02 ޖޫން 2019 - 11:29
މީހެއްގެ ހިތް އަތުލުމަކީ ފަސޭހަކަމެއް ނޫނެވެ. އަހަރެން ކަހަލަ ޝަރުތުތައް ގިނަ މީހަކަށް އެއީ ވޭނެކެވެ. ލޯބީގެ ދަތުރަށް އަހަރެން ނުކުތީ އެކަން އެނގި ހުރެއެވެ. ކޮންމެ ކޮންމެ މީހަކު ދެކެ ލޯބި ނުވާން ނިންމައިގެންނެވެ. ކޮންމެ ކޮންމެ ހުށަހެޅުމެއް ގަބޫލުނުކުރާން ޢަޒުމު ކަނޑައަޅައިގެންނެވެ.
އަހަރެން ދަތުރު ފެށީ ހުސްއަތާއެވެ. ދާނެ ވަކި މިސްރާބެއް ނެތިއެވެ. ނަމަވެސް އަމާޒެއް އޮތެވެ. ކޮންމެ މިސްރާބަކަށް ދިޔަ ނަމަވެސް އަމާޒަކީ އެއް އަމާޒެކެވެ. އަހަރެން ދެކެ ލޯބިވާނެ މީހަކު ހޯދުމެވެ. އަހަރެން ގަބޫލުކުރާ ސިފަތަކާއި އަހަރެން ބޭނުންވާ ޝަރުތުތައް ފުރިހަމަ މީހަކު ހޯދުމެވެ.
އެ ދަތުރުގައި އަހަރެންނަށް ކަންތައްތައް ދިމާވީ އުންމީދުކުރި ގޮތަކަށް ނޫނެވެ. މީހެއްގެ ހިތް އަތުލުމަށް ނުކުތް އަހަރެންގެ ހިތް، މީހަކު އަތުލީއެވެ. ނޫނެކެވެ. ޖަހައިގަތީއެވެ. އަހަރެންގެ ދޫ އެ މީހާއާ ވާހަކަދައްކަން ބޭނުންވީއެވެ. އަހަރެންގެ ލޯ އެ ސޫރައަށް "އަޅުކަން" ކުރަން ފެށީއެވެ. އަހަރެންގެ ޒަމީރު އެ މީހާއަށް ގޮވަން ފެށީއެވެ. އެއީ އާލިމެވެ. އަހަރެންގެ ލޯބިވެރިޔާއެވެ.
އަހަންނަށް އާލިމު ފެނުނީ މަޑުމައިތިރި، ހެޔޮ މީހެއްގެ ގޮތުގައެވެ. ބަސްމަދު އަޚުލާގު ރަނގަޅު ހަރުދަނާ މީހެއްގެ ގޮތުގައެވެ. ދީނީ ކަންކަމަށް ލޯބިކުރާ ވަކި ހަމަތަކަކާއި އުސޫލުތަކެއް ހިފަހައްޓާ މީހެއްގެ ގޮތުގައެވެ. އަހަރެން ބޭނުންވީ އެ ކަހަލަ މީހެކެވެ. އެ ގުޅުން ދާއިމީ ކުރުމަށް އަހަރެން އަވަސްވެގަތީމެވެ. އަހަރެންނަށް ވުރެ ބޮޑަށް އާލިމު ބޭނުން ވީތީއެވެ. ވެހުނު ފެންތިކި ނުނަގައި ލަސްވެއްޖެ ނަމަ ބިމަށް ހިނދިދާނެތީއެވެ.
އާލިމާއި އަހަރެންގެ ޚިޔާލު ބައެއް ކަންކަމުގައި ތަފާތެވެ. ތަފާތު ވަނީ ދެ މީހުންގެ ވިސްނުމެވެ. ދައްކާ ވާހަކަތަކެވެ. އާލިމަށް ގަބޫލުކުރެވެނީ ދެ މީހުން ރައްޓެހިވެގެން ކޮންމެހެން މާ ގިނައިން ބައްދަލު ކުރާން ނުޖެހޭނެ ކަމަށެވެ. ދެ މީހުން އެކަނި ތިބެ މާފޮޅުވާކަށް ވެސް ނުޖެހޭނެ ކަމަށެވެ. އެއީ ހަގީގަތެވެ. ކަން އޮންނަންވީ ގޮތެވެ. އެ ނޫން ގޮތްގޮތަށް އުޅެގެން ލިބޭނީ ލަނޑެވެ. ގަންނާނީ ލަދެވެ. އެހެންވެ އަހަރެން އަވަސްވީ އާލިމުގެ ވިސްނުމާ އެއްގޮތަށް ކައިވެންޏާ ހަމައަށް ދިއުމަށެވެ. މަންމަ އާއި ބައްޕަގެ ހިތްހަމަ ނުޖެހުން އުފެދުނީ އެ ހިސާބުންނެވެ. އާލިމާމެދު ދެކޭ ގޮތް ބަދަލުވާން ފެށީ ވީ އެންމެ އަވަހަކަށް ކައިވެނިކުރާ ވާހަކަ ދެއްކުމުންނެވެ. އަހަރެން ވިސްނީ އާލިމުގެ ވިސްނުމުންނެވެ. މީހުން މީހުންނާ ރައްޓެހިވަނީ ކައިވެނިކުރާކަށް ނޫން ހެއްޔެވެ؟ ޒަވާޖުގެ ދާއިމީ ގޮށް ޖަހާކަށް ނޫން ހެއްޔެވެ؟ އެ ގޮށް ނުޖަހާ ގަނަތެޅޭންވީ ކީއްކުރަން ހެއްޔެވެ؟ ހިތުގެ އުދާސްތަކާ އެކު އަހަރެން ތެދުވީ އާލިމާ އެއްކޮޅަށެވެ. މަންމައާއި ބައްޕައަށް އަހަރެން ދެއްކީ އާލިމުގެ ރަނގަޅުކަމާއި ހަރުދަނާ ކަމެވެ. އަހަރެން އޭނާ ދެކެ ވާ ވަކިވެވެން ނެތް ލޯތްބެވެ. އެ ލޯބީގެ ކުރިމަތީ މަންމަމެންނަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ބައްޕައަށް ޖެހުނީ އަހަރެންނާއި އާލިމުގެ ކައިވެންޏަށް ގަބޫލުވާށެވެ.
