މުނިފޫހިފިލުވުން / ވާހަކަ

ކުރު ވާހަކަ- އީދު ހަދިޔާ

04 ޖޫން 2019 - 06:48

1 comments

ބާލީސް ދަށުގައި އޮތް ފޯނު ނަގައި ގަޑި ބަލާލިއިރު ފަތިހު ހަތަރެއް ޖަހަނީ އެވެ. އީދުގެ ހަނދު ފެނުނުކަން އިއުލާންކުރީއްސުރެ ނިދަން އެރި ނަމަވެސް އަދިވެސް ލޮލު ފިޔައެއް ޖަހައިނުލެވެއެވެ. ގޭތެރެއިން އިވޭ އަޑުތަކުގެ ސަބަބުންނެވެ. ފަހަރެއްގައި ވެސް އެއީ އީދުގެ އުފާވެރިކަމާ ގުޅުން ހުރި އަޑެއް ނޫނެވެ. ތުނި ފިލާގަނޑަކުން ބިތްޖަހާ ވަކިކޮށްފައި ހުރި އަނެއް ކޮޓަރި ތެރެއިން މަންމަ އާއި ބައްޕަ އަޑުހަރުކޮށް ޒުވާބު ކުރާ އަޑެވެ.

އެއްފަރާތަކަށް އޮވެއޮވެ ވާޅުވެގެން އެނބުރުއިރު އަހަންނަށް ފެނުނީ ރަނާ ވެސް އަހަރެން ފަދައިން ނުނިދާ އޮއްވަ އެވެ. ބުރު ވަކިނުވާ ބާރަށް އެނބުރެމުން ދިޔަ ފަންކާ އަށް ކަޅި ހުއްޓައިގެން އޮތްއިރު ލޮލުގެ ހިމަކޮޅުން ފޭދިގެން އައި ކަރުނަތިކި ގޮސް އޮބައިލީ ކަންހުޅި އާ ހަމައިންނެވެ. އަހަންނަށްވުރެ އުމުރުގެ ގޮތުން ދެ އަހަރު ހަގުވިއަސް މިހާރު ރަނާ އަށް ގޭތެރޭގެ ހަލަބޮލިކަމުން އަސަރުކުރަނީކަން އެނގުމުން އަހަރެން ހިތުގައި ޖެހުނެވެ.

"ފަހެއް ޖަހާއިރު ފުރަންޖެހޭނެ އިނގޭ،" އަޑު ކުރަކިވި ނަމަވެސް އަހަރެން ވާހަކަ ދެއްކީމެވެ.

އޭނާ ސިހުނީ އަހަރެން ނުނިދާ އޮތްކަން އެނގުނީމަ އެވެ. ދެން ތެދުވެގެން ގޮސް ފާޚާނާ އަށް ވަދެ ދޮރުޖެހި އެވެ. އަހަރެމެން ހޭލިތޯ ބަލަން މަންމަ އައިސް ގޮވީ އޭގެ ފަނަރަ މިނެޓް ފަހުންނެވެ. ރޭ ހަތަރު ދަމު ނުނިދާތިބިކަން މަންމަ އަށް އެނގޭވަރެއް ނޫނެވެ. އަހަންނަށް ގޮވާ ވާހަކަ ދެއްކިއިރު އަހަރެންގެ މޫނަށް އެއްފަހަރު ވެސް ބަލާލަން ނުކެރިގެން އުޅޭހެން ހީވެ އެވެ. މަންމަގެ ދެ ލޯ ރަތްވެފައިހުރިކަން އެވަރުން ވެސް އަހަންނަށް ފާހަގަނުވެ ނުދިޔަ އެވެ.

އޭގެ އެއްގަޑިއިރު ފަހެވެ. ޓެކްސީ އަންނަންދެން ގޭގެ ބޭރުގައި މަޑުކޮށްގެން ތިބިއިރު ބައްޕަގެ މުލައްދަނޑީގައި މަންމަ ހިފަހައްޓާލައިގެން ހުރިގޮތުން އެ ގުޅުމުގައި ރެނދުލާފައިވާވަރު ބަލާލާ މީހަކަށް ނޭނގޭހާވެ އެވެ. އަހަރުތަކަކަށް ފަހު މަންމަގެ ރަށަށް އީދަށް ދެވޭތީ އެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔަ އެވެ. އަހަންނަށް ހީވަނީ އެއީ ދައްކާ ދަޅައެއް ހެންނެވެ.

