ފައްޒަ އޮފީހުގައި: ޖެންޑަ މިނިސްޓްރީގައި އަދާކުރާ މުހިއްމު ވަޒީފާގައި އެހީތެރިކަން ފޯރުކޮށްދެވޭތީ ހިތްހަމަޖެހޭ.
12 ޖޫން 2018 - 08:26
ވަޒީފާގައި ފައްޒަ ފުއާދުގެ އެކި ދުވަސްތައް ތަފާތެވެ. ބައެއް ދުވަސްތައް ނިމެނީ މަސައްކަތުގެ ގޮންޖެހުންތަކުގެ މާޔޫސްކަންމަތީގަ އެވެ. ދެން ހުންނަނީ ހިތް ފުރިގެން ފައްޒަ ގެ އަށް ދާ ދުވަސްތަކެވެ. ސޯޝަލް ވޯކަރެއްގެ ބުރަ، އުނދަގޫ ޒިންމާތައް އަދާކުރުން އޭނާގެ އުފަލަކަށް ހަދައިދެނީ އެފަދަ ދުވަސްތަކެވެ.
އެހެން ބައެއް ޒުވާނުންނެކޭ އެއްގޮތަށް ފައްޒަ އަށް ވެސް، ސްކޫލް ނިންމައި މަސައްކަތުގެ މައިދާނަށް ނުކުތް އިރު ކުރިއަށްދާނީ ކޮން ރޮނގަކުން ކަމެއް ނޭނގެ އެވެ. އޭލެވެލް އަށް ފަހު ވަޒީފާއެއް ހޯދަން އުޅެނިކޮށް 2010ގައި ޖެންޑަ މިނިސްޓްރީން ފުރުސަތެއް ލިބުނީ އިއްތިފާގަކުންނެވެ. އެ ތަނުގައި ކުރަން އޮންނާނީ ކޮން ކަމެއް ކަން އޭނާ އަށް އޭރު މާ ބޮޑަކަށް ރޭކައެއް ވެސް ނުލަ އެވެ. ކުރަން އެންމެ ބޭނުންވަނީ އެ މަސައްކަތްކަން ފައްޒަ އަށް އެނގުނީ ވަޒީފާގައި އުޅެން ފެށީމަ އެވެ.
އިޖުތިމާއީ މަސައްކަތްތެރިއަކަށް ވުމުގެ ޝައުގުވެރިކަން ފައްޒަގެ ހިތުގައި ބިންވަޅު ނަގައިދިނީ އެ މަސައްކަތުގެ މުހިއްމު އަދި ބޭނުންތެރި ދައުރެވެ. އަނިޔާގަ އާއި އަޅާލުން ނުލިބި މުޖުތަމައުގައި އެންމެ ދަތި ހާލުގައި އުޅޭ މީހުންނަށް އެހީތެރިވެދެވޭކަން އެއީ ފައްޒަގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. މަތީ ތައުލީމަށް ވަޒީފާ އިން ވަކިވިޔަސް ޑިސެމްބަރު 2014ގައި އޭނާ އަނެއްކާވެސް ޖެންޑަ މިނިސްޓްރީއާ ގުޅުނު ސަބަބަކީ އެއީ އެވެ. ކޯހުގެ ފަހު އަހަރު އޮފީހުގައި މަސައްކަތް ވެސް ކުރަމުން ސައިކޮލޮޖީން ޑިގްރީ ހާސިލްކޮށްފައިވާ ފައްޒަ، 27، އަކީ މިހާރު ޖެންޑަ މިނިސްޓްރީގެ ޑިރެކްޓަރެކެވެ. ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންނަށް އާއިލީ ލޯބި ހޯދައިދީ އެ ކުދިން އަނބުރާ މުޖުތަމައު އަށް ނެރެން އެ މިނިސްޓްރީގައި މިދިޔަ އަހަރު އުފެއްދި ސެކްޝަންގެ ވެރިޔާ އެވެ.
