޅުވާކަށް އޭނަ ބޭނުމެއް ނޫނެވެ. ވަގުތު ކުޑަތަން ވަމުން އަންނަކަން އޭނައަށް އެނގެއެވެ. މަޒްލާން އަނގަ ހުޅުވައިލިއެވެ. ކަނބިލި ފިޔޮކެއް ގޮވާހެން ގޮވައިލިއެވެ. އެ އަޑަކަށް ޒޫނާ ސަމާލުކަމެއް ނުދިނެވެ. ބުޅަލެއް ކޯޅިގަތް އަޑު އެންމެންނަށް އިވުނެވެ. ދެން ވެސް ޒޫނާގެ ސަމާލުކަމެއް މަޒްލާނަކަށް ނުހޯދުނެވެ. ވާލެއް ގޮވައިލި އަޑު މުޅި ތަނަށް ފެތުރިގެންދިޔައެވެ. މާކަނާއެއް ގޮވައިލި އަޑު ވެސް އިވުނެވެ. އެއީ މަންމައަށް މަޒްލާން ދިން އެންމެ ފަހުގެ އިންޒާރެވެ.
"ޖިނާ!" ހިތާހިތުން ޒޫނާއަށް ބުނެވުނެވެ.
ޒޫނާ ފިކުރުތައް އެނބުރެމުންދިޔައީ އެހެން ދުނިޔެއެއްގައެވެ. ކުއްލިއަކަށް މަޒްލާން ގަސްތަކުގެ ތެރެއިން ނުކުތެވެ. ޒޫނާގެ ކުރިބެއްދިއެވެ. ޒޫނާ ކުއްލިއަކަށް ހުއްޓުނެވެ. މަޒްލާން ފެންނަނީ ޒޫނާއަށް އެކަންޏެވެ. މަޒްލާންގެ ދެ ލޯ އަނގުރުގަނޑެއްހެން ދިއްލައިލިއެވެ. ޒޫނާ ހަޅޭއްލަވައިގެންފައި ދުއްވައިގަތެވެ. މިސްރާބު ހުރި ދިމާއެއް ޚުދު ޒޫނާއަކަށް ވެސް ނޭނގެއެވެ. ކުޑަ އެއްލައިލައިފައި ޖިނާ ވެސް ދުއްވައިގަތެވެ. ޒޫނާ ފަހަތުން އެންމެން ދުއްވައިގަތެވެ. އެ ވަގުތު ޒޫނާއަށް ލިބިފައިހުރީ ވަރަށް ބާރު ދުވެއްޔެކެވެ. ޒޫނާގެ ފަހަތުން އެންމެން ވެސް ގަސްތަކުގެ ތެރެއަށް ވަނެވެ. ޒޫނާއެއް ނުފެނުނެވެ.
"އަހަރެން އޭރު ވެސް ބުނިންތާ މީ ރަނގަޅު އައިޑިޔާއެއް ނޫނޭ!" ޖިނާ މަޑުމަޑުން ބުންޏެވެ.
"އޭނަ ފެންނާނެ،" ނުތަނަވަސްކަން ފޮރުވަމުން ސަމަދު ބުންޏެވެ. "އެ ކަމާ ހާސްނުވޭ!"
ޖިނާއާއި ސަމަދު ދުއްވައިގަތީ ދެ ދިމާއަކަށެވެ. ޒޫނާ ފަހައިދުވީ މަޒްލާނެވެ. ހަތަރެސްފައިޖަހައިގެން ދުވެފައި އައިއިރު މަޒްލާން ހީވަނީ ބުޅަލެއް ހެންނެވެ. ޒޫނާ ފަހަތް ބަލައެވެ. އެކި ފަހަރު މަޒްލާން ފެންނަނީ އެކި ސިފައިގައެވެ.
"ޒޫނާ! ޒޫނާ!" ސަމަދު ގޮވިއެވެ.
"ޒޫނާ!" ޖިނާ ވެސް ގޮވިއެވެ. "ޒޫނާ!"
