04 ޖޫން 2018 - 09:28
އިއްޔެއާ ގުޅޭ
"ބައްޕަ ކޮންއިރަކުން އަންނަނީ؟" ޝާޒްލީ އެހިއެވެ.
"ދެން ފެންނާނީ ގެއަށް ވަންނަ ތަން،" އަނެއްކާ ވެސް ކުރިން ކުރި ސުވާލު ޖިނާ ތަކުރާރު ކުރިއެވެ. "ބަލިވެތަ ތި އުޅެނީ؟"
އަޒީޒާ އައިސް އެނދުގައި އިށީނެވެ. އަދި ޝާޒްލީގެ ނިތްކުރީގައި ތެތްރުމާ އަޅައިދޭން ފެށިއެވެ.
"ނޭނގެ!" ޝާޒްލީ ފޫހިވެފައި ބުންޏެވެ. "ފާޑެއްގެ ހުމެއް އައިސްގެން މި އުޅެނީ. މާމަ އެބައިނޭ މިތާ! ބައްޕަ އައިމަ އަހަރެން ރަނގަޅުވާނީ. ދެން އަވަހަށް އާދެބަލަ!"
ޖިނާ ބޭނުންވަނީ އެ ފަދަ ވަގުތުގައި ކުދިން ގާތުގައި އަޒްރާ ހުންނާށެވެ.
"އުދުހިފަ ވެސް ދާން ބޭނުމޭ ދަރިފުޅާ!" ޖިނާ ބުންޏެވެ. "ދަރިފުޅުގެ މަންމައަށް ގޮވާބަލަ! ކީއްވެގެންތަ މަންމަ ފޯނު ނުނަގަނީ؟"
ޝާޒްލީ ޖަވާބެއް ނުދިނެވެ. ތެދަށް ބުނެފިއްޔާ ވާނެ ގޮތް ޝާޒްލީއަށް އެނގެއެވެ.
"މަންމަ ދިޔަ ތަނެއް ދަރިފުޅަކަށް ނޭނގޭ،" ޔަގީންކަމާ އެކުގައި ޖިނާ ބުންޏެވެ. "ދޯ؟ ދަރިފުޅު އެކަނި ބާއްވާފަ މަންމަ ގޮސްގެން ނުވާނެއްނު! މާމަ ކިހިނެއްތަ ހުރިހާ.."
"ދެން އަހަރެން ކީއްކުރާނީ ބައްޕާ!" ޝާޒްލީ ބުންޏެވެ.
ދަރިފުޅާ ވާހަކަދައްކައި ނިމުމަށް ފަހު އަޒީޒާއާ ވާހަކަދައްކައިފައި ޖިނާ ފޯނު ބޭއްވީއެވެ. އަނެއްކާ ވެސް ދެތިން ފަހަރަކު އަޒްރާއަށް ޖިނާ ގުޅިއެވެ. އަޒްރާގެ ފޯނު އޮތީ ދަބަސްތެރޭގައެވެ. ރަނގަބީލުގެ އަޑު ވަރަށް މަޑުކޮށްފައި ހުރުމުން އަޒްރާއަކަށް އެ އަޑެއް ނީވެއެވެ. އިވުނު ނަމަވެސް އަޒްރާ ފޯނެއް ނުނެގީހެވެ. އަޒްރާ އިނީ ހެދިގޮނޑުދޮށުގައި ހުރި ރެސްޓޯރަންޓެއްގައެވެ. ކުރިމަތީގައި ފަރުހާދު އިނެވެ. މޭޒުމަތީގައި ހުރި އުއްބައްތީގެ ހުޅުކޮޅު ހީވަނީ ދެންމެދެންމެ ނިވިދާނެހެންނެވެ. ފަރުހާދު އިންނަނީ ކަޅިޖަހައި ނުލައި އަޒްރާއަށް ބަލަހައްޓައިގެންނެވެ.
"އަހަރެން މި ހިތަށްއަރަނީ ނަސީބުވެރިޔަކަށޭ ތި ކަހަލަ އަންބެއް ލިބޭނީ." ފަރުހާދު ބުންޏެވެ.
"ވަރަށް،" އަޒްރާ ބުންޏެވެ. "ޖިނާ އަބަދު ހުންނާނީ ރުޅިއައިއްސަ."
