މުނިފޫހިފިލުވުން / ކުރު ވާހަކަ

ކުރު ވާހަކަ: ފެންތިކި

އަންވަރު އިބްރާހިމް

21 މެއި 2019 - 08:41

19 comments

އަހަރެން ވިސްނީ އީތަންއަށް އައި ބަދަލާ މެދުއެވެ. އިހުސާސް ވަމުން ދިޔައީ އޭނާ އަހަރެންނާ ދުރުވަމުންދާ ކަމެކެވެ. ސީދާ ސަބަބު އަހަރެންގެ ގާތުގައި ނުބުނި ނަމަވެސް ޔަގީނާ ގާތަށް ބުނަން އެނގެއެވެ. އޭނާ ފޫހިވީއެވެ. އަހަރެންނަށް އަންނަމުންދާ ބަދަލާ މެދު ހިތްހަމަ ނުޖެހުނީއެވެ. އަބަދު ބިހިތަކެއް ނަގައިގެން އުޅޭ މީހަކާ އެކު އުޅޭނީ ކިހިނެއް ހެއްޔެވެ؟ އަބަދު އެލާޖިކް ވެގެން އުޅޭ މީހަކާ އެކު ހަޔާތެއް ހޭދަކުރެވޭނެ ހެއްޔެވެ؟ އަހަރެން ހިތްހަމަ ނުޖެހުނީ އަމިއްލަ ޒަމީރު ދެކެއެވެ. ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތައް ދެކެއެވެ.

ހިތުގައި އުފެދުނު ހައިޖައިނުތަކާ އެކު އަހަރެންނަށް މަޑުކޮށްލެވުނީ އަލަމާރީގެ ދޮރުގައި ހަރުކޮށްފައިވާ އިސްކޮޅާ އެއްވަރުގެ ލޯގަނޑުގެ ކުރިމަތީގައެވެ. އޭރު ބޮލުން ނީރެމުން ދިޔަ ފެން ތިކިތައް މޫނުގައި ބޮސްދެމުން ކަރުން ތިރިއަށް ފައިބަމުން ދެއެވެ. އަހަރެންގެ ދެ ލޯ ކުޑަކޮށްލުމަށް ފަހު މޫނު، ލޯގަނޑާ ކައިރިކޮށްލެވުނެވެ. އަދި އެ މޫނަށް ރަނގަޅަށް ބަލައިލެވުނެވެ. ލައިގެން ހުރި ހެދުމުގެ މަތީ ދެ ގޮށް ނައްޓާލުމަށްފަހު ކަރާއި މޭމަތީގައި އަތްޖައްސާލެވުނެވެ. ފާހަގަ ކުރެވުނީ ކުދި ބިހިތަކެވެ. ރަތް ފިތް ގަނޑުތަކަކާއި ފެން ފޮޅުތަކެކެވެ. އެ ބިހިތަކާއި ފޮޅުތަކުން މުޅި އެ ހިސާބު އޮތީ ހިސޯރުކޮށްފައެވެ.

އަހަރެންނަށް ދުއްވައިގަނެވުނީ މަންމަގެ ކޮޓަރިއަށެވެ. ޝަކުވާ ކުރެވެން ފެށީ މަންމަގެ ގާތުގައެވެ.

"މަންމާ! އަނެއްކާ ވެސް މި ހުރީ އެއްކަލަހެން ވެފައި. ކަރުދޮށާއި މޭމަތީގައި ވެސް ހުސް ބިހި. މުޅި ގައި ވެސް ހިރުވާހެން ހީވަނީ," ޝަކުވާގެ ރާގުގައި އަހަރެންނަށް ބުނެވުނެވެ. މަންމަ ބަލައިލީ އަހަރެންގެ މޫނަށެވެ. އަތް ޖައްސާލީ ކަރުދޮށުގައެވެ.

"މިހުރީ ހާދަ ވަރެއް ވެފައޭ. މިއަދު ވެސް ތަނަކުން ކެއީ ދޯ؟ ދަރިފުޅު ގާތު މަންމަ އަބަދު ވެސް ބުނަމެންނު ބޭރުން ނުކާށޭ. އީތަން އާއެކު ތި ރެސްޓޯރަންޓްތަކަށް ނުދާށޭ. ތި ތަންތަނުން ކާން ފެށި ފަހުންނެއްނު ތިހެން ތި ވާން ފެށީ،" މަންމަ ހާމަކުރީ މަންމައަށް ގަބޫލުކުރެވޭ ގޮތެވެ.

ނަމަވެސް މިއަދު އަހަރެން ބޭރަކުންނެއް ނުކަމެވެ. އީތަންއާ އެކު ރެސްޓޯރަންޓަކަށް ނުދަމެވެ. ދެން އެހެން ވާންވީ ކީއްވެ ހެއްޔެވެ؟

"މާބޮޑަށް ހީކެރުވުމުން ބިހި ނެގީ ކަންނޭނގެ،" އަހަރެންނަށް ހީވި ގޮތް އަހަރެން ބުނީމެވެ.