ކައިވެނި ޕާޓީއާ މެދު ފޯނުން އަހަރެން މަޝްވަރާ ކުރީމެވެ. ވެޑިންޑްރެސް ލުމަކީ އަހަރެން ދެކެމުން އައި ހުވަފެނަކަށް ވާތީ އެ ވާހަކަ އާލިމުގެ ގާތުގައި އަހަރެން ދެއްކީމެވެ. އަހަރެން އެ ވާހަކަ ބުނުމުން އާލިމު އައީ ހިންޏެވެ. ކުޑަކުދިން ދައްކާ ޒާތުގެ ވާހަކަ އަހަރެން ދައްކާކަމަށް ބުނެ އަހަރެންގެ އެ ވާހަކައަށް އާލިމު ޖެހީ ޖޯކެވެ. ދެން ފެށީ އަހަރެންނަށް ވިސްނައިދޭށެވެ.
"ބޮޑު ޚަރަދުކޮށްފައި ބޮޑެތި ޕާޓީތައް ބޭއްވުމުގެ ބޭނުމެއް އަހަރެންނަކަށް ނުވިސްނޭ. އެ ފައިސާ އެހެން ކަމަކަށް ޚަރަދު ކުރިޔަސް މާ ރަނގަޅުވާނެ. ހަގީގަތުގައި އެއީ ބޮޑު އިސްރާފެއް،" އާލިމު ވަންނަމުން ދިޔައީ އަހަރެންގެ ބޮލަށެވެ. ކުޅެލަމުން ދިޔައީ އަހަރެންގެ ވިސްނުމާއެވެ.
"އެކަމަކު އެއީ ހަޔާތުގައި އަންނަ އެންމެ ދުވަހެއް. އަންނާނެ އެންމެ އުފާވެރި ދުވަސް. އަހަރެން ބޭނުން ކުޑަ ނަމަވެސް ޕާޓީއެއް ބާއްވަން. އެ ޕާޓީގައި ވެޑިންގްޑްރެސް ވެސް ލާން. ބައްޕަ އާއި މަންމަ ވެސް ވަރަށް ބޭނުންވާނެ،" އަހަރެން އުޅުނީ އާލިމުގެ ރުހުން އެކަމުގައި ލިބޭތޯއެވެ.
"ބައްޕަ އާއި މަންމައާ އަބަދުވެސް ވިސްނާނީ ތިހެން. ފައިސާ ހުރުމުން ވިސްނޭނީ ވެސް އެހެން. އެކަމަކު އަހަރެމެން ވެސް ވިސްނާލަން އެބަ ޖެހޭ. ސައިފާ ތި ބުނާހެން، ފޮނި ކިތަންމެ ހުވަފެނެއް އަހަރެން ވެސް ދުށިން. މިހާރު ވެސް ދެކެން. ނަމަވެސް އަހަރެންގެ ހުވަފެނުގައި ކައިވެނި ކުރަނީ ވަރަށް އާދައިގެ ގޮތަކަށް. އަހަރެންނަށް ވިސްނެނީ ޕާޓީ އަށް ހޭދަކުރާން ތި ވިސްނާ ފައިސާ އަހަރެމެން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ޚަރަދުކުރިއްޔާ މާ ރަނގަޅުވާނޭ. އެ ގޮތް މާ މުހިންމު ކަމަށް އަހަރެންނަށް ގަބޫލުކުރެވެނީ. މިބުނީ ހަނީމޫންގެ ވާހަކަ،" އާލިމުގެ ވާހަކައިން ފެޅީ އިތުރު ކުރިއެކެވެ.
އެއީ އަހަރެން އުންމީދުކޮށްގެން ހުރި ކަމެއް ނޫނެވެ. މާމުއިހަނދުގެ ފޮނިރަހަ ބަލާން އާލިމު ބޭނުން ވެދާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. އަހަރެންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އެހައި ދުރަށް ދާން ވިސްނާފާނެ ކަމަކަށް ވެސް އަހަރެންގެ ހިތަކަށް ނާރައެވެ. ނަމަވެސް އެއީ އާލިމުގެ ނިންމުމެވެ. އަހަރެންގެ ވެސް ނިންމުމެވެ. ދެ މީހުން ވެސް އެއްބަސްވީ ތުރުކީ އަށް ދާށެވެ. އިސްތަންބޫލުގައި އުފާވެރި ދުވަސްތަކެއް ހޭދަކޮށްލާށެވެ.
ކައިވެނި ކުރިތާ ދެ ހަފުތާ ފަހެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ހަނީމޫނަށް ފުރޭނެ ވަގުތަކަށެވެ. ނަމަވެސް އެކަން ލަސްވަނީއެވެ. ދުވަސްތައް ފާއިތުވަނީއެވެ. އާލިމު ގާތުގައި ދެތިން ފަހަރަކު އެ ވާހަކަ ދެއްކުނެވެ. އޭނާގެ ޖަވާބަކީ އެކަން އަދި ހަމަ ނުޖެހެނީ ކަމަށެވެ. މާ ގިނަ ދުވަސްތަކެއް ނުވެ އެކަން ހަމަޖެހޭނެކަމަށް އާލިމު ދިޔައީ ބުނަމުންނެވެ.
"ކޮން ކަމެއްތަ ހަމަނުޖެހިގެން ތި އުޅެނީ؟ ޓިކެޓެއް ނެގީމާ އެ ނިމުނީނު،" ކުޑަ ހިތްހަމަ ނުޖެހުމަކާއެކު އަހަރެންނަށް ބުނެވުނެވެ.
