25 މެއި 2019 - 09:11
އާ ދުވަހަކަށް ދުނިޔެ މަރުހަބާ ކިޔަމުން ދަނީ އެވެ. ލޮލަށް ގިނަވަމުންދިޔަ ކަރުނަތައް ފޮހެމުން ތަރުތީބު ގެއްލިފައިވާ ކޮޓަރިތެރެއަށް ނަޒަރު ހިންގާލީމެވެ. ހީވަނީ ނަގޫ ރޯޅިއެއް އަރައި މުޅި ކޮޓަރިތެރެ އެފުށް މިފުށަށްޖެހިފައި އޮތްހެނެވެ. ތަޅައިގެން ގޮސްފައިވާ ބިއްލޫރީގެ މާވައްޓާ ދުރަށް، ބުރައިގެން ގޮސްފައިވާ ތަނޑިދިގު ހައެއްކަ ރަތްފިނިފެންމާ ފައި ޖެހޭ ހިސާބުގައި އޮތެވެ. އަހަރެންގެ މިސާލަކީ އެ ފިނިފެންމާތަކުގެ މިސާލެވެ. މިލާ މޯޅިވުމެއްނެތި ރީތި ބަގީޗާއެއްގައި ތާއަބަދަށް ރަނިކަން ކުރެވޭނެ ކަމުގައި އަހަރެން ވެސް ހީކުރީމެވެ. ދިރިއުޅުމުގެ ހަނދު އޮއްސި މިހާ އަވަހަށް އެ ދިރިއުޅުން ބަނަވެ އަނދިރިވެދާނެ ކަމުގައި އަހަރެން ހުރީ ވިސްނައިގެނެއް ނޫނެވެ.
އަމިއްލަ އަތުން ވީރާނާ ކޮށްލެވުނު ދިރިއުޅުން އާ ފެށުމަކުން ފެށުމަށް އަޒުމް ކަނޑައެޅީމެވެ. ފޮއްޓަށް އެއްޗެހި އެޅުމަށް ފަހު ކުޑަ އެނދުގައި ނިދާފައި އޮތް ހަ މަސް ވެސް ނުވާ ތުއްތު ދަރިފުޅު ނެގީމެވެ. ޓެކްސީގައި އިން އިރު ވެސް އަހަރެންގެ ކަރުނަތަކަށް ނިމުމެއް ނައެވެ. ހެދުނު ގޯސް އިހްސާސްކުރެވި އަމިއްލަ ނަފްސު ދެކެ ވެސް އަހަރެން ފޫހިވި އެވެ.
"އާސިމްއަކީ ރަނގަޅު މީހެއް ނޫން! އިންނަން ބޭނުމިއްޔާ އިނަސް އަހަންނަށް ވަރިހަމަ! ވަލީއެއް ނުލިބޭނެ!" އާސިމްއާ އިންނަން ވަލީ ހޯދަން އެދުނު ދުވަހު ބައްޕަ ބުނީ އެހެންނެވެ.
ބައްޕަ އެހެން ބުނުމަކުން އަހަރެންގެ ހިތަކަށް ކުރި އެއްވެސް އަސަރެއް ނެތެވެ. ބައްޕަގެ ގަދަރާއި ދޭންވާ އިހުތިރާމަކީ އަހަރެންގެ ކުރިމަތީގައި އަގެއްހުރި އެއްޗަކަށް ނުވީތީ އެވެ. ބައްޕަ ހުންނަ ސިފަ އާއި ވާހަކަ ދައްކާ ގޮތާއި ކުރާ މަސައްކަތް ވެސް އަހަންނަށް ކަމުނުދަނީ އެވެ. އަހަރެން ހަނދާން ހުންނަން ފެށީންސުރެ ބައްޕައަކީ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުންނަ މީހެކެވެ. ހިނގާބިނގާވެ އުޅެވުނަސް ނަގާ ފިޔަވަޅުތަކުގައި ޒާތެއްގެ ކޮރުކަމެއް ހުންނާނެ އެވެ. ނިތްކުރިމަތިން ފަޅައިގެން ގޮސް ލޮލާ ހަމައަށް ދެމިފައިވާ ފުން ލަކުނުން އެ މޫނުމަތިން ބިރުވެރި ސިފައެއް ދައްކުވައި ދެއެވެ. ކުޑައިރު އަހަންނާ އެކު ކިޔަވަން އުޅުނު ކުދިންނަށް އަހަރެންގެ ބައްޕަ ފެނުމުން އެ ވާހަކަ އެ މީހުން ހީހީފައި ދައްކާނެއެވެ. "ހަންޑި ދަރީ"ގެ ނަމުން އެ މީހުން އަހަންނަށް މުޚާތަބުކޮށް އުޅުނެވެ.