"މިއީ ހީކުރެވުމުން ނަގާ ފާޑުގެ ބިއްސެއް ނޫން. ބޮޑެތި ފިތްގަނޑުތައް ވެސް އެބަހުރި. އަވަހަށް ތައްޔާރުވޭ ޑޮކްޓަރަށްދާން. މަންމަ ވެސް މި ތައްޔާރުވެލަނީ،" މަންމަ ބޭނުންވީ އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދާށެވެ. އަހަރެންނަށް ވާގޮތް ރަނގަޅަށް އޮޅުންފިލުވާށެވެ. ނަމަވެސް އެއީ ފަރުވާއެއް ނެތް ހިނގުމެކެވެ. ހަމައެކަނި މަންމަ ހިތްހަމަ ޖައްސާލަން ކޮށްލެވޭ ކަމެކެވެ.

އަހަރެން ޑޮކްޓަރަށް ދެއްކުމުން ދިނީ ކުރިން ވެސް ދިން ބޭހެވެ. އެކަން ވާނީ އެހެންކަން މާކުރިން ވެސް އަހަރެންނަށް އެނގެއެވެ. ޑޮކްޓަރުގެ ވާހަކަތަކުން ކުށްވެރިވީ އަހަރެންނެވެ. އަހަރެންނަށް ނޭނގި ނަމަވެސް ނުގުޅޭ އެއްޗެއް ކެވެނީއެވެ. ނުވަތަ ނުގުޅޭ އެއްޗެއް ހަށިގަނޑުގައި އުނގުޅެނީއެވެ. ނޭނގެނީ އަހަރެންނަށް ކެވޭ އެއްޗެކެވެ. ނުވަތަ އުނގުޅޭ އެއްޗެކެވެ. ޑޮކްޓަރު ބުންޏަސް އަހަރެންނަކީ ނުވިސްނޭ ވަރުގެ ކުޑަ ކުއްޖެއް ނޫނެވެ. ކުރިން ބޭނުން ނުކުރާ އެއްޗެއް ވަކި މިހާރަކު ބޭނުމެއް ނުކުރަމެވެ. ކުރިން ނުކާ އެއްޗެއް ވަކި މިހާރަކު ނުކަމެވެ. އެކަމަކު ކޮންމެވެސް ގޯހެއް އެބަ ހިނގައެވެ. އެހެން ނޫންނަމަ މި ވަރެއް ނުވާނެއެވެ.

"ޑޮކްޓަރުންނަށް ވެސް ބައެއް ފަހަރު ވާނުވާ ނޭނގޭ. ގައިމު މިއީ މި ހަފުތާގައި ދެއްކުނު ތިން ވަނަ ފަހަރު. ކޮންމެ ފަހަރަކު އެ ބުނަނީ އެލާޖިކޭ. އެކަމަކު އެލާޖިކު މި ވަނީ ކޮން އެއްޗަކަށް ކަމެއް ބުނެއެއް ނުދެވޭ،" ހޮސްޕިޓަލުން ނުކުންނަމުން އަހަރެން ޝަކުވާ ކުރީ މަންމަ ގާތުގައެވެ.

"ބަލަ ދަރިފުޅަށް ކެވޭ އެއްޗެއް ޚުދު ދަރިފުޅަކަށް ވެސް ނޭނގޭ. ދެން ކިހިނެއް ޑޮކްޓަރަށް ވަކި އެނގޭނީ،" މަންމަ ބުނީ ވެސް ދޮގު ވާހަކައެއް ނޫނެވެ. އަހަރެންނަށް ނޭނގުނު ކަމެއް ޑޮކްޓަރަށް ވަކި އެނގޭނެ ހެއްޔެވެ؟

ހަވީރުގެ ވަގުތެވެ. ހޭލެވުމާއެކު އަވަސް އަވަހަށް ފޯނު ބަލައިލީމެވެ. އީތަންގެ ތިން މިސްކޯލު އޮތެވެ. ދެން ފެނުނީ އޭނާ ފޮނުވާފައި އޮތް މެސެޖެވެ.

"ގުޅިޔަސް ފޯނު ނެގެނީކީ ނޫން. ދެން ބުނާނީ ބައްޔޭ،" ލެޓިން އަކުރުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާ އެ މެސެޖު ފެނުމުން އަހަރެން ހިތުގައި ޖެހުނެވެ.

ހަގީގަތުގައި ވެސް އަހަރެން ބައްޔެވެ. އެކަން އީތަންއަށް އިހުސާސް ނުކުރެވެނީއެވެ. ނޫނީ އެކަމާ ހިތްހަމަ ނުޖެހެނީއެވެ. އަހަރެން އުޅޭ ގޮތް ފެނިފައި ގަޔާ ނުވަނީއެވެ. ނަމަވެސް މިއީ އަހަރެން ވެސް ބޭނުންވާ ގޮތެއް ނޫނެވެ. އަބަދު ބަލިވެ އުޅޭކަށް އަހަރެން ވެސް ބޭނުމެއް ނުވެއެވެ.

އަހަރެން ގުޅީމެވެ. އީތަންއާ ވާހަކަދެއްކީމެވެ. ހަގީގަތް ކިޔައި ދިނީމެވެ.

