މުނިފޫހިފިލުވުން / ކުރު ވާހަކަ

ކުރު ވާހަކަ- ކުށުގެ ވެށި

ހައްވާ ޒާހިރާ

03 ޖޫން 2019 - 08:34

9 comments

ވަށައިގެންވި އަނދިރިކަމުން އަހަރެންގެ ހިތް ނުތަނަވަސްކުރުވި އެވެ. ބިރުވެރިކަމާއި ކަންބޮޑުވުންތަކުން އަހަރެންގެ ސިކުނޑި ކައި ހުސްކުރަމުން ދިޔަ އެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާ މީހެއް ފަދައިން އަހަންނަށް އިނދެވުނީ ދެން ވާނެގޮތަކާ މެދު ވިސްނާށެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭ އެންމެންގެ ކުރިމަތީ އަހަރެންގެ އަގުވެއްޓި އެ މީހުންގެ ނަފްރަތުގެ ފަތްގަނޑަށް ވެގެން ދިޔައީ އެވެ.

މިއީ އެއްވެސް އިންސާނަކު އަންނަން ބޭނުންވާނެ ތަނެއް ނޫނެވެ. ޖަލުގެ އަނދިރިކަމުން ފުރަތަމަ ފަހަރަށް ކުށުގެ އިޙްޞާސްކުރުވި އެވެ. އަހަންނަކީ އެއްވެސް އިރެއްގައި ގޯސް މީހެއް ނޫނެވެ. ސްކޫލުގައި ކިޔަވަން އުޅުނުއިރު ވެސް ކުށްވެރިގެން ދުވަހަކު ވެސް މައިންބަފައިން ނުގެންދެ އެވެ. އަދަބު ދޭކަށް ނުޖެހެ އެވެ.

މީގެ ހަ ގަޑިއިރު ކުރިނަމަ އަހަރެން ހުރީ ހިތްފަސޭހަ ޕާކެއްގަ އެވެ. ހަވީރުގެ ފިނިރޯޅިތަކަށް ނަށަމުން ދިޔަ ގަހެއްގެ ހިޔަލުގަ އެވެ. ހުނުމާއި މަޖަލުގެ މާހައުލެއްގަ އެވެ. އަހަރެން ހުއްޓިގެން ހުރީ އެ މަންޒަރު ބަލާކަށް ނޫނެވެ. އަހަރެން ބެލީ ދުވެފައި އުޅުނު އަންހެންކުއްޖަކަށެވެ. އުމުރުން ހަތަރު ފަސްއަހަރުގެ ރީތި ކުއްޖެކެވެ. އަހަރެންގެ ހިތް ނުބައިވެ އުފެދުނު ވަސްވާސްތަކުގައި ބެހިގެން ދިޔަ އެވެ. އެ ކުއްޖާ އަށް ހިމާޔަތްދޭން އިން މަންމަ އިނީ އޭނާގެ އަތުގައި އޮތް ސްމާޓްފޯނަށް ގެއްލި ހުސްވެފަ އެވެ. އަހަރެން މަޑުމަޑުން ކައިރިވަމުން ގޮސް ޖީބުގައި އޮތް ޗޮކްލެޓްނަގައި ދިއްކުރުމުން އެކުއްޖާ އައިސް ހިފިއިރު އަހަރެން މިއީ ނުދަންނަ މީހެއް ހެން ވެސް ހިއެއް ނުވެ އެވެ. ހަގީގަތުގައި އެ ކުއްޖާ އަށް ބުނެދީފައި ނުވެސް ނެތެވެ. އެއަށްވުރެ އެ ކުއްޖާގެ ބެލެނިވެރިން އަމިއްލަ ކަންތަކުގައި ބިޒީ އެވެ.

އެ ކުއްޖާ އުރާލައިގެން އެތަނުން ނިކުމެގެން ދިޔައިރު އަހަރެންގެ ހިތުގައި އުފެދެމުން ދިޔަ ނުބައި ވަސްވާސްތަކުގައި ކުލަޖެހޭނެ ވަގުތަކަށް އަހަރެން ހުރީ ކެތްމަދު ވެފަ އެވެ. މި އުމުރުގެ އަންހެން ކޮއްކޮއެއް ހުރެ ވެސް މި ވަގުތު އަހަރެންގެ ހިތަށް ކުލުނުގެ އެއްވެސް އަސަރެއް އަރާ ފައިބާ ކަމަކަށް ނުވިއެވެ. ހަދާ އިމާރާތެއްގެ ތެރެއަށް ވަންނަން އުޅުމުން އެ ކުއްޖާ ގަދަ ހަދައިލި އެވެ. އޭރު ޕާކާއި ވިއްސަކަށް ފޫޓް ދުރަށް އާދެވުނުކަން އެ ކުއްޖާ އަށް ވެސް އެނގިއްޖެ އެވެ.