އަހަންނާ ޖެހިގެން ފަހަތު ޝީޓަށް ރަނާ އެރިގޮތަށް އިނީ ބިއްލޫރިގަނޑުން ބޭރުބަލާށެވެ. ހީވަނީ މާލެތެރޭގައި އޭނާ ބަލާ ފޫހިނުވާވަރުގެ ތަންތަން ހުރީހެންނެވެ. ނޫނެކެވެ. އަހަންނާ މޫނު ހަމަކުރަން ރަނާ އަށް ވެސް ނުކެރެނީ އެވެ. ބަނދަރަށް ކައިރި ކުރިއިރު ލޯންޗު އޮތީ ކައިރިކޮށްފަ އެވެ. އުފަން ރަށަށް ދެ ގަޑިއިރުގެ ތެރޭ ދެވޭނެކަމުގެ ޔަގީންކަމާ އެކު އެއަށް އެރިއިރު ފާއިތުވި ހުރިހާކަމެއް މަތިން މަޑުމަޑުން އަހަރެން ހަނދާންނެތެމުން ދިޔަ އެވެ.

ލޯންޗުގައި މުޅިން ވެސް ތިބީ އީދަށް ރަށަށް ދާ މީހުންނެވެ. ބައްޕަ ނުވަތަ މަންމަގެ ގާތް މީހުންނެވެ. އެ މީހުންނާ ވާހަކަ ދައްކައި ބައްޕަ އަށް ދޯ އެއްލާއިރު މީހަކަށް ޝައްކު ވެސް ނުވާނެ އެވެ. ބައްޕަ ވެސް ބައިވެރިވަނީ އުފާވެރި މޫޑެއްގަ އެވެ. އެހެން މީހުންގެ ކުރިމަތީ ހިތުގެ އުދާސްތަކާއި ހިތާމަތައް ނުދައްކާ ވަންހަނާ ކޮށްލާލެއް ވަރަށް މޮޅެވެ.

އަހަންނާ ޖެހިގެން އިށީނީ ރަށަށް އީދު ބަންދަށް ދާން އެރި ޒުވާނެކެވެ. އަހަރެން ބަލާލި ވަގުތު ހިނިތުންވެފައި ހައި ޖަހާލި އެވެ. އެއީ އަހަރެން ކަހަލަ އަނގަ ގަދަ ސަކަމިޒާޖެއްގެ މީހެކެވެ. ނަމަކީ އަފްރާން އެވެ. ސިފައިގެ ގޮތުން ރީތި ޒުވާނެކެވެ. އަހަންނަށް ކަމުދަނީ އެހާ ދޮން ނޫން ފިރިހެނުންނެވެ. ބޮލުގެ އިސްތަށިގަނޑުގައި ދޭތެރެއަކުން އިނގިލިތައް ހިންގާލާއިރު އެފަން އިސްތަށިގަނޑުގައި ފިރުމާލަން އަހަރެން ވެސް ހިތަށް އަރަ އެވެ.

ދެ ގަޑިއިރު ފަސްމިނެޓްހެން ހީވެ ދަތުރު ނިމުނުއިރު އަހަރެމެންގެ އެކުވެރިކަން ވަނީ ބަދަހި ވެފަ އެވެ. އޭނަ ފޭބީ ފޯނު ނަންބަރު ވެސް ދީފަ އެވެ. ބަނދަރަށް ފޭބިއިރު ކާފަ ހުރީ ބަލާ އައިހެވެ. މުޅި ބޯ ހުދު ނުރައަށް ވެފައި ވިއަސް އެހަށިގަނޑުގެ ބާރަކަށް މާބޮޑު ބަދަލެއް ނާދެ އެވެ. ބަރޮލަށް ފޮށިތައް އަރުވައިގެން އަހަރެމެންގެ ކުރީގައި ހުރެ ކާފަ ހިނގީ ވަރުބަލިކަމެއް ނެތި އެވެ.