"އަބަދު ތި އުޅެނީ ބަލިވެއެއްނު. ތި އެލާޖިކަކުން ސަލާމަތެއް ނުވިއެއްނު،" އީތަންގެ ޝަކުވާއަށް އަހަރެން ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ؟

"ޑޮކްޓަރުންނަކަށް ވެސް އަދި ބުނެއެއް ނުދެވޭ މިވާ ގޮތެއް. އަހަރެންނަށް ވެސް ދެއްކޭނީ. ފަރުވާ ހޯދުމަށް މަސައްކަތްދޯ ކުރެވޭނީ," އަހަރެން ޖަވާބު ދިނީމެވެ.

"އަހަރެން އަހާލަންތަ ސުވާލެއް؟ ކީއްވެތަ މިހާރު ތިހައި ހިތްހަމަ ނުޖެހިފައި ތި ހުންނަނީ؟ އަހަރެން ބަލިވީމަތަ؟" ވަރަށް ނާހަން ހުރެފައި ވެސް އަހަރެން އެހީމެވެ. ހިތަށް ތަދުވާވަރުންނެވެ. އީތަންގެ ޖަވާބަކަށް އިންތިޒާރު ކުރެވޭތީއެވެ.

"ވަގުތު ނުދެވޭ މީހަކަށް އަހަރެންނަކަށް ވެސް ވަގުތެއް ނުދެވޭނެ. މި ވަގުތު އަހަރެން މި ވަންނަނީ ފިހާރައަކަށް. އެހެން ވަގުތަކުން ގުޅާލާނަން. ދެން ބާއްވަނީ،" އީތަން ބޭނުންވާ ޖަވާބު ދިނުމަށްފަހު އޭނާ ފޯނު ބޭއްވިއެވެ.

އޭނާގެ ބަހަނާއަކީ އަހަރެންނެވެ. އަހަރެންނަށް ވަގުތު ނުދެވުމެވެ. ނަމަވެސް އޭގައި އަހަރެން ކުރާނީ ވަކި ކޮން ކަމެއް ހެއްޔެވެ؟ ބަލިވުމަކީ އަހަރެންގެ ކުށެއް ހެއްޔެވެ؟ އޭނާ ބޭނުންވާ ނަމަ މި ގެއަށް ވެސް އަންނަންވީއެވެ. މަނާކުރާނެ މީހަކު ނުހުންނާނެއެވެ. އޭނާ އަންނަން ބޭނުން ނުވަނީއެވެ. އަހަރެން މި ވާވަރަށް ލޯބި ނުވަނީއެވެ.

ލިބުނު ނުތަނަވަސް ކަމާއެކު ލޯގަނޑުގެ ކުރިމަތީ ހުއްޓި އަހަރެންގެ އަމިއްލަ ސޫރައަށް ބަލައިލީމެވެ. ވާތް ފަރާތު ކޯތާފަތް މަތީ އަތްތިލަ ބައްވާލައި މަތިން ތިރިއަށް ފިރުމާ ލެވުނެވެ. އަލިކަން ކެނޑިފައި މޫނުގައި ވަނީ ފާރުވެފައިވާ ބިހިތަކާއި ފަސޭހަވެފައިވާ ލަކުނުތަކެވެ. އަހަރެންނަށް ލެވުނީ ހިތްހަމަ ޖެހުމުގެ ނޭވާއެކެވެ. ކަރު ދޮށުގައި އަތްޖައްސާލުމުން ނަގާފައިވާ ބިހިތައް މަދުވެއްޖެކަމުގެ އިހުސާސް ކުރެވުމުންނެވެ. ގައިމު ވެސް އެ ބޮޑެތި ފިތްގަނޑުތަކެއް މިހާރު ކަރު ދޮށަކު ނެތެވެ.

ފެންވަރާލުމުގެ ނިޔަތުގައި އަހަރެން ވަނީ ފާޚާނާއަށެވެ. ފެންވަރަމުން ދިޔައިރު ކުޑަކޮށް ގައި ހިރުވާހެން ހީވި ނަމަވެސް މާބޮޑު ސަމާލުކަމެއް އެކަމަކަށް ނުދެމެވެ. ބައެއް ފަހަރު ކަންކަން ފަސޭހަވަމުން އަންނަ އިރު ހިރުވާނެޔޭ ބުނާތީ އަހަމެވެ. އެ ވިސްނުމުގައި ރަނގަޅަށް ސައިބޯނި ލައި ގައި އުނގުޅާލީމެވެ. އަރާމު ފެންވެރުމަކުން ފެންވަރާލީމެވެ.

ފެންކި ހިއްކަމުން ދިޔަ ވަގުތު ލޮލުގައި އަޅައިގަތީ ފަލަމަސްގަނޑެވެ. އެ ފައިގައި ވަނީ ބޮޑެތި ފިތްގަނޑުތަކެވެ. އަހަރެން ހާސްވާން ފެށީ އެހިސާބުންނެވެ. ގައިމުވެސް މި ފަހަރު ފިތްގަނޑުތަކެއް ނަގާފައި އެ ހުރީ އެއްޗެއް ކައިގެންނެއް ނޫނެވެ. އެއްޗެއް އުނގުޅައިގެންނެއް ވެސް ނޫނެވެ. ތުވާލި އޮޅާލައިގެން އަހަރެން ނުކުތީ ކޮޓަރިއަށެވެ. ހުއްޓުނީ ލޯގަނޑު ކުރިމަތީއެވެ. މުޅި ކަރުދޮށާއި މޫނު ވަނީ ބިހިން ފުރިފައެވެ. މޭމަތީގައި ވެސް ހުރީ ބޮޑެތި ފިތްގަނޑުތަކެވެ. ފަޔާއި ފަލަމަސްގަނޑުގައި ވެސް ހުރީ މުލިހި ކަހަލަ ބިއްސެވެ. އަހަރެންނަށް ތެޅި ގަނެވުނެވެ. މޭގައި އަތްޖައްސާލައި މާނޭވާ ލެވެން ފެށުނެވެ. މަންމާއޭ ކިޔާ ބާރަށް ގޮވާލެވުނެވެ.