ޒޫނާއަކަށް އެ އަޑެއް ނީވެއެވެ. އަނެއްކާ ވެސް ފަސްއެނބުރި ބަލައިލީ މަޒްލާން އޮތީ ކިހާ ހިސާބެއްގައިތޯއެވެ. ޒޫނާގެ ފަހަތުން އައި މަޒްލާނެއް ނެތެވެ. އޭނަ ގެއްލިއްޖެއެވެ. ޒޫނާ ހުއްޓުނެވެ. ސިހިސިހިފައި އެކި ފަރާތްފަރާތް ހޯދިއެވެ. މަޒްލާން އޮތީ ޒޫނާގެ ކުރިމަތީގައި ހުރި ގަހުގައެވެ. ދަނޑިވަޅަކަށް ބަލަބަލައެވެ. ކުއްލިއަކަށް ގަހުން ފުންމައިލައިގެން އައިސް ބިންމަތީގައި ފައި ޖެހުނުއިރު ޒޫނާގެ ތިން ޒޫނާއަށް ވުރެ މަޒްލާން ބިޔައެވެ. ވަރުގަދައެވެ. މުޅި ގައިގައި ހުރި ދިގު ކެހެރިތަކެއް ފަޅައިފައެވެ. އިނގިލިތަކުގެ ވަކިތައް ދިގެވެ. ވިދައިލި ވަގުތު އެ މަންޒަރު ފެނުމުން ޒޫނާގެ ސިކުނޑިއަކަށް ކެތެއް ނުވިއެވެ. ހޭނެތިގެން ވެއްޓުނެވެ. އެ ވަރުން ވެސް މަޒްލާނެއް ނުދިޔައެވެ. އޭނަ ބޭނުންވީ އެ ހިސާބުން އެ ކަން ނިންމައިލާށެވެ. ބަނޑުއަޅައި ވިހެއި މައިމީހާގެ ފުރާނަ ހަށިގަނޑާ ވަކިކޮށްލާށެވެ. އަބަދުގެ އަބަދަށް ނިންދަވައިލާށެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސައިދް
31 May 2018
ވާހަކަ ކިޔަމުންދާ ވަރަކަށް ނިއުމާ ހަމަ ސިފަ ވަމުންދަނީ ނިއުމާ ފަތިސްހަނދުވަރުގެ ދެވަނަ ބައި ކުޅެފައި ނޫނީ ފިލްމް ކުޅުން ހުއްޓާނުލާ ޕްލީސް! ޕްލީސް!
ކުލީނާ
31 May 2018
އެބުނާހެން.. ކޮން ނިވައިރޯޅިއެއްތަ؟ މި ފިލްމުގެ ދެވަނަ ބައި ނިއުމާ ކުޅެން ޖެހޭނީ
ޒޫނާ
30 May 2018
އަޒްރާއާއި އަސްލު ޖިނާގެ ކައިވެނީގަ ކުނި ޖެހުނީމަ އަސްލު ޖިނާ، ޒޫނާއަށް ފޯލް ވާނެބާ؟ އަސްލު ޖިނާ އާއި ޒޫނާގެ ލޯބީގެ ކުޅިގަނޑެއް ފެށިއްޖިއްޔާ ޖިންނި ޖިނާގެ ހިތަށް ކުޅަދާނަ ވާނެބާ؟ މިހާރު ކިޔާލަން ބޭނުމީ ޒޫނާއާއި ޖިނާ ފަތިސްހަނދުވަރުގައި ހޭދަކޮށްލާ ލޯބީގެ ވަގުތުކޮޅެއްގެ ވާހަކަ.... ބިންމާ ޕްލީޒް..ޕްލީޒް
ޖިނާ
30 May 2018
ދެން އޮންނާނީ ޖެނީ އާ މަޒްލާން ގެ ތަޅާފޮޅުން. ޖިންނި ޖިނާ އަށް ވަކި ހިސާބަކަުން ކެތެއް ނުވާނެ.
ޖިންނި ޖިނާ
30 May 2018
ޒޫނާގެ ހިމާޔަތުގަ އަބަދުވެސް ޖިންނި ޖިނާ ހުއްނާނެ
ފާތިމާ
30 May 2018
ަަހަމަ ގައިމުވެސް ޒޫނާ މަރެއް ނުވާނެ. މީ ދުވާލު ކަން އެނގޭ ފަދައިން އެނގޭކަމެއް އެއި.
މަލްޒާގެ ފްރެންޑް
30 May 2018
މަ ގޮއްސަ މަޒްލާން ބަންނާނަން .. އެހެން ނޫނީ އޭނަ ހުއްޓުވާ... ޒޫނާ އަށް ކުރާ އަނިޔާ ހުއްޓުވާނަން...
މަ
31 May 2018
ތެދެއް! ނުބަނިއްޔާ ދެރަ އެއްނުން!
ޒޫނާ
30 May 2018
ދެން ތިތަނަށް އަންނާނީ ޖިންނި ޖިނާ. ޒޫނާ މަރާލާކަށް ދޫކޮށެއް ނުލާނެ ޖިނާ. ޖިނާގެ ހިތަކަށް ކުޅަދާނައެއް ނުވާނެ. ބޯވެހޭ ވާރެޔާ...ބީހިލާ ރޯޅިޔާ...
ޖިނާ
30 May 2018
ޖިންނި ޖިނާއެއްނޫން އަންނާނީ. ޖެނީ އަންނާނީ މަންމަ ސަލާމަތްކުރަން.
ޖަމަލޭ
30 May 2018
މި ކޯއްޗެއް؟
މަ
31 May 2018
ކޯއްޗެއްކަން ނޭނގެންޏާ ނުކިޔަބަލަ!
ޒާހީ
30 May 2018
ހާދަ ކުރުކޮށޭ ތިގެނެސްދެނީ
އެންޓިޒް
30 May 2018
ދެން
÷ޚޚޚޚ
03 June 2018
ޢެންމެ ތިން އަހަރު؟