ތަކުބީރުގެ އަޑުން މުޅި ރަށް ގުގުމަމުން ދިޔަ އެވެ. ގެއަށް ވަދެފައި ބައްޕަ އަވަސްކުރީ އީދު ނަމާދުގައި ބައިވެރިވާން ދާށެވެ. މާމަ އާ އެކު މަންމަ އުޅުނީ ބަދިގޭގަ އެވެ. މާމަ ގޭގައި މަންމަ އެއްބަނޑު ދައްތަމެން އުޅުނެވެ. އެންމެންވެގެން މަސައްކަތް ނިންމާލިއިރު އީދު ނަމާދުން ފައިބައިގެން އައީ އެވެ. ސުފުރާމަތި މުއްސަނދިވެފައިވީ ދިވެހި ކެއުންތަކުންނެވެ. ގަބުޅިބޮނޑި އާއި މަސްބޯކިބަލެވެ. އަވެއްޔާއި ކުޅިމަހެވެ. ދެ ވައްތަރެއްގެ ހެދިކާ އެވެ.

މަގުމަތިން ޒުވާނުންގެ ހުނުމުގެ އަޑު ގަދަވަމުން ދިޔަ އެވެ. ބެރުގެ އަޑާއި ދުންމާރީގެ އަޑު އިވެއެވެ. ކޮންމެ ގެއަކަށް ވަދެ އެ ގެއަކު ތިބިވަރަކުން ތެންމާ ކުލަޖަހާފައި ދަނީ އުފަލުން ތިބެ އެވެ. ދިރިއުޅުމުގެ ހުރިހާ ތަކުލީފުތަކަކުންނާއި އެފަދަ ފިކުރުތަކުން ހިތް އެއްފަރާތްވި ވަގުތަކީ އެއީ އެވެ. ކުލަޖަހަން އައި މީހުންގެ ތެރޭ އަފްރާން ހުއްޓެވެ. މުށުގައި ހުރި ކުލަތަކާއި އަހަރެންގެ ކޯތާފަތުގައި އަތް ޖައްސާލާފައި އީދުގެ ތަހުނިޔާ ކިއެވެ.

އެ މީހުން ނިކުމެ ދިޔަފަހުން އޭގެ ފޯރި ކެނޑުނީ އެވެ. އީދެއް އަތުވެއްޖެ ނަމަ އަންހެނުންނަށް އެއީ ބަދިގެގޭގައި އުޅެންޖެހޭ ދުވަހޭ ހީވަނީ ކީއްވެކަމެއް ނޭނގެ އެވެ. މެންދުރު ކައްކަން ހުރި އެއްޗެހީގެ ލިސްޓު ދިގުކަމުން އަސުރަށް ވާއިރު ވެސް ނިމޭނެހެން ހިއެއް ނުވެއެވެ. ބަތާއި ކުކުޅާއި ކަސްޓަޑެވެ. ރޮށި ކާ މީހުންނަށް ރޮށި ނުވަތަ ފަރާޓާ އެވެ. ދެ ވައްތަރުގެ ފަންޏެވެ.

މެންދުރު ވީއިރު އަހަރެން އޮތީ މާމަ ކޮޓަރީގަ އެވެ. މާމަގެ އުނގުގައި ބޯއަޅައިގެންނެވެ. މާމަ ކިޔައިދޭ ވާހަކަ އަޑުއަހާށެވެ. ގޭތެރޭގައި ހުރި އުނދޯއްޔެއްގައި ރަނާ އޮތެވެ. އެއްވެސް މީހަކާއި އަނގައިން ނުބުނެ ހިމޭނުންނެވެ. މާމަ ކިޔައިދިނީ އީދު އޭރުއްސުރެ ފާހަގަކުރަމުން އައިގޮތެވެ. އޭރުގެ ފޯރި ކެނޑި ހުޅަނގުގެ ވައްޓަފާޅި އަށް ފެތެމުން އަންނަކަން މާމަ ފާހަގަކުރީ އަސަރާ އެކުގަ އެވެ. އޭރު ރަށުގައި އޮންނަނީ އީދު ސައެވެ. އީދު ނަމާދުން ފައިބައިގެން ރައްޔިތުން އެކުގައި އެއް ސުފުރާމަތިން ސައިބޮއި ނިންމާލަނީ އެވެ. އީދުގެ ކުޅިވަރުތައް ފެށެނީ އެހާ ހިސާބުންނެވެ. މިހާރު ކުޅިވަރެއް އޮންނަނީ އަސުރަށް ފަހުގަ އެވެ.