އަހަރެންގެ އަޑަށް ކޮޓަރިއަށް ވަން މަންމައަށް ހުރެވުނީ އަނގަ ހުޅުވިއެވެ.

"ކިހިނެއް ވެފައި ތި ހުރީ!" ހައިރާންކަމާއެކު މަންމައަށް އަހައިލެވުނެވެ. އަހަރެންނަށް ރޮއި ގަނެވުނީއެވެ. ކުޑަކުއްޖެއް ފަދައިން މަންމަގައި ބައްދައި ގަނެވުނީއެވެ.

"އަހަރެން ކަމެއް ނުކުރަން. ހަމައެކަނި ފެންވެރީ،" ރޮމުން ރޮމުން އަހަރެންނަށް ބުނެވުނެވެ.

"ދެން ދަރިފުޅު ދައްކާ ވާހަކަ. ފެނުގައި ޖެހިގެން ތިހެން ވޭތަ؟ މަންމައަށް ހީވަނީ ތި އުނގުޅި ސައިބޯނި ދަރިފުޅާ ނުގުޅެނީހެން. އެ ސައިބޯންޏަށް އެލާޖިކީ ހެން. ނޫނީ ފެނުގައި ކޮންމެ ވެސް އެއްޗެއް ހުރީހެން. އެކަމަކު ހާދަ ވަރެއް ވެފައޭ ތި ހުރީ،" މަންމަ ބުނީ މަންމައަށް ހީވާ ގޮތެވެ. މަންމަގެ އެ ވާހަކަތައް އަހަރެންނަށް ގަބޫލުކުރެވުނެވެ. ނަމަވެސް އެލާޖިކްވެގެން މިވަރު ވޭހެއްޔެވެ؟

އަނެއްކާވެސް އަހަރެން ދިޔައީ ޑޮކްޓަރަށެވެ. މިފަހަރު ދެއްކީ ކުރިން ވެސް ދެއްކި ޑޮކްޓަރަށެވެ. އަހަރެންނަށް ވީގޮތް އަހަރެން ކިޔައިދިނީމެވެ. ހީވާ ގޮތް ވެސް ބުނީމެވެ. ޑޮކްޓަރުގެ މޫނު މަތިން މާބޮޑު ނުތަނަވަސް ކަމެއް ނުފެނުނު ނަމަވެސް ކުރި ސުވާލުތަކުން ކަމެއް ރޭކާލީކަން އަހަރެންނަށް އިހުސާސް ވިއެވެ.

ޑޮކްޓަރު އެންގީ އަހަރެން އެނދުމަތި ވުމަށެވެ. ހަތަރު ވަރަކަށް ގަޑިއިރު އެތަނުގައި މަޑުކުރުމަށެވެ. ތިން ގަޑިއިރު ވީފަހުން ހަށިގަނޑުގައިވާ ކެހުން މަޑުމަޑުން ކެނޑިގެންދާ ކަމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ. ނަގާފައިވާ ބިހިތައް ފިލައިފިހެން ވެސް ހީވިއެވެ. ހަށިގަނޑުގައި ހުރި ދިލަ މައިތިރިވިހެން ވެސް ހީވެއެވެ.

އިރުތަކެއް ފަހުން ޑޮކްޓަރު އައިސް ހެއްދުވީ ކުޑަ ޓެސްޓެކެވެ. އަހަރެން އަތަށް ދިނީ ހޫނުކޮށްފައިވާ ފެންކޮތަޅެކެވެ. ތިރީސް މިނެޓު ވަންދެން އެ ކޮތަޅު ހަށިގަނޑުގައި ޖައްސައިގެން އިނުމަށް ޑޮކްޓަރު އެދުނެވެ.

ތިރީސް މިނެޓް ހަމައެއް ނުވާނެވެ. ހަށިގަނޑުގައި ފެންކޮތަޅު ޖެއްސި ހިސާބުން ފިތްގަނޑުތައް ފާޅުވާން ފެށިއެވެ. މުޅި ހަށިގަނޑުން ބިހި ނަގަން ފެށިއެވެ. ޑޮކްޓަރު ނުބުނި ނަމަވެސް އެކަމެއް އެވަނީ ފެނުގެ ސަބަބުންކަން އަހަރެންނަށް ޔަގީންވިއެވެ.

"މިއީ ފެންޖެހުމުން ވާގޮތެއް ތޯ؟" މަންޒަރު ބަލަހައްޓައިގެން ހުރި މަންމައަކަށް ކެތެއް ނުކުރެވުނެވެ.

