މުނިފޫހިފިލުވުން / ވާހަކަ

ކުރު ވާހަކަ- ނޭނގުމުން

ފަތިހު މުނާޖާ އަށް ގޮވިއިރު ސަމީރާ ތެދުވެ ހުރީ ކޮޅަށެވެ. ބިންގަނޑު އަލިވާން ވާއިރަށް އޭނަ ހުރީ ހެނދުނު ސައި ހަދައި ހަގަށް ހުންނަ އިލްހާމުގެ އިންޓަވަލް ތަށިބަރި ތައްޔާރުކޮށްފަ އެވެ. ފިރިމީހާ މުހައިމިން ތެދުވީ އެ މަސައްކަތް ނިންމާފައި ގޮސް އިސްތިރިކުރަން ހުއްޓަ އެވެ. ފިރިމީހާ ނިކުންނަހާއިރު ކޮށްފައި ސަމީރާ ދިޔައީ ދަރިންގެ ކޮޓަރިއަށެވެ. ފުރާވަރަށް އަރާފައިވާ އަންހެންދަރިފުޅު ސަބާ އަށް ގޮވާލުމުން ކުކުރާލައިފައި އެނބުރުނީ ބިތްދޮށަށެވެ.

ސަމީރާ އިލްހާމު ނަގައި ތެދުކޮށްގެން ގެންގޮސް ފާޚާނާ އަށް ވެއްދި އެވެ. އާދައިގެ މަތިން އިލްހާމު ދަތް ނޫގުޅަން ވެގެން ހަނގުރާމަ ހެދި އެވެ. އެ ސޮރު ފެންވަރުވައިގެން ނިކުތްއިރު ސަމީރާ ވެސް ހުރީ ހެދުން ބަދަލުކުރަން ޖެހިފަ އެވެ. އިލްހާމު ތައްޔާރުކޮށްގެން ނިކުތްއިރު މުހައިން ވެސް ނިކުމެ މޭޒު ދޮށުގައި އިށީނދެއްޖެ އެވެ. މުހައިމިން އަށް ސައިބޮވޭނެހެން ހަދާފައި އިލްހާމު އަތަށް ކިރުތަށި ދިނުމަށްފަހު ސަމީރާ ދެވަނަ ފަހަރަށް ގޮސް ސަބާ އަށް ގޮވި އެވެ.

"މަންމާ ވަރަށް ބޮލުގަ ރިއްސާ. ނުދެވޭނެ ސުކޫލަކަށް." ސަބާ ބަލި އަޑަކުން ޖަވާބުދީފައި ރަޖައަށް ދަމާލުމަށްފަހު މޫނާއެކު އަޅައި ފޮރުވުނެވެ.

ސަމީރާ އަށް ދޫކޮށްލެވުނީ ފުން ނޭވައެކެވެ. ސްކޫލަށް ދާ ހިތްނުވެއްޖެ ނަމަ ސަބާ ދައްކާ އާންމު ބަހަނާއަކަށް މިހާރު އެކަންވެއްޖެ އެވެ. ވާނީ ވެސް އެހެންނެވެ. މިއުޅޭ ޅަ ކުދިންނަށް ޖެހިފައި ހުންނަ ބަލި ސަބާ އަށް ވެސް ވަނީ ޖެހިފަ އެވެ. ރޭގަނޑު ސަބާ އުޅޭނީ ހޭލަ އެވެ. ދުވާލު ވެއްޖެ ނަމަ ލޮލުގެ އެތެރެއެއް ނުފެންނާނެ އެވެ.

އެނބުރި އައުމާ އެކު މުހައިމިނަށް ޖަވާބު ދޭން ޖެހުނެވެ. ސަބާ ބޮލުގައި ރިއްސާ ވާހަކަ ބުނުމުން މުހައިމިން ވެސް އެ ވާހަކަ ގަބޫލެއް ނުކުރި އެވެ. ވާހަކަދައްކަން ފެށީ އޭނަ ސަމީރާ ކުށްވެރިކޮށްފަ އެވެ. ސަބާ އެ ދަރަޖަ އަށް ދިޔައީ ސަމީރާ އަޅައިނުލައި ދޫކޮށްލައިގެން ކަމުގަ އެވެ. މޭޒު ދޮށުގައި އިލްހާމު އިނުމުން ސަމީރާ ހިޔާރުކުރީ ހިމޭންކަމެވެ.