ހަވީރުގެ ދަނޑިޖެހުން ބަލަން ނިކުންނަން އަފްރާން އެދުނީ ފޯނަށް ފޮނުވި މެސެޖަކުންނެވެ. އޭނާ ރަށަށް އައީ ކުޅިވަރު ކުޅެންތޯ އަހަރެން އެހީމެވެ. ކުރު ޖަވާބަކުން އޭނާ ބުނީ އީދުގައި ނުކުޅުނު ކުޅިވަރެއް ދެން ނުކުޅެވޭނެ ކަމަށެވެ. ދަނޑިޖެހުން އޮތީ ބޮޑުމަގުގަ އެވެ. ރައްޔިތުން އެކުގައި އެއްތަނަކުން ފެނުނީ އެ ވަގުތެވެ. ދަނޑިޖެހުމާއި މާފަތިޖެހުން އޮތެވެ. އަންހެންވެރިންގެ ބަނޑިޔާ އޮތެވެ.

އިރުއޮއްސެން އައި ވަރަކަށް ފޯރި ގަދަވަމުން ދިޔަ އެވެ. ފެންޖެހުމާއި ކުލަޖެހުން ވެސް ނިމުނުހެން ހިއެއް ނުވެއެވެ. މަޖަލުގައި ބައިވެރިނުވާ އެއްވެސް ރައްޔިތަކު ނުވެއެވެ. އަހަރެން އަޖައިބު ވަނީ ދޮށީ އުމުރުގެ މީހުން ވެސް ފޯރީގައި ނަށާތީ އެވެ. ރަށްރަށުގެ ހިތްގައިމު ކަމަކީ މިއީ އެވެ. އެންމެންގެ އަޚްވަންތަކަން ބޮޑުކަމެވެ.

ޖެހިގެން އައި ދުވަހު އަދި ވަރަށް ރީތި މިސާލެއް ފެނުނެވެ. އީދު ދުވަހު ފެންޖަހާ މުޅި ރަށް ހަޑިވެފައިވާތީ ޖެހިގެން އައި ދުވަހު ފެނުނީ ސާފުކުރާ ތަނެވެ. މުޅި ރަށުގެ ރައްޔިތުން އެކުގަ އެވެ. މިފަހަރު ވެސް އިސްސަފެއްގައި އަފްރާން ހުއްޓެވެ. މިފަހަރު އީދު ކަމުދިޔަ ދެވަނަ ސަބަބަކީ އެއީ އެވެ. އަފްރާން އާ ވާހަކަ ދައްކާލެވޭ މަދު ވަގުތުކޮޅަކީ ޚާއްސަ ވަގުތުތަކެކެވެ.

ޖެހިގެން އޮތީ ފުރާ ދުވަހެވެ. ފިތުރު އީދަށް ލިބޭ ދުވަސްތައް މަދުކަމާ މެދު ފުރަތަމަ ފަހަރަށް ޝަކުވާ ކުރެވުނެވެ. އަހަރެމެންނާ އެކު އަފްރާން މާލެ ނުދާތީ ދާހިތެއް ވެސް ނެތެވެ. އިތުރަށް މަޑުކުރެވޭތޯ ބައްޕަ ކައިރީ އެހުމުން އެކަމުގެ ހުއްދައެއް ނުލިބުނެވެ. އެރޭ ނިދަން ވަންތަނާއި ރަނާ ބުނި އެއްޗަކުން އަހަރެން ހައިރާންވި އެވެ.

"މަންމަ އާއި ބައްޕަ މި ރަށަށް އައިފަހުން ޒުވާބެއް ނުކުރޭ ދޯ" ރަނާ ހީވަނީ އެކަމާއި ވިސްނާ ފިކުރު ހުސްވެފައިވާހެންނެވެ. އެ އުމުރުގައި އަހަންނަށް ވެސް އެހެންވި އެވެ.

"މީހުންގެ ތެރެއަކު އެއްވެސް އިރަކު ނުކުރެއެއްނު،" އަހަރެން ބުނީމެވެ. މީހުންގެ ކުރިމަތީ ދެއްކުންތެރިކަން ވަރަށް ބޮޑުވާނެ އެވެ.