"އަދި ޔަގީނެއް ނޫން،" ޑޮކްޓަރު ދެއްވީ ކުރު ޖަވާބެކެވެ. އެ ޖަވާބުގެ ރާގާއި އެ ޖަވާބު ދިންގޮތުން ކަމެއް ގޯސްވެއްޖެކަން އަހަރެންނަށް އިހުސާސްކުރެވުނެވެ. ޑޮކްޓަރުގެ މޫނުމަތީގެ ކުލަވަރަށް އައި ބަދަލުތަކުން ވެސް އެކަން ޔަގީން ކުރެވުނެވެ.

ހަތް ގަޑިއިރު ފަހެވެ. އަހަރެން އޮތް ކޮޓަރީގައި ތިބީ އަހަރެންނާއި މަންމައެވެ. ކޮޓަރިއަށް އައިސްވަނީ ޑޮކްޓަރެވެ. އަހަރެން ހާސްވާ ގޮތްވިއެވެ. ވާހަކަ ފެށީ ޑޮކްޓަރެވެ.

"ނިކްހާ އަށް ވާގޮތް މިހާރު މި ވަނީ ދެނެގަނެވިފައި. ނިކްހާއަށް ޖެހިފައި މިވަނީ އެކުއާޖެނިކް އުރިޓިކޭރިޔާ ކިޔާ ބައްޔެއް. އެއީ ހަށިގަނޑުގެ ބޭރުފުށުގައި ފެން ޖެހުމުން ޖެހޭ ބައްޔެއް. މިއީ ވަރަށް މަދުން ފެންނަ ބައްޔެއް. މި ބަލީގައި ހަށިގަނޑުގެ އެތެރޭގައި ފެން ޖެހުނަސް އެއްވެސް ކަމެއް ދިމައެއް ނުވާނެ. މައްސަލައަކީ ބޭރުގައި ފެންޖެހުން،" ޑޮކްޓަރުގެ ވާހަކަ އެހިސާބަށް ދިއުމުން މަންމައަކަށް ނުހުރެވުނެވެ.

"އޭގެ މާނައަކީ ފެން ޖެހޭ ކޮންމެ ފަހަރަކު މިހެން ވާނެއޭތަ؟ މި ބިހިތައް ނަގާނޭތަ؟ މި ބައްޔަށް ފަރުވާއެއް ނެތޭތަ؟" ފެންކަޅި ވެފައިވާ މަންމަ ދަމާލީ ސުވާލު ބަރިއެކެވެ.

"މި ބަލި މިހާތަނަށް ޖެހިފައިވާކަމަށް ރިކޯޑްތަކުން ދައްކަނީ ފަންސާހަކަށް މީހުންނަށް. އެ މީސްމީހުންގެ ހަށިގަނޑުގައި ފެންޖެހުމުން ދެ ގަޑިއެއްހައި އިރު ވަންދެން ބިއްސާއި ފިތްގަނޑު ނަގާފައި ހުރޭ. މާބޮޑަށް ފެނުގައި ޖެހިއްޖެ ނަމަ ކަރުތެރެ ދުޅަވެ، ކަރުތެރޭގައި ފޮޅު ވެސް ނަގާ. ބޯ އަނބުރައި ހޮޑުލަވާ ގޮތްވެސްވޭ. ބައެއް ފަހަރު ނޭވާއަށް ވެސް އުނދަގޫވޭ. އެހެންވީމާ ނިކްހާ އުޅެންޖެހޭނީ ވަރަށް ބަލައިގެން،" ޑޮކްޓަރު ދެއްކީ މި ބަލި ޖެހިފައިވާ އެހެން މީހުންނަށް ކަންތައް ދިމާވެފައިވާ ގޮތެވެ. އެ ވާހަކަތައް އަޑު އެހުމަށްވުރެ އަހަރެންނަށް މުހިންމުވީ އަހަރެންގެ ހިތުން ކުރާ ސުވާލު ޑޮކްޓަރާ ކުރުމަށެވެ.

"މި އޮތް ހުރިހާ ދުވަހު ފެންވަރާ ހެދުނު. މޫދަށް ގޮސް ވެސް ހެދިން. ވިއްސާރައާ ވެސް ތެމުނިން. ތިކަމެއް ފާހަގައެއް ނުވޭ. ބިއްސެއް ނުނަގާ. ފޮޅެއް ނުނަގާ. މިހާރު މި ބަލި ޖެހުނީ ކިހިނެއް؟ ކީއްވެ؟ ކިހިނެއް ގަބޫލުކުރާނީ؟" އަހަރެން ސުވާލުކުރީމެވެ.

"އާއްމު ގޮތެއްގައި މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ފުރާވަރަށް އެޅުމުން. މިއީ ޖެނެޓިކް މައްސަލައެއްގެ ސަބަބުން އުފެދިގެން އަންނަ ބައްޔެއް،" އަހަރެންނަށް ބަސް ހުއްޓެނެވެ. ގަބޫލުކުރަން ދަތިވިޔަސް އެ ވާހަކަތައް ގަބޫލުކުރަން ޖެހުނެވެ. ޑޮކްޓަރު ދެއްކި ވާހަކަތައް ކަނުލާ އަޑުއަހަން އިނީމެވެ.

ގެއަށް އައިސް އަހަރެން ވަރަށް ވިސްނީމެވެ. އަމިއްލަ ޒަމީރާ އެތައް ސުވާލެއް ކުރީމެވެ. އަހަރެންނަށް މިހެން ވާންވީ ކީއްވެ ހެއްޔެވެ؟ މި ބަލި ޖެހެންވީ ކީއްވެ ހެއްޔެވެ؟ ޑޮކްޓަރުން އެ ބުނާގޮތަށް ކަންތައްތައް ބަހައްޓާނީ ކިހިނެއް ހެއްޔެވެ؟ ފެންނުވަރާ އުޅޭނީ ކިހިނެއް ހެއްޔެވެ؟ ހަމައެކަނި ފެންފޮތި ކޮޅަކުން ގައި ފުހެލައިގެން އުޅެވިދާނެ ހެއްޔެވެ؟ އެވެސް ހަފުތާއަކު ދެ ފަހަރެވެ. އަދި ކޮބައި ހެއްޔެވެ؟ ސާފު ތާހިރު ނުވެ އުޅެވޭނެ ހެއްޔެވެ؟ ނޫޅެވޭނެއެވެ. އެކަމެއް ނުވާނެއެވެ. ހިތަށް އަރާ ޚިޔާލުތަކުން ހަނދާން ކޮށްދިނީ އީތަންއެވެ. މިހާލުގައި އީތަންއާއެކު އުޅޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ ވާނީ ފޫއްސެވެ. އަބަދު މި ހާލުގައި އުޅޭކަށް އޭނާ ބޭނުމެއް ނުވާނެއެވެ. މިހާރުވެސް އެހުންނަނީ ފޫހިވެފައެވެ. އަދި މިކަހަލަ ކަމެއް ދިމާވުމުން ދެން ވާނެ ގޮތް އަހަރެންގެ ހިތް ބުންޏެވެ. ނަމަވެސް އަހަރެން ކެތްތެރިވީމެވެ. އެ ކެތްތެރިކަމުގައި އީތަން އަށް އަހަރެންގެ ހާލަތު ކިޔައި ދިނީމެވެ. އަހަރެން ފޮނުވީ މެސެޖެކެވެ. ދުލުން ބުނާނެ ހިތްވަރު އަހަރެންގެ ނެތުމުންނެވެ. އޭނާގެ ކުރިމަތީ ހުރެ އެ ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.

މާގިނަ އިރުތަކެއް ނުވެ އީތަން ވެސް އަހަރެންނަށް މެސެޖެއް ފޮނުވިއެވެ. އަހަރެން ފިނިވާ ގޮތްވިއެވެ. ހާސްވާ ގޮތްވިއެވެ. ނޭވާ ހިފަހައްޓާލައިގެން އިނދެ އެ މެސެޖު އަހަރެން ކިޔަން ފެށީމެވެ.

"ތިޔަ މަޢުލޫމާތުތައް އަހަރެންނަށް ހިއްސާކުރީތީ ޝުކުރިއްޔާ. ނިކްހާއަށް އަވަސް ޝިފާއަކަށް އެދެން. ނަމަވެސް ނިކްހާޔާއެކު އުޅެން އަހަރެން މިއަދު އުޒުރުވެރިވަން. އަހަރެންނަށް ގަބޫލުކުރެވެނީ ނިކްހާޔާއެކު އުޅެގެން އަހަރެންގެ އުންމީދުތައް ހާސިލުނުވާނެކަމަށް. މިއަދުން ފެށިގެން އަހަރެން ނިކްހާޔާ ވަކިވަން. އަހަރެންނާއެކު ނިކްހާ ތިހޭދަކުރި ދުވަސްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މި ގުޅުން ނިމުމަކަށް އައި ނަމަވެސް ހިތްބަރު ކަމެއް ނުބާއްވާނެކަމަށް ހީކުރަން،" އަހަރެންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އިރުކޮޅަކަށް ނޭވާ ހުއްޓުނު ހެންނެވެ. ރިހޭ ފައިމައްޗަށް ވެއްޓުނު ފޮޔާއެކު އަހަރެންނަށް އިނދެވުނީއެވެ. ހަތަރު އުދަރެސް ފެނުޖެހިފައެވެ.

ރޭގަނޑުގެ ހަމަ ހިމޭން ވަގުތެވެ. އަހަރެން އޮތީ ނިދޭ ގޮތް ނުވެފައެވެ. ހަމަ ވިސްނެނީއެވެ. އީތަންއަށް އައި ބަދަލާމެދު ފިކުރު ކުރެވެނީއެވެ. ދެން އުޅެން ޖެހޭނެ ގޮތާމެދު ޚިޔާލު ކުރެވެނީއެވެ. އެ ޚިޔާލުތަކުން އަހަރެންނަށް މަޖުބޫރުކުރީ ކޮންޕިއުޓަރު ކައިރި އިށީންނާށެވެ. އަހަރެންނަށް ޖެހިފައިވާ ބަލީގެ މަޢުލޫމާތު އިތުރަށް ހޯދާށެވެ.