"ސައިފާ ހާދަ ކެތްތެރިކަން ވެސް ކުޑައޭ ދޯ؟ ބޮޑެތި ކަންކަން ވާނީ ލަހުން. އަހަރެމެން ތުރުކީއަށް ދާނީ ތަންކޮޅެއް ދިގު މުއްދަތަކަށް. އެހެންވެ އެކޮޅުން ބަޔަކާ މި ދަނީ ވާހަކަދައްކަމުން. އެކޮޅަށް ދާއިރު ހުރިހާ ކަމެއް ހަމަޖައްސާފައިދާން މި މަޑުކޮށްލަނީ. އެގޮތް މާ ރަނގަޅެއްނު،" އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިނދެ އާލިމު ބުނެލިއެވެ.
"ކިހާ ދުވަހަކަށް ދާން ތި ވިސްނަނީ؟ ތި ވާހަކަ ނުވެސް ބުނަމެއްނު،" އަހަރެންނަށް ސުވާލު ކޮށްލެވުނެވެ.
"މިހާރު މި ބުނީނު. ދެން ވާނީ ކިހައި ދުވަހެއްކަން އެނގޭނީ އެ ކޮޅަށް ދިޔައިމާތާ،" އާލިމު ހިނިތުންވެލިއެވެ.
"އޭރުން ވަޒީފާ ޔޯ؟" އަނެއްކާ ވެސް އަހަރެންނަށް އަހައިލެވުނީ ހައިރާނުގެ ސުވާލެކެވެ.
"އައްދޭ ހާދަ ކަންތައް ތި ބޮޑުވަނީ؟ ސަމާސާއެއް ކޮށްލިއަސް ތި ހުންނަނީ ކަންބޮޑުވެފައި،" އާލިމުގެ ތުނބުޅިގައި އޭނާގެ ކަނާއަތް ކާއްތާލަމުން ބުނެލިއެވެ.
"އެހެންނު ވާނީ. އާލިމަކީ އެހައި ސަމާސާ ކުރާ މީހެއް ނޫންވިއްޔާ. އަހަރެން ހީކުރީ ހަމަ ތެދު ކަމަށް،" އާލިމު ކުރި ސަމާސާއިން އަހަރެންނަށް ވެސް ބުނެވުނެވެ.
އާލިމުގެ ވާހަކަތަކާ މެދު އަހަރެންނަށް ވިސްނައިލެވުނެވެ. އޭނާގެ އުޅުމަށް ބަދަލުތަކެއް އަންނަކަށް އަހަރެންނަށް އިހުސާސް ކުރެވުނެވެ. ކޮންމެ ރެއަކު ދަންވަރު، ލެޕްޓޮޕް ހުޅުވައިގެން އެތައް އިރަކު އެ އިންނަނީ ކީއްކުރަން ހެއްޔެވެ؟ ވަޒީފާގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރަން އެ ނޫން ގަޑިއެއް ހަމަ ނުޖެއްސޭނެ ހެއްޔެވެ؟ ކުރާ ހުރިހާ ކަމެއްގެ ވާހަކަ އަހަރެންގެ ގާތުގައި ނުދައްކަނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ހިތަށް އެތައް ސުވާލެއް އަރައި ފައިބަމުން ދިޔައެވެ. އެއިން ކޮންމެ ސުވާލަކަށް ޒަމީރު ދިޔައީ ޖަވާބު ދެމުންނެވެ. ޝައްކު ކުރާކަށް ނުވާނެއެވެ. ކުށް ހީއަކީ ބޮޑު ކުށެކެވެ. އެ ކުށުން ހެދި ބޮޑުވާނީ ގޯހުން ގޯހެވެ.
ތުރުކީއަށް ދިއުމަށްޓަކައި އާލިމާއެކު އަހަރެން އެއާޕޯޓަށް ދިޔައީމެވެ. މައިންބަފައިންނާ ދުވަސްކޮޅަކަށް ވަކިވާތީވެ އެ ހިތާމަ ކުރީމެވެ. އެ މީހުން ގާތު ބުނަން ބޭނުން ކިތަންމެ ވާހަކައެއް ހިތުގައި ބާއްވައިގެންނެވެ. ނަމަވެސް އެ ވާހަކަތައް ބުނާކަށް ނުކެރުނެވެ. އެ ވާހަކަތަކުން އެ މީހުން ހިތްހަމަ ނުޖެހިދާނެތީއެވެ. ނޫނެކެވެ. ހިތްހަމަ ނުޖެހޭނެކަން ޔަގީން ވާތީއެވެ. އަހަރެން މޫނުބުރުގާ އެޅުމުން ވެސް އެ މީހުން ހިތްހަމަ ނުޖެހުނެވެ. ކައިވެނި ޕާޓީ ނުބޭއްވުމުން ވެސް ހިތްހަމަ ނުޖެހުނެވެ. ނަމަވެސް ހެޔޮ މަގުން ހިނގާ މީހެއްގެ އަތުގައި ހިފުމަކީ ގޯހެއް ނޫނެވެ. އާލިމު އަހަރެންނަށް ދެރަ ގޮތެއް ނުހަދާނެއެވެ. އެއީ އަހަރެންގެ ފިރިމީހާއެވެ. އަހަރެންދެކެ އެންމެ ލޯބިވާ މީހާއެވެ. އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓައި، ރައްކާތެރިކަމާއި ހިމާޔަތް ދޭނެ ފަރާތެވެ.