"ބައެއް ދުވަސް ދުވަހު ހެނދުނު އަށެއް ޖަހާ އިރު އޮފީހަށް ދާ ގޮތަށް ރޭގަނޑު 12 ޖަހަންދެން ވެސް އުޅެން ޖެހޭ. އެކަމަކު ވަރުބަލިވާ ކަމެއް ވެސް އިހުސާސެއް ނުކުރެވޭ. މިފަދަ މީހުންނަށް ނުވަތަ ކުދިންތަކަކަށް އެހީތެރިވެދެވޭކަމުގެ އުފާވެރިކަން މާ ބޮޑު."
ބަލާނެ ބަޔަކު ނެތިގެންނާއި އިހުމާލުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައި ތިބޭ ކުޑަކުދިން އަނބުރާ އާއިލާތަކާ ހަވާލުކުރުމާއި ފޮސްޓަރިންގެ ދަށުން އެފަދަ ކުދިންނަށް ގާނޫނީ ބެލެނިވެރިން ހޯދައިދިނުމުގެ މަސައްކަތް ކުރަނީ ފައްޒަގެ ބެލުމުގެ ދަށުންނެވެ. އެކަމާ ގުޅޭ ނިންމުންތައް ނިންމުމަކީ "މެންޓަލީ ވަރަށް ވަރުބަލިވާ ކަމެއް"ގެ ގޮތުގައި ސިފަކުރަމުން ފައްޒަ ބުނަނީ މިހާތަނަށް ކުރަން ލިބުނު އެންމެ އުފާވެރި މަސައްކަތަކީ ވެސް އެއީ ކަމަށެވެ. އޭނާގެ ހިތްހަމަޖެހުމަކީ ގޮތެއް ނުފެނި މަރުކަޒުތަކެއްގައި އުޅެން ޖެހިފައި ތިބި ކުޑަކުދިންތަކެއް އެ ތަންތަނުން ނެރެ އާއިލީ ލޯތްބާއި އަޅާލުން ހޯދައިދެވޭ ކަމެވެ.
"ކަމެއް ކުރެވޭ ކަހަލަ އިހުސާސެއް ކުރެވޭ މި މަސައްކަތުން،" ފައްޒަ ބުނެލި އެވެ.
"އެ ކުދިންނަށް މިހާރު އެހެން ގޮތްތަކެއް ހޯދައިދެވިފައި އާއިލާ ތެރޭގައި އެ ކުދިން ރަނގަޅަށް އުޅޭ ތަން ފެނުނީމަ އެއީ ހަމަ ވަރަށް އުފާވާ ކަމެއް. ކުރިން ވެއްޖެއްޔާ ހަވާލުކުރާ ކުދިންގެ ކަންކަން ބަލާކަށް ވަކި ބަޔަކު ނުތިބޭ. ހަވާލުކުރާ ކުދިން އަނބުރާ ހިޔާ އަށް އަންނަން ޖެހޭ ތަން ވަރަށް ގިނައިން އާދޭ. އެކަމަކު މިހާރު އެ ކަމުގައި ހުރި މައްސަލަތައް ދެނެގަނެވި، ހައްލުތަކެއް ގެނެވިއްޖެ. މި މަސައްކަތް ކުރާތާ މި ވީ ދޮޅު އަހަރު ތެރޭ އަދި އެއްވެސް ކުއްޖަކު އަނބުރާ ގެންނާކަށް ނުޖެހޭ."
ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ބަލަހައްޓާ ކުދިންގެ ތެރެއިން މިދިޔަ އަހަރު ހަތް ކުއްޖަކަށް ފޮސްޓަ ކެއާ ހޯދައިދިނުމުގެ އިތުރުން 20 ކުއްޖަކު އާއިލާތަކާ އަނބުރާ ހަވާލުކުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ފައްޒަ ދެކެ އެވެ. ޚާއްސަކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ކުދިންނަށް އެ ނޫން ގޮތެއް ފެނިފައިވާތީ އެވެ.