"އެހެން ގޮތެއް ނެތްބާއޭ އަހަރެން ހިތަށް އަރާ،" ރަނާ އަނެއްކާ ވެސް ބުނެލި އެވެ.

"ނުވިސްނަބަލަ އެކަމާ. ކަށީގައި ހިފާފައި ހުންނަކަންތައް ރަނގަޅެއް ނުވާނެއެއްނު،" އަހަރެން އެކަމާ މެދު މަޝްވަރާކުރަން ވެސް ފޫހިވިއެވެ. ދެން ދިޔައީ އަހަރެމެން ދެބެން ވާހަކަ ނުދައްކާ ހިމޭން ވަގުތު ކޮޅެކެވެ. މާ ގިނައިރެއް ނުވެ އަހަރެންގެ ލޮލަށް ނިދި ސަވާރުވެއްޖެ އެވެ.

ފުރަން އުޅޭކަން އެނގިގެން މާމަ އެކަމާ ޝަކުވާކުރި އެވެ. އެކަމަކު ބޮޑު އީދަށް އައިސް މަޑުކުރާހާ ގިނަ ދުވަހު ނުތިބެވޭނެ ކަމަށް ބައްޕަ ބުންޏެވެ. ތައްޔާރުވެގެން ނިކުންއިރު އެންމެ ލަސްވީ ރަނާ އެވެ. އަހަރެން ނިކުންއިރު ލޯގަނޑު ކުރިމަތީ ހުއްޓެވެ. ލަސްވެގެން ބަލާ ދިޔައިރު އޭނާ ކޮޓަރިއަކު ނެތެވެ. ގެއިން ނިކުންތަނެއް އެއްވެސް މީހަކަށް ނުފެނެއެވެ. އެކަމަކު އަހަރެމެން ތިބި ދޮރު ނޫނަސް އެ ގެއިން ނިކުންނަން އެހެން ދޮރެއް ވެސް ހުރެއެވެ.

އީދު ދެ ދުވަސް ރަނާ ހޭދަކުރީ ގޭތެރޭގަ އެވެ. މި ދަތުރުގައި އެކުވެރިއަކު ވެސް ލިބުނުހެން ހިއެއް ނުވެއެވެ. ކުރިން ވެސް އެކުވެރިއަކު ހުންނަހެއް ހިއެއް ނުވެއެވެ. ރަނާ ދިޔަތަނެއް ނޭނގި ބައްޕަ ހުރީ ރުޅި ގަދަވެފަ އެވެ. މަންމަ އާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. މަންމަ ދުލެއް ނުދެއެވެ. ރަނާ ދިޔައީ މަންމަ ކުރެ ބުނެފައި ނޫންކަމަށް ބުނެ އަޑުގަދަކޮށްލީ ބައްޕަ އަށް ވުރެ ބާރަށެވެ.

ލޯންޗު ފުރާގަޑި ޖެހި އިތުރުވީއިރު ވެސް ރަނާގެ ޚަބަރެއް ނެތެވެ. އާއިލާ ގޭގެއަށް ފޯނުކޮށްގެން ބެލިއިރު އެއިން ގެއަކު ހުރިކަމަކަށް ނުވި އެވެ. އެންމެފަހުން އަހަރެމެން ރަށުތެރޭ ތާށިވީ އެވެ. އާއިލާ އެކަކު އަނެކަކުގެ ފަރާތުން ގިނަ ބަޔަކަށް އެކަން އެނގި ގޭދޮށަށް ޖަމާވަމުން ދިޔަ އެވެ.