ބޯޓުގައި އިނދެ އެތައް ވާހަކައެއް އާލިމު އަހަރެންނާ ދެއްކިއެވެ. މަޑުމަޑުން އިނދެ ދައްކަމުން ދިޔަ ވާހަކަތަކާއެކު އޭނާގެ ރާގު ބަދަލުވަމުން ދާކަން އަހަރެންނަށް ދިޔައީ އިހުސާސް ކުރެވެމުންނެވެ. އާލިމު ބެލީ ދުނިޔޭގެ ދަހިވެތިކަމަކީ ވަގުތީކަމެއްކަން އަހަރެންނަށް ވިސްނައި ދެވޭތޯއެވެ. ބިކަ ހާލުގައި އުޅޭ މުސްލިމުންނަށް އެހީ ނުވެ އުފަލާ މަޖަލުގައި ވަގުތައް ދުއްވާލަން ނުވާނެކަން އަންގައި ދެވޭތޯއެވެ. އާޚިރަތް އަންނާނެކަމާއި އެ ދުވަހުން ދާންބޭނުންވާ ތަނަށް ދެވޭނެ އެންމެ ކުރު މަގު ބުނެދެވޭތޯއެވެ. އާލިމު ދެއްކީ ހުސް ތެދު ވާހަކައެވެ. އެއީ ހުސް ހަގީގަތެވެ. ނަމަވެސް އެ ވާހަކަދައްކަންވީ މިހާރު ހެއްޔެވެ؟ އެކަމަށް އެންމެ އައުލާ ވަގުތަކީ މިއީ ހެއްޔެވެ؟ އަހަރެންނަށް އަހައި ލެވުނެވެ. އެ ސުވާލުގެ ޖަވާބުގައި އާލިމުގެ ބޯ، ކަރުން ތިރިކޮށްލުމަށް ފަހު ދެ ފަހަރަކު މައްޗަށް އޭނާ އުފުލައިލިއެވެ. އަހަރެން އިނީ ބަސް ހުއްޓިފައެވެ. ހަދާނެ ގޮތް ހުސްވެފައެވެ. ވާން މި އުޅެނީ ކިހިނެއްބާއޭ ހިތަށް އަރާފައެވެ.
ތުރުކީގެ އިސްތަންބޫލު އެއާޕޯޓަށް ބޯޓު ޖެއްސުމާއެކު އާލިމުގެ ފޯނުގެ ސިމް ބަދަލުކޮށްލިއެވެ. އެ ވަގުތު އާލިމުގެ ފޯނު ރިންގުވާން ފެށިއެވެ. އާލިމް ވާހަކަދެއްކީ އަރަބި ބަހުންނެވެ. އަހަރެން ވެސް އަތް ދަބަސް ހުޅުވާލީމެވެ. ފޯނު ކޮބައިތޯ ބަލައިލީމެވެ.
"ފޯނެއް ނޯންނާނެ. ފޯނުވާނީ މާލޭ އެއާޕޯޓުގައި،" ދަބަސް ހާވާތަން ފެނުމުން އާލިމު ބުނެލިއެވެ. އަހަރެންނަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. ހިތުގެ ހިނގުން ތެޅިގަތީއެވެ.
"އަވަހަށް ހިނގާ ފައިބަން. އަހަރެމެން ބަލައި އެބަ ތިބި މީހުން އައިސް،" އަހަރެންގެ އަތުގައި ހިފައިގެން އާލިމު ހިނގައިގަތެވެ. އަހަރެންނަށް ރޮއި ގަނެވުނެވެ. ކުރަން އުޅެނީ ކޮން ކަމެއްތޯ ސުވާލުކުރެވުނެވެ. އާލިމް ޖަވާބެއް ނުދެއެވެ. އޭނާ ދިޔައީ ކުރިއަށެވެ. އަހަރެން ވެސް ދިޔައީމެވެ.
އެއާޕޯޓުން ކުރަންޖެހޭ ހުރިހާ ކަމެއް ނިމި އަހަރެން ގޮވައިގެން އާލިމު ނުކުތެވެ. އާލިމްގެ ފޯނު ރިންގުވުމާއެކު ހިނގުން ބާރުކޮށްލިއެވެ. އޭރު ތަންކޮޅެއް ދުރުގައި އޮތް ވޭނެއްގެ ކުރިމަތީ ހުރި މީހަކު އާލިމަށް ހަނާ އަޅަމުން ދިޔައެވެ. އާލިމު ގޮސް އެރީ އެ މީހާ ވެސް އެރި ވޭނަށެވެ. އަހަރެން ވެސް އެ ވޭނަށް އެރީމެވެ. އޭރު އޭގައި އިތުރު ދެ މީހަކު ތިއްބެވެ. އެ މީހުން އާލިމާއި އަހަރެންގެ ޕޯސްޕޯޓު އަތުލިއެވެ. އާލިމާ އެތައް ވާހަކައެއް އަރަބި ބަހުން ދެއްކިއެވެ. ދެއްކީ ކޮން ވާހަކަތަކެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ.
އެތައް އިރަކު ވޭން ދުއްވިއިރު ވެސް އަހަރެން އިނީ ބުނާނެއެއްޗެއް ނޭނގިފައެވެ. މިހާރު މިއީ ތިން ވަނަ ވޭނެވެ. ވޭން ހުއްޓާ ކޮންމެ ފަހަރަކު މި އާދެވުނީތޯ އަހަރެން ސުވާލުކުރަމެވެ. ނޫނެކޭ ބުނެ އާލިމު ހޫރުވަލަނީ ބޮލެވެ.
މި ފަހަރު ވެސް ވޭން ހުއްޓައި އެހެން ވޭނަކަށް އެރުމާއެކު އަހަރެން ހަމަ އެ ސުވާލުކުރީމެވެ. އަދި އެކި ވޭނަށް ބަދަލުވަނީ ކީއްވެތޯ ވެސް ސުވާލު ކުރީމެވެ. އެ ސުވާލުގެ ޖަވާބުގައި އާލިމު ބުނީ އިތުރު ސުވާލު ނުކުރުމަށެވެ. ކައިވެނިކުރީ އަހަރެން ކުރާ ކޮންމެކަމަކާ ވެސް ރުހިގެން އުޅުމަށް ކަމަށް ވެސް ބުންޏެވެ.