މަންމަ ކައިރިއަށް ދާނީއޭ ބުނެ ހަޅޭއްލަވައިގެން އިރު އެ އަޑު ފޯރާ ހިސާބުގައި މީހަކު ހުރެދާނެ ކަމަށް އަހަރެން ހިއެއް ނުކުރަމެވެ. އަހަންނާ މެދު ޝައްކުވެ އެ މީހާ އަހަރެންގެ ފަސްފަހަތުން އައިކަމެއް އަހަންނަށް ނުވެސް އެނގެ އެވެ. އެ ކުއްޖާގެ އަނގަމަތީ އަތްއަޅައި އެތަނަށް ވަދެ އަހަރެން ބެލީ އެކުއްޖާގެ އަޑު ހިންދާލާނެ ގޮތެކެވެ. ސިމެންތި ހުސްކުރި ގޯނިގަނޑެއްމަތީ ބާއްވާފައި އަހަރެންގެ ގަމީސް ބާލައި އެ ކުއްޖާގެ އަނގަމަތީ އަޅަން އުޅެނިކޮށް އިވުނީ ފަހަތުން ހަޅޭއްލަވައިގެން އަޑެވެ.

ބާޒާރުކޮށްގެން އައި ކޮތަޅުތަކާ އެކު އަހަރެންގެ ފަސްފަހަތުން ވަދެގެން އައީ މުސްކުޅި އަންހެނެކެވެ. އަހަރެންގެ މަގުސަދު އެ މީހާ އަށް ސާފުކޮށް އެނގިއްޖެ ކަހަލަ ކުލަވަރެއް މޫނުމަތިން ފެންނަން ހުއްޓެވެ. އެ މީހާގެ ހަޅޭކުގެ އަޑަށް އެތަނަށް ބަޔަކު އައެވެ. އަވަހަށް ފިލައިގެން ދެވޭތޯ އަހަރެން ބެލީމެވެ. އެކަމަކު އެ މީހުންގެ އަތްތަކުގައި ތާށިވެ އަހަރެން ހައްޔަރުކުރެވުނީ އެވެ.

މިހާރު މި ޚަބަރު އަހަރެންގެ މައިންބަފައިންނަށް ލިބޭނެކަމާ މެދު ޝައްކެއް ނުކުރަމެވެ. އަހަރެން ކޮބައިތޯ ބަލަން އެއިން އެއްވެސް މީހަކު ނައެވެ. ހަޔާތުގެ އެއް ރޭ ޖަލުގަ އެކަނިވެރިކަމުގައި ހޭދަވިއިރު އަހަރެން މިހުރީ މާޔޫސްވެފަ އެވެ. ދުވަސްކޮޅަކަށްފަހު މިތަނުން ނިކުމެވުނަސް އެއްވެސް މީހަކާ މޫނު ހަމަކުރާނެ ގޮތެއް ނޭނގިފަ އެވެ. އެނބުރި ދެވުނަސް ބައްޕަގެ ހިޔާވަހިކަމުގައި އަހަންނަށް އެއްވެސް ޖާގައެއް ނުވާނެކަން ޔަގީނެވެ.

ޖެހިގެން އައި ދުވަހު މީހެއްގެ ހިލަންވެގެން ބަލާލިއިރު ދޮރުހުޅުވާފައި ވަން ފުލުހުންގެ މީހަކު ބުނީ އަހަންނާއި ބައްދަލުކުރަން ބޭބެ އައިސް ހުރި ކަމަށެވެ. ދެން އެ މީހާ ބުނި ކޮޓަރިއަކަށް ގޮސް ވަންއިރު މޭޒުދޮށުގައި ބޭބެ އިނެވެ. އިސްޖަހައި ބާރުކޮށްގެން އިން އިރު އަހަރެންގެ މޫނަށް ބަލައިލަން ގަސްތު ނުކުރާކަން އެނގުމުން ވަރަށް ހިތުގައި ޖެހުނެވެ. ބޭބެގެ ކުރިމަތީ އަހަރެން ވެސް އިށީނީ އެފަދައިންނެވެ.