ކުދިންނާއި އާއިލާތަކާއި ބެލެނިވެރިންގެ އުފާވެރިކަން ދެކެން އެ ލިބޭ ފުރުސަތަކީ އުނދަގޫތަކާއި ހުރަސްތަކާ އެކު ވެސް މި މަސައްކަތުގައި ދެމިހުންނަން ފައްޒަ ބޭނުންވާ ސަބަބެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި 10 އަހަރު ހޭދަކުރުމަށް ފަހު ތިން ކުއްޖަކު އަނބުރާ އެ ކުދިންގެ އާއިލާއާ ގުޅުވައިދިނުން ފަދަ މަސައްކަތްތައް، ގޮންޖެހުންތަކެއް ހުއްޓަސް، ކާމިޔާބެވެ. އުމުރުން ދޮށީ ކުދިންނަށް ގާނޫނީ ބެލެނިވެރިން ހޯދަން ކިތަންމެ ދައްޗަސް އެފަދަ ކުއްޖަކަށް އާއިލާއެއް ހޯދައިދެވޭ ފަހަރަކީ ފޮނި ތަޖުރިބާއެކެވެ.
"ވަރަށް ގިނަ ދުވަސްކޮށްފައި ފުރަތަމަ ފަހަރަށް މަންމައަކާއި ކުދިން ބައްދަލުވެ އާއިލާގެ އެންމެން ކުދިންނަށް މަރުހަބާ ކިޔައި އެ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނެގި އިރު ކަންތައް ހުރި ގޮތާ ބަލާފައި ކަންކަން ވަރަށް ބޮޑަށް ރަނގަޅުވެފައި ހުންނަ ތަން ފެނުން އެއީ ވަރަށް އުފާވެރި މަންޒަރެއް. ދެން ފޮސްޓަރިން އަށް ބަލާ އިރު، ގިނަ ފަހަރަށް މި އަންނަނީ ދަރިން ނުވެސް ލިބޭ މީހުން. ގިނަ ފަހަރު އެ މީހުން ދާނީ ކުއްޖަކު ލިބިގެން،" ފައްޒަ ބުންޏެވެ.
"އެ ކުދިން ގޭތެރޭގައި އާއިލާގެ ކުއްޖެއް ގޮތަށް އުޅޭ ތަން ފެންނަ ކޮންމެ ފަހަރަކީ ވަރަށް އުފާވެރި ވަގުތުކޮޅެއް، ޚާއްސަކޮށް ބޮޑެތި ކުދިން ފޮސްޓަކުރާ އިރު. ދެން ހަގު ކުދިން ވެސް، މަންމަ/ބައްޕަ ކިޔައިގެން އެ މީހުންނާ އެއްކޮށް އުޅޭ ތަން ފެނުނީމަ ވަރަށް އުފާވޭ. އިއްތިފާގުން، ވަރަށް ގިނަ ފަހަރު ފޮސްޓަ ޕޭރެންޓްސްއާ ކުދިންނާ ވަރަށް ވައްތަރު ވެސް ވާނެ. ހަމަ ނޭނގޭނެ އެ މީހުންގެ ކުއްޖެއް ނޫންކަން ވެސް. ކީއްވެގެން ކަމެއް ނޭނގެ. އެކަމަކު އެއީ ވެސް ވަރަށް އުފާވެރި ކަމަކަށް ވަނީ."
