ޢަޞުރު · 15:10

ކަދުރު ދެނީ ފަގީރުންނަށް، ބެހުން ކައުންސިލްތަކަށް

ސައުދީ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކުރި 50 ޓަނުގެ ކަދުރު ބަހާއިރު އިސްކަން ދޭނީ ފަގީރުންނަށް ކަމަށާއި އެ ކަދުރު ބެހުމަށް ކައުންސިލްތަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.


ޑެޕިއުޓީ މިނިސްޓްރީ އަހުމަދުﷲ ޖަމީލް، "މިހާރު" އަށް ވިދާޅުވީ ފަގީރުންގެ ލިސްޓަށް ބަލައި ކައުންސިލްތަކާ ކަދުރު ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ. އިތުރު މީހުންނަށް ކަދުރު ބަހާނީ ފަގީރުންނަށް ބަހައި ބާކީވާ ނަމަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ރަށެއްގެ ކައުންސިލާ ވެސް ކަދުރު ހަވާލުކުރާނަން. އަޅުގަނޑުމެންގެ އަތުގައި އެބަ އޮތް ފަގީރުންގެ ލިސްޓް. އެ ލިސްޓަށް ބަލައި ހަވާލުކުރާނީ،" އަހުމަދުﷲ ވިދާޅުވި އެވެ.

ސައުދީން ލިބިފައިވާ ކަދުރުން ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ނުބެހޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެހެންކަމުން އާއްމުކޮށް ބެހުމަށްޓަކައި އެހެން ގައުމުތަކުން ކަދުރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ކުރީ އަހަރުތަކުގައި މެދުއިރުމަތީގެ އެހެން ބައެއް ގައުމުތަކުން ވެސް ރާއްޖެ އަށް ކަދުރު ހަދިޔާކުރި އެވެ. އޭގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ވެސް ހިމެނެ އެވެ.