ގޫގުލް ސާޗް ކޮށްލުމާއެކު ލިބުނީ އިތުރު ހިތާމައެވެ. ހިތަށް ލިބުނީ ބަޔާންކުރަން ދަތި ގިލަންވެރިކަމެވެ. އުންމީދުގެ އުނޑު ހީވީ ކަޅު ބަނަ ވިލާތަކަކުން ކުއްލިއަކަށް ބައްދާލި ހެންނެވެ. ހިތުގެ ވިންދު އަވަސްވެ ހާސްވާ ގޮތްވީ މާދަމާއަށް އެތައް އުންމީދެއް ކޮށްފައި ހުރުމުންނެވެ. ކުރިމަގަށް އެތައް ޕްލޭނެއް ރާވާފައި ވުމުންނެވެ. ދެން އެކަންކަން ނުވާނެ ހެއްޔެވެ؟ އެ އުންމީދުތަކެއް ހާސިލެއް ނުކުރެވޭނެ ހެއްޔެވެ؟ ހަށިގަނޑުގައި ފެން ނުޖައްސާ އުޅެވޭނެ ހެއްޔެވެ؟ ސާފުތާހިރު ނުވާ މީހަކާއެކު އުޅޭނީ ކާކު ހެއްޔެވެ؟ އީތަންވެސް ދުރުވީއެވެ. އަހަރެންނާ ވަކިވީއެވެ. އަހަރެންގެ މި ދިގު އިސްތަށިގަނޑު ކޮށާނުލައި ބޮލުގެ ހޫނުކަން ކުޑަ ކުރެވޭނެ ހެއްޔެވެ؟ ޖިމްއަށް ދިޔަ ދިއުން ހުއްޓާނުލައި ދާހިތްލުން ފަދަ ކަންކަމުން ސަލާމަތް ވެވޭނެ ހެއްޔެވެ؟ ލިބޭ ހިތާމަތަކުން ކަރުނަ އައިސްދާނެތީ އެކަން ވެސް ނުކޮށް ހުންނަންވީ ހެއްޔެވެ؟ ނުވާނެއެވެ. ނޫޅެވޭނެއެވެ. މިއަޒާބުގައި އުޅެވޭނީ ކިހައި ދުވަހަކު ހެއްޔެވެ؟ އަހަރެންނަށް ގިސްލެވެން ފެށުނެވެ. ނަމަވެސް ހުއްޓާލަން މަޖުބޫރުކުރީ ސިކުނޑިން ހަނދާންކޮށްދިން ޖުމުލައެވެ. ލޮލުން އަންނަ ކޮންމެ ތިއްކަކީ ހަށިގަނޑަށް ދެވޭ އަނިޔާއެކެވެ. އެ އަނިޔާ ދީގެން ހޯދޭނެ މޮޅެއް ނެތެވެ. ކިހައި ހިތްދަތި ހެއްޔެވެ؟ ރޯން ބޭނުން ވިޔަސް އެކަންވެސް ކުރެވެން ނެތީއެވެ.

އަހަރެންވެސް ގަބޫލުކުރަމެވެ. ފެނަކީ ނިޢުމަތެކެވެ. އަހަރެންގެ ހަށިގަނޑަށް އެތެރެވާ ކޮންމެ ތިއްކަކުން ދިރުން ލިބެއެވެ. ނަމަވެސް މި ބަދުނަސީބު ހަށިގަނޑުގެ ބޭރުގައި ބީހޭ ކޮންމެ ފެން ތިއްކަކުން ދެނީ އަނިޔާއެވެ. ލިބެނީ ހިތްދަތިކަމެވެ. ގެނެސްދެނީ މާޔޫސްކަމެވެ.

(ނިމުނީ)

19 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 88%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުއްތީ

22 May 2019

މީތި ސަޅި. އެކަމަކު ފެނަށް އެލާޖިކް ވެދާނެކަން އަދިކިރިޔާ މި އެނގުނީ

The name is already taken The name is available. Register?

ނާޝް

22 May 2019

މި ވާހަކަ ރީތި. އެކަމަކު ބިންމާ ވަރެއް ނުވޭ

The name is already taken The name is available. Register?

ލޮލީތާ

21 May 2019

ހުސް އެކަކު ކޮށްފަ ހުރި ކޮމެންޓު ތަކެއް ހެން ހީވޭ ފެހި ކުލައިން އެ ހުރީ..

The name is already taken The name is available. Register?

ޠާއިފާ

21 May 2019

ވަރަށް ފުރިހަމަ ތަފާތު ވާހަކަަައެއް. މި ވާހަކައިން މުޅިން އައު މައުލޫމާތުތަކެއް ކިޔުންތެރިންނަށް ލިބިގެންދާތީ ވާހަކަ އިތުރަށް ޝައުގުވެރިވި...

The name is already taken The name is available. Register?

އަނާ އިބްރާހިމް

21 May 2019

އަންވަރުގެ ވާހަކައެއްހެން ހިއެއްނުވެއެވެ.އޭނާގެ ވާހަކަތަކުގައި ހުންނަ ޒާތުގެ ގައިން ހީބިހި ނާގާ ޒާތުގެ އެއްވެސް ކަންފުޅެއް މިއަކުނެތެވެ.މިހެން މިވީ އަންވަރުގެ މިވާހަކަ ތަފާތު މަޢުޟޫއަކަށް ލިޔުނީމަކަމަށްވެސް ވެދާނެއެވެ.މީގެ އަސްލު މަށަކަށް ނޭގުނެވެ.ލޯބި އޮތަސް ލޯބީގެ އަސަރެއްނެތެވެ.މަ މިވާހަކައިން ހާސިލް ކުރާނެ ޢިބްރަތެއް މަށަކަށް ނޭގުނެވެ.