ދުވަހުގެ އިރު އޮއްސުނީ އާއިލާ އަށް އިތުރު ނުތަނަވަސްކަމާ އެކުގައެވެ. ދެ ގަޑިއިރުވާއިރު ރަނާގެ ޚަބަރެއް ނެތެވެ. ރަށުތެރެ ބަލަން ނިކުތީ އެހެންވެއެވެ. މި ރަށުގައި މާބޮޑު ވަލެއް ނެތެވެ. އެކަމަކު އުތުރުފަރާތުގައި އޮންނަ ކުޅި އާއި ރުއްދަނޑު ބަލަން ދެ ދުވަހެއްވަރު ނަގާނެ ކަމަށް ރަށު މީހުން ބުނުމުން ބައްޕަ ހީވީ ލޭމައްޗަށް ދިޔަހެންނެވެ. އަނެއްފަހަރު މަންމަ އާ ދިމާލަށް ހަޅޭއްލަވައި ހަދަން ފެށި އެވެ. ރަނާ އާ މެދު ފިކުރު ބޮޑުވެފައި ހުއްޓާ ބައްޕަގެ ކަންތައް ބޮޑުކަމުން މަންމަ އަށް ރޮވުނެވެ.

ރަނާ ހޯދަން ބައްޕަ ދިޔައިރު އަހަރެން ހުރީ މަންމަ ކައިރީގަ އެވެ. ރަނާ އާ ބެހޭގޮތުން އަހަރެން ކައިރީ މަންމަ އެއްސެވެ. ރޭގައި ނިދަން އޮވެފައި ރަނާ ދެއްކި ވާހަކަ އަހަރެން ހަނދާން އެބަހުއްޓެވެ. ރަނާ ފިލުމާއި އެކަމާ ގުޅުމެއް ހުރެދާނެބާއޭ އަހަރެން ހިތަށް އެރި އެވެ. އެކަމަކު އެ ވާހަކަ އޮތީ ސިއްރެއްގެ ގޮތުގައެވެ. އަހަންނަށް ދައްކަން ނުކެރުނު ވާހަކަ ފެށީ މާމަ އެވެ. އަބަދު ޒުވާބުކުރުން ހުއްޓާލަން އެދުނެވެ. މަންމަ ދެއްކީ ބައްޕަގެ ގޯސް ވާހަކަ އެވެ. ޒުވާބު ފެށެނީ ބައްޕަގެ ފަރާތުންނޭ ބުންޏެވެ.

އަހަރެންގެ ފޯނަށް މެސެޖެއް އައިސްގެން ބަލާލެވުނެވެ. މި ރަށަށް އައިފަހުން އަހަރެންގެ ފޯނަށް މެސެޖެއް އަންނާނީ އަފްރާންގެ ފަރާތުންނެވެ. އެހެންވެ މަންމަމެންނަށް ފެނިދާނެތީ ދުރަށް ޖެހިލީމެވެ. މެސެޖް އައީ ރަނާގެ ފަރާތުންނެވެ. މެސެޖް ކުރެވެ.

"އައި އެމް ސޭފް. ހައު އިޒް އެވްރިތިން،" ރަނާ އެހެން އަހަން ކެރުނީތީ އަހަރެން ހައިރާންވި އެވެ. ފުރުން ކެންސަލްވެ މިހާއިރު ވީއިރު ރަނާ ފިލައިގެން ހުރެފައި ކަންތައް ރަނގަޅުހޭ އެހިއަސް ރަނގަޅުނުވާނެކަން އެނގެންޖެހޭނެ އެވެ. އަހަރެން ރަނާ އަށް ގުޅީމެވެ. އެއީ މިދިޔަ ވަގުތުތަކުގައި ރަނާ ފޯނަށް ޖަވާބު ދިން ފުރަތަމަ ފަހަރެވެ. އޭގެކުރިން ރަނާ އަށް ބައްޕަ ވެސް ގުޅި އެވެ.

ރަނާ ހުރީ ކޮންތާކުކަމެއް ނުބުންޏެވެ. އަހަރެން ސުވާލުކުރުމުން ރަނާ އެދުނީ އިހަށް މަޑުކުރުމަށެވެ. އޭގެ ގަޑިއިރެއްފަހުން ބައްޕަ އާ އެކު ރަނާ އައިސް ވަނެވެ. ރަނާ އިނީ އެކަނި އަތިރިމަތީގަ އެވެ. ބައްޕަ ހުރީ ރުޅި އައިސް ހަލާކުވާވަރުގަ އެވެ. ކުޅިވަރަކަށް ވިއަސް ކުރަންވާވަރުގެ ކަންތައް ނޫންކަމަށް ބައްޕަ ބުނިއިރު މުޅި މީހާ ހީވަނީ އެ ރުޅިން ރޫޅިދާނެހެންނެވެ.