ބޯ ގަސްތަކުގެ ތެރެއިން ބާރު ބާރަށް ދަތުރުކުރި ވޭން ކުއްލިއަކަށް މަޑުކޮށްލިއެވެ. އެއަށް ފަހު އަހަރެންނާއި އާލިމުގެ ޕާސްޕޯޓް ނެގުމަށް ފަހު، އާލިމާ އެތައް ވާހަކައެއް ވޭނުގައި ތިބި މީހުން ދެއްކިއެވެ. ޚަތިމުގައި އަތްލުވައި އެތައް ވާހަކައެއް ދެއްކުވިއެވެ. އެ މަންޒަރު ފެނި އަހަރެން ގަތީ ބިރެވެ. ދެން އަދި މާ ބިރުގަތެވެ. އަހަރެންނާއި ޢާލިމުގެ ޕާސްޕޯޓް ދެ މީހުންގެ ކުރިމަތީ އެ މީހުން އަންދާލީއެވެ. ލިބުނު ހައިރާންކަމާއެކު ހަށި ފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ހިތަށް ޖަމާވި ސުވާލުތަކުގެ ބަރުކަމުން ދޫ ހަރަކާތްތެރިއެއް ނުކުރެވުނެވެ. ގެންފައި އިން ބިރުން އަހަރެން ރޮއި ގަތީމެވެ. ބާރުބާރަށް ރޯން ފެށީމެވެ. އާލިމުގެ ގައިގައި ބައްދައި ގަތީމެވެ.
"ދެން ނުރޮއޭ. ހުރިހާ ކަމެއް މި ދަނީ ހަމަޖެހެމުން. ކުރަން މި އުޅެނީ ދިގު ދަތުރެއް. ދާން އުޅޭ ހިސާބަށް ދާން ފަސް ދުވަސް ވަރު ނަގާނެ،" އާލިމު ވާހަކަދެއްކިއެވެ.
"ކޮން ތާކަށް މިދަނީ؟" އަޑަށް ބާރުލަމުން އަހަރެން ސުވާލުކުރީމެވެ.
"މި ދަނީ ބޯޑަރ އޭރިޔާއަށް. ސީރިޔާއަށް އެތެރެވާން. އެތަނަށް މީހުން ދަނީ ކީއްކުރަންކަން ސައިފާއަށް އެނގޭނެ. ސައިފާގެ މައިންބަފައިންނަށް ވެސް މިހާރު މިކަން އެނގޭނެ،" އާލިމުގެ ވާހަކަތަކުން ހީވީ އަހަރެންގެ ސިކުނޑީގައި ލަޓިބުރިއަކުން އެތި ފަހަރެއް އެޅިހެންނެވެ. ލިބުނު ހައިރާންކަމާ އެކު އަހަރެންނަށް އިނދެވުނީއެވެ. ފާޑަކަށް ގަނޑުވެފައެވެ. އަނގައިން ބަހެއް ނައިސްގެންނެވެ.
"ބައްޕައަށް އޮންނާނީ މެސެޖު ކޮށްފައި. މި ދަނީ ކޮންތަނަކަށް ކީއްކުރަންކަން މެސެޖުގައި އޮންނާނެ. ދެން އެނބުރި ރާއްޖެ ނުދާނެކަން ވެސް ބުނެފައިވާނެ،" އާލިމުގެ ޖުމުލަތަކުން އަހަރެންގެ ހަށިގަނޑުގައި ހިނގަމުން ދިޔަ ލޭ ހުއްޓުވިއެވެ. އަހަރެންގެ ވަރު ދޫވިއެވެ. ހަކަތަ ހުސްވިއެވެ.
ހޭވެރިކަން ވީއިރު އަހަރެން އޮތީ އާދައިގެ ގެއެއްގެ ކުޑަ ކޮޓަރިއެއްގައެވެ. އަހަރެންނަށް ޚިދުމަތް ކޮށްދިނުމަށް މޫނު އެޅި ދެ އަންހެނަކު އުޅުނެވެ. އެ މީހުން ވާހަކަދެއްކީ ދިވެހި ބަހުންނެވެ. ލިބުނު ހައިރާންކަމާއެކު އަހަރެން އެތައް ސުވާލެއް ކުރީމެވެ. އަހަރެންނަށް އޮވެވުނީ ކޮންތާކުތޯ އެހީމެވެ. އަހަރެންގެ ފިރިމީހާ ކޮބައިތޯ ވެސް އެހީމެވެ. ލޮލުން ފޭބި ކަރުނަތަކާއެކު އަހަރެން ތެދުވީމެވެ.
ހަނަފަސް ސަހަރާގެ ހަލަބޮލި ހިސާބެކެވެ. ބިޔަ ފަރުބަދަތަކާއި ވީރާނާވެފައިވާ ބިނާތައް ވަށައިގެން ދުރުދުރުން ފެނެއެވެ. ދޭތެރެދޭތެރެއިން މާ ދުރުދުރުން އަންނަ ބަޑީގެ އަޑުފައްގަނޑު އައިސް ކަންފަތުގައި ގުގުމާލައެވެ. އެއިން ކޮންމެ ފަހަރަކު އަންނަ ބިރުވެރި ކަމުގެ ރޯޅިން ހިތުގައި ރިހުން އުފައްދައެވެ. ލޯމަތީ ތަމްސީލުވަމުންދާ މަންޒަރުތަކުން ލޮލަށް ޖަމާކޮށްދެނީ ކަރުނައެވެ. ހިތަށް އަރާ ޝުޢޫރުތަކުން ހިތް ފުރުނީ ޝަކުވާތަކުންނެވެ. އާލިމަކީ ކޮން ކަހަލަ މީހެއް ހެއްޔެވެ؟ އޭނާގެ އެ ވިސްނުން ކުރިން ނޭނގުނީ ކީއްވެ ހެއްޔެވެ؟ މިފަދަ އަނިޔާއެއް އަހަރެންނަށް އެ ދިނީ ކީއްވެ ހެއްޔެވެ؟ މަންމައާއި ބައްޕައަށް ވާނީ ކިހިނެއް ހެއްޔެވެ؟ ހިތަށް އަރާ ކޮންމެ ސުވާލަކުން ގިސްލެވެނީއެވެ. މުޅި މީހާ ތުރުތުރު އަޅަނީއެވެ. ފިނި ވެސް ވަނީއެވެ.