"އެއީ ފައްކާ މޮޔައެއް!" ފަރުހާދު ބުންޏެވެ. "އަޒޫގެ ފޯނުތަ އެ ރިންގުވަނީ؟"
އަޒްރާ ދަބަސް ހުޅުވައިލައިފައި ފޯނު ބަލައިލިއެވެ. ޖިނާގެ ނަން އަރައިފައި އޮތެވެ. ފޯނުގެ އަޑު ކަނޑައިލުމަށް ފަހު ދަބަސްތެރެއަށް ފޯނު ލައިފައި އަޒްރާ ހަމަޖެހިލިއެވެ.
"ބޭކާރު ފޯނެއް،" އަޒްރާ ބުންޏެވެ. "އަޅޭ ހާދަހާ ބަނޑުހައޭ!"
ފަރުހާދު އުލުން އަޒްރާގެ އަނގަޔަށް ލެވިއެވެ. އެއީ، އެއިން ޒަމާނެއްގައި މީހެއްގެ ފަރާތުން އަޒްރާއަށް ނުލިބޭ ކަހަލަ އޯގާތެރިކަމެކެވެ. އެކަމަކު، އަޒްރާއަށް ކާންދިނަސް ފަރުހާދު އެންމެ އެތިކޮޅެއް ވެސް ނުކައެވެ.
"ކީއްވެ ފަރޫ ނުކަނީ؟" އަޒްރާ ސުވާލުކުރިއެވެ.
"ކައިގެން އަހަރުމެން ކޮންތާކަށް ދާނީ؟" ފަރުހާދު ވާހަކަ އޮޅުވައިލިއެވެ.
"މިރޭ ދާހިތްވަނީ ގެއަކަށް ނޫން،" އަޒްރާގެ ވިސްނުން ހުރީ އެހެން ދިމާއަކަށެވެ. "އެހެން ތާކަށް ގެންދޭ!"
އަޒްރާ ތެދުވިއެވެ. ޖެހިލުމެއް ނެތި ހިނގައިލައިފައި އައިސް ފަރުހާދުގެ އުނގުގައި އިށީނެވެ. އެ މީހުން ތިބި ދިމާ އަނދިރިކަމުން މީހުންގެ ލޮލަކު އަޅައެއް ނުގަނެއެވެ.
"އަހަންނަށް ވަރިހަމަ ކޮންމެ މީހަކަށް ފެނިގެން ކޮންމެ އެއްޗެއް ކިޔަސް،" އަޒްރާ ބުންޏެވެ. "ގެއަށް ދިޔައިމަ ވަރަށް އެކަނިވޭ! ފަރޫ ވަރަށް މިސްވޭ!"
"ވަރިވެގެން އާދޭ!" ފަރުހާދު އެދުނެވެ. "ރާނިއެއްހެން ގެންގުޅެލާނަން."
އަޒްރާ ޝައްކެއް ނުކުރެއެވެ. އެހެންނަމަވެސް ވަރިވާކަށް ފަސޭހައެއް ނުވާނެއެވެ. ޖިނާގެ ވިސްނުން ހުންނަ ގޮތް އަޒްރާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.
ޝާޒްލީގެ އެނދުގައި އޮށޯވެގެން އޮތް ބުޅާ މަޑުމަޑުން ގޮވައިލިއެވެ. ގަޑިން ރޭގަނޑު ދިހަގަޑި ބައިވަނީއެވެ. އޭރު ވެސް އަޒްރާ ގެޔަކަށް ނާދެއެވެ. ބަތްޕެންފޮދެއް ހަދައިގެން އައިސް ޝާޒްލީއަށް ދެވޭތޯ އަޒީޒާ މަސައްކަތް ކުރިއެވެ.
"އަޅެ އަދިވެސް ދަރިފުޅުގެ މަންމަ ނާދެއޭ!" އަޒީޒާ މަޑުމަޑުން ބުންޏެވެ.
ކުއްލިއަކަށް ދޮރު ހުޅުވައިލައިފައި އަޒްރާ ވަނެވެ.
"ދަރިފުޅާ ކޮންތާކު ތި އުޅެނީ؟" އަޒީޒާ ވަރަށް އޯގާތެރިކަމާ އެކުގައި އެހިއެވެ.
އަޒްރާ ޖަވާބެއް ނުދެއެވެ. އައި ގޮތަށް އައިސް ޝާޒްލީ ކަރުގައި އަތްޖައްސައިލިއެވެ.
"ދަރިފުޅާ މަންމަ އެހީ.." އަޒީޒާއަށް ބުނެވުނީ އެ ހިސާބަށެވެ.
"އަހަރެން ނޫން މީހަކު މިގޭގަ ނޫޅެނީތަ؟" އަޒްރާ ހަޅޭއްލަވައިގަތެވެ. "މަންމައަށް އުނދަގޫވަންޏާ މަންމަ އޮށޯވެލައިގެން އޮވެބަލަ! ޗަންދުރާއަށް ވެސް ތި ކަން ކުރެވިދާނޭ!"
"ކޮންތާކުންހޭ ތި އައީ އަހައިލިޔަސް .." އަޒީޒާއަށް ބުނެވުނީ އެ ހިސާބަށެވެ.
"އަހަރެން ހަމަ ގެއަށް ވަންނައިރަށް ކީއްވެގެންތަ އަހަރެން ދިޔަ ތަނެއް އަހަނީ؟" އަޒްރާ ހުރީ އާވިގަނޑު ބޭރުކޮށްލާނެ މީހަކު ނުފެނިފައެވެ. "ޖިނާ އަބަދު އެ އުޅެނީ ރަށުން ބޭރުގަ. ކީއްވެގެންތަ އޭނައަށް ގުޅައިފަ ކުދިންގެ ހާލުބަލަން އަންނަން ނުބުނަނީ؟ ދަރިފުޅު ވީމަ؟ މި ހީވަނީ އަހަރެން އެކަނި ހޯދި ދަރިންތަކެއްހެން."
މަންމަގެ އަޑު ގަދަކަމުން ފަޒޭލަށް ފިލާވަޅު ހެދޭވަރެއް ނޫނެވެ. ދެ ކަންފަތަށް އިނގިލި ޖަހައިގެން އިރުކޮޅަކު ފަޒޭލު އިނެވެ. އެންމެ ފަހުން ފޮތް ލައްޕައިލިއެވެ. އިއަފޯނު ކަންފަތަށް ޖެހުމަށް ފަހު ފޯނުން ލަވަޖަހަން ފެށިއެވެ. އެ ވަރުން ވެސް ކެތް ނުވެގެން އެނދުމައްޗަށް ފޯނު އެއްލައިލައިފައި ކޮޓަރިން ނުކުތެވެ. ސުހެއިލު އިނީ ކުޅިވަރު ކުޅޭށެވެ. ހެޑުފޯނު އަޅައިގެން އިނުމުން އޭނަޔަކަށް ޚަބަރެއް ނުވެއެވެ. އެ ކޮޓަރިއަށް ފަޒޭލު ވަނެވެ.
"ކިހިނެއްވީ؟" ކުޅެން އިން ކުޅިވަރު މެދުކަނޑައިލައިފައި، ހެޑުފޯނު ކަރުގައި އަޅުވައިލަމުން ސުހެއިލު އެހިއެވެ.
ފަޒޭލު ޖަވާބެއް ދިނުމުގެ ކުރިން ސުހެއިލަށް މަންމަގެ ޒީލަގަދަ އަޑު އިވުނެވެ. ސުހެއިލު ހިނިގަނޑެއް ޖަހައިލިއެވެ.
"މި ގޭގަ މިހާރު ކުރެވޭނެ ހަމައެކަނި ކަންތައް މަ މި ކުރަނީ!" ހެޑުފޯނު އަޅަމުން ސުހެއިލު ބުންޏެވެ.
ހަމަހިމޭން ރޭގަނޑެކެވެ. ރަށުގައި ގަދަ އަލިތަކެއް ދިއްލައިފައި ނެތުމުން އުޑުމަތި ވަރަށް ރީތިކޮށް ފެނެއެވެ. ތަރިތަކުގެ އަލި ގަދަވެފައި އަދަދު ގިނައެވެ. ޒޫނާ އިނީ އެނދުގައި އިށީނދެލައިގެން ކުޑަދޮރުން ބޭރު ބަލާށެވެ. އެ ތަރިތައް ފެނުމުން ކޮންމެވެސް ހަނދާނެއް ޒޫނާއަށް އާވާން އުޅޭ ކަހަލައެވެ. އެއީ، ފަތިސްހަނދުވަރުގެ އަލީގައި ތަރިތައް ބަލަން ޒޫނާ ގޮނޑުދޮށުގައި އޮށޯވެލައިގެން އޮތް ރޭ އުޑުމަތި ފެނުނު ގޮތްކަމެއް ހަނދާނެއް ނުވިއެވެ. ކުއްލިއަކަށް ކުޑަދޮރު ތެރެއިން ދޮންދޫންޏެއް ވަނެވެ. ކޮޓަރިތެރޭގައި ދެ ބުރެއް ޖެހުމަށް ފަހުން ދޮންދޫނި ޖެއްސީ އެ ތަނުގައި ހުރި އަލަމާރީގެ މަތީ ކަނެއްގައެވެ. ޒޫނާއަށް ދޮންދޫނި ފެނުނެވެ. ދޮންދޫނި އިނީ ޒޫނާއަށް ބަލަހައްޓައިގެން ކަމެއް ޒޫނާއަކަށް ނޭނގެއެވެ. ޒޫނާ އަނެއްކާ ވެސް ސަމާލުކަން ދިނީ ކުޑަދޮރުން ފެންނަން ހުރި މަންޒަރަށެވެ. ދޮރުގައި ޓަކިޖަހައިލުމަށް ފަހު ޖިނާ ވަނެވެ. ޖިނާއަށް ބަލައިލި ނަމަވެސް ޒޫނާ މާ ބޮޑު ޝައުޤުވެރިކަމެއް ނުދިނެވެ. ޖިނާ ހުރީ ދޮރު ހުޅުވައިލައިގެން ދޮރުމަތީގައެވެ. ދޮންދޫނީގެ ފިޔަގަނޑު ތަޅުވައިލިއެވެ. ޖިނާ ފެނުމުން ދޮންދޫންޏަށް އުނދަގޫވިއެވެ. އެ ވަގުތަކީ ގިނިހިލައެއް ދަތުރުކުރި ވަގުތެވެ. އެ މަންޒަރު ފެނުމާއެކު ޒޫނާ ފުންމައިގެން ތެދުވިއެވެ. އެނދުގެ ގޮދަޑިދަށުގައި އޮތް ޒޫނާގެ ފޮޓޯގަނޑު ނެގިއެވެ. ޖިނާ ހައިރާންވެފައި ޒޫނާއަށް ބަލަން ހުއްޓެވެ. ދޮންދޫނި އުފަލުން އަނެއްކާ ވެސް ބުރެއް ޖަހައިލިއެވެ. އަދި ޒޫނާގެ މޫނު ފެންނަ ހިސާބުގައި ފާރުގައި އިށީނެވެ.
"ޒޫނާ!" ޖިނާ މަޑުމަޑުން ގޮވައިލިއެވެ.
ޒޫނާއަށް ސިހުމެއް ލިބުނެވެ. އެ އަޑުގައި ރައްޓެހި ގޮތެއް ހުރިކަން ފާހަގަކުރެވުނެވެ. ވިސްނަމުން އެއް އަތަކަށް ބޯ އަރިކޮށްލިއެވެ. ދޮންދޫންޏަކަށް ކެތެއް ނުވިއެވެ. ކޮޓަރީގައި އުދުހެން ފެށިއެވެ. ޖިނާ ހިނިތުންވެލިއެވެ.
"ކާކު ތީ؟" ޒޫނާ ހައިރާންވެފައި އެހިއެވެ.
ދޮންދޫންޏަށް ވީ ގޮތް ބެލި ނަމަ ޖިނާއަށް ސިހުމެއް ލިބުނީއެވެ. އެކަމަކު ޖިނާ ސަމާލުކަން ދިނީ ޒޫނާއަށެވެ. ދޮންދޫނި ވަނީ ފާރުތެރެއަށެވެ. ޖިނާ މަޑުމަޑުން އައިސް ޒޫނާ ގާތަށް ހުއްޓުނެވެ. ކޮޓަރީގެ ދޮރު ހުރީ ހުޅުވައިފައެވެ.
"ތީ އޭނަތަ؟" ޒޫނާ ސުވާލުކުރިއެވެ.
"ކޮބާ އޭނައަކީ؟" ޖިނާ މަޑުމަޑުން އެހިއެވެ.
ޒޫނާގެ އަތް ޖިނާޔާ ދިމާއަށް ގެނައެވެ. ހުރި ފިޔަވަޅު މަތީގައި ޖިނާ ހުއްޓެވެ. ޒޫނާ އަތްލީ ޖިނާގެ މޫނުގައެވެ. އެ ވަގުތު ޒޫނާގެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ. އިތުރު ތަފުސީލަކަށް ޖިނާ ބޭނުމެއް ނުވިއެވެ. ޖިނާއަށް އެނގުނެވެ. ޒޫނާގެ ހަނދާނުގެ ކުނޑިފުކެއް ނަމަވެސް އެނބުރިއައީއެވެ.
"އަހަންނަށް އެބަ އިހުސާސް ވޭ!" ޒޫނާ ވައިއަޑުން ބުނެލިއެވެ.
މީޓަރު އެނބުރެމުން ގޮސް ހުއްޓުނުއިރު އަރައިފައި އޮތީ ނަވާރަ ރުފިޔާއެވެ. ޖިނާ ފައިސާ ދިނެވެ. އަދި ޕެޓުރޯލު ޓޭންކުގެ މަތިޖެހުމަށް ފަހު ސައިކަލުގައި އިށީނެވެ. އެ ވަގުތު ސައިކަލުގެ ލޯގަނޑުން ނިޝާ ފެނުނެވެ. އޭނަ ވެސް އިނީ ސައިކަލަށް ޕެޓުރޯލު އަޅަން އައިހެވެ. ޖިނާ ތަންކޮޅެއް ދުރުގައި ސައިކަލު މަޑުކޮށްލައިގެން ނިޝާގެ އިންތިޒާރުގައި އިނެވެ.
"ބޮޑުވަރު!" ޕެޓުރޯލު އަޅައިގެން ނިޝާ ދާން ފެށުމުން ޖިނާ ބުންޏެވެ.
ނިޝާއަށް ޖިނާ ފެނުނީ އެ ވަގުތުއެވެ. ޖިނާ މާލެ އައިކަމެއް ނިޝާ ނުވެސް ދެނަހުއްޓެވެ.
"އަހަނ!" ނިޝާ ވަރަށް އުފާވެފައި ބުންޏެވެ. "ކޮންއިރަކު މާލެއައީ؟"
"މިއަދު!" ޖިނާ ޖަވާބުގައި ބުންޏެވެ. "ނިޝާ ކީއްކުރަން މި ކޮޅުގަ ތި އުޅެނީ؟"
"ޑޮކްޓަރަށް ދައްކާލަން އައިސް މި އުޅެނީ." ނިޝާ ބުންޏެވެ.
ޖިނާ ދައްކަން ބޭނުމީ އެހެން ވާހަކައެކެވެ. ނިޝާ ވެސް ދައްކަން ބޭނުންވަނީ އެހެން ވާހަކައެކެވެ. އެހެންނަމަވެސް، އެ ވާހަކަތަކުގެ ސަބަބުން އެކަކަށް ވެސް ވާނެ ފައިދާއެއް ނެތެވެ. މައްސަލައަކީ އެއީއެވެ.
"ހިނގާބަލަ ކޮފީއެއް ބޯލަން." ޖިނާ އެދުނެވެ.
ނިޝާ ވެސް ހުރީ ދާން ބޭނުންވެފައެވެ. ވުމާއެކު ވަރަށް ފަސޭހައިން އެއްބަސްވިއެވެ. ދެ މީހުން އެކުގައި ގޮސް ކޮފީޝޮޕެއްގެ މޭޒު ކައިރީގައި އިށީނެވެ. ކޮފީއަށް އޯޑަރު ދިނެވެ. ހުރިހައި ވާހަކައަކަށް ވުރެ ވަކި ވާހަކައެއް މުހިންމުވުމުން އެހެން ވާހަކައެއް ދައްކާހިތެއް ނުވެއެވެ. ދެ މީހުންނަށް ވެސް ވީ އެހެންނެވެ. ނިޝާ ހީކުރީ ޖިނާ އެ ވާހަކަދައްކަން ބޭނުން ނުވާނެކަމަށެވެ. ޖިނާ ހީކުރީ ނިޝާ ބޭނުންވާނީ އެ ވާހަކަ ނުދައްކަން ކަމަށެވެ.
"ނިޝާ ގަބޫލުކުރިންތަ އެ ވާހަކަ؟" އެންމެ ފަހުން ޖިނާ އެ ވާހަކަ ފެށިއެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާޒޫނާ
05 June 2018
އަނެއްކާވެސް ޖިންނި ޖިނާ
ކޮބާ
04 June 2018
ފަސް ގަޑިއިރު ވީ އިރު އެންމެ ކޮމެންޓެއްވެސް ނެތް!!! އެންމެން ނިދާފަތަ?