ފުރަން ބޭނުން ނުވާތީ ކުރިކަމެއްހެން ބައްޕަ އަށް ހީވިއެވެ. މާދަމާ ފުރައިގެން ދާނީ ރަނާ ބަހައްޓާފައި ކަމަށް ބައްޕަ ބުނީ ރަނާ ދެރަ ކުރާށެވެ.

"ތިގޮތް އަހަރެން ބޭނުންވަނީ ވެސް. މި ރަށުގައި އަހަރެން މާ ހިތްހަމަޖެހޭ. ކޮންމެ ރެއަކު ދެ މީހުން ޒުވާބު ކުރާ އަޑެއް ނީވޭ. އެކަމާ ހުރެ އަހަރެމެން މިތިބީ ބޯގޮވާފައި. ގެއިން ނިކުމެގެން ދެވޭނެ ގޮތެއް ބޭނުންވަނީ. ކިޔެވުން ހުއްޓާލާފައި މީހަކާއި އިންނަން ވެސް ހިތަށް އަރާ، ބޯހަލާކު." ރަނާ އަޑުގަދަކޮށްލިއެވެ.

އެއަޑާ އެކު ބައްޕަ ހިމޭންވި އެވެ. ދުވަހަކު ވެސް ބައްޕަގެ ފަރާތުން ސިފައެއް ނޫނެވެ. މަންމަ އެއްޗެއް ބުނާއިރަށް ފަށާނީ ޒުވާބު ކުރާށެވެ. ކުރި ނުހޯދުނުނަމަ އަނިޔާއެއް ކޮށްގެން ވިއަސް ބައްޕަ ކުރި ހޯދާނެ އެވެ.

ބައްޕަ ގޮސް ކޮޓަރި އަށް ވަނުމުން މާމަ ވަދެ ނަސޭހަތް ދިނެވެ. މަންމަ ރޮއިރޮއިފައި ހުރީ އަހަރެމެންގެ ކައިރީގަ އެވެ. ރަނާ ކައިރީ ދުވަހަކު ވެސް އެކަހަލަ ކަމެއް ނުކުރަން އެދެމުން ދިޔަ އެވެ. މަންމަގެ އަތުގައި ހިފާފައި ރަނާ އެދުނީ އަހަރެމެންނަށް ޓަކައި ވިއަސް މަންމަ އާއި ބައްޕަ ސުލްހަވެރިކަމާ އެކު އުޅުމަށެވެ.

"މަންމަ ކެތްކުރަނީ ތި ދެ ކުދިންނަށްޓަކައި،" ރަނާގެ އަތުގައި ހިފަހައްޓައިގެން އިނދެ މަންމަ ބުނެލި އެވެ. އެ އަޑު އަހަން ބައްޕަ ވެސް ހުއްޓެވެ.

"ތިހެން ކެތްކުރުމަށް ވުރެ ރަނގަޅު ދެ މީހުން ވަކިން އުޅުނަސް،" ރަނާ ބަލައިލީ ބައްޕައަށެވެ. ބައްޕަގެ މޫނުމަތިން ފެންނަނީ ލަދުވެތިކަމެވެ. ލަސްލަހުން ފިޔަވަޅު ނަގަމުން އައިސް ރަނާގެ ބޮލުގައި ފިރުމާލި އެވެ.

"ތި ދެ ކުދިންނަށްޓަކައި ވިއަސް މަންމަ ދެކެ ލޯބިވާނަން،" ބައްޕަގެ އަޑުގައިވީ ރިހުމެވެ.

ކައިވެންޏަށް ފަންސަވީސް އަހަރުވީއިރު ޒުވާބުނުކުރާ ދުވަހެއް ނުދާ ކަމަށް މަންމަ ބުންޏެވެ. ޝުކުރުގެ ނަޒަރަކުން ބަލާލަމުން ރަނާ ގޮސް ބައްޕަގެ ގައިގައި ބައްދާލި އެވެ. އީދުގެ އުފާވެރި ކަމަށް ވުރެ ބޮޑު އުފާވެރިކަމެއް ލިބުނު ވަގުތަކީ މިއީ އެވެ.

(ނިމުނީ)

1 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 11%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަރާ

18 June 2019

ރީތި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454