އެފަދަ ކޮންމެ ކަމަކީ ބައްޕަ ދެކެ އިތުރަށް އަހަރެން ފޫހިކުރުވި ކަންކަމެވެ. ބައްޕަގެ ސިފަ ހުންނަގޮތުން އަހަންނަށް މަދުވި އެއްވެސް އުފަލެއް ނެތެވެ. އަހަރެން ބޭނުންވި ކޮންމެ އެއްޗެއް އަހަރެން އެ އެއްޗަކަށް އެދުމުގެ ކުރިން ބައްޕަ ހޯދައިދެއެވެ. ކުރާ މަސައްކަތުން ލިބޭ އާމްދަނީ މަދަސް ވެހެވެ. ކުނި އުކުމުން ފެށިގެން ޖަންކްޝަން ސާފު ކުރުމާ ހަމައަށް ބައްޕަ ނުކުރާ މަސައްކަތެއް މަދުވާނެ އެވެ.
އަހަންނަށް ވިހި އަހަރުވެ ކާވެނި ކުރާ އުމުރަށް އެޅިއިރު ބައްޕަގެ އުމުރުން ހަތްދިހަ އަހަރެވެ. މަންމަގެ ޢުމުރު ފަސްދޮޅަހުން މައްޗަށް ގޮސް މި ދުނިޔެއާ އަލްވަދާއު ކިޔަންޖެހުނީ އަހަރެން ކާވެނީގެ ހުދު ހެދުމުގައި ހުންނަތަން ދެކޭނެ ނަސީބު ވެސް ލިބުމެއް ނެތި އެވެ.
ބައްޕަގެ ނުރުހުމާ އެކު ވެސް އަހަރެން ކާވެނިކުރީމެވެ. އާސިމްއާ ގުޅޭގޮތުން ބައްޕަ ބުނި ކުރު ޖުމްލައިގައި އެއްވެސް ހަގީގަތެއް އޮތްކަމަކަށް އޭރު އަހަރެން ނުދެކެމެވެ. އަހަރެން ދުށީ އެއީ އަހަރެންގެ އުފަލަށް ހުރަސް އެޅުމުގެ ގޮތުން ބައްޕަ ބުނެލި ވާހަކައެއް ކަމުގަ އެވެ. ދަރިފުޅަށް ވަލީ ދޭން ޖެހޭ ހިސާބަކީ ބައްޕައިންގެ ހަގީގީ ބާރު އެ މީހުންނަށް ވިސްނި އަހަރެމެންގެ ދިރިއުޅުމާ ބޭނުން ގޮތަކަށް ކުޅެލުމަށް ހޯދާ ފުރުސަތެއް ކަމުގައި އަހަރެން ހީކުރީމެވެ.