The name is already taken The name is available. Register?

އަންވަރީ

21 May 2019

އަންވަރުބޭ މި ވާހަކައިގެ މެއިން ކޮންސެޕްޓަކީ ފިނި ހަވީރު މުބާރާތުން އެއްވަނަ ހޯދި ފަތޫގެ ވާހަކައިގެ ކޮންސެޕްޓު... ޑޮކް ހުރިހާ އެއްޗެއް ކިޔައިދިނުން... އެކަމް ވެސް ސަޅި... އަންވަރު އަދި މިހާރަށް ލިޔާތީ ވަރަށް އުފާ ވެއްޖެ... މިހާރުން ދެން ފަތޫ ވެސް ގެންނަންވީ... ބަހުގެ އިލްމަށް އަރާތިބި ޒުވާނުންނަށް މިހާރު ކަހަލަ ބޮޑެތި ނޫސްތަކުން ޗާންސް ދޭންވީ... އަންވަރަކީ ވެސް ފަތޫ އަކީ ވެސް ހަމަ ބަހުގެ އެދުރުން

The name is already taken The name is available. Register?

ދިވެހި ޓީޗަރު

21 May 2019

މި ވާހަކައިގައި ހުރިހާ ކަމެއް ކިޔައިދެނީ ޓީޗަރެއް ނޫން. އަމިއްލައަށް ސަރޗްކޮށްގެން ވެސް މައުލޫމާތު ހޯދޭ. މިއީ އަމިއްލަ އިހުސާސްތައް ހާމަކޮށްދޭ ގޮތަށް ލިޔެފައިވާ ވަރަށް ފުރިހަމަ ވާހަކައެއްކަމަށް ގަބޫލުކުރެވޭ. އަންވަރު ލައްވާ ވެސް ފަތޫ ލައްވާ ވެސް ލިޔުއްވަންވީ.

The name is already taken The name is available. Register?

އިމްލުބޭ

21 May 2019

ކަލޭ މަ ބުނާ އެއްޗެއް ނުވިސްނޭ ހުންނަނީ ދޯ

The name is already taken The name is available. Register?

އިހުދާ

21 May 2019

މި ވާހަކައަކީ މިހާރު ނޫހުގައި މި ރޯދަ މަހު ޖެހި އެންމެ ރީތި އެއް ވާހަކަ. މި ވާހައިން އަހަރެންނަށް އެންމެ ރީތީ ނިންމުން. ފެނަކީ ނިޢުމަތެކެވެ. އަހަރެންގެ ހަށިގަނޑަށް އެތެރެވާ ކޮންމެ ތިއްކަކުން ދިރުން ލިބެއެވެ. ނަމަވެސް މި ބަދުނަސީބު ހަށިގަނޑުގެ ބޭރުގައި ބީހޭ ކޮންމެ ފެން ތިއްކަކުން ދެނީ އަނިޔާއެވެ. ލިބެނީ ހިތްދަތިކަމެވެ. ގެނެސްދެނީ މާޔޫސްކަމެވެ.

The name is already taken The name is available. Register?

ދިވެހި ޓީޗަރ

21 May 2019

މިއީ ކުރު ވާހަކައަކީ. މި ވާހަކައިގައި އެވަނީ ދެ ދުވަސްވަރު. ޒަމާން ވަރަށް ކުރު. ކެރެކްޓަރުން ވަރަށް މަދު. ސިފަކުރުންތައް މާ ގިނައެއް ނޫން. ރަނގަޅު ހާދިސާއެއް ހިނގާފައި އެބަވޭ. ވަރަށް ފުރިހަމަ ވާހަކައެއް.

The name is already taken The name is available. Register?

ފަޒީނާ

21 May 2019

މި ވާހަކައިން އަހަރެންނަށް އެންމެ ފާހަގަ ކުރެވުނީ ކޮށްފައިހުރި ސުވާލުތައް. ވާހަކަ ރީތިވީ ސުވާލުތަކުގެ ސަބަބުން. ވަރަށް ފުރިހަމަ. މަރުހަބާ އަންވަރު އަހަރެންގެ މި ދިގު އިސްތަށިގަނޑު ކޮށާނުލައި ބޮލުގެ ހޫނުކަން ކުޑަ ކުރެވޭނެ ހެއްޔެވެ؟ ޖިމްއަށް ދިޔަ ދިއުން ހުއްޓާނުލައި ދާހިތްލުން ފަދަ ކަންކަމުން ސަލާމަތް ވެވޭނެ ހެއްޔެވެ؟ ލިބޭ ހިތާމަތަކުން ކަރުނަ އައިސްދާނެތީ އެކަން ވެސް ނުކޮށް ހުންނަންވީ ހެއްޔެވެ؟ ނުވާނެއެވެ. ނޫޅެވޭނެއެވެ.

The name is already taken The name is available. Register?

ވާފިރާ

21 May 2019

ވަރަށް ފުރިހަމަ.. މިކަހަލަ ވާހަަކަ ތަކުން އާންމު މައުލޫމާތު އިތުރުވާކަން ފަަހަގަ ކޮއްލަން. މިވާހަކައިން ތިޔަ ފޯރުކޮށްދެއްވި މެސެޖަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ސާ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454