"ކަލޭގެ ނުބައިކަމުން މީހަކާއި މޫނު ހަމަކުރާކަށް ވެސް ނުކެރޭ. ބައްޕަ ވެސް ލަދުން ގެއިން ނުނިކުމޭ. މަންމަ އުޅުނު ރޭ ދަންޖެހި މަރުވާން ވެސް. މިތަނުން ނިކުމެވުނު ދުވަހަކުން ކަލޭ އެނބުރި ގެއަށް ނާންނާތި،" ބޭބެގެ ފަރާތުން އިވުނު ބަސްތަކުން އަހަރެން އިނީ ހިތް ކުދިކުދި ވެފަ އެވެ. އިސްލާހްވާން އަޒުމްކަނޑައިގެން ހުއްޓާ އެކަން ފެނަށް ވެގެން ދިޔަހެން ހީވި އެވެ. ދެވަނަ ފުރުސަތަކީ ލިބޭނެ އެއްޗެއް ނޫނެވެ.

ބޭބެ ބައްދަލުކުރަން އައީ އާއިލާއިން އަހަރެން މިއީ ނެތް މީހެއް ކަމަށް ބަލައިފިކަން ބުނާށެވެ. އަހަރެން ހިތަށް ކުރާނެ އަސަރާ މެދު އެ މީހުން ވިސްނައެއް ނުލައެވެ. ނިކުންނަން ދަމުން ބޭބެ އަހަރެން ކުރެ ސުވާލެއް އެއްސެވެ.

"މިކަންތައް ފެށުނީ ކޮން ހިސާބަކުން؟" އެ ސުވާލުގެ ޖަވާބު އޮތީ އަހަރެންގެ ސިކުނޑީގަ އެވެ. ޖަވާބު ދޭނެ ހިތްވަރެއް ނެތެވެ. އަރުބެދި އަހަރެން އިނީ ރޮވިފަ އެވެ.

އެނބުރި ގޮޅިއަށް ގެނައިއިރު އަހަރެންގެ ސިކުނޑީގައި ބުރުޖަހަމުން ދިޔައީ އެކަންތައް ފެށުނު ހިސާބެވެ.

ހޯމްވޯކް ހަދަން ބޭބެގެ ފޮތްތައް ހާވަނިކޮށް ފުރަތަމަ ފެނުނީ އޭގެ ތަސްވީރެކެވެ. އެ ދުވަހު ބިރުން އެއްލާލެވުނަސް ފަހުން އަހަރެންގެ ލޯމަތިން އެކަހަލަ ގިނަ މަންޒަރުތަކެއް ފެންނަން ފެށި އެކަމަށް ހޭނުނެވެ. ބައްޕަ ދަންވަރު ޑިއުޓީ އަށް ދާ ރޭރޭ ގެއަށް ވަންނަ މީހުންނާ އެކު މަންމަ އުޅޭގޮތް އަހަންނަށް ފެނުނީ ވަރަށް ކައިރިންނެވެ. އެ މީހުން ޖަހާ ސަކަރާތް އަހަރެން ބެލީ ދޮރުގައި ލޯޖަހައިގެންނެވެ. ބޭބެ ލެޕްޓޮޕުން އެކަހަލަ ބައިވަރު ވީޑިޔޯ ހުރިތަން ފެނުނެވެ. އެ ހުރިހާ އެއްޗެއް ބެލީ އެކަނި ހުރެ ސިއްރުންނެވެ. ގޯސްކަމެއް އެނގިހުރެ އަމިއްލަ ނަފްސު ނުހުއްޓުވުނެވެ.

އޭގެފަހުން ފުރާވަރަށް އެޅިއިރު އަހަރެން ހުރީ އެ މަންޒަރުތައް ބަލަން ދެވިހިފައިފަ އެވެ. ރޭގަނޑު ނިންޖަށް ވުރެ ހިތަށް ހަމަޖެހުން ލިބެނީ އެކަމުގައި ހޭދަކުރާ ވަގުތުތަކުގަ އެވެ. އިންޓަނެޓްގެ އެހީގައި އަހަރެން މުޅި ރޭ ހޭދަކުރަނީ އެ މަސްތުގަ އެވެ. އެކަމަކީ ހިތުގެ އެއްކަނެއްގައި އަބަދުވެސް ބިރުވެރިކަން އޮވެ އެވެ. މީހަކަށް އަހަރެން ކުރާ ކަންތައް އެނގިއްޖެ ނަމަ ރުޅި އަންނާނެކަން އެނގޭތީ އެވެ.