ފައްޒަ އޮފީހުގައި: ބޮޑެތި ޒިންމާތަކެއް އަންނަނީ ނަގަމުން
ފައްޒަ ވަނީ ޖެންޑަ މިނިސްޓްރީގައި ކުރިން ވެސް މުހިއްމު ދައުރުތަކެއް އަދާކޮށްފަ އެވެ. ކޭސް ވޯކަރެއްގެ ގޮތުގައި މަސައްކަތްކުރި އެވެ. އަދި މުހައްމަދު އިބްތިހާލްގެ މަރަށް ފަހު ގެނައި އިސްލާހީ ބަދަލުތަކުގެ ތެރޭގައި އަތޮޅުތަކުގެ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތައް ސުޕަވައިޒްކުރަން 2015ގައި ހަމަޖެއްސި މިނިސްޓްރީގެ މުވައްޒަފުންގެ ތެރޭގައި ވެސް ފައްޒަ ހިމެނުނެވެ. އޭނާއާ ހަތް އަތޮޅެއް ހަވާލުކުރި އިރު، ހުށަހަޅާ މައްސަލަތަކާ ބެހޭ ގޮތުން ސެންޓަރުތަކުގެ މުވައްޒަފުންނަށް ލަފާ ދީ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދެ އަހަރު ދުވަހު ކުރި އެވެ. އަދި މުޅި 2016ގައި ޑިއުޓީ ޓީމްގެ މެނޭޖަރަކަށް ވެސް ހުރީ ފައްޒަ އެވެ. އެ ޓީމުގެ މަސައްކަތަކީ މިނިސްޓްރީ އަށް ހުށަހަޅާ ހުރިހާ މައްސަލަތަކެއް ބަލައިގަނެ އެ ކަންކަމަށް އިޖާބަދިނުމެވެ.
"މިހާރު ވެސް އޮންކޯލްގައި ތިބޭ ސްޓާފުން ސުޕަވައިޒްކުރަން. އެކަން އޮންނަނީ ތިން މީހަކަށް ބަހާލާފައި. ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު ޖެހޭނެ އޮންކޯލް ސުޕަވައިޒްކުރަން. ސްޓާފަކު ކޭސްއެއްގައި އުޅެންޏާ އަޅުގަނޑު ވެސް ޖެހިދާނެ ހޭލާ އުޅެން،" ފައްޒަ ބުންޏެވެ.
އޭނާ ފާހަގަކުރާ ގޮތުގައި ޖެންޑަ މިނިސްޓްރީގައި ތަމްރީން ލިބިފައިވާ ފަންނީ މުވައްޒަފުން މަދުވުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަދި ސޯޝަލް ވޯކަރުން އަދާކުރަން ޖެހޭ ދައުރާއި ދާއިރާގެ ގޮތުން ވެސް މަސައްކަތްތައް ގިނަވެފައި ބުރަ ކަމަށް ފައްޒަ ބުނެ އެވެ. ސޯޝަލް ވޯކަރެއްގެ ޒިންމާ އުފުލޭނީ އެ ކަމަށް ހިތުގެ އަޑިން ޝައުގުވެރިކަން ހުރެގެން ކަމަށް އޭނާ ދެކޭ ސަބަބަކީ އެއީ އެވެ.
"މި މަސައްކަތަށް ވަރަށް ބައިވަރު ވަގުތު ދޭން ޖެހޭ. އަބަދުވެސް އޮން ކޯލްގައި ނުވަތަ އެލާޓްގައި ހުންނަން ޖެހެނީ، ކަމެއް ދިމާވެދާނެ ކަމަށް. އަނެއްކާ ރާއްޖޭގައި މި މަސައްކަތުން ލިބޭ އާމްދަނީއަކީ އެހެން ގައުމުތަކާ އަޅާބަލާ އިރު ވެސް ކުޑަ އާމްދަނީއެއް. އެކަމަކު ޕެޝަން ހުރިއްޔާ ކުރަން ވަރަށް ރަނގަޅު އަދި ހިތްހަމަޖެހުން ލިބޭނެ ކަމެއް މިއީ،" ފައްޒަ ފާހަގަކުރި އެވެ.
އޭނާ ބުނަނީ "ހިތްހަމަޖެހިގެން ގެ އަށް ދާ ދުވަސްތަކާއި ހިތްހަމަނުޖެހި ދާ ދުވަސްތައް ވެސް" އަންނަ އިރު، ކަމެއް ނުވެގެން އިހުސާސްކުރަން ޖެހޭ ނުތަނަވަސްކަމަށް ވުރެ، ކާމިޔާބީއަކުން ނިމޭ ދުވަސްތަކުގެ އުފާވެރިކަން މާ ބޮޑު ކަމަށެވެ.
