08 މެއި 2019 - 08:30
ވަކިނުވާން ވީ ވައުދުތަކާ އެކު ކުރެވުނު ކައިވެނީގެ ގޮށް މޮހުނީ އެވެ. ކޯޓުން ދެ މީހުން ވެސް ނިކުތީ އެ ނިންމުމާ ދޭތެރޭ ހިތްހަމަޖެހިގެންނެވެ. ކައިވެންޏަށް ލިބުނު އަންހެންދަރިފުޅުގެ ބެލެހެއްޓުމުގެ ޒިންމާ ހަވާލުވީ ނާއިލާއާ އެވެ. އަހަރެންގެ ޒިންމާއަކީ ޚަރަދު ދިނުމެވެ. އަދި ދެ މީހުންގެ މެދުގައި ވާހަކަދައްކައިގެން އެއްބަސްވާ ގަވާއިދެއްގެ ދަށުން ދަރިފުޅާ ބައްދަލުވުމުގެ އިޚުތިޔާރު އަހަންނަށް ލިބުނެވެ.
ސައިކަލު ނެރެގެން އައިއިރު ނާއިލާ މަގުގެ އަނެއްކޮޅަށް ބަލަހައްޓައިގެން ހުރީ ފޯނެއްގަ އެވެ. ބަލާ އަންނަން ކޮންމެވެސް މީހަކަށް ގުޅަނީ ކަމަށް ވެދާނެ އެވެ. ފަސްދީފައި ދިޔައިރު ލޯގަނޑުން އެ ސޫރަ ދުރުވަމުން ދިޔަތަން ފެނުނެވެ.
އެނބުރި ގޮސް ދޮރު ހުޅުވާލުމާ އެކު ގެއިން މަރުހަބާ ކީ ހުސްކަމެވެ. ވަރިއަށް ފޯމު ލައިފައި އޮތަސް މިއަދާ ޖެހެންދެން ނާއިލާ އުޅުނީ އަހަރެންގެ ގޭގަ އެވެ. އެކަމަކު ދަރިފުޅުގެ ކޮޓަރީގަ އެވެ. ކައިވެންޏަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭ އަހަރެމެންގެ މެދުގައި ލެވި އުސްވަމުންދިޔަ ފަދަ ފާރެއްގެ އަނެއްފަރާތުގަ އެވެ.
ފެންޑާ ހުރަސްކޮށްފައި ގޮސް ދަރިފުޅުގެ ކޮޓަރި ހުޅުވާލިއިރު އެތަނުން ވެސް މިއަދު ދިރުމުގެ އަސަރެއް ނުފެނުނެވެ. ހަމައެކަނި ހުރީ ފޮޓޯތަކެއްގެ ސިފައިގައި ފަހަތަށް ދޫކޮށްދިޔަ ހަނދާންތަކެކެވެ. ކޮޓަރީގެ އެއްބިތް ފުރާލާފައިވާ ބޮޑު ފޮޓޯގަނޑުގައި ނާއިލާ ހުރީ ތުއްތު ނީރާ އުރާލައިގެންނެވެ.
ނީރާގެ ހިނިތުންވުމަކީ ނާއިލާގެ ފަރާތުން ވާރުތަވެފައިވާ ސިފަ އެކެވެ. ހީލާއިރު ކޮލަށް އެޅޭ އަޑިކޮޅު ވެސް މެ އެވެ. އެއީ ދެ އަހަރު ކުރިން އަހަރެންގެ ހިތް ވަގަށް ނެގި ހިނިތުންވުމެވެ. ބަލަބަލާ ހުއްޓާ އަހަރެންގެ ލޯ ފެންކަޅިވި އެވެ. އެކަމަކު އެއީ ނާއިލާ އަހަންނާ ވަކިވެގެން ހިތުގައި އުފެދުނު ރިހުމެއްގެ ނަތީޖާއެއް ނޫނެވެ. ގެއްލިދިޔަ ވަގުތުތަކާ މެދު ކުރާ ހިތާމަ އެވެ. އެ ކައިވެނި ސަލާމަތްކުރަން މެދުކެނޑުމެއްނެތި އަހަރެން ކުރި މަސައްކަތުން ނުނެރެވުނު ނަތީޖާގެ ހިތި އަސަރެވެ.
ނާއިލާ އަހަންނަށް ފެނުނީ ރާއްޖެތެރެއަށް ކުރި ދަތުރެއްގެ ތެރެއިންނެވެ. ފުރަތަމަ ނަޒަރުން އަހަރެންގެ ސަމާލުކަން އޭނަ އަތުލި އެވެ. ކޮލަށް އެޅުނު އަޑިކޮޅާ ރަކިވެގެން އިސްޖަހައިލި ގޮތް ހިތުގައި ބިންވަޅު ނެގުނެވެ. އެކުވެރިޔަކާ އެއްކޮށް އަހަރެން ގޮސް އިންނަނީ އެ ގޭ ކުރިމަތީ އެލުވާފައިވާ ބޮޑު އުނދޯއްޔެއްގަ އެވެ. ނާއިލާ ހެނދުނު ކުނި ކަހަން ނިކުންނަ ގަޑި އާއި މެންދުރަށް ކައްކަން ވަޅުފެންބަލާ ދާ ގަޑި އަހަންނަށް ހިތު ދަސްވި އެވެ. ނާއިލާ ލައި އުޅޭ ހެދުންތަކުގެ ތެރެއިން އޭނަގެ ހަމާ އެންމެ ގުޅެނީ މަޑު ނޫކުލައެއްގެ ހެދުމެއްކަން ފާހަގަވި އެވެ.
ގާތްގަނޑަކަށް ހަފްތާއެއް ވަންދެން ދުރުން ބަލާލައިގެން އަހަރެން ހިތްހަމަޖައްސާލީމެވެ. މަގުގެ އަނެއްފަރާތުން އެގޭ ފާރު ކައިރިއަށް ޖެހިލީ ދެން ފެށުނު ހަފްތާގަ އެވެ. އެ ދުވަހު ހުސްފުޅި ހިފައިގެން ނިކުތްތަނާ އޭނަގެ ފަހަތުން ފެން ވަޅާ ހަމައަށް އަހަރެން ދިޔައީމެވެ. ނާއިލާގެ ފުށުން ލިބުނީ ހަމައެކަނި ހިނިތުންވުމެކެވެ. ދެވަނަ ދުވަހު އަތުގައި ހިފާފައި ރައްޓެހިވާން ބޭނުން ވާހަކަ ބުނުމުން ނާއިލާގެ ލޯ ބޮޑުވި އެވެ. އަހަރެންގެ އަތް ފޮޅުވާލައިފައި ދެން ވަދެ ގެއްލުނީ ގޯތިތެރެއަށެވެ. މާ އަވަސް އަރުވާލެވުނު ކަމަށް ޓަކައި އަމިއްލަ ނަފްސަށް އަޑުލެވުނެވެ.
ނާއިލާ އާއި އަހަރެން ރައްޓެހިވެގެން ހަފްތާއެއް ވަންދެން އުޅުނުއިރު އަހަންނަށް މުޅިން ވެސް ފެނުނީ ކަމުދިޔަ ސިފަތަކެވެ. އަހަރެން ބުނާ ކޮންމެ އެއްޗަކަށް އޭނަގެ ޖަވާބު އަންނަނީ އަބަދުވެސް ބޯ ޖަހައިލުމަކުންނެވެ. ލަދުން އަނގައިން ބުނާކަށް ނުކެރެ އެވެ. ބޮޑުވަރަކަށް ވެސް އޭނަ ޖަހައިލާނީ ލުއި ހިނިގަނޑެކެވެ.
ކައިވެންޏަށް ފަހު ވެސް ލަދުރަކިކަން ކެނޑޭނެބާވައޭ އޭރު ހިތަށް އެރި އެވެ. އެހާ ކިޔަމަންތެރިވެފައި އެހެން މީހުންގެ އިހްސާސްތަކާ މެދު ހިޔާލު ބަހައްޓަ އެވެ. އަބަދު ހުންނާނީ ކޮންމެވެސް މަސައްކަތެއް ކުރާ ހިތުން ހޯދައިހޯދައިލަ އެވެ.
މީހުން ބުނެ އުޅެ އެވެ. މީހަކު ދަސްކުރަން ކިތަންމެ ދުވަހަކު އެކުގައި އުޅުނަސް ދަހެއް ނުވާނެ އެވެ. ފެންނާނީ އެ މީހަކު ދެއްކި ކުލައެކެވެ. ހަގީގަތް އޮންނާނީ ފޮރުވިފަ އެވެ. އެއީ ކިހާ ބޮޑު ތެދެއްކަން އަހަންނަށް ވިސްނެން ފެށީ ކައިވެނީގެ ފަހުންނެވެ. ފުރަތަމަ ޖެހެން ފެށީ ކުދި ކުދި މައްސަލަތަކެވެ. މީގެ ކުރިން އަހަރެން ބުނާ ކުރިން ފެނުނު ލަދުރަކި ކަމަކީ ނާއިލާ ނުވެސް ދަންނަ އެއްޗަކަށްވި އެވެ. އެހެން މީހުންގެ އިހްސާސްތަކަށް އިޚުތިރާމް ކުރުމަކީ ނާއިލާ ކުރާނެ ފަހު ކަންތަކެވެ. އެންމެ އިސް ވާނީ އޭނަގެ އަމިއްލަ ނަފްސެވެ. އަހަރެންގެ މަންމައާ ދިމާ އަށް ވެސް މޫނުމަތީ އެތިވަރު ގޮވާލަފާނެ އެވެ.
ކުރިން މަސަކަތް ކުރާ ހިތުން ހުއްޓު ނުހުންނަ ކުއްޖާ އަބަދު އޮންނަނީ އެނދަށްއަރައި ނިދައިފަ އެވެ. އަހަންނަށް ކާންދީ އަހަރެންގެ އެއްޗެހި ވެސް ދޮންނަން ޖެހުނީ މަންމައަށެވެ. ހީވަނީ އޭނަގެ ރަށުން އަހަންނާ ދިމާވި ނާއިލާއަކީ އެހެން މީހެއް ހެންނެވެ.
އަހަރެންގެ މަންމައަކީ އަހަރެން ކުރާ ކަންކަމަށް ބާރު އަޅާ މީހެއް ނޫނެވެ. އެކަމަކު މަންމަ އަށް ވެސް ނާއިލާ އުޅޭގޮތުން އެއްޗެއް ނުބުނެއެއް ނުހުރެވުނެވެ. ވަގުތު އޮއްވާ ވަރިވާން މަންމަ ލަފާދިންއިރު މާ ލަސްވެއްޖެ އެވެ. ނާއިލާ ބަލިވެއިންކަން އެނގުމުން އަހަރެން އޭނަ ގޮވައިގެން ބަދަލުވީ ވަކި އެޕާޓްމެންޓަކަށެވެ.
އެތާނގައި ނާއިލާ ބޭނުން ގޮތަކަށް އުޅުމުގެ ފުރުސަތު ދިނީމެވެ. ނޯކަރެއްހެން ހެސްކިޔާފައި މަސައްކަތް ކުރާކަށް އަހަރެން ބާރެއް ނާޅަމެވެ. އަބަދު ކޮޓަރިތެރެ އޮފްއަރައަރާ ހުންނާކަށް ވެސް ޝަރުތެއް ނުކުރަމެވެ. އަނބިމީހާ ފަދައިން ބައެއްފަހަރު ފިރިމީހާ ވެސް ކުދި ކުދި ކަންތައް ކުރަން ޖެހޭނެ ކަމުގައި ގަބޫލު ކުރީމެވެ. ގޭގެ މަސައްކަތް ކުރަން ބަންގާޅިއަކު ގެނެސްފައި ވީހާ ވެސް ބޮޑަށް ނާއިލާ އަށް ލުއި ދިނީމެވެ.
ދަރިފުޅު ލިބުނުތަނާ ނާއިލާ ވަރިއަށް އެދެން ފެށި އެވެ. އަހަރެން ގޮތް ހުސްވި އެވެ. ނަސޭހަތްދީގެން އޭނަ ގަބޫލެއް ނުކުރި އެވެ. ވަރިވާން އަހަރެން ނިންމީ ނާއިލާގެ އާ ލޯބިވެރިއެއް ހުންނަކަން ފަޅާއެރި ހިސާބުންނެވެ.
ނާއިލާގެ ދެވަނަ ކައިވެންޏަށް ދުވަސްކޮޅެއް ވީތަނާ އޭނަ ބޭރަށް ބަދަލުވި ޚަބަރު ލިބުނެވެ. އެކަން އަހަންނަށް އެންގީ ނޯޓަކުންނެވެ. ދަރިފުޅު ބޭނުން ނަމަ ހޯދަންދާން ބުނެފައި އޮތީ އޭނަގެ ރަށަށެވެ. ވަގުތުން ހުރިހާ އެއްޗެއް ދޫކޮށްލައިފައި އަހަރެން ފުރީ އެ ރަށަށެވެ. އަހަރެން އުންމީދު ކުރީ ދަރިފުޅު މަތަނުވެގެން ކަންބޮޑުވެފައި އޭނަގެ މާމަ އިންނާނެ ކަމަށެވެ. އެކަމަކު ގެއަށް ގޮސް ވަނުމުން ފެނުނީ ދަރިފުޅު އުރައިގެން ނާއިލާ އިންދަ އެވެ.
އަހަރެން ފެނުމާ އެކު ނާއިލާ ސިއްސައިގެން ދިޔަ އެވެ. އެ ލޮލުން އަހަންނަށް ބެލީ ކައިވެނީގެ ކުރިން ބެލި ނަޒަރުންނެވެ. ދަރިފުޅު ގެނެސް އަހަރެންގެ އަތަށް ލައިދީފައި ނާއިލާ ވަދެ ގެއްލުނު ކޮޓަރިއާ ދިމާއަށް ބަލަން ހުރެވުނީ ހައިރާން ވެފަ އެވެ. ސުވާލު އުފެދިފަ އެވެ. އަހަންނަށް ހުރިހާ ކަމެއް އޮޅުންފިލުވައިދިނީ ނާއިލާގެ މަންމަ އެވެ.
ރަށުން އަހަންނަށް ފެނުނީ ނާއިލާއެއް ނޫނެވެ. ނާއިލާގެ އެއްމާބަނޑު ކޮއްކޮ ނާޔާ އެވެ. ނާޔާއަކީ އުފަންވީއިރު ކަންފަތަށް އަޑު އިވުމުން މަހުރޫމުވެފައިވާ ކުއްޖެކެވެ. ނާއިލާ އަށް އަހަރެން ފެނިގެން ނާޔާގެ މަގާމަށް އަންނަން ބޭނުންވީ އެވެ. އޭނަގެ ނުކުޅެދުންތެރިކަން އެނގިގެން އަހަރެން އޭނަ ދޫކޮށްލާނެ ކަމަށް ބުނެ ބިރުދެއްކި އެވެ. ނާޔާ އޭނަގެ ދައްތައަށް އަހަރެން ދޫކޮށްލީ އެ ސޫރައިން އަހަރެންނަށް ލޯބި ހޯދިދާނެ ކަމަށް ގަބޫލުކޮށްފަ އެވެ.