އެކި ކުދިންނާ ރައްޓެހިވުމަށް ފަހުގައި ވެސް އެ ކުދިން ރުޅިވަނީ އަހަރެންގެ އަމަލުތައް ހުންނަ ގޮތުންނެވެ. އަޚްލާގީ މިންގަނޑު ހިފަހައްޓަން ނޭނގޭ މީހަކަށް ވާތީ އެވެ. ކައިވެނީގެ ބޭރު ގުޅުންތަކަށް ދައުވަތު ދޭތީ އެވެ. އެހެންވިއަސް އަހަރެން ވެސް ހިތްހަމަޖައްސާނެ މަގު އަބަދުވެސް ހޯދަމެވެ. ޕޮކެޓްމަނީގެ ގޮތުގައި ބައްޕަ ދޭ ފައިސާ ހުސްކުރަނީ އެ ލައްޒަތު ހޯދުމުގަ އެވެ. އަންހެންކުދިން ގަންނަމެވެ. ސިއްރު ގުޅުންތަކަށް ދަމެވެ.

ކިޔަވައި ނިމި ވަޒީފާ އަށް ވަންއިރު އަހަރެން ހުރީ މީގެ އެންމެ އެތެރޭގަ އެވެ. މަސައްކަތާ މަސްއޫލު ވެވޭ ވަރަށް ވުރެ އަހަރެންގެ ސިކުނޑި ފުރިފައިވީ އެފަދަ ނުބައި ޚިޔާލުތަކުންނެވެ. ނަމާދު ކުރުމާ ދުރުވެވެން ފެށީ މީގައި ދެވިހިފައިގެން ދިޔަވަރުންނެވެ. ދުވާލަކު ފަސްހަގަޑިއިރު ވެސް އޮންނަނީ މަދުވެފަ އެވެ. ފަހުން ފަހުން އައިސް ހަމައެކަނި ވީޑިޔޯ ބަލައިގެން ނުފުދެ އެވެ. ދެން ކުރަންފެށި ކަމެއްގެ ސަބަބުން އަހަރެން ހުންނަނީ ވަރުބަލިވެފަ އެވެ. އެވަރުން ވެސް އަހަރެންގެ ހިތަކީ ފުރުނު އެއްޗެއް ނޫނެވެ.

އަހަރެންގެ ހިތް އެ މަގުގައި ނުދާ ދިމާލެއް ނެތެވެ. އެކަމަކު މުޅިން ވެސް ކުރަނީ ސިއްރުންނެވެ. އެ ދުވަހު ވެސް އަހަރެންގެ ހިތް އެދުނުގޮތަށް ކަންތައް ނުކުރިނަމަ އަހަރެން ހުންނާނީ މިތަނަކު ނޫނެވެ.

ދުވަސްތައް ޖަލުގައި ހޭދަކުރަމުން ގޮސް ކޯޓަށް ގެންދިޔަ ދުވަހެކެވެ. ބަންދަށްޖެހި ފަނަރަ ދުވަސް ހަމަވީ އެވެ. މިއަދު ކޯޓުން ނިންމާނެ ނިންމުމަކީ އަހަރެން މުޅި ދިރިއުޅުން ބިނާވެގެންދާނެ ނިންމުމެވެ. އަހަރެންގެ ފުށުން އެ ކުއްޖާ އަށް ގޯނާއެއް ނުލިބި ސަލާމަތް ވިޔަސް އަހަރެންގެ މައްޗަށް ކުއްޖަކު ރަހީނުކުރަން އުޅުނު ދައުވާ އުފުލޭނެހެން ހީވެ އެވެ. މިހާރު އަހަންނަށް ވެސް ރަނގަޅީ ކޮންމެ އަދަބެއްގެ ދަށުން ވިއަސް މިތަނުގައި ހުރުމެވެ.

