ވާހަކަ / ކުރު ވާހަކަ

ކުރު ވާހަކަ: އަސްލު ސަފަރުކަތްދަ

ހޫނު ގަރުދިޔަ އަޅައިގެން، ބާގަބޯތައްޓެއްގައި މޮޑެފައި ހުރި ބަތް ހުސްކުރަން ތިން ދަރިންގެ ފަހަތުން ޒުލޭހާ ދުވަނީ އެވެ. ބޮޑަށް އަނގަ ހުޅުވާށޭ، މިއޮތީ ދޮންބިސްކޮޅެކޭ، ލަގޮނޑިއެކޭ، އަވަސްކުރާށޭ އިރު އޮއްސެނީއޭ ކިޔަމުންނެވެ. އަސުރުން ފަސްވިތަނާ މަހުން ލެފި ހަސަނު މަސް ކަނޑަން އިނދެގެން ވެސް ގޮވަނީ އަވަހަށް ކައި، ގައިން ތާހިރުވެ، ޔާސީން ކިޔަވައިގެން ނިދަން އަރާށެވެ. މިއީ ބޭނުންހާ އިރަކު ގިފިއްޔަށް ވަދެވޭނެ ރެޔެއް ނޫނޭ ކުރާ ކަމެއް ކޮށްގެން އަވަސްކުރަން އުޅޭށޭ ވެސް ބުންޏެވެ.

ގިފިލިތަކުން އިވެނީ ދަނޑި ބިނދޭހާ ބާރަށް ދާނި ތަޅުވަމުން ފެން ނަގައި އޮއްސާ އަޑެވެ. އަވަހަށް ނިމުނު ކުދިން ގެޔަށް ވަދެ އަޑުގެ ކޮޅަށް ރާގު ރާގަށް ގުރުއާން ކިޔަވާތީ އިވެ އެވެ. ތެތް ފަޔާ އެކު ފައިވާނުން އަޑު ގޮއްވަމުން ހަލުވިކޮށް މިސްކިތާ ދިމާލަށް ބޮޑުން ދާން ފަށައިފި އެވެ. އިރު ފެނު ޖެހޭއިރު ވެސް ސަލާމަތް ނުވެފައި އިން ހަސަނު ކެނޑި މަސްތަކުގެ ކަރުގޮހޮރަށް ކަޅި އަޅައިގެން، ގިފިލި ފުޅައްމަތީ ތިބި ކާޅު ބައި ވެސް ކުއްލިއަކަށް މާ ބާރަކަށް ގޮވައިގެންފައި އުދުހި ހިނގައްޖެ އެވެ.

ކަރުގޮހޮރުތައް އުކާލައި ތޮށަލި ދޮންނަން ހަސަނު ހިނގައިގަތީ ފުނޑާ ދައިގެ ފޮއި ބަދިގެ އަށް ވައްދައި ފޮރުވައިފަ އެވެ. ދަރިންނަށް ކާންދީ ތާހިރުކޮށްފައި ގިފިއްޔަށް ވަންނަން ދިޔަ ޒުލޭހާ، ހަސަނާއޭ ފެންވަރައި ނިމިގެން ދާނި ފޮރުވަން ހަނދާންކުރާށޭ އިންޒާރުގެ ރާގުގައި ގޮވާލި އެވެ. ހަސަނު ހޫން އަޅުވައިލި އެވެ.

މިއީ ސަފަރު މަހުގެ 10 ވިލޭރެ އެވެ. އަވަސް އަރުވާލައިގެން އުޅޭނީ ޒުލޭހާ އާއި ހަސަނުގެ ދެމަފިރިން އެކަންޏެއް ނޫނެވެ. މިއީ ސަފަރު ކަތްދަ އާއި އޭނާގެ ހަތް ދަރިންނަށް ފެންވަރާ ރެ އެވެ. ކަތްދަގެ، އެއް ލޯ އަނދިރި ދަރީގެ ލޮލުގައި އަޅާ ބޭސް ފުނޑަން ދައި ވެސް ހޯދާނެ އެވެ. ފެންވަރަން ދާންޏެއް ބާއްވައިފި ގިފިއްޔެއް އަށް މައިންގެ އަހަރު ދުވަހުގެ މިލައިން މުޑުދާރުކޮށްލާނެ އެވެ. ބޭސް ފުނޑައިފި ދައެއްގެ ބޭނުންކުރަން ހެޔޮނުވާނެ އެވެ.

***

އިޝާ ނަމާދުން ފޭބި މީހުން ވެސް މަގުމަތީ އަނގަތަޅަން މަޑުނުކޮށް ގޭގެޔަށް ގޮސް ގެއްލިއްޖެ އެވެ. ބުރު ހަމަވާން ކައިރިވެފައިވާ ހަނދުގެ ފަނޑު އަލީގައި ރަށުތެރެ ފެންނަނީ ފުސްކޮށެވެ. ފޮތިވިލާތައް އިރުއިރުކޮޅުން ހަނދު ނިވާކޮށްލަ އެވެ. ވައި ހިޔަންޏެއް ވެލާ ފަހަރަކު ގަސްރުކުރުން ފަތްތައް ކޭއްތިލާ އަޑު ބައެއް ފަހަރު އިވެ އެވެ. ތަންޑު އަޅުވައި ބަންދުކޮށްފައިވާ ގެތަކުން ބޭރަށް އެއްވެސް އަލިކަމެއް ނެތެވެ.

***

އެންމެން ނިދާ މަރުވެއްޖެ އެވެ. އެކަމަކު، ދެތިން ދުވަސް ކުރިން ވިހޭގެތެރޭ އަލަތު އަނބިމީހާ މަރުވުމުގެ މޮޅީގައި، ސުތުލިގޭ ބާގިރު ނިތްކުރިމަތީ ކަނާތް ބާއްވާލައިގެން ދެ ފައި ހަލުވަން ކުޑައަށީގައި އޮތެވެ. ނުލާހިކު ލޯބިން އިނދެ އަލަތު ދަރީގެ އިންތިޒާރުގައި ހުއްޓާ ހިތް ފެޅުނީ އެވެ. އޭނާގެ ދުނިޔެ ވެސް ހުއްޓުނީ އެވެ. އަމިއްލަ އަތުން އަނބިމީހާ އާއި ދަރިފުޅު ވަޅުލި ވޭނީ ހަނދާންތަކުގެ މައްޗަށް ވަޅު ދާންޏާއި ފުނޑާ ދައިގެ ފޮއި ގަދަވާނީ ކިހިނެއްހެއްޔެވެ؟

ކުޑަކުއްޖަކު މަންމާއޭ ގޮވާލި އަޑަށް ބާގިރު ސިހިފައި ތެދުވެއްޖެ އެވެ. ހިތްދަތިކަމުގައި ދުނިޔެއިން މޮޔަވީއޭ ބާގިރު ހިތަށްއެރި އެވެ. އަނެއްކާވެސް އިވިއްޖެ އެވެ. އަންހެނަކު ވެސް ވާހަކަ ދައްކަނީ އެވެ. ހިލަމެއް ވެސް ނުވާނޭހޭން، ފަން ބިތުގައި ކަންފަތް ޖަހައިގެން ބާގިރު އޮތެވެ. މިގެޔަށް އަންނާށޭ ހުރިހާ އެއްޗެއް ހަމައޭ ވައި އަޑުން އަންހެނަކު ކިޔާތީ އިވެ އެވެ. ބިތްގަނޑާއި ގާފޮޅާ ދެމެދުން ހެދިފައިވާ ލޯވަޅަކުން ބާގިރު ބޭރު ބަލައިލި އެވެ. ގަސްކަރަޔާ ނިވާވެފައިވާ ހަނދުގެ އަލިކަމެއް ނެތުމުން އެކައްޗެއް ވެސް ނުފެނެ އެވެ. އިރުކޮޅަކުން ގިފިލިން އިވެންފެށީ ފެންވަރާ އަޑެވެ. ކުޑަކުދިން ހޭ އަޑު އިވޭހެން ވެސް ހީވެ އެވެ. ގިފިލި ދޮރުމަތީ ހުރި ބަނބުކެޔޮ ގަހުން ވެއްޓުނު ކޭލެއް ބިންމަތީގައި ޖެހުނު ވަގުތު ބުޅަލެއް ހޭރިގަތެވެ. އެ ކޭލަށް ދަހިލަވައިގެން އުޅުނު ވާ ވެސް ފިޔަތަޅައިގެންފައި އުދުހިގަތްކަން އެނގެ އެވެ.

މި އަޑުތަކަށް މިރޭ ބިރުން އުޅޭނީ ރަށު އެހެން މީހުންނެވެ. ބާގިރުގެ ދުނިޔެ ހުއްޓި، ހުކުރެއް ހޮނިހިރެއް، ހައްޖެއް އީދެއް ވަކިނުވެ އެވެ. ބޮޑު އައްޓާ ދިމާލުގައި އެލުވާފައި ހުރި ފަސްލޭންބައްތި ނަގައިގެން ބާގިރު ގިފިއްޔާ ދިމާލަށް ހިނގައިގެންފި އެވެ. ސުތުލި ގޯނިން ހަދާފައިވާ ދޮރުގައި ހިފާލި އިރު ހުރީ އެތެރެއިން ތަންޑު އަޅުވައިފަ އެވެ. ބާގިރު ރުޅިއަަރައިގެންފައި ކޮން ބައެއްހޭ ކީއްކުރަނީހޭ ގޮވާލުމާ އެކު ފެންވަރާ އަޑު ކެނޑިއްޖެ އެވެ. ބާގިރު ދޮރުގައި ހިފައި ތަޅުވައިގަތުމާ އެކު، އަހަރެމެން އުނުއޮރިޔާން ނިވާކޮށްލައިގެން މި ހުޅުވަނީއޭ އަންހެނަކު ގޮވާލި އެވެ.

ގިފިލި އޮތީ ފުރިފަ އެވެ. ބޮޑު އަންހެނަކާއި ހަތް އަންހެން ކުދިންނެވެ. އެއީ ކިރިޔާ ހުކުރު ހަމަވާ ރަށުން ފެންނަ ބައެއް ނޫނެވެ. ނިކަމެތި ބައެއްކަން އެނގެ އެވެ. ސުވާލުތައް ގިނަވެ ވާހަކަ ފަށާނެ ގޮތެއް ނޭނގި ހުއްޓާ މިއީ ކަތްދައޭ މިތިބީ އަހަރެންގެ ދަރިންނޭ އެ މީހާ ބުނެފި އެވެ. ބާގިރުގެ ސިކުނޑި ހިނގައިގަތީ އެ ހިސާބުންނެވެ. ސަފަރު މަހާ ގުޅުވައިގެން ނޫނީ ކަތްދައެއްގެ ނަމެއް ރަށަކު ނުކިޔާނެ އެވެ. ކަނޑައި ވައްޓާލި ރުކެއްހެން، ހުރި ތަނަށް ބާގިރު ޖެހުނެވެ.

***

ހޭވެރިކަން ވީއިރު ބާގިރު ހުމާ ފިހެނީ އެވެ. ބޮޑު އަށީގައި ބާއްވާފައި އޮތް އިރު ކައިރީގައި އިނީ ކަތްދަ އެވެ. ހަތް ދަރިން ގޭތެރޭގައި އުޅޭތީ ފެނެ އެވެ. ގަތް ބިރުގެ ބޮޑުކަމުން، ބާގިރުގެ ދޫ ހަރަކާތެއް ނުކުރެ އެވެ. އެކަމަކު ވާނުވާ އެނގެ އެވެ. ދެ ލޯ ބޮޑުކޮށްގެން ކަތްދަގެ މޫނަށް ބަލަން އޮތީ އެވެ. ހިކި އަނަރޫފަ ހަށިގަނޑެކެވެ. ދެ ލޯ ވަޅުވަދެފަ އެވެ. ގާތްގަނޑަކަށް އެއް އިސްކޮޅެއްގައި ތިބި ކުދިން ވެސް އެ ހާލުގަ އެވެ. ކަތްދަ ހީލާފައި ވާހަކަ ދެއްކި އެވެ.

***

ކަތްދަ ކައިވެނިކުރީ ނަވެއްގައި އައި ބަބުރު މީހަކާ އެވެ. ކައިވެންޏަށް އަހަރު ނުވެ ސަފަރު މަހެއްގެ 10 ވަނަ ދުވަހު، އެއްމާބަނޑު ހަތަރު ކުދިން ލިބުނެވެ. އެއްފަހަރާ އެހާ ގިނަ ދަރިން ލިބުނީ ކަތްދަގެ ސުންޕާކަމުންނޭ ބުނެ ފިރިމީހާ އެ ހިސާބުން އަޅައެއް ނުލި އެވެ. އެކަމަކު ރަށުން ފުރައިގެން ދެވޭނެ ގޮތެއް ނެތިފައި ހުރި ބަބުރު މީހާ އަށް ރަށު މީހުން ދިން ނަސޭހަތުން އަނެއްކާ އަލުން އެކުގައި އުޅެން ފެށި އެވެ. އޭގެ ފަހުން އަހަރު ނުވެ އަނެއްކާ އެއްމާބަނޑު ތިން ކުދިން ލިބުނެވެ. އެ ހިސާބުން ފިރިމީހާ ގެއްލުނީ އެވެ. ރަށު މީހުން ބުނާ ގޮތުގައި ކަތްދަ ވިހޭ ރޭ ރަށަށް އައި ނަވަކުން އެ މީހާ ފުރައިގެން ދިޔައީ އެވެ.

ކަތްދަ ބިކަވީ މި ހިސާބުންނެވެ. ބަބުރުކަރައިގެ މީހުން ގަބޫލުކުރަނީ އެއްމާބަނޑު ކުދިން ލިބުމަކީ އަންހެން މީހާގެ ނުބައި ނުލަފާކަން ބޭޒާރުވުން ކަމަށެވެ. އެއީ އެކި މީހުންގެ ދަރިން ނުވަތަ ޖިންނި ޝައިތާނުންގެ ދަރިން ކަމަށް ވެސް ކިޔައި އުޅެ އެވެ. ކޮންމެ ގޮތަކުން ވިޔަސް، އެއްފަހަރާ ގިނަ ދަރިން ލިބޭނީ ބަދުނަސީބުގެ ސަބަބުން ކަމަށާއި ކަތްދަ އަކީ ސުންޕާކަމުގައި އަރާ ހުރި މީހެއް ކަމަށް ފިރިމީހާ ބުންޏެވެ. އޭނާގެ މި ވާހަކަތައް ރަށު މީހުން ވެސް އެންމެ ފަހުން ގަބޫލުކުރީ އެވެ. އެއްމާބަނޑު މިހާ ގިނަ ކުދިން ލިބުނު މީހަކު ރަށަކު ނެތެވެ. އޭގަ ފަހުން ސަފަރު މަހެއްގައި މީހަކު ވިހެއުމަކީ ވެސް ނުބައި ކަމަކަށް ވީ އެވެ.

ބަބުރުކަރައިން ކަތްދަ އަށް ލިބުނު ފިރިއަކީ ރަށު މީހުންގެ ކައިރީގައި މާ މޮޅު މީހެކެވެ. ފަންޑިތަ ބޭސްވެރިކަމާއި ފާލުބެލުމުގައި ސިކުނޑިތައް ދޮވެލި އެވެ. ކަތްދަ ދެ ވަނަ ފަހަރަށް ވިހެއުމާ އެކު، އޭނާގެ ފިރިމީހާ ފިލައިގެން ދިޔައީ ސުންޕާކަމުން ސަލާމަތްވާން ރަށު މީހުންނަށް އިންޒާރު ދެމުންނެވެ. އެހެންވެ މީހުން އުޅޭ ހިސާބުން ކަތްދަ ބޭރުކޮށް ރަށު ވަލުތެރޭގައި އުޅެން މަޖުބޫރުކުރުވީ އެވެ. މާ ރަށެއްކަމުން، މީހެއްގެ ހިލަމެއް ނުވާ ހިސާބުގައި، ބޯކަށިކެޔޮ ވަލެއްގެ ތެރޭގައި ކަތްދަގެ ޖިފުޓި ހެދި އެވެ. ކާނާ އަކީ ވަލުގައި ހުންނަ ގަސްރުކުގެ މޭވާ އެވެ. އަހަރަކު އެއްފަހަރު ރަށުތެރެއަށް އަރާއިރު، އަންނައުނު ފަދަ ތަކެތި ބައެއް ފަހަރު ގެންދެ އެވެ. އެކަމަކު އެއީ ނިވާ ވާނެ ގޮތެއް ނެތިއްޔާ އެވެ.

ކަތްދަ ފުރަތަމަ ވިހޭ ދުވަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ރަށުތެރެއަށް އަރައި ފެންވަަރައި ރީތިވަނީ ދަރިންނަށް އީދެއްގެ ގޮތުގަ އެވެ. ކަތްދަ އަށް ލިބިފައިވާ އެއް ކުއްޖެއްގެ ލޮލަށް ބޭހެއް ވެސް ފުނޑަ އެވެ. އެހެން މީހުންނާއި ކުދިންގެ ގޮތް ދަރިންނަށް ނުދައްކައި ކަތްދަ އޭނާގެ ދަރިން ގެންގުޅެނީ އަމިއްލަ ދުނިޔެއެއްގަ އެވެ. އެ ކުދިން ގަބޫލުކޮށްގެން ތިބެނީ އެންމެ އުފާވެރި ކުދިންގެ ގޮތުގަ އެވެ. އެކަމަކު ކަތްދަ އަށް ރަހުމެއް ނުބަހައްޓައި، ސަފަރު ކަތްދައޭ ކިޔައިގެން ރަށު މީހުން އެ މީހުންގެ ދަރިން ބިރުގަންނަވައި ކަތްދަގެ ސުންޕާ އިން ސަލާމަތްވާން ކަމަށް ބުނެ ވަޅު ދާންޏާއި ފުނޑާ ދައިގެ ފޮއި ފޮރުވަނީ އެވެ.

***

ބާގިރަށް ހެނދުނު ހޭވެރިކަންވީ އިރު ކަތްދައެއް ނެތެވެ. އެއީ ހުވަފެނެއް ކަމެއް ހަގީގަތެއް ކަމެއް ވެސް ޔަގީނެއް ނުވި އެވެ. އެކަމަކު ގިފިއްޔަށް ވަން އިރު ގިލަފައްޗެއް އޮތެވެ. އެކަމަކު ކަތްދަ އާއި އޭނާގެ ދަރިން ފެންވެރިޔަސް ގިފިއްޔަކު މިލައިގެ ފަރުބަދައެއް ނެތެވެ. ފުނޑާ ދައި ވެސް އެ ހުރި ގޮތަށް ހުއްޓެވެ. ރަށު މީހުންނަށް މި ވާހަކަ ކިޔައިދިނުމުން ބާގިރު ވެސް ސުންޕާ މީހަކަށް ވީ އެވެ. އަލަތު އަނބިމީހާ އާއި ދަރިފުޅު މަރުވުން އެކަމާ ގުޅުވި އެވެ. އަތިރިއަށް އެރެފައި އައި މީހުން ބާގިރަށް ބުންޏެވެ. މުޅި މޫދުގައި އެ އޮތީ ގަރު ހެދިފަ އެވެ. ކަތްދަ އަރައި ފައިބައިފި އެވެ. ކަލޭ ސަލާމަތްވާން އުޅޭށެވެ. ގިފިލީގައި ބޭއްވުނު ގިލަފަތި ބަލައި ކަތްދަ އަދި އަންނާނެ އެވެ. -- ނިމުނީ --

11 ކޮމެންޓް, 69 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 9%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަންނެތް

13 June 2019

ގިލަފައްޗަކީ ކޯއްޗެެއް ކަމެއް މަށަށް ވެސް ނޭނގުނު

The name is already taken The name is available. Register?

ލިލީ456

20 May 2019

ވަޓް އިޒް ގިލަފަތި؟

The name is already taken The name is available. Register?

ފޭން

19 May 2019

ވާހަކަ ވަރަށް ރީތި. އެކަމް ހިތަށް އެރި ސަފަރުކަތްދަގެ ހަގީގަތަ އެންމެ ފުން ބުނެދިން ނަމައޭ. ވާހަކައިގެ މެދުތެރެއިން ވާހަކަ ނިމުނުހެންހީވީ.

The name is already taken The name is available. Register?

ކަތްދައްތަ

19 May 2019

ވ.ވ.ވ ސަޅި. 5*

The name is already taken The name is available. Register?

އޭފް

19 May 2019

މީ ވާހަކައެއްތަ؟ ނޫނީ ރިވިއުއެއްތަ؟؟؟

The name is already taken The name is available. Register?

ޢާމިނާ

19 May 2019

ވ.ރީތި

The name is already taken The name is available. Register?

ހޫރް

19 May 2019

މިހަމަ ވަރަށް އަސްލު.ވާހަކަ ވަރަށް ރީތި.

The name is already taken The name is available. Register?

‫ބޯދިން

19 May 2019

ވ‫ަރަށް ސަޅި މިވާހަކަ. ތަފާތު ކޮންސެޕްޓެއް.

The name is already taken The name is available. Register?

ޢައިމިނަ

19 May 2019

ޥަރަށް ރީތި ހިޔާލީ ވާހަކައެއް މީ ގެނެސްދީފަ ވާގޮތް ވެސް ވ. ޜީތި 100 ދޭވަރުވޭ

The name is already taken The name is available. Register?

މަންމަ

19 May 2019

މި ރޯދަމަހު ކީ ވާހަކަތަކުން އެންމެ ގަޔާވެގެން ކީ ވާހަކަ އަކީ މީ.. ވަރަށް ރީތި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454