އާސިމް އާއި އަހަރެންގެ ކާވެނި ކުރެވުނީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ. ކާވެނީގެ ދިގު ދަތުރަށް ރަނގަޅަށް ދަތުރު ނުބަނދެވެނީސް އަހަރެމެންގެ ހަޔާތަށް ތުއްތު މެހެމާނަކު އިތުރުވެއްޖެ އެވެ. އާސިމްގެ ފަރާތުން އަހަންނަށް ލޯބި ލިބުނެވެ. ރަތް ފިނިފެންމަލާއި ތަފާތު ހަދިޔާތަކުން އަހަރެންގެ ހިތް ފުރުވި އެވެ. އަހަރެން އެދޭ ފަދަ "ރޮމޭންޓިކް" ދިރިއުޅުމެއް ހޯދައިދިނުމަށް އޭނަ މަސައްކަތް ކުރި އެވެ. އަހަރެން އުފަލުގައި ބަހައްޓަން އޭނަ އެ ކުރި މަސައްކަތުން އަހަންނަށް ނުލިބުނީ ހިތްހަމަޖެހުމެވެ. އޭނާގެ ދުނިޔެއަކީ އަހަރެން ގަބޫލުކުރި ހަމަތަކާއި އުސޫލުތަކާ ޚިލާފް މުޅިން ތަފާތު ދުނިޔެއަކަށް ވީތީ އެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ އެވެ. ތުއްތު ދަރިފުޅުގެ ޚިދުމަތުގައި އަހަންނަށް ހުރިހާ ވަގުތުތަކެއް ހުސްކުރެވެން ފެށުނެވެ. މައިވަންތަކަމުގެ ބުރަ ވާޖިބާ ހެދި ފިރިމީހާ އުޅޭ ނޫޅޭ ގޮތް ބެލުން ވެސް އަހަންނަށްވީ ބޮޑު ކަމަކަށެވެ. އަހަރެންގެ އެ ފަރުވާކުޑަކަން، އާސިމަށްޓަކައި ލެއްވި ރަޙުމަތެއް ފަދަ އެވެ.
އޭނާގެ ވަގުތުތައް އަމިއްލަ އުފަލަށްޓަކައި ގުރުބާން ކުރެވެމުން ދާން ފަށައިފި އެވެ. ސަފުން ބާކީވެ އެ ދިރިއުޅުމުން މަޑުމަޑުން އަހަރެން އެކަހެރިވަމުން ދިޔަ އެވެ. އޭނާގެ ވަގުތުތައް އެ ބަޔަކަށްޓަކައި ހުސްކުރަމުންދާ އެކުވެރިން އަހަންނަކަށް އެއްގޮތަކަށް ވެސް ކަމަކު ނުދެ އެވެ. އެއިން ކޮންމެ މީހަކީ ވެސް ކޮންމެވެސް ބާވަތެއްގެ ކުށެއްގައި ކޮންމެވެސް އިރެއްގައި ޖަލުގެ ތޭރިތަކުގެ ބިތްދޮށް ރަނގަޅަށް ތަޖުރިބާކޮށްފައި ތިބި ބަޔަކަށް ވާތީ އެވެ. ލަސްލަހުން ވިޔަސް އަހަރެންގެ ދިރިއުޅުމަށް އަންނަމުން ދިޔަ ހުސްކަމާ އެކު ޝަކުވާގެ ފުނިވަރުތައް އަހަރެންގެ ހިތުގެ ކަނަކަށް ޖަމާވަމުން ދިޔަ އެވެ. އާސިމްގެ ހަގީގީ ސޫރަ ފެންނަން ފެށީ ދެނެވެ. ލޯބީގެ ނަމުގައި އަހަރެންގެ ހަށިގަނޑާ ހަމައަށް އޭނާގެ އަނިޔާވެރި ކަމުގެ އަތް ފޯރުވި އެވެ.
އަހަރެން ދެކެ އޭނާ "ލޯބިވަނީ" އޭނާ ހިތަށް އެރިއްޔާ އެވެ. އަނިޔާއެއް ދޭން ހިތަށް އަރައިފި ނަމަ އެކަމަކަށް ދެވަނަ ވިސްނުމެއް ނޯވެ އެވެ. ލޯބީގެ ނަމުގައި ބަނދެވުނު އެ މަޅީގެ ނުބައިކަން އަހަންނަށް ވިސްނެން ފެށީ އެހާ ހިސާބުންނެވެ. ނަމަވެސް، އެ ދިރިއުޅުމާ ދުރަށް ދާކަށް އަހަންނަކަށް ނުކެރުނެވެ. ތުއްތު ދަރިފުޅަށް ޓަކަ އެވެ. އަމިއްލަ ނަފްސުގެ ދިފާޢުގައި އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއްނެތް ކަމުގެ ވަސްވާސް ހިތުގައި ވީތީ އެވެ.