އެ ދުވަހު ކަންހިނގީ ހީކުރި ގޮތަކަށް ނޫނެވެ. ކޯޓުން އިއްވި ބަޔާނާ އެކު އަހަރެން މިނިވަންވި އެވެ. އެ ކުއްޖާގެ މައިންބަފައިން އަހަރެންގެ މައްޗަށް އެއްވެސް ދައުވާއެއް ކުރަން ބޭނުން ނުވީ އެވެ. ހައިރާންވި އެވެ. އަހަރެން ކަހަލަ މުޖުރިމަކަށް ސަޒާ ދިނުމުގެ ބަދަލުގައި މައާފު ލިބުނީތީ އެވެ.

ޖަލަށް ގެންދިޔައީ އެންމެ ފަހު ދުވަހުގެ ގޮތުގަ އެވެ. ވާންވީ އުފާ ނޫން ހެއްޔެވެ؟ އެކަމަކު ޖަލަށްވުރެ ބޮޑު އެކަނިވެރިކަމެއް އަހަންނަށް ލިބޭނީ ގޭތެރެއިން ކަން އެނގުމުން މިތަނުން ނިކުންނަ ހިތެއް ނެތެވެ. އަނެއްކާ ވެސް އަހަންނާ ބައްދަލުކުރަން މީހަކު އައި ވާހަކަ ބުނުމުން ހައިރާންވި އެވެ. އެކަމަކު ނިކުންނަމުން ހިތަށް އެރީ އަހަރެންގެ ބަލާ ބައްޕަ ނޫނީ ބޭބެ އައީ ކަމުގަ އެވެ.

އެ މީހުން ދައްކާ ކޮޓަރި އަށް ވަންއިރު ހުރި މީހާ ފެނިފައި ނަގަން އުޅުނު ފިޔަވަޅު ވެސް ހުއްޓާލެވުނެވެ. ގަނޑުވެފައި ހުރެވުނެވެ. ސިހުނީ ފުލުހުންގެ މީހާ އަހަރެންގެ ކޮނޑުގައި ޖަހާލާފައި ދާށޭ ބުނުމުންނެވެ. އެ މީހާގެ މޫނަށް ބަލަން ނުކެރި އިސްޖަހައިގެން އަހަރެން ގޮސް ހުއްޓުނީމެވެ. އެއީ މުޅި އުމުރުގައި ވެސް އަހަރެންގެ ހިތް އެންމެ ބާރަށް ތެޅުނު ވަގުތެވެ.

އަހަރެން ގޮސް އިށީނުމުން އޭނާ ބުނީ އަހަންނަށް މާފުކޮށްފިން ކަމުގަ އެވެ. ކީއްވެތޯ އަހާލަން ދޫ ހަރަކާތް ކުރިއިރު އަހަރެންގެ އަރުބެދި އަޑު ބަރުވެފައިވާކަން އެނގެ އެވެ. ލޮލަށް ގިނަވި ކަރުނައާ އެކު އިސް އުފުލާލިއިރު އެ މީހާ ވެސް އިނީ އަހަރެން ފަދައިން ފެންކަޅިވެ ތުރުތުރު ލައިލަ އެވެ.

"އިރުފާންގެ އުމުރަކީ 18 އަހަރު. އުމުރުގެ ބޮޑު ބައި އަދި އޮތީ. އަހަރެން ދެކޭގޮތުގައި އަދަބު ދިނުމުގެ ގޮތުން މިތަނަށް ވެއްދުމަކީ ހައްލެއް ނޫން. މިތަނަކީ ގިނަ ކުށްވެރިން ތިބޭ ތަނެއް. އެ މީހުންގެ ތެރޭގައި އުޅެންޖެހުމުން އިރުފާން އިސްލާހްވާން ފުރުސަތު ލިބުމުގެ ބަދަލުގައި ދާނެ މަގު އެނގޭ. އަހަރެން ވަރަށް ދެރަވޭ ތިހާ ޅަ އުމުރުގައި އަހުލާގު ގޯސްވީމަ. މިހެން ބުންޏަސް އެނގެއެއްނު އަމިއްލަ އަށް ވެސް ކުރެވެނީ ކިހާ ގޯސްކަމެއްކަން،" އަހަރެންގެ ޖަޒްބާތުތައް ކޮންޓްރޯލް ނުވެގެން ރޮވުނީ އަސްލަމް ދެއްކި ވާހަކަތަކުންނެވެ.

އެފަދަ މޭރުމުން އަހަރެންގެ މައިންބަފައިން ވެސް ވާހަކަ ނުދައްކާނެ އެވެ. އެއްޗެހި ކިޔައި ފަލީހަތް ކުރާނީ އެވެ.

"އެނގެއޭ، އެކަމަކު ނުހުއްޓުވޭ،" އަހަންނަށް ރޮވުނެވެ.

"އަމިއްލަ ނަފްސަށް ދެވޭ އެންމެ ބޮޑު އަނިޔާއަކީ ކުށެއްކަން އެނގިހުރެ އެކަމަށް އަރައިގަނެވުން. އަމިއްލަ ނަފްސުގެ އިމާންތެރިކަން ނަގައިލެވުން، އެއްވެސް އިންސާނަކީ ތައުބާނުވެވި ކުށުގެ މަގުގައި އުމުރު ނަގާލެވޭ ވަރަށް ވުރެ ބަލިކަށި މީހެއް ނޫން. ތައުބާގެ ދޮރުވަނީ އަބަދުވެސް ހުޅުވިފައި. އަހަންނަކީ ވެސް ކުދިންތަކެއްގެ ބައްޕައެއް. އިރުފާން އުމުރުގެ ދަރިން ވެސް އެބަތިބި. އެކަމަކު އެހެން މައިންބަފައިންނެކޭ އެއްގޮތަށް އަހަރެން ވެސް އިހްމާލް ވީން. އަހަރެންގެ ދޮށީ ދަރިފުޅު ކުރި ކުށުގެ ސަޒާ ދިނިން. އޭގެ ބަދަލުގައި ނަސޭހަތްދީ ހިތްވަރު ދިން ނަމަ މިއަދު އެ ދަރިފުޅު ހުންނާނީ އަހަރެންގެ ކުރިމަތީ،" ދެ ލޯ ފޮހެލަމުން އަސްލަމް ކުރުކޮށް ކިޔައިދިނީ އަހަރެންގެ މައްޗަށް އޭނާގެ ހިތުގައި ރަހްމު އުފެދުނު ސަބަބެވެ. އަސްލަމް ކިޔައިދިން ގޮތުގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެ އޭނާގެ ދަރިފުޅު ނިމި ދިޔައީ ބާކީކޮށްލެވުނުލެއް ބޮޑުކަމުންނެވެ.

އިސްލާހްވާނެ ކަމުގެ އުއްމީދު ކަނޑާލެވުނީމަ އެވެ. ފުރުސަތު ނުދން ތަނުގައި އިތުބާރު ވެސް ނުކުރެވުނީމަ އެވެ. މާޔޫސްވެ އަމިއްލަ ފުރާނަ ދުއްވައިލީ އެހެންވެއެވެ. އެފަދަ އަމަލެއް ނުކުރުމަށް އަހަންނަށް ނަސޭހަތްދިން އިރު އަހަރެން އެންމެ ހަނދާންވީ ބައްޕަގެ މަތިންނެވެ. އެފަދައިން އަހަރެންގެ ބޮލުގައި ފިރުމަމުން ބައްޕަ ނަސޭހަތްދޭނެ ނަމައޭ ހިތަށް އެރި އެވެ. މިއަދު އަސްލަމު އަހަރެންގެ ކުރިމައްޗަށް ނައިނަމަ އަހަރެން ވެސް ހިތްދަތިވެ ފިކުރު ހުސްކުރާނީ އަނެއްކާ ވެސް ކުށުގެ މަގުގައިކަން ނޭނގެ އެވެ.

