16 އެޕްރީލް 2021 - 13:41
އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތަށް އަހުމަދިއްޔާ ސުކޫލް ޓީމަށް ކުދިން ހޮވަން، އެ ސްކޫލްގައި އޭރު މަސައްކަތް ކުރެއްވި، އަހްމަދު ހާފިޒު އެކި ކުލާސްތަކަށް ވަދެވަޑައިގެން އެކަމަށް ޝައުގުވެރިވާ ކުދިންގެ ލިސްޓެއް ހެއްދެވި އެވެ. އެ ލިސްޓްގައި ޖެހި ނަސީރު އިސްމާއީލްގެ ނަން އަދިވެސް ކުލަ ގަދަ އެވެ.
ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ހާފިޒު އެކުލަވައިލެއްވި ލިސްޓަށް ކުދިން ހަމަކޮށް ތަމްރީންކުރަން ހަވާލުކުރީ އަހުމަދިއްޔާގެ އޭރުގެ ސްޕޯޓްސް ސުޕަވައިޒަރު ހީނާ އަހްމަދު ސަލީމް (ބޮޑު ހީނާ) އަށެވެ.
އިންޓަ ސްކޫލް މުބާރާތަށް ތައްޔާރުވާން ބޭއްވި ޓްރޭނިންތަކުގައި 400 މީޓަރު އިވެންޓްގައި ނަސީރުގެ ބާރު ދުވެލި ފެނިފައި އެއީ ރާއްޖޭގައި ތަރިއަކަށް ވާނެ އެތުލީޓެއް ކަމަށް، ބޮޑުހީނާ އޭރުވެސް އަންދާޒާ ކުރެއްވި އެވެ. އަދި އިންޓަ ސުކޫލް މުބާރާތުގައި ނަސީރުގެ ތަފާތުކަން ފެނި، އެތުލެޓިކްސް ކޮމިއުނިޓީން އޭނާއަށް ބޮޑު ސަމާލުކަމެއް ލިބުނެވެ. ނަސީރު ދެއްކި ހުނަރާ އެކު އަހުމަދިއްޔާއިން 1991 ގެ އިންޓަ ސުކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބޮޑު ކާމިޔާބީއެއް ވެސް ހޯދި އެވެ. އެ އަހަރުގެ ޗެމްޕިއަންޝިޕްގައި އެންމެ މޮޅު އެތުލީޓްގެ މަގާމު ވެސް ހޯދީ އޭނާވެ.
ހަމަ އެ އަހަރު ސްރީ ލަންކާގެ ކޮލޮމްބޯގައި ބޭއްވި އެ އަހަރުގެ ސާފު ގޭމްސްގައި އުމުރުން 15 އަހަރުގައި ނަސީރު ވާދަކޮށް އެހާ ހިސާބަށް އިންޓަނޭޝަނަލް ގޭމެއްއެގައި ރާއްޖެ ތަމްސީލުކުރި އެންމެ ޒުވާން އެތުލީޓަށް ވެސް ވި އެވެ. އެ ގޭމްސްގައި އޭނާ ގައުމީ ރެކޯޑް ވެސް ހެދީ އެވެ. ހީނާގެ ބެލުމުގެ ދަށުން ޓުރެކަށް ނުކުތް އެތުލީޓުގެ ހިތްވަރަށް ތައުރީފު ނޫން އެއްޗެއް އޭނާ އަތަކު ނެތެވެ.
"ނަސީރުގެ ކާމިޔާބީގައި އެއްވެސް ކްރެޑިޓެއް އަޅުގަނޑަކަށް ހައްގެއް ނުވޭ. އެއީ ހަމަ ނަސީރުގެ ހިތްވަރު،" ހީނާ ވިދާޅުވި އެވެ. "އަޅުގަނޑު ކުރީ އަހުމަދިއްޔާގެ ސްޕޯޓްސް ސުޕަވައިޒަރެއްގެ ހައިސިއްޔަތުން ކުރި ކަމެއް ކާމިޔާބުވީ ސީދާ ނަސީރު އެކަމަށް ބެއްހެއްޓި ޝައުގުވެރި ކަމުން."
ކޮލަމްބޯ ސާފް ގޭމްސްގައި ދުވެގެން ހެދި ގައުމީ ރެކޯޑާ އެކު އެ ހިސާބުން ނަސީރު ދެން އަތެއް ނުލެވުނެވެ. އޭނާ ބީޓްކޮށްލެވުނު ދެ ވަނަ ދިވެއްސަކު ނެތެވެ. ލޯންގް އަދި މިޑްލް ޑިސްޓެންސަށް ހާއްސަ ވިޔަސް ސްޕްރިންޓްގައި ވެސް އޭނާ ދިޔައީ އެއްވަނަ އަށެވެ. އެ ކެޓަގަރީގެ ރޭސްތައް ގައުމީ ފެންވަރުގައި އޭނާ ކާމިޔާބުކުރީ އެކަމަށް ހާއްސަވި ދުވުންތެރިން ވެސް ބީޓްކޮށްފަ އެވެ. އެތުލެޓިކސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 200 މީޓަރު، 400 މީޓރު، 800، މީޓަރު 1500 މީޓަރު 5000 މީޓަރު އަދި ހާފު މެރޮތޮންގައި ވެސް ނަސީރު ވަނީ އެއް ވަނަ ހޯދާފަ އެވެ.
އަހުމަދިއްޔާގެ ތެރެއިން ގިނަ އެތުލީޓުންތަކެއް އޭރު ނެރުނެވެ. ނަމަވެސް އެކަމުގައި ސާބިތުވެ ހުރެވުނު އެތުލީޓަކަށްވީ ނަސީރެވެ.
"ނަސީރު ވަރުގެ ކޮމިޓެޑް ކުއްޖަކު އަޅުގަނޑު ނުދެކެން،" ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސްކަން ވެސް ގިނަ މުއްދަތެއް ވަންދެއް ކުރެއްވި ހާފިޒު ވިދާޅުވި އެވެ.
ސުކޫލްގައި ދަރިވަރުންނަށް ބޭނުންތިން ކުޅިވަރެއްގައި އުޅެން ދިން ފުރުސަތު ނަސީރަށް ވެސް އޮތެވެ. ނަމަވެސް އޭނާ ބޭނުންވީ ހަމައެކަނި އެތުލެޓިކްސް އަށް ހާއްސަވެ ހުންނާށެވެ.
"އެއީ އޭނާގެ ހިތުގައި އެ ކުޅިވަރަށް އޮތް ޝައުގުވެރިކަން. އެހެންވެ އެހާ ދުވަސްވީ އިރު ވެސް އެ ކުޅިވަރުގައި ނަސީރަށް ސާބިތު ވެވުނީ،" ހާފިޒު ވިދާޅުވި އެވެ.
މިއަދު އަލީ އަޝްފާގް (ދަގަނޑޭ) އާއި ހަސަން ސާއިދު އަށް ލިބިފައި އޮތް މަގުބޫލުކަމާ އެއްވަރުގެ މަގުބޫލު ކަމެއް ނަސީރަށް އޭރު ލިބިފައި އޮތެވެ. ނަމަވެސް ކޮންމެ އެތުލީޓެއްގެ ކެރިއަރުގައި ވެސް ހިތްދަތި ދަނޑިވަޅުތައް ކުރިމަތިވެ އެވެ. ސައުތު އޭޝިއަން ގޭމްސްގެ ސްޓާ އޮފް ދަ ގޭމްސްގެ އެވޯޑާއި ޖޭސީއައި އިންޓަނޭޝަނަލް އެވޯޑް ހާސިލު ކުރި ނަސީރު ކެރިއާގެ އެންމެ ހިތްދަތި ވަގުތަކަށްވީ ނޭޕާލްގެ ކަތަމަންޑޫގައި 1999 ގައި ބޭއްވި ސާފް ގޭމްސް އެވެ. އެ ގޭމްސްގެ 800 މީޓަރުން މެޑައްޔެއް ހޯދުމާ ވަރަށް ކައިރިއަށް ނަސީރު ދިޔަ އެވެ. ރޭހުގެ ފަހު 50 މީޓަރާ ހަމައަށް ދިޔައިރު ވެސް ނަސީރު އޮތީ މެޑަލް ޒޯންގަ އެވެ. ނަމަވެސް ފަހަތުން އައި އެތުލީޓަށް ބަލައިލެވި ނަސީރުގެ ސުޕީޑަށް މަޑުޖެހުމެއް އައެވެ. އެއަށްވުރެ ބޮޑު އުނދަގުލަކަށް ކުރިމަތިވީ އެހެން ދުވުންތެރިޔެއްގެ އުޅަނބޮށިން ނަސީރުގެ ގައިގައި ޖެހުމެވެ. އޭނާ އަށް މެޑަލް ގެއްލުނީ އެވެ. އެ ދުވަހު އޭނާއާ އެކު ކުޅިވަރު ކޮމިޔުނިޓީ ކަރުނަ އެޅި އެވެ.
އޮލިމްޕިކްސްގައި ދެ ފަހަރު ވާދަ ކުރި ނަސީރު ގައުމީ ޓީމާ ދުރަށް ދާން ޖެހުނީ، އޭނާ ވެސް ބޭނުން ވި ގޮތަކަށް ނޫނެވެ. އޭރު އެސޯސިއޭޝަނާ މައްސަލަ ޖެހި، ނަސީރު ގައުމީ ޓީމުން އެކަހެރި ކުރި އެވެ. ގައުމީ ރެކޯޑް އަށް ފަހަރެއްގެ މަތިން މުގުރާލި ދުވުންތެރިޔާ 2004 ވަނަ އަހަރު ރިޓަޔާ ކުރި އެވެ.
ރިޓަޔާ ކުރިއަސް ނަސީރުގެ ހިދުމަތް ފަނޑެއް ނުވެ އެވެ. މެރަތޮން ރޭސްތަކުގެ ފޯރި ކެނޑިފައި ވަނިކޮށް އަލުން އެ ފޯރި ގެނައީ އޭނާ ވެސް އެކަމުގައި ހިއްސާ ވެގެންނެވެ. އޭނާ އިސްވެ މަސައްކަތް ކުރި މޭޑް ރަނާސް އިން ގިނަ ދުވުންތެރިން އުުފެއްދިއެވެ. މިއަދު އޭނާގެ ނަމަށް ނިސްބަތްކޮށް "ނަސީރު އިސްމާއީލް އެކެޑެމީން" އާ ހިޔާލުތަކާ އެކު ކުރަނީ އެ މަސައްކަތެވެ. އޭނާގެ ޓާގެޓަކީ ގައުމީ ފެންވަރުގެ ދުވުންތެރިން އޭނާގެ ބެލުމުގެ ދަށުން ޓްރެކަށް ނެރެދިނުމެވެ. ލޯންގު ޑިސްޓެންސްނަށް ހާއްސަވި އަހުމަދު ޝަރަފާއި އަންހެނުންގެ ފަސް ކިލޯމީޓަރު ދުވުމުން މިހާރު ގައުމީ ރެކޯޑް އޮންނަ ޑރ. އައިޝަތު ޖިނާނީ އިބްރާހިމް (އީނު) އަކީ ނަސީރުގެ ކޯޗު ކަމުގެ ދަށުން ނުކުތް ދުވުންތެރިންނެވެ. ނަސީރުގެ ގިނަ ވަގުތު މިހާރު ހާއްސަކޮށްފައި ވަނީ ޒުވާން އެތުލީޓުންނަށެވެ.
"އެޕްރީލް 15، 1991 ގައި ވެސް ދުވާ ޓްރެކް ދިޔައީ ދުވަން. އޭގެ 30 އަހަރު ފަހުން މިއަދު ދުވާ ޓުރެކަށް ދިޔައީ ކޯޗުކޮށްދޭން. 30 އަހަރު މިކަމުގައި،" އޭނަގެ ދުވުމުގެ ކެރިއަރަށް 30 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް ނަސީރު ފޭސްބުކްގައި ލިޔެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށައި
16 April 2021
މިހާރު ނަސީރުމެން ދައުލަތުން އަޅަފައޮތް ޓްރެކުގަ ވިޔަފާރިކުރަނީ. އެމީހުންނަށް ފީދައްކައިގެންނޫނީ އާއްމުރައްޔިތަކަށް ޓްރެކަކަށް ނޭރޭ.
ހަސަންޓޭ
16 April 2021
ދައުލަތެއް ފެށިގެންއަންނަނީ ރަށްޔިތުންނާ ހިސާބުންކަންް ޔަޤީން ރަށްތިތެއްނެތް ތަނެއްގައި ދައުލަތެއް ނޮއޮންނާނެ، ދައުލަތުގެ މުދަލާތަކެތި ވެސްް ބޭނުން ކުރަންތިބޭނީ ރަށްޔިތުން
ސަފީ
18 April 2021
ޝައި އަތް ފްރީކޮއް ޓުރޭނިންގަ ބައިވެރިވ ވެވޭ ނެ ހަވީރު 445 ފެއްޓިގެން ރޭގަނޑު 1 އައް.
ޥައްޑޭ
16 April 2021
ކޯޗުނަސީރަކީ ފެނުނު އެތައް ވައްތަރެއްގެ ޗޯޗުންނާއި ތަފާތު ކޯޗެއް، ލިބިފައިހުރި ތަޖުރިބާއާތަކާއި ހުނަރާއި ތަމްރީނުތައް ދަނީ މިކަމަށް ޝައުޤު ހުރި އެތައްބަޔަކަށް ހިއްސާ ކުރަމުން، އެތުލެޓިކްސް އެސޯސިއޭޝަނުން މިފަދަ ކޯޗުން ކުރާ ބުރަ މަސަޢްކަތް ބަލައިގަނެ އެބޭފުޅުންނަށް މަސައްކަތް ކުރެވޭނެ ފަސޭހަ މާހުލެއް ތަނަވަސް ކޮށްދެއްވައިނަމަ ރާއްޖޭގައި މިކުޅިވަރު އުސް އެތައް ހަރުފަތެއް ގިރާކުރާނެކަން ޔަޤީން ، އަދިވެސް ފެންނަނީ އާދޭސް ދަންނަވަން ޖެހޭތަން ...
ބޮކިފުރާޅު އަލީ
16 April 2021
30 އަހަރު ދުވާއިރު ހުންނާނީ ހާދަވަރަަކަށް ދުވެވިފައޭ. ކުރިއަށް ބާރިޔަށް ބާރަށް ބާރަށް ކުރިއަށް، އިސްމާއީލް ނަސީރު!
ލައިކް
16 April 2021
45 އަހަރު ދޯ އުމްރުން އެކަމް ހީވަނީ 25 ހެން! ވައު