އާލިމު އައިސް އަހަރެންގެ ކޮޓަރިއަށް ވަނެއެވެ. އަހަރެން ޝަކުވާ ކުރަން ފެށީމެވެ. ރޮމުން ރޮމުން އަހަރެން ރާއްޖެދާން ބޭނުންވާ ވާހަކަ ބުނީމެވެ. ހިތުގައިޖެހިގެން އެތައް ވާހަކައެއް ދެއްކީމެވެ.
"ޚަބަރުދާރު. ދެން ތި ވާހަކަ ނުދައްކާ. ތިއީ އަހަރެންގެ އަނބިމީހާ. އަހަރެން އުޅޭގޮތާ ރުހިގެން މިތާ އުޅެންވީ. މިތާ ވެސް ދިވެހިން އުޅޭނެ. ޕާސްޕޯޓެއް މިހާރަކު ނޯންނާނެ. ދެން ފިލައިގެން މަކަރު ހަދައިގެން ވެސް އެނބުރި ގައުމަކަށް ނުދެވޭނެ. މިއީ އަހަރެމެންގެ އެންމެ ފަހު ވަޒަން،" އާލިމުގެ ވާހަކަތައް އިވި އަހަރެން ބަޑިފަޅައިގެން ދިޔައެވެ. އޭނާގެ ފައިގައި ހިފާ އާދޭސް ކުރަން ފެށީމެވެ. އެނޫން ގޮތެއް ޚިޔާރުކުރުމަށް އަހަރެން ބުނީމެވެ. އަހަރެން ފޮނުވާލަދޭތޯ ކުރުނީސް ކުރީމެވެ.
"މިތަނަށް އެތެރެވުމަށްފަހު ހިނގާނީ މި މީހުންގެ ބާރު. އަހަރެން އުޅޭ ގޮތާއި ސައިފާ އުޅޭ ގޮތްވެސް މި މީހުން ބަލާނެ. ކޮންމެ ދުވަހަކު އަހަރެން ޓްރޭނިންގަށް ދާން ޖެހޭ. ޖިހާދީންގެ ލަޝްކަރުގައި ހިމެނޭތޯ އެތައް މަސައްކަތެއް ކުރަންޖެހޭ. މި ތަނުގައި ސައިފާ އަށް ވެސް ރައްކާތެރިކަން އޮންނާނެ. އެހީތެރިކަން ފޯރުކޮށްދޭނެ މީހުން ތިބޭނެ،" އާލިމުގެ ކޮންމެ ޖުމުލައަކުން އެތައް ފަހަރަކު އަހަރެންގެ ހިތް ކަތިލަމުން ދިޔައެވެ. އިތުރު ގޮތެއް ނެތުމުން ގިސްލަގިސްލައި އަހަރެން އިނީއެވެ.
ހިތްދަތިކަމާއި ވޭނުގައި އުޅޭތާ މަހެއް ފާއިތުވީއެވެ. ޖިހާދީ ލަޝްކަރާއެކު ސީރިއާއަށް ދިޔަ ފައުޖުގައި އާލިމު ވެސް ހަނގުރާމައަށް ދިޔައެވެ. އެ ހަނގުރާމައަށް އޭނާ ފުރީ އުފަލުންނެވެ. އަހަރެންގެ ގާތުގައި ހިނިތުންވެފައެވެ. ނަމަވެސް އެ ހިނިތުންވުމުން އަހަރެންނަށް ގެނެސްދިނީ ހިތްދަތިކަމެވެ. އޭނާ އެންމެ ފަހުން ކުރި ވަސިއްޔަތުން އަހަރެންނަށް ލިބުނީ އިތުރު ހިތާމައެވެ.
ލިބުނު ޚަބަރަކީ އާލިމު ޝަހީދުވީ ޚަބަރެވެ. އެ އަޑު ކަންފަތުގައި ޖެހުމާއެކު ދެ ލޯ މަރާލެވުނެވެ. ހިފެހެއްޓިފައިވާ ކަރުނަތައް ހޯސްލާފައި ކޯތާފަތްމައްޗަށް ފައިބައި ގަތެވެ. އިރުކޮޅަކު ގަބުވެފައި އިނުމަށްފަހު އަހަރެންނަށް ހަޅޭއްލަވައި ގަނެވުނެވެ. ބާރުބާރަށް ރޯން ފެށުނެވެ. މިތަނަށް އަހަރެން ގެނައީ ކީއްކުރަން ހެއްޔެވެ؟ އަހަރެން އެކަނިކޮށްފައި ތި ދިޔައީ ކީއްވެ ހެއްޔެވެ؟ މި ތަނުގައި އަހަރެން އުޅެނީ ކިހިނެއް ހެއްޔެވެ؟ މިތަނަކު ނުއިންނާނަމެވެ. މަޑެއް ނުކުރާނަމެވެ. މިތަނުގެ އެހެން މީހަކާ އަހަރެންނެއް ނުއިންނާނަމެވެ. އެ ވަސިއްޔަތް ކުރިޔަސް އެކަމެއް ނުކުރާނަމެވެ. އަހަރެން ދާނީ ރާއްޖެއަށެވެ. އަހަރެން އުޅޭނީ އެ ތަނުގައެވެ. ދުލުން ބޭރުކުރަމުން ދިޔަ ލަފުޒުތައް ތަކުރާރު ކުރަމުން އަހަރެން ގޮވީމެވެ. އަހަރެން އަތުގައި ހިފަހައްޓައިގެން ތިބި މީހުން ފޮޅާލެވޭތޯ ވެސް އަހަރެން ބެލީމެވެ.