ތައުބާވެ ނަފްސު އިސްލާހްގެ މަގަށް ގެނައުމަށް އަޒުމް ކަނޑައެޅުނީ އޭނާ ދިން ހިތްވަރުގެ ސަބަބުންނެވެ. ކުށް ފަހިވަނީ ބައެއް ފަހަރު ގޭތެރެއިންނެވެ. ލޮލަށް ފެނި ކަންފަތަށް ހޭނޭ އަޑުތަކުގެ ސަބަބުންނެވެ. އަހަރެންގެ މަންމަ އަބަދުވެސް ބުނެ އެވެ. އެ މީހަކު ނަމާދު ކުރަންޏާ ކުރަންވީ އެވެ. ތިމަންނަ އަށް ބެހޭ ކަމެއް ނޫނެވެ. ހަގީގަތުގައި ނަމާދާ މެދު އަހަރެން ފަރުވާ ކުޑަވާން ފެށީ އެހެން ބުނި ދުވަހުން ފެށިގެންނެވެ. އުޅޭނެ ގޮތަކަށް އުޅުނަސް ބަލާނެ މީހަކު ނެތީމަ އެވެ. ކޮންމެ ނަފްސަކު ވެސް ދުނިޔެ އަށް އަންނަނީ ތާހިރުކަން މަތީގަ އެވެ. އޭގެފަހުން ދުނިޔެ ފެންނަނީ މައިންބަފައިން ދެއްކި ގޮތަކަށެވެ. ހާނަނީ ވެސް އެ މީހުންނެވެ.

(ނިމުނީ)

9 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 60%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޗީޑި

12 June 2019

މިވާހަކަ ވަރަށް ވަކަ.. މިކަހަލަ މީހުން ރަނގަޅު ކޮށްފަ ހާސަރު ނުލިޔޭ

The name is already taken The name is available. Register?

ކުޑަ ކުއްޖާ

06 June 2019

ދެން ވެސް އޭނަގެ ނަފުސު ކޮންޓްރޯލް ވާނެ ކަމުގެ ޔަގީން ކަމެއްނެއް.. އަހަރުމެންނަށް އެކަން ޔަގީން ވަންދެން އޭނަ ޖަލުގަ ބަހައްޓާ.. އެހެން ނޫނީ އަނެއްކާ އެހެން ކުޑަ ކުއްޖަކު މީނަ އަތްދަށު ކޮއްފާނެ.. ރިސްކްއެއް ނުނެގޭނެ..

The name is already taken The name is available. Register?

ކުށުގެ ވެށި

04 June 2019

ހޫ އިޒް އަސްލަމް

The name is already taken The name is available. Register?

ދަރިއެއްގެ ވޭނާ ކެކުޅުން

03 June 2019

މިޖީލު ހަލާކުވަނީ މައިންބަފައިންނާހެދި. ކިތަންމެ ލޯބިވާ ކަމަށް ހެދިގެން އުޅުނަސް ދަރިންގެ ފަރާތުން ފައިދާގަނޑެއް އެކަނި ބޭނުންވަނީ. ދަރިން ކިޔަވައިގެން ތިބި ބަޔަކަށް ހަދަނީވެސް އެކަމުގެ ކުރެޑިޓު ނަގަން، ފަހު ވަގުތު ކިޔަވާ ނިމޭއިރު ކުއްޖާ ކުރި މަސައްކަތުގެ އަގު ވަޒަނެއް ނުކުރާނެ. ދެން މިސްޓޭކެއް ހެދިއްޖެއްޔާ ވަގުތުން ބާކީ ކޮށްލާނީ. މިސްޓޭކެއް ހެދުނީމަ ތިމަންނަ ދަރިއެއްނޫން، އެކަމު ކާމިޔާބެއް ލިބުނީމާ ތިމަންނަ ދަރިއެއް.

The name is already taken The name is available. Register?

ނޯޓީ

03 June 2019

މެމްބަރު އަސްލަމްތަ؟

The name is already taken The name is available. Register?

ތުނިޔަ

03 June 2019

އަސްލަމަކީ ކާކު؟ ކުޑަ ކުއްޖާގެ ބައްޕަތަ؟

The name is already taken The name is available. Register?

ނޭނގޭ

03 June 2019

ކާކު އަސްލަމް އަކީ

The name is already taken The name is available. Register?

ސާމް

03 June 2019

ވާހަކައިގެ ކުރީކޮޅުގައި ބުނެފައި އެވަނީ އޭނާ އަކީ އެއްވެސް އިރެއްގައި ގޯސްމީހެއް ނޫންނޯ. އެކަމަކު ވާހަކައިގެ މެދުތެރޭގައި އޭނާ ކުރާ ގޯސްކަންތަކުގެ ވާހަކަ .

The name is already taken The name is available. Register?

ޔާޔާ

03 June 2019

އެއީ އޭނަ އަމިއްލައަށް ދެކުން ގޮތެއްނު. ފަހުން އެއިނީ އަމިއްލަ މިސްޓޭކް ގަބޫލު ކޮއްފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454