މުހައިމިން އިލްހާމު ސުކޫލަށް ގެންދާށާ އެކު ނިކުމެގެން ދިއުމުން ސަމީރާ އަވަސްވެގަތީ ކަންމަތީ ފިހާރަ އަށް ދިއުމަށެވެ. ގަންނަން ޖެހޭ އެއްޗެހި ހަމަކޮށްގެން އައިސް ދެން ފެށީ ހެދިކާ ހެދުމުގެ މަސައްކަތެވެ. ދިހައެއް ޖަހަންވާއިރަށް ތިން ވައްތަރުގެ ހެދިކާ ހަދައި ހުރީ ތެލުލަން ތައްޔާރުވެފަ އެވެ. ފުރަތަމަ ބައި ތެލުލާން ފެށިތަނާ ސަބާ ކޮޓަރިން ނިކުތެވެ. ތަށިތަކުގެ މަތި ހިއްލަ ހިއްލާފައި އެންމެފަހުން ސައިބޯން އިށީނދެއްޖެ އެވެ. ސަމީރާ އަށް ގިނައިރަކު އެއްޗެކޭ ނުބުނެއެއް ނީނދެވުނެވެ.

ސްކޫލަށް ނުދާ ވާހަކަ ފެށިއިރަށް ކާން ހުރި އެއްޗެހި ބަހައްޓާފައި ސަބާ ރުޅި އައިސްގެން ވަނީ އެތެރެއަށެވެ. ސަމީރާ އަނެއްކާ ވެސް އެނބުރުނީ މަސައްކަތަށެވެ.

އަލަށް ބަލިވެ އިނުމާ އެކު ސަމީރާ ފުރަތަމަ ބޭނުންވީ އަންހެން ދަރިއެކެވެ. އޭނަގެ ނަޒަރުގައި އަންހެން ދަރިން މާ ކިޔަމަންތެރިވާނެ އެވެ. ބަލަން ފަސޭހަ ވާނެ އެވެ. އަތުން ކަންކަން ކޮށްދެވޭ އުމުރަށް އަރާއިރަށް އަތްގާތްކޮށްދޭން ފަށާނެ އެވެ. ކޮއްކޮއަކު ލިބުމުން ބަލައިދޭނެ އެވެ. ފުރާވަރަށް އަރަންދެން ސަބާ އޭނަގެ އުންމީދުތަކާއި އަރާއަރަފޯދުނެވެ. އެ ކުއްޖާގެ މިޒާޖަށް ބަދަލު އަންނަން ފެށީ ދާދި ފަހަކުންނެވެ. ފުރާވަރަށް އެރުމުން ގިނަ ކުދިންނަށް ވާހެން ފަސޭހައިން ރުޅި އަންނަން ފެށި އެވެ. ސަމީރާ އަށް ކޮށްދެވޭ ރަނގަޅު ކަމެއް އޮންނަ ކަމަކަށް ނުވެ އެވެ.

ޅައިރު އެ ދެމެދުގައި އޮތް ގާތްކަން ދުރުވަމުން ގޮސް ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ ސަބާ ނުބުނެ އެވެ. ކިޔައިދޭ އެއްޗިއްސަށްވުރެ ސިއްރު ކުރާ ކަންކަން ގިނަ އެވެ. ބޭނުން އެއްޗެއް ހޯދައި ނުދެވިއްޖެ ނަމަ އެ ހަފްތާގައި ވެސް ރުހުމުގައި އަނގައަކުން ނުބުނާނެ އެވެ. ހީވަނީ ސަބާގެ މައިންބަފައިންނަށް ވުރެ ބޮޑަށް އެ ދެ މީހުންނަކީ އޭނަގެ ދުޝްމިނުން ހެންނެވެ. ސަބާއާ ދޭތެރޭ ވިސްނާ ސަމީރާ ބޮލުގައި ރިއްސަން ފަށާ ފަހަރު މަދެއް ނުވާނެ އެވެ.

ހެދިކާކޮޅު ގެންގޮސް ހަވާލުކޮށްފައި އައިސް ސަމީރާ ފެށީ މެންދުރަށް ކެއްކުމުގެ މަސައްކަތެވެ. ރިހަ ކައްކަން އާލާތްކޮށްފައި ބަތްތެލި ކިރިޔާ ކުކަރަށް އުދާލެވުނު ކަމެވެ. އިލްހާމު ސްކޫލުން ނެރޭ ގަޑި ކައިރިވެއްޖެ އެވެ. އަވަސް އަވަސްކޮށް މޫނުދޮވެ ތާޒާވެލައިގެން ނިކުމެ ސެންޓް ބުރުވައިލި އެވެ. އަތުކުރީ ގަޑިއަށް ބަލަމުން ހަރުކޮށް ހިނގާލައިފައި ދެވުނީ ކިރިޔާ އެވެ. އިލްހާމު ގެނެސް ކާންދީފައި ރިހަކޮޅު ކެއްކި އެވެ. މުހައިމިން އައުމާ ދެމެދު އަދި އިލްހާމު ގޮވައިގެން ޤުރުއާން ކުލާހަށާއި ޓިއުޝަނަށް ދެކޮޅަށް ހިނގި އެވެ. އަސްރު ނުވަނީސް ނަމާދުކޮށްލަން ހަނދާންވީ ކިރިޔާ އެވެ.

ސަބާ ފެންނަން ނެތެއް ކަމަކު ކާން ހޭކިފައި ހުރިކަން އެނގުނެވެ. ސިންކު ތެރޭ ހަޑިކޮށްފައި ހުރި ތަށީގައި ނުކައި ހުރިބައި ގިނަ އެވެ. ކުކުޅު ހާވާފައި ހުރުމެކޭ ތަފާތެއް ނެތެވެ. ސަމީރާ އަށް އިތުރު މަސައްކަތަކަށް ނޫނީ އެކަން ވެސް ނުވި އެވެ.

އިރުކޮޅެއް ފަހުން ތިރީގައި ބެއިންދި އިލްހާމު ގޮވައިގެން އައީ އެ ގޭގައި އުޅޭ ހުސްނާގެ އަންހެންދަރިފުޅެވެ. މަންމަ ކޮއްކޮ ގޮވައިގެން ބޭރަށް ދާން ޖެހިގެން އިލްހާމު ގެނައީކަން އޮޅުންފިލުވައިދިނެވެ. ޒުހާ ސަބާއާ ބެހޭގޮތުން ކޮޓަރިތެރެ ބަލައިލުމަށް ސަމީރާ ބުނެލި އެވެ. ޒުހާ ވަދެފައި ގިނައިރެއް ނުވެ އެވެ. ފެނުނީ ނިކުންނަން ދަނިކޮށެވެ.

"ކިހިނެއްވީ؟ ސަބާ ނިދައިފަތަ އޮތީ؟" ސަމީރާ ޒުހާ ހުއްޓުވާފައި ސުވާލުކުރި އެވެ.

"އުހު ނިދާކަށްނޫން އޮތީ. އެކަމަކު އޭނަ އެހާ މޫޑެއްގަ ނޫން އޮތީ އެހެންވެ،" ޒުހާ ނުބުނަން ހުރެފައި ބުނެދިނެވެ.

މުހައިމިން އޮފީސް ނިންމާފައި އައުމުން ދެމަފިރީން ކެއީ އެކީގަ އެވެ. ސަމީރާ ކަންބޮޑުވެފައި ސަބާގެ އުޅުމާއި ބެހޭގޮތުން ވާހަކަދެއްކި އެވެ.

"ނޭނގެ ފިރިހެންކުއްޖެއްގެ މައްސަލައިގައި ނޫން ކަމެއް ވެސް އެހެން އެ އުޅެނީ. ފޯނާއި އެއްޗެހި ވެސް ދެވުނީމަ ދެރައީ. މަށަށް ހީވަނީ އޭނަ އެ އުޅުން އިސްލާހު ކުރަން ދެން ފޯނު ވެސް އަތުލަން ވީހެން..." މުހައިމިން އޭނަ އަށް ފެންނަ ގޮތް ހާމަކުރި އެވެ.

އެ ދުވަހު އިރު ނުއޮއްސިގެން އުޅެނިކޮށް ސަބާ ކިޔަވާ ސުކޫލްގެ ޕްރިންސިޕަލް ގުޅި އެވެ. ޕްރިންސިޕަލް އެހީ ސަބާ އަށް ގޭތެރެއިން މައްސަލައެއް ދިމާވެގެން އުޅޭތޯ އެވެ. ސަބާގެ ކިޔެވުން ދަށްވަމުން އަންނަ ވާހަކަ އާއި ކުލާސް ތެރޭގައި އުޅުން ހުންނަ ގޮތް ވެސް ކަންބޮޑުވާ މިންވަރަށް ބަދަލުވެފައިވާކަން ފާހަގަކުރި އެވެ. ކުލާހަށް ނުދާ ދުވަސް ގިނަވުމާއި ދާ ދުވަހެއްގައި ވެސް ޑެސްކުގައި ބޯއަޅައިގެން ނިދާފައި އޮންނަ ވާހަކަ ކިޔައިދިނެވެ. ލަދުން ބުނާނެ އެއްޗެއް ވެސް ސަމީރާއަކަށް ނޭނގުނެވެ.

