ކުރު ވާހަކަ: އާމިނާބި

ރެޔަށްވާ ވަރަށް ވެސް ގޭގައި ފެން ފޮދެއް ނެތްކަން އައިމިނާބި އަށް އެނގުނީ އަސުރުން އިރު ދަންވި ފަހުންނެވެ. ބަނޑިޔަލުގެ ފުލުގައި ހުރި ފެންފޮދު ގޭ ދޮރުމަތީ ހުރި ގިތެޔޮ މިރުސް ގަހަށް އަޅާލައި އުކުޅަށް ބަނޑިޔާ ޖަހައިގެން ބޮޑު މަގުން ހިނގައިގަތެވެ. މަގުމަތިން ދިމާވިހާ މީހަކަށް ނިތް އެއްލަމުން ހާލު އަހަމުން ގޮސް ހުކުރު މިސްކިތު ވަޅުން ފެން ފުރަން ފެށުމުގެ ކުރިން، ހުވަނދު މަލުގެ މީރު ވަހުގެ ޖާދޫގައި ޖެހިއްޖެ އެވެ. ފެންވަޅާ ޖެހިގެން ހުރި ހުވަނދުމާ ގަހު ކައިރި އަށް ޖެހިލައި ލޯ މަރާލާފައި ދެތިން ފަހަރު ފުން ނޭވާއެއް ދަމާލައި ހިތް ފުރާލި އެވެ.


ހައެއްކަ ދާނި ފެނުން ބަނޑިޔާ ފުރާލައި ބޮލުގައި ބަހައްޓާލި އިރު އެރި ލޮޅުމަކުން އޮބި ނޯވެގެން ފުންމާލި ފެން ފޮދެއް އާމިނާބިގެ ކަންހުޅިމަތިން ދަތްދޮޅިއާ ހަމަޔަށް ފިރުމާލި އެވެ. ދަތްދޮޅި ފޮހެލަމުން ހިނގައިގަތްތަނުން ގަބުރުސްތާނު ތެރެއިން ކާޅުތަކެއް ހޭރިގެންފައި އުދުއްސައިގަތެވެ. ސިހިފައި ބަލައިލެވުމާ އެކު ހުއްޓުން އެރި އެވެ. ފެން ބަނޑިޔާ ބިންމަތީގައި ބަހައްޓައި މަޑުމަޑުން ހިނގާފައި ގޮސް ހުވަނދުމާ ގަހުގެ ނިވަލަށް ވަދެ އާމިނާބި ގެއްލުނެވެ.

އިރުގަނޑެއް ފަހެވެ. ކަނޑިކީގެ އެއް ކަނުގައި ހިފައި، ދަތި ނުޖެހޭނެހެން ބާރުބާރަށް ގޮސް އާމިނާބި ގެޔަށް ވަން އިރު ހަސަންތަކުރު މަހުން ލަފައި ހައެއްކަ މަސް ހިފައިގެން ބަދިގެ އަށް ވަދެފައި ނުކުންނަނީ އެވެ. ވެފައި ހުރި ވަރުބައްޔެއް ހަސަން ތަކުރަކަށް ނޭނގުނުކަމުން އާމިނާބި ހިތްހަމަޖެހުނެވެ. އެހެން ނޫން ނަމަ ހަސަންތަކުރުގެ ސުވާލު ފުންޏާ ކުރިމަތިލާން ޖެހޭނެ އެވެ. އެކަމަކު ގޭގައި ބޯފެން ނެތިގެން ކޮށްފާނެ ސުވާލަކަށް ޖަވާބު ދޭނެ ގޮތެއް އާމިނާބި އަށް ބޮޑުވި އެވެ. ޖެހިގެން ހުރި ބިންބިގޭގައި އުޅޭ އެކުވެރި ހަދީޖާ އަށް ގޮވައި، ވެގެން އުޅޭ ގޮތް ކިޔައިދީފައި، ހަސަން ތަކުރު ފެންވަރައިގެން ނުކުންނަން ވާއިރަށް ފެން ބަނޑިޔާ ގެނެސްދޭން އެދި ހާސްކަން ފިލުވައިލި އެވެ.

***

ހަސަންތަކުރު އިޝާ ނަމާދުން އަވަދިވެގެން އަންނަން ވާއިރަށް އާމިނާބި ހުރީ ކާން ހަދައިގެންނެވެ. އާވި އަރައަރައި ހުރި ގަރުދިޔަ އާއި ދޮންބިހާއި މެޔާއި ލަގޮނޑި އާއި ބަނޑައިދޫ ހުއްޓެވެ. ފަޅާލާފައި އޮތް ގިތެޔޮ މިރުހުގެ ވަހުން މޭ ހެޔޮވެ އެވެ. ހަސަންތަކުރަކީ ކުޅިކޮށް ކާން މަރެކެވެ. ބަދިގޭގައި އެލުވާފައި ހުރި ފުޅިބައްތީގެ ހުޅުގަނޑު ބޮޑުކޮށްލައިގެން ދެމަފިރިންވެގެން މަހުގެ ބޯތައް ވެސް ކައި ހުސްކޮށް، ގެޔަށް ވަދެ ލަސްވީ ނިދަން އޮށޯތުމެވެ. ދެން އިވެން ފެށީ ހަސަންތަކުރުގެ ގުގުރީގެ އަޑެވެ. އެއީ ކޮންމެ ރެއެއްގެ ވެސް ފަދަ އެވެ. އާމިނާބި އަށް ޖެހޭނީ ނުނިދި ފުރޮޅޭށެވެ.

އާމިނާބި އުންމީދުކުރި ވަގުތު އައިސް ޖެހުނީ އެވެ. ގޭ ބިތްދޮށުން އާމިނާބި އަށް ގޮވާލި އަޑު އިވިއްޖެ އެވެ. ބައްދައިގެން އޮތް ކަންނެޔޮ ހަސަންތަކުރުގެ ގައިގައި ޖައްސާފައި އާމިނާބި މަޑުމަޑުން ތެދުވެ ގެއިން ނުކުމެ، އަނދިރިގަނޑުގެ ތެރެއަށް ގެއްލުނެވެ.

ފީ ބިތްގަނޑުގައި އެއްޗެއް ޖެހުނު އަޑަށް ހަސަންތަކުރު ފުންމައިގެން ތެދުވެއްޖެ އެވެ. ކައިރީގައި ނިދަން އޮތް އާމިނާބި އޮތީ ބިތްގަނޑު ފަޅާފައި ގޭތެރަށް ވަދެފަ އެވެ. ފައިކޮޅު ގެއިން ބޭރަށްވާ ގޮތަށް، އަނގަވަތަށް ދެމި ފީ ބިތްގަނޑުގެ ތެރޭގައި ތާށިވެފަ އެވެ. ތަކުރާއޭ މަ ސަލާމަތްކުރާށޭ އޮވެ ގޮވަ އެވެ. ކިހިނެއް ވީހޭ ގޮވަމުން ހަސަންތަކުރު ތެޅިގެންފައި ގޮސް އަނބިމީހާ ނަގައި އޮޅުލައިގަތެވެ. އާމިނާބިއަށް ވާހަކަ ދެއްކުނީ އިރުކޮޅަކުންނެވެ. އެކަމަކު އެއީ ބިރަކުން ނޫނެވެ. ވިސްނީ ހަސަންތަކުރަށް ހަދާނެ ދޮގެކެވެ.

***

ހަވީރު ފެން ބަލައި ދިޔަތަނުން ގަބުރުސްތާނު ތެރޭގައި، ކަށް ބޮލަކުން ވެލި ފުރަން އިން ފޫޅު ދިގު ހަންޑިއެއް ފެނުނީ އެވެ. ތިމަންނާ ފެނުނު ވާހަކަ އެއްވެސް މީހަކު ގާތު ބުނެގެން ނުވާނޭ ކިޔައި އެ ހަންޑި ހަޅޭއްލަވައިގަތެވެ. އެހެންވެ ހަސަންތަކުރަށް ވެސް ސިއްރުކުރީ އެވެ. ހޭލެވުނީ ބިތްގަނޑު ފަޅާލައި އެސޮރުގެ ފޫޅު ގޭތެރެއަށް ވައްދައި ގައިގައި އޮޅާލައިގެން ދަމާފައި ގެންދަނިކޮށެވެ. ހަސަންތަކުރަށް ހޭލެވުމުން ހަންޑި ފިލައިފި އެވެ.

ހަސަންތަކުރު އޭނާގެ އަނބިމީހާގެ ވާހަކަ ގަބޫލުކުރި އެވެ. ބިރު ނުގަންނަން ބުނެ ހިތްވަރު ދީފައި ގައިތެރެއަށް ލައި ބައްދާލުމާ އެކު އާމިނާބި އަށް ނިދިއްޖެ އެވެ.

***

އަތިރިއަށް އެރި ދޮންވެލި މުށެއް ނަގައިގެން ދަތް ހުދުކުރަމުން ހަސަންތަކުރު ހުރެ އާދެ އެވެ. ފަތިހު ފަތިހާ ހޭލައިގެން ގޮވައި އުދުހެމުން ދިޔަ ދޫނިތަކާއި ކުކުޅު ހާލުގެ އަޑެއް އޭނާ އަށް އިވޭހެނެއް ހިއެއް ނުވެ އެވެ. ރޭ ދިމާވި ކަންތަކާ ވިސްނެނީ އެވެ. އާމިނާބި އެ ބުނިހެން ވެދާނެތޯ ސުވާލު އުފެދުނީ އެވެ. ފޫޅު ދިގު ހަންޑިއެއްގެ ވާހަކަ ދުވަހަކު ވެސް އިވިފައި ނެތީ އެވެ. ހަންޑިއެއް ފެނުނު ނަމަ އާމިނާބި ހަމަހޭގައި ހުންނާނެ ކަމަށް ވެސް ގަބޫލެއް ނުކުރެވެ އެވެ. ރޭގައި އެ ބުނާ ކަމެއް ހިނގި ނަމަ އާމިނާބި ބިރުން ނޫޅެ އަރާމުކޮށް ނިދީ ކީއްވެހެއްޔެވެ؟

ގެޔަށް ވަން އިރު އާމިނާބި ހުރީ ނާސްތާ ތައްޔާރުކޮށް، ފެންވަރައި ތާޒާވެލައިގެންނެވެ. ހަސަންތަކުރު ސުވާލެއް ނުކޮށް ރިހާކުރާ ޖަހައިގެން ދެތިން ހުނިރޮށި ކާލައި ފެން ތައްޓެއް ބޮއެ ވައެއް ލި އެވެ. ނުކުމެގެން ގޮސް، ފެށީ ގޭގެ ބިތްގަނޑު މަރާމާތުކުރާށެވެ. އަނެއްކާވެސް އިތުރުވީ ޝައްކެވެ. ފޫޅު ދިގު ހަންޑި ފޫޅު ވެއްދި ކަމަށް ބުނި ދިމާލުން ބިންމަތީގައި ހުރި ނިޝާންތައް ފެނުނު ކަމަކަށް ވެސް ހަސަންތަކުރު ނުހެދި އެވެ.

***

ހަސަންތަކުރު ނިދާފައި އޮތަސް ހޭލައި އޮންނަތާ އެތައް ރެޔެއް ފަހެވެ. ގޭ ބިއްދޮށުން އިވުނު އަޑަކާ އެކު އާމިނާބި މަޑުމަޑުން ތެދުވެއްޖެ އެވެ. ހިލަމެއް ނުވާހެން ދޮރު ތަންޑު ނައްޓައި ނިކުމެ ދޮރު ގާތްކޮށްލި އެވެ. އެޔަށް ވުރެ މާ ސިއްރުން ހަސަންތަކުރު ވެސް ފަހަތުން ނުކުމެއްޖެ އެވެ. އެކަމަކު އޭރު އާމިނާބި ގޮސް އަނދިރީގައި ޣައިބުވެއްޖެ އެވެ. އެކަމަކު ކެޔޮ ފީނީގެ ނިވަލުގައި ރުއްގުޅިއެއްގެ މަތީގައި މީހަކު ފުރަގަހަށް ވާ ގޮތަށް އިންހެން ހީވި އެވެ. އެއީ ކޮންމެ ހަންޑިއަކަށް ވިޔަސް ހަސަންތަކުރަށް ފަރުވާލެއް ނެތެވެ.

ބަދިގެއިން އަތަށް ހެޔޮވަރުކޮށްލައިގެން ގެނައި ލޮނުމިރުސް ގުޅަ، ފަހަތުން ގޮސް އުނގުޅާލީ ލޮލާއި މުޅި މޫނުގަ އެވެ. އަލިފާނޯތްއޭ ގޮވަމުން އެ މީހަކު ބިންމައްޗަށް ދެމި ރޯން ފަށައިފި އެވެ. ފަރުވާލެއް ނުބަހައްޓައި އެ މީހެއްގެ އެއް އަތުގައި ހިފައި ދަމަމުން ގޮސް ގެޔަށް ވެއްދި އިރު އެއީ އާމިނާބި އެއް އިރެއްގައި ހިތާވެގެން އުޅުނު އާދަނެވެ. އެކަމަކު އާމިނާބިގެ ބަފައި ނުރުހިގެން އެކަން ނުވީ އެވެ. ރުޅި އައިސްގެން ކަނިބުރަބުރާ ހުރި ހަސަންތަކުރު ސިހުނީ އެނދުމަތީގައި އޮތް އާމިނާބި ފެނިފަ އެވެ. ހަސަންތަކުރު ހުއްޓުން އެރި އެވެ. ފުރޮޅިލާފައި، ނިދީގެ މަސްތުގައި ހުރެ، ތަކުރާ ކީއްވަނީހޭ އަހައިފި އެވެ. ވީގޮތް މިއޮތީ ފެންނާކަށް ނޫންހޭ ކިޔައި އެނބުރިލި އިރު އާދަނު ޖެހުނުތާ ލަކުނު ވެސް ނެތެވެ.

އާމިނާބި އަށް މި ކުރެވުނީ ހާދަ ބޮޑު ޝައްކެކޭ ހިތައި ހަސަންތަކުރު މާފަށް އެދުނެވެ. އާމިނާބި ހީލާފައި ބައްދާލި އެވެ. -- ނިމުނީ --