އާސިމްއަކީ ލޯބިވާން ވެއްޖިއްޔާ އެފަދަ ދެވަނައެއް ނެތް މީހެކެވެ. ހަމަ އެގޮތަށް ރުޅި އަތުވެއްޖިއްޔާ އޭނާއަކީ މަރެކެވެ. އަހަންނަށް ޖިސްމާނީ އަނިޔާ ދިނުމަކީ "ލޯބީގެ ބައެއް" ކަމުގައި އަހަރެންގެ ސިކުނޑި އަށް ވައްދައިދޭން އޭނާ މަސައްކަތްކުރި އެވެ. އަހަރެންގެ ހަށިގަނޑަށް އޭނާ ދޭ ޒަޚަމަތަކުގެ ފަރުވާއެއްގެ ގޮތުގައި އޭނާ އަޅައިދޭ މަލަމަކީ ރަތް ފިނިފެންމަލެވެ. އޭނާގެ އެ އަނިޔާވެރި ކަމުގައި އަހަރެންގެ ދިރިއުޅުން އޮޔާލަމުން ދަނިކޮށް އާސިމްގެ އެހެން ހަގީގަތެއް އަހަންނަށް ފެންމަތިވި އެވެ.
އެއީ އެއް ރެއެއްގެ މެންދަމުގެ ވަގުތެވެ. ދަރިފުޅު ގާތަށް ލައިގެން އަހަރެން އޮތީ އާސިމްގެ އިންތިޒާރުގަ އެވެ. ގާތުގައި އޮތް ފޯނަށް އިރު އިރުކޮޅުން އަހަރެން ބަލަމުން ގެންދިޔައީމެވެ. އޭނާގެ ފޯނަށް މިރޭ އެކަނި ވެސް ވިއްސަކަށް ފަހަރު އަހަރެން ގުޅައިފީމެވެ. އޭނާގެ އެއްވެސް ހަބަރެއް ނުވި އެވެ. އެފަދަ ވިސްނުންތަކެއްގައި ހަދާނެގޮތް ހުސްވެފައި އޮއްވައި ދޮރުގައި ޓަކި ދިން އަޑު އިވުނެވެ. އަހަރެން ގޮސް ދޮރު ހުޅުވީމެވެ. ކުރިމަތީގައި ތިބީ ފުލުހުންގެ ޔުނީ ފޯމުގައި ތިބި ތިން އޮފިސަރުންނެވެ. މިއަދު ހިނގި ބޮޑު ވައްކަމެއްގެ ތުހުމަތު އާސިމްގެ މައްޗަށް ކުރެވުނީ އެވެ. ކުރި ކުށަށް ފިލައިގެން އޭނަ އެ ދިޔަ ތަނެއް އަހަންނަކަށް ނޭނގެ އެވެ. ފުލުހުންނަށް އަހަރެން ދޭން އޮތް ޖަވާބަކީ އެއީ ކަމަށް ވާތީ އެ ޖަވާބު އަހަރެން ދިނީމެވެ.
ބިރުން ސިހެމުން އައިސް އާސިމް ގެއަށް ވަތްއިރު ފަތިސްވާން އުޅެނީ އެވެ. އެއިރު ވެސް އަހަރެން އޮތީ ހޭލަ އެވެ. ގަޑީގެ ސިކުންތު ކައްޓަށްވުރެ އޭނާގެ ހަރަކާތްތައް އަވަހެވެ. އަލަމާރީގައި ހުރި އޭނާގެ ހުރިހާ އެއްޗެއް ނަގައިގެން ސިއްރު ފިޔަވަޅުތަކެއް އަޅަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
"ކުރާކަމެއް ކޮށް ނިންމާއިރު އަހަރެމެން ދެމައިން މީ ތިބި ބައެއް ކަމެއް ވެސް ނޭނގެނީތަ؟ އަހަރެން އާސިމްއާ އިނީ ތިއީ އަނިޔާކޮށް ވައްކަން ކުރާ މީހަކަށް ވާނެކަމަށް ހީކޮށްގެނެއް ނޫން. ބައްޕަ ބުނީ ހަމަ ތެދެއް! ތިއީ ވަރަށް ނުބައި ނުލަފާ މީހެއް!" އަހަރެންގެ ކެތްތެރިކަން ކޮޅުންލި ރެއަކީ އެއީ އެވެ. އެހެން ބުނަމުން އަހަރެން އާސިމްއާ ކުރިމަތިލީމެވެ.