ކުއްލިއަކަށް އަހަރެންގެ ބޮލަށް އެރީ ތަދެކެވެ. ބާރު ބޮނޑިއެއް ބޮލަށް އެރީކަން އަހަރެންނަށް އެނގުނެވެ. އެ ތަދާއެކު ދެން ވީގޮތެއް އަހަރެންނަކަށް ނޭނގުނެވެ.
ހޭވެރިކަން ވީއިރު އަހަރެން އޮތީ އެހެން ތަނެއްގައެވެ. ފުރަތަމަ ވެސް އަތްލެވުނީ ބޮލުގައެވެ. ބޮލުގައި އަޅާފައިވާ ބެންޑޭޖުގައެވެ. އިވެމުން ދިޔަ ބަޑީގެ އަޑުފައްގަނޑުން، ބޮލަށް ވީ ތުރާލާއެކު ތެދުވެ ހަތަރު ފަރާތަށް ނަޒަރު ހިންގާލެވުނެވެ. ކޮޓަރީގައި ހުރީ ބާވެ ހަލާކުވެފައިވާ އެނދަކާއި ކުޑަ މޭޒެކެވެ. މޭޒުމަތީ ޚަތިމަކާއި ފޮތްތަކެއް ހުއްޓެވެ. އަހަރެން އިން އެނދުގެ މަގަތުގައި ކުޑަ ފެންފުޅިއެއް ބަހައްޓާފައި ހުއްޓެވެ. ހަނގުރާމަ މަތީ ދެ ޔުނީފޯމު ފާރުގައި އަޅުވާފައި ވެއެވެ. ހިރަފުހުން ތަތްތެޅިފައިވާ ބޫޓެއް ވެސް ކޮޓަރީގައި ހުއްޓެވެ. ފެނުނު ބައެއް ތަކެތިން އެ ކޮޓަރީގައި އުޅޭނީ ފިރިހެނުންކަން އަހަރެންނަށް ޔަގީން ކުރެވުނެވެ. އަހަރެންނަށް ރޮއިގަނެވުނެވެ. ދެން ފެނުނީ މީހަކު އައިސް ކޮޓަރިއަށް ވަން ތަނެވެ. އަހަރެންނަށް މަޖުބޫރުވީއެވެ. ދުވަހަކުވެސް ހިތަށް ނާރާ ކިތަންމެ އެއްޗެއް ހިތަށް އެރީއެވެ. ހިތަށް ވީ ތަދު މުޅި ހަށިގަނޑަށް ވިހަލީއެވެ. އެ ވިހައިގެ ސަބަބުން އެތައް ރުއިމެއް އަހަރެން ރުއީމެވެ. އެ ރުއިމުގެ ހިތްދަތިކަން އެނގޭނީ އަހަރެން އޮތް އެނދަށެވެ. ހިމާޔަތާއި ރައްކާތެރިކަމަށް އަހަރެން ގޮވި ގޮވުން އިވޭނީ ވަށައިގެންވާ ފަރުބަދަތަކަށާއި ގަސްތަކަށެވެ. އަހަރެން ކުރި އާދޭސް އިވޭނީ އަހަރެން ހެއްދެވި ފަރާތަށެވެ. އަހަރެންގެ ގައިން ބާރު ހުސްވިއެވެ. ހަކަތައެއް ނެތުނެވެ. މި ދުނިޔެ އަކީ ކޮން ކަހަލަ ތަނެއް ހެއްޔެވެ؟ މިއީ ކިހައި ކެހިވެރި ދުނިޔެއެއް ހެއްޔެވެ؟ މާމުއި ހަނދަކީ މިއީ ހެއްޔެވެ؟ އަހަރެންނަށް އޮތީ މި ގޮތް ހެއްޔެވެ؟ މި ޢަޒާބުގައި މަރުވުން ހެއްޔެވެ؟ މި ނިކަމެތިކަމުގައި ފަހު ނޭވާ ދުއްވާލުން ހެއްޔެވެ؟ ހިތަށް ވެރިވަމުން ދިޔަ ވޭނީ ސުވާލުތަކާއެކު އަހަރެންގެ ދުލުން ކިޔަން ފެށުނެވެ.
މަންމާއެވެ. އަހަރެންނަށް މަޢާފުކުރާށެވެ. ބައްޕާއެވެ. އަހަރެންނަށް މަޢާފުކޮށްދޭށެވެ. މަންމައާއި ބައްޕަ އަޅާނެ ކަރުނަޔާއި ރޯނެ ރުއިން އަހަރެންނަށް އިހުސާސް ކުރެވެއެވެ. ގޯހީ އަހަރެންނެވެ. ނުލަފައީ ވެސް އަހަރެންނެވެ. އަހަރެންގެ ކުށަކީ މަންމައާއި ބައްޕައަށް އިތުބާރު ނުކުރެވުމެވެ. މަންމައާއި ބައްޕައަށް ކަންކަން ހިއްސާ ނުކުރުމެވެ. ހުރިހާ ވެސް މީހަކީ އަދި ހުރި ހަމައެކަނި މީހަކީ އާލިމުކަމަށް ގަބޫލުކުރެވުމެވެ.