ފޯނު ބޭއްވިގޮތަށް އައި ރުޅީގައި ސަމީރާ ދިޔައީ ސަބާ ހޯދާށެވެ. ދޮރު ހުޅުވާލައިފައި ގޮސް އެނދުމަތީ އޮތް ރަޖާ ދަމައިގަތްއިރު އޭގެ ދަށުގައި ބާލީސްތަކެވެ. އަޑުގާ ނެތްތަނަށް ސަބާއަށް ގޮވަމުން އޭނަ ގޮސް ތަޅައިގަތީ ފާޚާނާ ދޮރުގަ އެވެ.

"ސަބާ މިދޮރު ހުޅުވާށޭ! އަޑެއް ނީވޭތަ؟" ރުޅި އައިސްގެން ސަމީރާ ތުރުތުރު އަޅަ އެވެ.

ރެއާ ދުވާލު ހުއްޓުމެއްނެތި މަސައްކަތްކޮށްގެން ހޯދާ ފައިސާއިން ދަރިންގެ ޒަރޫރީ ބޭނުންތައް ފުއްދައި ތައުލީމް ހާސިލް ކުރަން ފޮނުވުމުން ބަދަލު ދޭ ގޮތް ނިކަން ދެކިބަލާށެވެ.

ސަމީރާ ތަޅަ ތަޅާ ސަބާ ދޮރު ނުހުޅުވުމުން ތަޅުގައި ހިފާ އަނބުރާލުމާ އެކު ދާދި ފަސޭހައިން ހުޅުވިއްޖެ އެވެ. ކުޑަ ހައިރާން ކަމެއްގައި ހުރެގެން އޭނަ ދޮރުފަތް ބޮޑަށް ހުޅުވައިލި އެވެ. އެ ވަގުތު ފެނުނު މަންޒަރަކުން މޭގަނޑު އަނގައަށް އައި ކަހަލަ އެވެ. ފާޚާނާ ތެރޭ ސަބާ އޮތީ ހޭނެތިފަ އެވެ. އަތުން ފައިބަމުންދިޔަ ލޭ މުށިގަނޑު މައްޗަށް ފެތުރިފަ އެވެ. ރޮމުން ހަޅޭތްލަވަމުން ސަމީރާ ނިކުމެގެން ދިޔައީ މުހައިމިނު ހޯދާށެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ސަބާ ހޮސްޕިޓަލަށް ގެންދެވުނެވެ. ތަންކޮޅެއް ލަސްވި ނަމަވެސް ސަބާ ސަލާމަތް ނުކުރެވުނީސް ކަމުގައި ޑޮކްޓަރު ބުނި ވަގުތު އެ ދެމަފިރިންގެ ހިތް ނުހުއްޓުނީ ކިރިޔާ އެވެ. ސަމީރާ ރޮމުން ދިޔައީ ސަބާ އެފަދަ ފިޔަވަޅެއް އަޅަން ޖެހުނު ސަބަބެއް ނޭނގިގެންނެވެ. އެ މީހުންނަށް ލިބުނު މިންވަރަކުން ސަބާ ބޭނުންހާ އެއްޗެއް ހޯދައިދެ އެވެ. މަދު ފަހަރެއްގައި އަދި ރުޅި އައިސްގެން އެއްޗެއް ބުންޏަސް އެމީހުން ސަބާއާ ދޭތެރޭ ހަރުކަށިކަމެއް ނުބަހައްޓަ އެވެ.