"ބައެއް ދުވަސް ދުވަހު ހެނދުނު އަށެއް ޖަހާ އިރު އޮފީހަށް ދާ ގޮތަށް ރޭގަނޑު 12 ޖަހަންދެން ވެސް އުޅެން ޖެހޭ. އެކަމަކު ވަރުބަލިވާ ކަމެއް ވެސް އިހުސާސެއް ނުކުރެވޭ. މިފަދަ މީހުންނަށް ނުވަތަ ކުދިންތަކަކަށް އެހީތެރިވެދެވޭކަމުގެ އުފާވެރިކަން މާ ބޮޑު."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިކްޓޮކް123
12 June 2018
ފައްޒަ އާ އެކީ މަސައްކަތް ކުރަން ދުވަސްކޮޅެއް ލިބުނު. ހުރިހާ ގޮތަކުން ވެސް ވަރަށް ފުރިހަމަ މުވައްޒަފެއް. ފައްޒަ ނަމޫނާއަކަށް ބަލައިގެން ޖެންޑާ މިނިސްޓްރީ ކުރި އަރާނެ. މިނިސްޓަރަށް ވެސް ގޮވާލަން ހުސް ފައްޒަ ކަހަލަ މީހުން އެ މިނިސްޓްރީއަށް ވައްދަން
ޚިޔާލް123
12 June 2018
އުދަގޫ ބުރަ މަސައްކަތެއްގެ ގޮތުގައި ދެކެން.. ތިޔަދައްކާ ހިއްވަރަށް ސާބަސް ރައްދުކުރަން..
އަހުމަދު އަލީ
12 June 2018
ރަގަޅު، ގަދަ، މޮޅު. ގައްޑާ
ޯޮޮއޯވަރވޯކްޑްއަންޑަރޕެއިޑް
12 June 2018
ޥަރަށް ފުރިހަމަ އަރޓިކަލްއެއް، ގައުމަށް ބޭނުންވަނީ ތިކަހަލަ ދަރިން ??
ޝާހީން
12 June 2018
ގަދަ
ދިވެހި
12 June 2018
ތީ ހަމަ ފަހުރުވެރިވާފަދަ ދިވެހި ދަރިއެއް !
އަލީ ޢަހްމަދު
12 June 2018
ވަރަށް ފުރިހަމަ އާޓިކަލްއެއް. ފައްޒަގެ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށީ.އާމީން
ފަސީ
12 June 2018
"ބައެއް ދުވަސް ދުވަހު ހެނދުނު އަށެއް ޖަހާ އިރު އޮފީހަށް ދާ ގޮތަށް ރޭގަނޑު 12 ޖަހަންދެން ވެސް އުޅެން ޖެހޭ." ކޮބާ އަމިއްލަ އާއިލާ، ދަރިން، ފިރިމީހާ، މަންމަ ބައްޕަ، އެމީހުންނަށްވެސް އަޅާލުން ބޭނުންވޭނޫންތަ.
ސީފާ
12 June 2018
ފައްޒަ ބުނެފަ އޮތީ ބައެއް ދުވަސް ދުވަހު އޭ! ކޮންމެ ދުވަހަކުގޮސް އަޅާފަ އިންނަ ވާހަކައެއް ނޫން!! އެހެންވީމަ ދިރިއުޅެން އެނގޭ މީހުނަނަށް ޙައްޤުތައް އަދާކޮށްގެން އުޅެން އެނގޭނެ.. ފަސީ މެންގެ ވިސްނުން އަދި ޅައީ!!
ކްރަޝް
12 June 2018
ފައްޒަ މައި ލަވް 3>
ޏަން
12 June 2018
ޢަސްލު ހިތްހަމަ ޖެހުމަކީ މީ ޕްރައުޑް ޓް ބީ އަ ސޯޝަލް ވޯކަރ
މަރީ
12 June 2018
ތިޔައީ ނަމޫނާ މިސާލެއް. ވަރަށް ރަނގަޅު މީހެއް އަދި މަސައްކަތުގެ މާހައުލުގައި ހަމަ ބެސްޓް. ތިޔަ ކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި.