އައްޑު އަށް ބަހަން ލިބުނީ 2،675 ކަދުރު ޕެކެޓު

ރާއްޖެ އަށް ސައޫދީ އަރަބިއްޔާ އިން މި އަހަރު ބަހަން ދިން ކަދުރުގެ ތެރެއިން އައްޑޫ ރައްޔިތުންނަށް ލިބުނީ 2،675 ކަދުރު ޕެކެޓު ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.


ކައުންސިލުން ބުނީ، އައްޑޫގައި އެ ކަދުރުތައް ބަހަން ފަށާނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ކޮންމެ ގެ އަކަށް އެއް ޕެކެޓުގެ މަގުން ކަދުރު ބަހަން ނިންމާފައިވާ އިރު އައްޑޫގެ ގޭބިސީތަކުގެ އަދަދަކީ 5،346 އެވެ.

ކައުންސިލުން ބުނިގޮތުގައި، ކަދުރު ބެހުމުގައި އިސްކަންދޭނީ ފަގީރުންގެ ދަފުތަރުގައި މިދިޔަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ގޭބިސީތަކަށް ބެހުމަށް ފަހު، ބާކީ ކަދުރުތައް ހޯދަން އެންމެ ފުރަތަމަ ދާ މީހުންނަށް ދޭ އުސޫލަށެވެ.

ފަގީރުންގެ ގޮތުގައި، އައްޑޫގައި މިދިޔަ އަހަރު 1،439 މީހުން ރަޖިސްޓަރީ ކޮށްފައި ވެ އެވެ.

ކަދުރު ބަހާނީ އެ ގޭބިސީއެއްގެ ސައްހަކަން އަންގައިދޭ ލިޔުމެއް ގެންދިއުމުން އޭގެ ސައްހަކަން ބެލުމަށް ފަހު ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އައްޑޫގެ އަވަށްތަކުގައި ކަދުރު ބެހުން ކުރިއަށް ގެންދާނީ އަވަށު އޮފީސްތަކުގަ އެވެ.

ރާއްޖެ އަށް ސައޫދީން ހަދިޔާކުރި 50 ޓަނުގެ ކަދުރުން މާލޭގެ ރައްޔިތުންނަށް ބަހާފައި ވަނީ 4،268 ކަދުރު ޕެކެޓު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެ އެވެ. ރާއްޖޭގެ ފަގީރުންގެ ދަފުތަރުގައި 16،209 މީހުން ރަޖިސްޓަރީވެފައިވާ އިރު، މާލޭގައި ރަޖިސްޓަރީ ކޮށްފައި ވަނީ 3،300 މީހުންނެވެ.