ސަބާ ހޭ އެރިފަހުން ސިކުނޑީގެ ޑޮކްޓަރެއް އައިސް ސަބާ އާއި ވާހަކަދެއްކި އެވެ. އެއަށްފަހު މުހައިމިނުމެންގެ ދެމަފިރިންނާއި ބައްދަލުކުރި އެވެ. ޑޮކްޓަރު ފުރަތަމަ ކުރީ ސުވާލުތަކެކެވެ. އާންމު މީހުން އުޅޭ ގޮތާ ޚިލާފަށް ސަބާ ރޭގަނޑު ހޭލާ ހުރެފައި ދުވާލު ނިދާތޯ އެވެ. ރުޅިގަދަވެގެން އުޅޭތޯ އެވެ. އެހެން މީހުންނާ ގުޅުން ކުޑަތޯ އެވެ. މީހުންގެ ތެރެއަށް ނިކުމެ އުޅެން ފަސްޖެހުމާއި ކެއުމާ ދުރުތޯ އެވެ.

ޑޮކްޓަރުގެ ސުވާލުތައް އަހާފައި އެ ދެމަފިރިންނަށް ތިބެވުނީ ބަސް ހުއްޓިފަ އެވެ. ސަބާގެ އުޅުން ހުންނަ ގޮތް ޑޮކްޓަރަށް އެހާ ރަނގަޅަށް އެނގުނު ގޮތަކާ މެދު ސުވާލު އުފެދުނެވެ. ޑޮކްޓަރު ބުނެދިނީ ސަބާގެ މައްސަލައަކީ ޑިޕްރެޝަން ކަމުގަ އެވެ. އަދި އޭނަގެ ފުށުން އެ ފެނުނީ އޭގެ އަލާމާތްތައް ކަމުގަ އެވެ. އެއީ ސަބާ ފުރާވަރަށް އެރުމުން މިޒާޖަށް އައިސްގެން އުޅޭ ބަދަލުތަކެއް ނޫންކަމާއި އޭނައަށް ކުރިމަތިވެފައިވާ ސީރިއަސް ހާލަތެއްކަން އޮޅުންފިލުވައިދިނެވެ. ޑޮކްޓަރާއި ދެކެވުނު ވާހަކައިން އެ މީހުންނަށް ލަފާ ކުރެވުނީ ސަބާއަށް އެކަމެއް ދިމާވީ އޭނަގެ ގާތް އެކުވެރިއަކު ކުއްލިއަކަށް މަރުވުމާއި ގުޅިގެން ކަމެވެ. ކުރީކޮޅު އަޅައިނުލެވިއްޖެ ނަމަ ޑިޕްރެޝަންގެ ބަލިމީހުން އަމިއްލަ އަށް މަރުވާ ހިސާބަށް ދިއުމަކީ އެންމެ ނުރައްކާތެރި ފައްތަރު ކަމުގައި ވެސް ޑޮކްޓަރު ބުނެދިނެވެ.

އަމިއްލަ ދަރިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ހުއްޓިނުލާ މަސައްކަތް ކުރިއިރު އެ ކުދިންނަށް އެ އުފާ އެންމެ ބޮޑަށް ލިބޭނެ އެއްޗަކީ ވަގުތުކަން އެ މީހުންނަށް ވިސްނުނެވެ. ޑިޕްރެޝަން ފަދަ ނުރައްކާތެރި ހާލަތްތަކުން ރައްކާތެރި ވުމަށް ވެސް އެންމެ ބޮޑަށް އެހީއަކަށް ވަނީ އެ ކުދިންނާ އެކު ހޭދަކުރާ ވަގުތެވެ. އެދެމެދުގައި ގުޅުން އުފެދިފައިވާ މިންވަރެވެ. ސަބާގެ ހާލަތު ވެސް އެހިސާބަށް ދިޔައީ އެ މީހުންނާއި އޮތް ގުޅުން ކުޑަވެ ދެނެގަންނަން ނޭނގުމުންނެވެ.

ނިމުނީ

3 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 82%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާބީ

29 May 2019

ވަރަށް ކަޑަ، ކުއްލިއަކަށް ލުތްކެއް ޖަހާފަ ވާހަކަ ނިންމާފަ އިނީ..............ވެއްޖެބަލާވެރިކަމަށް ލިޔެފަ އިން ވާހަކައެއް

The name is already taken The name is available. Register?

ގަލަން

29 May 2019

އިބުރަތްތެރި ވާހަކައެއް.. މި މުޖުތަމައުގައި ވަރަށް އާންމުކަމެއް މިއީ..

The name is already taken The name is available. Register?

‫ކިއާރާ

28 May 2019

ވަރަށް ފެން ވާހަކައެއް. ކަމެއް ނެތޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454