ނާޔާ އަށް ދެވަނަ ފުރުސަތެއް ދޭން ބޭނުންވިއަސް ނާއިލާގެ ސަބަބުން އެ ސޫރަ ދެކެ އަހަރެން ފޫހިވެއްޖެ އެވެ. ކޮންމެ ފަދަ ނިޔަތެއްގައި ވިއަސް ނާޔާ ވެސް އަހަންނަށް އޮޅުވައިލީ އެވެ. އަދި އެކަން އެ ސޫރަ ފެންނަ ކޮންމެފަހަރަކު އެކަން ހަނދާނަށް ނާންނާނެ ގޮތެއް ނުވާނެ އެވެ. ފަހު ވަގުތު އަހަރެން ބޭނުންވީ ހަމައެކަނި ދަރިފުޅެވެ. ނަސީބުގައި ލިޔެފައި ވަނީ ވިއްޔާ ކޮންމެވެސް ދުވަހަކުން އަދި އެހެން މީހަކު ދެކެ ލޯބިވެވިދާނެ އެވެ.
ނިމުނީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚކކކ
09 May 2019
ޢެގޭ ދޮރުމަތީ އެހާ ދުވަހު އިން އިރުވެސް ދެ މީހުން އެއްތާ ތިއްބާ ނުފެނޭ؟ ޥަޓް ނޮންސެންސް
ބިންމާފޭންގާރލް
09 May 2019
މިކަހަލަ ޓިޕިކަލް ލޯބީގެ ވަހަކަތަކަށް ކިޔަނީ ނަހުލާ ސްޓައިލް ވާހަކަ އޭ.. މިހާރަކު މިކަހަލަ ވާހަކަ ކަމަކު ނުދޭ. ނިކަން ބިންމާމެން ލިޔާ ވާހަކަތައް ކިޔާފަ އެގޮތަށް ގެނެސްދީބަލަ.. ހެޔޮނުވާނެ
ނޫރާ
08 May 2019
މި ނޫހުން މިކަހަލަ ވާހަކަ ކަމަކު ނުދޭ. ކޮބާތަ ބިންމާ
ސާނާ
08 May 2019
ވަރަށް ހިތްގައިމު ކިޔާލަދީފައި އޮތް ގޮތް.
ކުރަފަތްބޭބެގެ
08 May 2019
ޔޭ މަ ތާރޑް. ކޮބާ ކުރަފަތްބޭބެ ގެ އެކުވެރިން. ވާހަކަ ރީތި އެއްނު
މޫދުބެ
08 May 2019
ވަރަށް ރީތި ވާހަކައެއް. ޔަސް އިޒް ލަވް
ނަންނުގުޅޭ
08 May 2019
ވާހަކައިގެ ނަން ނުގުޅޭ. ވަރަށް ހަމަވެސް ނުޖެހޭ. ރައްޓެހިވެ އިނދެ އަހަރެއްވެ ކުއްޖަކު ލިބޭއިރު އާއިލާގެ މައުލޫމާތު ނޭނގި ހުންނާނެހެން ހަމަ ހީ ނުވޭ. އަދި މިއޮއްކުޑަ ދިވެހި ރާއްޖޭގައި.
ބިރު
08 May 2019
އޭ ބަލަ އެއޮތީ ނޫންތަ? ދެ ނިބޫ އެކަން ސިއްރުކުރި ކަމަށް.
ލީޒާ
08 May 2019
ހަމަނުޖެހޭ! ކައިވެނިކޮށް ދަރިޔަކު ހޯދާއިރު އެއްމާބަނޑު މީހަކު ހުންނަކަން ނޭންގި ނުދާނެ!
މޫދުބެ
08 May 2019
އެކަން ނާންގަން އުޅުނީމަ ނޭނގި ހުރެދާނެ ހަމަ ދޯ.