މަންމާއެވެ. އަހަރެން މި އޮތީ ގޮތް ހުސްވެފައެވެ. ހަމައެކަނި ގޮތް ހުސްވީއެއް ނޫނެވެ. އަހަރެންގެ ލަދުވެތިކަން ބަޔަކު ނީލަންކީއެވެ. އިއްފަތްތެރިކަން ބަޔަކު ސަދަގާތްކުރީއެވެ. ނިކަމެތިކަމުގެ ނާޖާއިރު ފައިދާ ބަޔަކު ބަހާލީއެވެ. މި ހާލުގައި މަންމަމެންނާ ވާހަކަދައްކާކަށް އަހަރެންނަކަށް ނުކެރޭނެއެވެ. މަންމަމެންގެ ކުރިމައްޗަށް އަރާކަށް ނުކެރޭނެއެވެ. މަންމައާއި ބައްޕަގެ އޯގާތެރި ހިމާޔަތް ކިތަންމެ ބޭނުން ވިޔަސް އެ ހިމާޔަތަށް އެދޭކަށް ވެސް ނުކެރޭނެއެވެ.
ދުނިއަކީ ކެހިވެރި މަޅިފައްޗެއް ހެއްޔެވެ؟ ކޮންމެ ފިރިހެނަކީ މަކަރުވެރިއެއް ހެއްޔެވެ؟ ދީނަށް އުޅުމަކީ މިއީ ހެއްޔެވެ؟ ހަމަގައިމުވެސް އިސްލާމުދީނަށް އުޅޭ މީހުން މިހިނެއް ނޫޅޭނެއެވެ. މި ކަހަލަ ކެހިވެރި މަޅިއެއްގައި އަންހެނަކު ޖައްސާކަށް ނޫޅޭނެއެވެ. އެހެން ނޫނަސް މީހަކު ހިތުގައި ޖައްސައިގެން އޮތީ ކޮން އުފަލެއް ހެއްޔެވެ؟ ނޫނެކެވެ. އާލިމު އުފާވާނެއެވެ. އޭނާ ދިޔައީ އުފަލުންނެވެ. ހެމުންނެވެ. ހިނިތުންވަމުންނެވެ. ނަމަވެސް އަހަރެން މި ރޮނީއެވެ. ގިސްލަނީއެވެ. މަރަށް ހާޒިރުވަނީއެވެ.
މަންމާއެވެ. ބައްޕާއެވެ. އަހަރެންނަށް މަޢާފުކުރާށެވެ. ހަގީގަތުގައި ވެސް އަހަރެންނަކީ ކަނޑިއެކެވެ. މި ކަނޑިން މަންމަ އާއި ބައްޕަގެ ތިޔަ ހިތްހަމަ ޖެހުން ފޮތިފޮތި ކޮށްލެވިއްޖެއެވެ. ތިޔަ އުފާވެރި ހަޔާތް މަރާލެވިއްޖެއެވެ. ތިޔަ ހިނިތުންވުމަށް ނިމުމެއް ގެނެވިއްޖެއެވެ. އަހަރެން ވެސް ނިމިގެން މި ދަނީ ތިޔަ ހިތްދަތި ކަމުގައެވެ. އަހަރެން މި ލަނީ މާމުއި ހަނދުގެ ދަތުރަކުން ގެނެސްދިން އެންމެ ހިތްދަހި ނޭވާއެވެ. އެއީ އަސަރުން ފުރިގެންވާ ވޭނީ ނޭވާއެކެވެ. ރިހުން ގަދަ ކެތްކުރަން ދަތި ނޭވާއެކެވެ.
(ނިމުނީ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒޫ
16 December 2019
ހަޑިއެއް ނޫން
ސަންތި...
03 June 2019
ވާހަކަ އެެއްގެ ސިފައިގައި ވިޔަސް ހަގީގަތް އެގިގެން ލިޔަންވާނީ..އެތަނަށް ދާ އެންމެންނަށް ވާ ގޮތެއް ނޫން ތިއީ..އެެއްވެސް ރީއްޗެއް ނޫން..
ތަރިކަ
03 June 2019
ރާއްޖޭގެ މިމުޖުތަމަޢަށް ބޭނުންތެރި ވާހަކަ އަންވަރުގެ ފަރާތުން ގިނައިން ފެންނަކަމީ މުޖުތަމަޢުގެ ފައިދާއަށް އަންވަރު ވިސްނާކަމުގެ ދަލީލެއް. އަލިގަދަ ހެއްކެއް.
ރާގު
03 June 2019
ވ. ސަޅި. އަސަރުގަދަ ކިޔާލާހިތްވި ވާހަކައެއް
ާާއަހުމަދު
03 June 2019
ޥަރަށް ރީތި އަސަރުކުރުވަނިވި ވާހަކައެއް...........
އެފް
03 June 2019
ވަރަށް ރީތި ވާހަކަ އެއް. ވަރަށް ފުރިހަމަ......
ވަފާ
03 June 2019
އަންވަރުގެ ވަަހަކަތަކުގައި އަސަރު ހުރެ. މީ އަސަރު ހުރި މޮޅު ވާހަކައެއް.
ސަލް
02 June 2019
ވަރަށް ރީތި ތަފާތު ވާހަކައެއް.?
ޢިބާ
02 June 2019
ވަރަށް މައުލޫމާތާއެކު ލިޔެފައިވާ ވާހަކައެއް. ޙީވަނީ ހަމަ އަސްލުހެން. ޥަރަށް ވަރަށް ރީތި.
ޒާހިދާ
02 June 2019
ވަރަށް އިބްރަތްތެރި ރީތި ވާހަކައެއް. މި ވާހަކަ ދެ ތިން ފަހަރު ކިޔާލެވިއްޖެ. ހަގީގަތުގައި ވެސް ރޮވިއްޖެ. ވަރަށް ރީތި. ހަނގުރާމައަށް ދާ މީހުން ކަންތައް ކުރާ ގޮތް މިވާހަކައިން ގެނެސްދީފި. މިއީ އަހަރެމެން އަންހެނުން ވިސްނާލަން ޖެހޭ ކަމެއް.