ބަދަލުގައި އޭނާގެ ގައިގައި ހުރި ބާރެއް ވިއްޔާ އެރޭ އަހަންނަށް ދައްކާލި އެވެ. އޭނާގެ ރުޅި އަހަންނަށާއި އަތުޖެހުނު އެއްޗަކަށްވިއްޔާ ބާލައިލުމަށް ފަހު ފަސް އެނބުރި ބެލުމެއްނެތި އޭނާ ކޮޓަރިން ނިކުތެވެ. އަހަރެންގެ ދިރިއުޅުން ފަދައިން މުޅިތަން ވީރާނާ ކަމަށް ދޫކޮށްލާފަ އެވެ.
ކާރުއައިސް ބައްޕަ ކުއްޔަށް އުޅޭ ގޭގެ ކުރިމައްޗަށް ހުއްޓާލުމާ އެކު ދަރިފުޅު އުރާލައިގެން ހުރެ އަހަރެން ކާރުން ފޭބީމެވެ. އެއިރު އެގޭ ބޭރުގައި މީހުންގަނޑު އެއްވެފައި އޮތެވެ. ގޭތެރެއަށް ވަނުމުގެ ކުރިން ވީގޮތް އަހަރެން އޮޅުންފިލުވީމެވެ. ލިބުނީ އަޑުއަހަން ބޭނުންވި ކަހަލަ ޚަބަރެއް ނޫނެވެ. އެންމެން ގަނޑު ފަޅަމުން އަހަރެން ގޮސް ގޭތެރެއަށް ވަނީމެވެ. އެއިރު ނޭފަތުގައި މާސްކް އަޅައިގެން ފުލުހުންގެ ޓީމެއް ކޮޓަރި ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ އެވެ. ބައްޕަގެ މަރުވެ ހަރުދަނޑިވެފައިވާ ފުރާނަ ނެތް މަސްގަނޑު އަހަންނަށް ފެންނަ ވަރުވީ ކިރިޔާ އެވެ. ކުޑަކޮށް ލަސްވި ނަމަވެސް ފުލުހުން ގެންގުޅުނު ޕްލާސްޓިކް ބޭގުގައި ބައްޕަގެ ފުރާނަ ނެތް މަސްގަނޑު ގައިދުވީހެވެ.
އެ ވަގުތު އަހަރެންގެ ނަން އަހަމުން ފުލުހަކު އައިސް އަހަރެންގެ އަތަށް ދިއްކޮށްލީ ސިޓީއުރައެކެވެ. ވަގުތުން އޭގައި ހިފަމުން އަހަރެން ސިޓީ ހުޅުވާލީމެވެ. އޭގައި ވެއެވެ.
"ލޯބިވާ ދަރިފުޅާ އެވެ! ދިރިއުޅުމުގެ ބައެއް ހަގީގަތްތަކަކީ ފުރާތަމަ ނެތް މަސްގަނޑާ އެކު ވަޅުލެވެން ދޫކޮށްލައިގެން ވާނެ ހަގީގަތެއް ނޫނެވެ. ދަރިފަސްކޮޅަށް އިބްރަތެއް ކަމުގައި ވިޔަސް ބައެއް ހަގީގަތްތައް ތިލަވާން ޖެހެ އެވެ. ދަރިފުޅާ އެވެ. އަޑުއަހާށެވެ! ދަރިފުޅު ބައްޕަ ދެކެ އެންމެ ފޫހިވާ އަދި ބައްޕަ ހުންނަ ތަނެއްގައި ހުރުމަށް ވެސް ލަދުގަންނަ ސަބަބަކީ ބައްޕަގެ ޖިސްމާނީ ނުކުޅެދުންތެރި ކަމެއް ނޫން ހެއްޔެވެ؟ ބައްޕަގެ ހުތުރު ބިރުވެރި ސިފަ އާއި ކުރާ މަސައްކަތުގެ ޒާތުން ބައްޕަގެ ހަޑިވެފައިވާ އަތެއް ނޫން ހެއްޔެވެ؟ ދަރިފުޅަށް އެނގޭ ހެއްޔެވެ؟ މައިމީހާއަކީ ދަރިން ދުނިޔެ އަށް ނޭވާ ލުމުގެ މެދުވެރިޔާ އަށް ވާ ފަދައިން ދަރިންގެ ނޭވާތަކަށް ރައްކާތެރިކަން ދޭން ތިބޭނީ ބައްޕައިންނެވެ. ބައްޕަގެ މި ނުކުޅެދުންތެރިކަމަކީ ދަރިފުޅުގެ ރައްކާތެރިކަން ޔަގީންކޮށްދިން ސަބަބެވެ. ބައްޕައަކީ ވެސް އިރެއްގައި ފުރިހަމަ ސިފައެއް ލިބި ހުރި އިންސާނަކީމެވެ. ނަމަވެސް އެއީ އެއްދުވަހެއްގެ މެންދުރާ ހަމައަށެވެ. އެއިރު ދަރިފުޅު ވަރަށް ކުޑަ އެވެ. ކިރިޔާ ފިޔަވަޅު ނެގެނީ އެވެ. ރަށުގައި ކަނޑަން ތައްޔާރުވަމުންދިޔަ ރުކެއްގެ ދަށަށް ދަރިފުޅު ވަނީ ގޭކުރިމަތީ އިން ޖޯލީގައި މަންމަ ނިދިޖެހިފައި އިންދަ އެވެ. ދަރިފުޅުގެ ނަސީބު ރަނގަޅުކަމުން އެ ދުވަހު ބައްޕަ އަށް އެ މަންޒަރު ފެނުނީ އެވެ. އެ ރުކުގެ ދަށުވެ ބައްޕަގެ ސިފަ ގެއްލުނަސް ދަރިފުޅު ސަލާމަތްވެ ދަރިފުޅަށްޓަކައި ދުނިޔޭގައި ހުރުން މިންވަރު ކުރެއްވީތީ ﷲ އަށް ހަމްދު ކުރަމެވެ." އެ ކުރު ސިޓީ ކިޔާ ނިންމާލެވުނު އިރު އަހަރެންގެ ލޮލުން ހޯސްލާފައި އޮހޮރިގަތީ ކަރުނަ އެވެ.
"ބައްޕާ! އަހަރެން ދޫކޮށްފަ ނުދޭ! އަންނަށް މާފުކުރޭ ބައްޕާ!... ބައްޕަ ދެކެ ވަރަށް ލޯބިވޭ!.." މިއިން ދުވަހަކު އަހަރެންގެ ދުލުން ބޭރުނުވި ލަފްޒުތައް އެ ވަގުތު އަހަރެންގެ ދުލުން ބޭރުކުރެވުނެވެ. ނަމަވެސް އޭރު މާ ލަސްވެއްޖެ އެވެ. ބައްޕަ އަށް އެއަޑު އިވޭނެ ކަމެއް އަހަންނަކަށް ނޭނގެ އެވެ. އެނގޭހާ ވެސް އެއްޗަކީ ބައްޕަގެ އެ ކުއްލި ވަކިވެދިއުން އަހަރެން ދަރަނިވެރި ކުރުވިކަމެވެ. އެ އަމިއްލަ އެދުމެއްނެތް ލޯތްބާއި އަހަރެންގެ އުފަލަށްޓަކައި އޮހުރުވި ދަލަށް ޓަކަ އެވެ.
(ނިމުނީ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy