27 މެއި 2019 - 08:41
ފިރިހެނުންނާއި އަންހެނުން ތަފާތުވަނީ ކޮންގޮތަކުން ހެއްޔެވެ؟ އަންހެނުންގެ ކަމަކަށް އޮންނަނީ ކެއްކުން ހެއްޔެވެ؟ ގޭތެރޭގެ މަސައްކަތްކުރުން ހެއްޔެވެ؟ ފިރިހެނުން އުޅެން ޖެހެނީ ބޭރުގައި ހެއްޔެވެ؟ އެ މީހުންނަށް ގޭތެރޭގެ މަސައްކަތް ހަރާމީ ހެއްޔެވެ؟ ނުވަތަ ކަމެއް ކުރަން ނުޖެހެނީ ހެއްޔެވެ؟ ހިތަށް އަރައި ފައިބަމުންދާ ޚިޔާލުތަކުން ބޮލަށް އުނދަގޫވާވަރު ވެއެވެ.
މިއަދުވެސް ބަދިގެއަށް ވަން އިރު ދޭއް ނުޖަހައެވެ. ކަމަކަށްފަހު ކަމެއް ކުރުމަށް މަންމަ އެބަ ބުނެއެވެ. ފުރަތަމަ ބުނީ ފިޔާކޮޅެއް ކޮށުމަށެވެ. އެއަށްފަހު ޖެހުނީ ރޮށި ފިހާށެވެ. އެކަމުން ސަލާމަތްނުވެ އުޅެނިކޮށް ދެން އެ ބުނީ ކަރާފަނި ގިރާށެވެ. އަދި ގޭތެރެ ކުނިކެހުން އޮތީއެވެ. މޮޕުވެސް ލާންޖެހެއެވެ. އިރު އޮއްސުމުގެ ކުރިން ތަށިތައް ދޮވެ މޭޒުމައްޗަށް ވެސް ނަގަންޖެހެއެވެ. ހައްތަހާ ވެސް ކުރަން ޖެހޭހާ ކަންކަމެވެ. މި ކަންކަން އަހަރެން ނުކިރިޔަސް މަންމައަށް ވެވުނުވަރަކުން މި ކަންކަން ކުރާނެއެވެ. އެ މަންޒަރު ބަލައިކަށް އަހަރެންނަކަށް ކެތެއް ނުވެއެވެ. ހިތްހަމައެއް ނުޖެހެއެވެ. ހިތްހަމަ ނުޖެހެނީ އަހަރެންނާއި މަންމަ އެކަނި އެކަންކަން ކުރަން ޖެހޭތީއެވެ. ބައްޕައާއި ބޭބެ ވެސް އެތިބީއެވެ.
ބޭބެ އެއިނީ ޓީވީ ބަލާށެވެ. ބޭބެ އަހަރެންނަށް ވުރެ ދެ އަހަރު ބޮޑުވާނެއެވެ. ގޭގައި ބޭބެ ކުރަންޖެހޭ ކަމެއް ނޯވެއެވެ. ނޫނެކެވެ. ބޭބެއަށް ކަމެއް ނުޖައްސަނީއެވެ. ބޭބެއަށް ވަގުތު ގިނަ ވަނީ އެހެންވެއެވެ. އެކަމަކު ބޭބެއަށް ވެސް ކުރެވޭނެ ކިތަންމެ ކަމެއް އެބަ ހުއްޓެވެ. ގޭތެރެ ކުނިކެހިދާނެއެވެ. މޮޕް ވެސް ލެވިދާނެއެވެ. ކަރާ ފަނި ވެސް ގިރިދާނެއެވެ. ނަމަވެސް އެއިން ކަމެއް ބޭބެ ކުރާތަން ފެނުމަކީ މަންމައާއި ބައްޕަގެ ހިތަށް ކެތްވާވަރު ކަމަކަށް ނުވާނެއެވެ. އެ މީހުންގެ ވިސްނުމުގައި އެއީ ފިރިހެން ކުދިން ކުރާ ޒާތުގެ ކަންކަމެއް ނޫނެއެވެ. ބޭބެއަށް ވެސް ހީވެފައި އޮންނަނީ އެހެން ތޯއްޗެކެވެ.
ރޯދަ މަހުގެ ތިން ވަނަ ދިހައެއް ފެށުނީއެވެ. އަޅުކަމުގައި އުޅެން އަހަރެން ވެސް ބޭނުމެވެ. ސަވާބާއި ދަރުމަ ހޯދަން މަންމަ ވެސް ބޭނުން ވާނެއެވެ. އަހަރެންނަކީ ވެސް އިންސާނެކެވެ. ކުށްތަކުން ތައުބާވެ، ފަހު ދިހައިގެ ސަވާބާއި ދަރުމަ ހޯދަން އަހަރެންގެ ހިތް ވެސް އެދެއެވެ. އެކަމަކު ވަގުތު ކޮބައި ހެއްޔެވެ؟ އެކެއް ޖަހަންދެން އުޅެނީ ސްކޫލުގައެވެ. ގްރޭޑް 10 ގައި އުޅޭތީ ބައެއް ދުވަސްދުވަހު ދޭއް ޖަހަންދެން ވެސް ސްކޫލުގައި އުޅެންޖެހެއެވެ. ގެއަށް އަންނަ ގޮތަށް ޖެހެނީ ބަދިގެއަށް ވަންނާށެވެ.
މިއަދުވެސް ސްކޫލުން ގެއަށް އައި ގޮތަށް ވަނީ ބަދިގެއަށެވެ. އޭރު މަންމަ އުޅެނީ ބަދިގޭގައެވެ.
"ކޮބަ ހާދަ ލަސްވީ މިއަދު. މިހާރު ދެ ގަޑި ބައިވެގެން އެ ދިޔައީ. އަވަހަށް ރޮށި ފިހަން ފަށާ. މިއަދު ތަންކޮޅެއް ގިނައިން ރޮށި ފިހާތި. ރޯދަ ވީއްލަން ވެސް ހަތަރު މީހަކު މިއަދު އަންނާނެ. ތަރާވީހަށް ރަފީގުބޭ ގޭ މީހުން އަންނާނެ،" ގުޅަ ތެލުލަން ހުރި މަންމަ ތެޔޮ ތާހަށް ގުޅަ މުށެއް އަޅަމުން ބުނެލިއެވެ.
މަންމަ އެ ދިނީ ކުޑަވަރެއްގެ އިންޒާރެކެވެ. އިރުއޮއްސޭ ވަގުތާއި ތަރާވީސް ވަގުތު އަހަރެން އެ ތަނުގައި ހުންނަން ޖެހޭކަމުގެ މެސެޖެވެ. މިރޭ ވެސް އެ ގެއްލުނީއެވެ. މާދަމާއަށް ނިންމަންޖެހޭ އެތައް ފިލާވަޅެއް އެބަ ހުއްޓެވެ. މި ރެއަކީ ފަހުދިހައިގެ ފުރަތަމަ ރެއެވެ. ހިތަށް އަރުވައިގެން މި ހުރީ ތަރާވީސް ކުރަން މިސްކިތަށް ވެސް ދާށެވެ. ރޯދައަށް ހުއްޓަސް އަހަރެންގެ ހިތުން އުފައްދަމުން ދިޔައީ ހިތްހަމަ ނުޖެހުމެވެ. އެއަށް ވުރެ ބޮޑަށް ވީ ދެރައެވެ. ފިރިހެން ކުއްޖަކަށް ވީނަމައޭ ހިތަށް އެރިއެވެ. އޭރުން ގައިމު ވެސް މި ހުރިހާ ކަމެއް ކުރާކަށް ނުޖެހުނީހެވެ. އެކަމަކު މަންމައަށް މި ހުރިހާ ކަމެއް ޖައްސާނީ ކިހިނެއް ހެއްޔެވެ؟ ބައްޕަމެން އުފާކޮށްދިނުމަށް ކޮންމެ ފަދަ ގުރުބާނެއް ވާންވެސް މަންމަ އެ ހުންނަނީ ތައްޔާރަށެވެ.
"ކޮންމެ ރެއަކު ތަރާވީހަށް މި ބައިވަރުތައް ހަމަ ހަދަންޖެހޭތަ؟ ކީއްތަ ވާނީ މި ހަދަން ޖެހޭ ވަރު މަދުކޮށްލިއްޔާ. ކޮންމެ ރެއަކު ތަރާވީހަށް ގެއަށް އެ ގެންނަ މީހުން ގެނައުން ހުއްޓާލިއްޔާ. މިހާ ވަރަށް ހެދިކާ ހަދާ ގެއެއް މި ރަށަކު ވެސް ނުހުންނާނެ ކަންނޭނގެ. އަހަރެން ހިތަށް އަރާ ކީއްކުރަން ކުރާ ކަމެއް ބާއޭ؟" އަހަރެންގެ ދުލުން ބޭރުވި ނުތަނަވަސް ޖުމުލަތައް މަންމަގެ ކަންފަތުގައި ހަމަ ޖެހުމާއެކު މަންމަވެސް ފެށިއެވެ.
"މިއަދު ވެސް އަނެއްކާ ފެށީ ދޯ؟ އަންހެން ކުދިން އުޅޭނީ މި ގޮތަށް. ބަދިގޭ ކަންކަން ނުކުރެވޭނަމަ އަންހެން ކުއްޖަކަށް ނުވާނެ. އެހެން ނޫނަސް ރޯދަ މަހު މީސްމީހުންނަށް ކާއެތިކޮޅު ދިއްކޮށްލުމަކީ ހާދަ ސަވާބު ހުރި ކަމެކޭ،" ވަރަށް ނޫން ގޮތަކަށް މަންމަ ދިފާޢުކުރީ ބައްޕައެވެ.
"އެކަމަކު މަންމާ! މިގެއަށް މި އަންނަނީ ބައްޕަގެ ރައްޓެހިން. މިއަށްވުރެ ފަގީރު ބަޔަކު މި ރަށުގައި ނެތީތަ؟ މި ވަރަށް ހެދިކާތަކާ ފަނިތައް ނުހަދާ ފަރު ނުޖެހެނީތަ؟" ހިތަށް ވެރިވެފައިވާ ނުތަނަވަސްކަމުން ބައެއް އަނެއްކާ ވެސް އަހަރެން ބޭރުކުރީމެވެ.
"މިހާރު ތި ދަނީ މާ މައްޗަށް. ބައްޕަމެން ކުރާ ކަންކަމަށް ބެހޭކަށް ނާޒަކަށް ނުޖެހޭ. ނާޒަށް މި ގޮތަށް އުޅެން މި ޖެހުނީ ހަމައެކަނި މި ރޯދަމަހު އެކަންޏެއްނު. މަންމަ މި ގޮތަށް އުޅޭތާ މިހާރު 23 އަހަރު. ތި ޝަކުވާތަކެއް މަންމައެއް ނުކުރަން. ތި އުދާސްތަކެއް ބޭރެއް ނުކުރަން. ތިހައި އުނދަގޫ ވެގެންނެއް މަންމައެއް ނޫޅެން. މަންމައަށް ވިސްނޭ މިއީ މަންމަގެ ޒިންމާއެއްކަން. މަންމަމެން ކުރަންޖެހޭ ކަމެއްކަން. ދަރިފުޅަށް މިކަން ގަބޫލު ނުކުރެވެނީތަ؟" މަންމަގެ ތަޖުރިބާ ހިއްސާ ކުރުމަށްފަހު، މަންމަ ކުރީ ސުވާލެކެވެ. މަންމަ ހީކުރީ މަންމަގެ ވާހަކަތަކުން އަހަރެން ކުރި ބައްދާލެވިދާނެ ކަމަށެވެ.
"މިއީ ހަމައެކަނި އަންހެނުން ކުރަންޖެހޭ ކަމެއްތަ؟ އެ އޮތީ ބޭބެ. ސިޔަރަތު އަޑުއަހަނިއްޔޯ. ކޮންމެ ދުވަހަކު މި ގަޑީގައި ނިދަނީ. ހަވީރުވުމުން އެ ނުކުންނަނީ ބުރުޖަހަން ބޭރަށް. އަތުން ފައިން ކުރަންޖެހޭ ކަމެއް ނޯވޭ. ގައިމު ބޭބެއަށް ވެސް ކުރެވޭނެ ކިތަންމެއް ކަމެއް އެބަ ހުރި ދޯ؟ މި ބުރަކަމުގައި މި ބިޒީކަމުގައި އުޅެންޖެހެނީ އަންހެނުން އެކަނިތަ؟ ބާޒާރުކޮށްލަ ދިނީމާ ބައްޕައާއި ބޭބެ ކޮށްދެންޖެހޭ ހުރިހާ ކަމެއް އެ ނިމުނީތަ؟" އަހަރެންގެ ދޫ އަހަރެންނަކަށް ކޮންޓްރޯލެއް ނުކުރެވުނެވެ. ބުނެވުނީ ކިހައި ވަރެއްގެ ވާހަކައެއްކަން އެނގުނީ މަންމަގެ މޫނުގެ ކުލަވަރު ބަދަލުވުމުންނެވެ.
"އައްދޭ. ތި ބުނީ ބޭބެއާއި ބައްޕަގެ ވާހަކަތަ؟ އެއީ ފިރިހެނުން. ނާޒް ތި ބުނަނީ މި ކަންކަން ބޭބެ ލައްވާ ކުރުވާށޭތަ؟ ބައްޕަ ވެސް ބަދިގެއަށް ވައްދާށޭތަ؟" އަހަރެންގެ ވާހަކަތަކުން މަންމަގެ ހިތްހަމަ ނުޖެހުން ވީ އިތުރެވެ. މަންމަގެ އަޑުވީ ބާރެވެ.
"ދެން ތި ވާހަކަތައް ހުއްޓާލައި މަސައްކަތް ފަށާ. މާ މޮޅުވެގެން ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއްނެތް. މިހާރު ސަތޭކަ ދުވަހު ބުނެފީމެންނު ބޭބެއަކީ ފިރިހެނެކޭ. ނާޒާއި ބޭބެއާ ތަފާތު ވާނޭ،" އަހަރެންނަށް އިތުރު ޖުމުލައެއް ނުބުނެވެނީސް މަންމަ ޖެހުނީ ބޮޑުތާނގައެވެ.
ކޮންމެ ކަމެއް ވެސް މަންމަ ގުނާނީ ސަތޭކައިންނެވެ. ސަތޭކަ ފަހަރު ބުންޏަސް، ދުއިސައްތަ ފަހަރު ބުންޏަސް އަހަރެންނަށް ގަބޫލު ނުކުރެވޭ ކަންކަމުގެ ވާހަކަ އަހަރެންނަށް ވެސް ދެއްކޭނެއެވެ. އަހަރެން ދައްކާނަމެވެ. އަހަރެންގެ ނާރުތަކުގައި ހިނގަމުން ދިޔަ ހޫނު ލެއިން މުޅި މީހާ ދިޔައީ ކެކެމުންނެވެ. ނަމަވެސް ހިތުގެ މައްޗަށް އަހަރެން ގަދަވެގަތީމެވެ. ދެއްކި ވާހަކަތައް ބޮޑު ޒުވާބަކަށް ވެދާނެތީ ދޫތަޅުލައި ރޮށި ފިހަން ފެށީމެވެ.
އަޑު ބާރުކޮށްފައިވާ ރޭޑިއޯއިން އިވެމުން ދިޔައީ ގުރުއާނުގެ އާޔަތްތަކެވެ. ދެން އިވޭނީ ބަންގިއެވެ. އަހަރެން ދިޔައީ ތަށިތަކަށް ފަނި އަޅަމުންނެވެ. މަންމަ ދިޔައީ މޭޒު މައްޗަށް ކާތަކެތި ނަގަމުންނެވެ. އޭރު ބޭބެ އައިސް މޭޒު ދޮށުގައި އިށީންނަނީއެވެ. ބައްޕަގެ ރައްޓެހިންނާއެކު ބައްޕަ ވެސް ކާގެއަށް ވަންނަނީއެވެ.
"ކޮބާ އަދިވެސް ނުނިމެނީތަ؟ މިއަދު ހާދަ އަތްމަތި ތަތޭ،" ކާގެއަށް ވަންނަމުން ބައްޕަ ވާހަކަދެއްކީ އަހަރެންނާއެވެ. އަހަރެން ޖަވާބުދޭ ހިތެއް ނުވިއެވެ. އަޑު ނުއިވޭކަމަށް ހަދައިގެން ހުރީއެވެ.
"ނޫން. ދެން މި ނިމުނީ. ބަންގިއާއެކު ހަމަ ފަށަންވީ،" އަހަރެންނަށް ބަލައިލުމަށްފަހު މަންމަ ޖަވާބު ދިނެވެ.
"ހާދަ ސާމާނެކޭ މި އޮތީ ހާދާލާފައި. މީ ހަމަ އަހަރެމެން އަންނާތީ ހެދިހާ ތަކެތި ތަ؟" ކާމޭޒު ފެނިފައި ބައްޕަގެ ރައްޓެހިންގެ ތެރެއިން ތަންކޮޅެއް ދުވަސްވީ މީހަކު ސުވާލުކޮށްލިއެވެ. އެ ސުވާލު ނުކުރެވޭ ވަރެއް ވެސް ނޫނެވެ. އެ ބޮޑު މޭޒު އެ ވަނީ ތަފާތު ރަހަތަކުން ފުރިފައެވެ. ފޮނި ބޯކިބަލާއި ކުޅި ބޯކިބަލެވެ. ހުނިހަކުރާއި މަސްފަތަފޮޅިއެވެ. ހަނޑުލު ގުޅައާއި ކުކުޅު ބަޖިޔާއެވެ. ދެ ވައްތަރެއްގެ މަސްހުނި ވެސް އެބަ ހުއްޓެވެ. ނުވިތާކަށް ބަޓަރ ޗިކަންވެސް އެބަ ހުއްޓެވެ. އެ ވާހަކަ އިވިފައި އަހަރެންނަށް ކުޑަ ހިތްހަމަ ޖެހުމެއް ލިބުނެވެ. މަސައްކަތްތަކެއް ކުރެވިއްޖެ ކަމުގެ އިހުސާސް ކުރެވުނެވެ.
"މިއީ ކޮންމެ ދުވަހެއްގެ ވެސް އާދަ. ކޮންމެ ދުވަހަކު ވެސް ކޮންމެ ވެސް ބަޔަކު ގެނެވޭތޯ ބަލަން. އަނެއްކާ ތަރާވީހަށް ވެސް ބަޔަކު ގެނެވޭތޯ ބަލަން" ބައްޕަ ފަޚުރުވެރިކަމާއެކު އޮޅުންފިލުވައި ދެމުން ދިޔައީ ބައްޕަ ކަންތައްކުރަމުން ދާގޮތެވެ.
"އެކަމަކު މިއީ ހާދަ މަސައްކަތެކޭ. މަށަށް ހީވަނީ ހެނދުނު ވަންނަގޮތަށް މި ވެރީން އުޅޭނީ ބަދިގޭގައި ހެން،" އަނެއްކާ ވެސް ވާހަކަ ދެއްކީ އެ މީހާއެވެ. އެ މީހާގެ ވާހަކަތައް އަހަރެން ދިޔައީ އަޑު އަހަމުންނެވެ.
"ރޯދަމަސް ވީމާ އަންހެންވެރީން އުޅޭނީ މި ކަހަލަ ގޮތަކަށް. އަހަރެމެންނަށް ކާންދިނުމަކީ އެމީހުންނަށް ލިބޭ އުފަލެއްނު. މީރު، އާ އެއްޗެއް ހަދާލުމަކީ އެ ވެރީންނަށް ލިބޭ ޝަރަފެއްނު. އަންހެނުންގެ ކޮންމެ ކެއްކުމެއް ވެސް ވަރަށް ފުރިހަމަވާނެ. އަނެއްކާ ދަރިފުޅު ވެސް މިހާރު އެހައި މޮޅަށް ކައްކާނެ،" ބައްޕަގެ ވާހަކަތަކުން މަންމައަށާއި އަހަރެންނަށް ކުރީ ތަޢުރީފެވެ. ނަމަވެސް އެ ތަޢުރީފުން އަހަރެންގެ ހިތަށް ލިބުނު އުފަލެއް ނެތެވެ. ބައްޕަމެންގެ އެ ވާހަކަތައް ހުއްޓުވީ އިވެމުން ދިޔަ ބަންގިއެވެ. އެ އަޑާއެކު ރޯދަވީއްލަން ފެށުނެވެ.
އަހަރެންނާއި މަންމަ ރޯދަވީއްލީ ބަދިގޭގައެވެ. ކޮޅަށް ތިބެއެވެ. މޭޒު ދޮށުގައި ތިބީ ބައްޕަ އާއި ބޭބެއާއި ގެއަށް އައި މެހުމާނުންނެވެ. އެއީ ބައެއް ދުވަސް ދުވަހުގެ އާދައެވެ. މަންމައާއި އަހަރެންނަށް ކެވޭނީ އެ މީހުން ދިޔައިމައެވެ. އަހަރެމެންނަށް ޖެހޭނީ ތަށިމަތި ބަލަހައްޓާށެވެ.
އިރުތަކެއް ފަހުން އެ މީހުން ދިޔައެވެ. އަހަރެންނާއި މަންމަ، ކާމޭޒާ ކައިރިވީމެވެ. އޭރު ބޭބެއާއި ބައްޕަ ވެސް ތިއްބެވެ.
"މިއަދުގެ ރަހަތައް މާ މީރެއް ނޫން. އެ މީހުންނަށް ވެސް މާ ކަމުދިޔަ ހެނެއް ހިއެއްނުވޭ. ކެއުމާ ގުޅޭގޮތުން އެއްޗެކޭ ވެސް ނުބުނޭ. ހީވަނީ ހަމަ ކަމުނުދަނީ ހެން. މަށަށް މަސްހުނީގައި ވެސް ކުޅި ރަހައެއް ނުދޭ،" ކާތަކެއްޗާމެދު ފާޑުކިޔަން ފެށީ ބައްޕައެވެ. އެއީ ކޮންމެ ރެއެއްގެ ވެސް އާދައެވެ. މިކަމުގައި ބައްޕަ އޮންނަނީ ދެ އަނގައެވެ. މީހުންގާތުގައި މަންމަގެ މޮޅު ވެސް ދައްކާނެއެވެ. މަންމަ ބައިންދައިގެން މަންމަ ހަދާ ތަކެތީގެ ރަހަ ނުބައި ވާހަކަ ވެސް ބުނާނެއެވެ. މި ރެއަކީ އެކަހަލަ ރެއެކެވެ. އެ ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ މަންމަގެ ހިތަށް ކުރާނެ އަސަރު ނުވިސްނެނީ ހެއްޔެވެ؟
"ބަޓަރ ޗިކަންގައި ވެސް ލަނީ ފޮނިރަހަ. ހީވަނީ ހަކުރު އަޅާފައި ހުރިހެން. ކަމަކު ނުދޭ. އެއްގޮތަކަށް ވެސް ކަމަކު ނުދޭ،" ބައްޕަ ފެށި ވާހަކަތަކުގައި ހިފާލީ ބޭބެއެވެ. މަންމަ ބަލައިލީ އަހަރެންނަށެވެ. އަހަރެން ހިތްހަމަ ނުޖެހިފައި އިންކަން މަންމައަށް އެނގޭނެއެވެ. އަހަރެންނަކަށް ނުއިނދެވުނެވެ. އެހައި ބުރަކޮށް އެހައި މަސައްކަތުން ކާތަކެތި ތައްޔާރު ކުރުމުން ވެސް އެ ކިޔަނީ ފާޑެވެ. ކުރަނީ މަލާމާތެވެ.
"މިއަދު ނާޒު ދޯ މި އެއްޗެހި ހެދީ. ރަހަ ނުބައިވެގެން މި އުޅެނީ އެހެންވެ ކަންނޭނގެ. ކިތަންމެ ދުވަހަކު ބަދިގޭގައި އުޅުނަސް ރަހަލައްވާކަށް ނޭނގެ ވިއްޔާ،" ބޭބެ ދިމާކުރީ އަހަރެންނާއެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ. ބުނާނެ ހިތްވަރު ނެތީއެވެ. އެ ޖުމުލަތަކުން އަހަރެން ހިތުގައި ޖެހުނީއެވެ.
"ދެން ތި ވަރަށް ދިމާ ނުކޮށްބަލަ؟" މަންމަ އަހަރެންގެ ދިފާޢުގައި ތެދުވިއެވެ. މަންމައަށް ވެސް އުނދަގޫވީއެވެ.
"ދިމާކުރާނެއްނު. ބައްޕައަށް އަދި ނޭނގެނީ ނާޒު ކޮންމެ ދުވަހަކު މަންމަ ގާތުގައި ކުރާ ޝަކުވާ. މިއަދު ވެސް އިވޭ ބުނާ އަޑު ތަރާވީހަށް މިހާ ގިނަ މީހުން ގެންނަނީ ކީއްކުރަންހޭ؟ މިހާ ގިނަ އެއްޗެހި ހަދާނީ ކިހިނެއްހޭ؟ މަށަށް ހީވަނީ މިއަދު ނާޒު ގަސްތުގައި ކުރި ކަމެއްހެން. އައިސްފައި ހުރި ރުޅިގަނޑު ކާތަކެއްޗަށް ބޭލީހެން،" ހެމުން ހެމުން ބޭބެ އަހަރެންނާ ދިމާކުރިއެވެ. އަހަރެންނަށް ރޮއި ގަނެވުނެވެ. އިން ތަނުން ތެދުވެވުނެވެ.
"ތި ކަހަލަކަމެއް އަހަރެންނެއް ނުކުރަން. ނުވެސް ކުރާނަން. ކާތަކެތި ތައްޔާރު ކުރީ މަންމަ. އަޅެ މަންމަ ގާތުގައި އަހާބަލަ. އަޅަން ނުވާވަރު އެއްޗެއް މަންމަ އެޅިންތޯ؟ ރަހަ ނުބައިވީ އަހަރެންނާ ހެދިއެއް ނޫން. އަހަރެންނާ ހެދިއެއް ނޫން،" އަހަރެންނަށް އަޑުން އަޑުނަގައި ރޮއިގަނެވުނެވެ. ހިތުގައި ޖެހި ގިސްލެވެން ފެށުނެވެ. ބައްޕައަށް ލިބުނީ ހައިރާން ކަމެވެ. މަންމަ އިނީ ހުއްޓުން އަރާފައެވެ. ބޭބެ ވެސް މައިތިރިވިއެވެ.
"ކޮންމެ ދުވަހަކު މި ތަކެތި މި ހަދަނީ ނުލާހިކު މަސައްކަތުން. މަންމަ އެވާ ގުރުބާނީ ފެންނަނީ އަހަރެންނަށް. މަންމަ އެ އުޅޭ ހާލު ބައްޕައަކަށް ބޭބެއަކަށް ނޭނގޭނެ. އަހަރެން ކުރާ މަސައްކަތްތަކެއް ނުވިސްނޭނެ. މި ތެޅޭ ތެޅުމާއި މިވާ ވަރުބައްޔެއް އިހުސާސެއް ނުކުރެވޭނެ. ކޮންމެ ދުވަހެއްގެ މެންދުރުން ފެށިގެން ރޭގަނޑު ދިހަޔެއް ޖަހަންދެން މި އުޅެނީ ކެއްކުމާއި ކެއުމުގައި. ހާރުކާން ގޮވުމާއި ހާރުކެއުން ތައްޔާރު ކުރަނީ ވެސް މަންމަ. މަންމައަށް ނިދަން ދެވޭއިރު އެ ހުންނަނީ ފަތިސްވެފައި. މި ހާލުގައި މަންމަ އުޅޭތާ ކިތައް އަހަރު؟ މި ގުރުބާނީ ވާތާ ކިހައި ދުވަހެއް؟ މަންމަގެ ކެތްތެރިކަން އެބަ އިހުސާސް ކުރެވޭތަ؟ މަންމެގެ އެ މުރާލިކަން އެބަ އެނގޭތަ؟ ކިތަންމެ މުރާލި ވިޔަސް މިއީ އިންސާފެއް ނޫން،" ގިސްލުމާއެކު އަހަރެންގެ ޝަކުވާތައް ބަންޑުން ކޮށްލެވުނެވެ.
"މަންމައަށް ހަމަޖެހިލައިގެން ތަރާވީސް ކޮށްލެވެނީކީ ނޫން. ދަމު ނަމާދުގައި އިނދެވެނީ ކީ ނޫން. ވަރުބަލިކަން ފިލުވާލާނެ ވަގުތެއް ލިބެނީކީ ނޫން. މިރޭ އެ ފެށެނީ ފަހު ދިހަ. އަޅެ އަހައިބަލަ އަޅުކަމުގައި އިންނާނެ ވަގުތު މަންމަ ބޭނުން ނުވޭތޯ؟ ތަރާވީހާ ދަމު ނަމާދު ކުރަން މަންމަ ބޭނުން ނުވޭތޯ؟ އެކަންކަން ވަރުބަލި ކަމުގައި އިނދެ އެންމެ ފުރިހަމައަށް ކުރެވޭނެތޯ؟" ރޮމުން ރޮމުން އަހަރެންނަށް ބުނެވުނީ އެވަރަށެވެ. އަހަރެން ދުއްވައި ގަތީ ކޮޓަރިއަށެވެ. ދެންވީ ގޮތެއް އަހަރެންނަކަށް ނޭނގެއެވެ. އެނގޭކަމަކީ މަންމައާއި ބައްޕައާއި ބޭބެ އެތައް އިރަކު ވާހަކަދައްކަން ތިބި ކަމެވެ.
ޖެހިގެން އައި ދުވަހު ބައްޕަ އަހަރެންނާ ވާހަކަދެއްކިއެވެ. އަހަރެން ދެއްކި ވާހަކަތައް ބައްޕަ ގަބޫލުކުރާކަމަށް ބުންޏެވެ. އަދި މަންމަ އެވީ ގުރުބާނީ ހަނދާން ކޮށްދިނީތީ ބައްޕަ އުފާކުރިއެވެ. އަހަރެން ވެސް އުފާވިއެވެ. މަންމަވެސް ހިތްހަމަ ޖެހުނެވެ. ބޭބެ ވެސް ހުރީ އުފަލުންނެވެ. މަންމަ މަންމައަކަށް ވަނީ ހަމައެކަނި ކައްކާތީ ނޫންކަމާއި އެ މަންމަ އެއަށް ވުރެ މާ މާތްކަމަށް އަހަރެން ބުނީމެވެ. މަންމަގެ ހުރިހާ ވަގުތެއް އަހަރެމެންނަށް ގުރުބާން ކުރަން ނުޖެހޭ ކަމާއި އެ މަންމަގެ ހިތްހަމަ ޖެހުމާއި އުފާތަކަށް ވަގުތު ދޭން ޖެހޭކަން ހަނދާން ކޮށްދިނީމެވެ. ގޭތެރޭގެ ކަންކަން އެ ދުވަހުން ފެށިގެން ބަދަލުވިއެވެ. އެ ބަދަލާއެކު ފަހު ދިހައިގެ ދުވަސްތައް މަންމަ ހޭދަކުރީ މަންމަ ބޭނުންވާ އަޅުކަމުގައެވެ. މަންމަ ބޭނުންވާ ގޮތަށެވެ. އެ މަންމަޒަރު އެންމެ ގާތުން ދުށީ އަހަރެންނެވެ. މިއަދު މަންމަ ބުނާ ކަހަލައެވެ. ދަރިފުޅު ހާދަ ރަނގަޅެވެ. ދަރިފުޅަށް ހާދަ ވިސްނެއެވެ. ފަހުދިހަ އެ ދަނީ ހާދަ ހިތްހަމަ ޖެހިއެވެ.
(ނިމުނީ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭ އެޑް
19 March 2024
ހަމަ ހަގީގަތުގަވެސް އަހަރުމެންގެ މުޖުތަމަޢުގެ ކަންތައްވާގޮތް ވާހަކަ އަކުންނަމަވެސް ތިބުނެދިނީ ... ޥ ފުރިހަމަ
ގަލޮޅު
29 May 2019
މިގޭގެ ހާލަތު. ޢިތުރު ކޮށްލަންވީ މާމަ ދަރިން ބަލާކަން.
ާއަނަސް
27 May 2019
ވަރަށް އިބުރަތްތެރި ވާހަކައެއް އަސްލުވެސް
ޖައިޝާން
27 May 2019
ވ. ރީތި
ާސަަކީނާ
27 May 2019
މިއީ ދިވެހި ފިރިހެނުން އުޅޭގޮތް. ރޯދަމަހު ގޭމުކުޅޭނެ ޓީވީދޮށުގަ ސޯފާގަ އޮންނާނެ ބަންގިގޮވީމަ ކާނެ. އަންހެންވެރިން ތެޅިތެޅި ބަދިގެތެރޭގަ
ޖުމާނާ
27 May 2019
ވ.ޢިބުރަތްތެރި، ރީތި ވާހަކައެއް.
ިިިޚިޔާލުދޭ މީހާ
27 May 2019
ވަރަށް ފުރިހަމަ ކުރުވާހަކަ އެއް!
ޝަޒޫ ނަސީމް / ފުވައްމުލައް
27 May 2019
މަގޭ ފިރިސޮރު އޮފީހުން ނިމިގެން އެއަންނަ ގޮތަށް ބަދިގެއިން ނުވެސް ނުކުންނާނެ. އެހާ މުރާލި ވާނެ. އެހެންތާ ވާނީވެސް ބަދިގެއާއި ސިޓިންގރޫމް އެއްކޮށް ހުރީމަ ގޭމުކުޅެފަ ނިދުން އެސޮރުގެ ކަމަކީ
ނާޒީ
27 May 2019
ވަރަށް އިބުރަތްތެރި ވާހަކައެއް. ވ.ރީތި އަދި މުޖުތަމަޢުގައި ވ ގިނައިން ހިނގާ ރަނގަޅުކުރަން ބޭނުންވެފައިވާ މައްސަލައެއް.
ކކކކ
27 May 2019
ވާހަކަ ވަރަށް ވެސް ރީތި