މެންދުރު · 12:05

ދުވަހަކު މަހަކަށް ނުދޭ، އެކަމަކު މަހުގެ "ރާޖާ"

މިއީ އަބްދުއްސަމީހެވެ. ވަޅޯ މަސް މާރުކޭޓުގައި ތިބޭ މީހުން އޭނާ ސިފަކުރަނީ އެތަނުގެ އެންމެ ވަރުގަދަ މީހާގެ ގޮތުގަ އެވެ. އެ މީހުންގެ ވާހަކަ ވެސް މުޅިއަކުން ދޮގެއް ނޫނެވެ. ސަމީހަކީ އެ ތަނުގައި މަސް ވިއްކާތާ އެންމެ ގިނަ ދުވަސް ވީ މީހާ އެވެ.


އުމުރުން 84 އަހަރު ވެފައި ވީ ނަމަވެސް ސަމީހަކީ އާދައިގެ މީހެއް ނޫނެވެ. ވަޅޯމަސް މާރުކޭޓުގައި މަސް ވިއްކަން އިންނަތާ މިހާރު 39 އަހަރު ވެއްޖެ އެވެ. އެކަމަކު ދުވަހަކު ވެސް އޭނާ މަހަކަށް ނުދެ އެވެ. މާލޭގައި، އަމިއްލަ ގޭގައި އޭނާ މަސް ކައްކާ ހަދަނީ މަސްވެރިންގެ އަތުން މަސް ގަނެގެންނެވެ.

ފަތިސް ނަމާދަށް ފަހު ސަމީހު މަސައްކަތަށް ނުކުމެ އެވެ. އެނބުރި ގެއަށް ވަންނަނީ އިރު އޮއްސި އަނދިރިވާ ފަހުންނެވެ. އެކަމަކު އޭނާ ވަރުބައްޔެއް ނުވެ އެވެ.

ސަމީހުއާ ބެހޭ ގޮތުން "މިހާރު" އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް-- ވީޑިއޯ އަދި އެޑިޓިން: ހުސެން ޝަޔާހު، އަބްދުﷲ އައުރާފް/ މިހާރު

"ވަރަށް ކުރާ ހިތުން މިކަން ކުރަނީ. އެހެންވެތާ އެހާ ގިނަ ދުވަސް ވާންދެން މިކަން ކުރެވޭނީ،" ސަމީހު ބުންޏެވެ.

މަސް ކެއްކުމާއި ވިއްކުމުގެ ހުރިހާ ކަމެއް އަމިއްލަ އަށް ބަލަހައްޓައިގެން ފުދޭ ވަރެއްގެ އާމްދަނީއެއް އޭނާ އަށް ލިބެ އެެވެ. އެގޮތުން މަސްވެރިކަން ރަނގަޅު މަސްމަހު މަދުވެގެން 15،000ރ. ގެ އާމްދަނީއެއް ލިބެ އެވެ.

ނަމަވެސް މި މަސައްކަތް ކުރުމުގައި އޭނާއަށް ގޮންޖެހުންތައް އެބަ ހުއްޓެވެ.

ސަމީހު ބުނީ ތޮއްޖެހިފައިވާ މާލޭގައި މަސް ކެއްކުމަކީ އުނދަގޫ ކަމެއް ކަމަށާއި އެހެންވެ، އެކަން ކުރަން ޖެހެނީ މީހުން ނިދީމައި، ދަންވަރު ކަމަށެވެ. ދުމުގެ ސަބަބުން މީހުންނަށް އުނދަގޫ ވެދާނެތީ އޭނާގެ ގޭގެ ދުންހޮޅި ހުންނަނީ 35 ފޫޓަށް މައްޗަށް ނަގާފަ އެވެ.

ކުރީގައި މަސް ކައްކާ ގޮތާއި ކޮލިޓީ މިހާރު ވަރަށް ތަފާތެވެ. ސަމީހު ބުނި ގޮތުގައި ކުރިން ދަރު އަންދައިގެން މަހުގައި ދިލަ ޖެއްސި ނަމަވެސް މިހާރު ދަރެއް ނުލިބެ އެވެ. އެހެންވެ، އެކަން ކުރަނީ ތެލުގަ އެވެ.

"ދެން މަހުގެ އަގު ވެސް މިހާރު ވަރަށް ބޮޑު. އެހެންވެ، އެންމެ ރަނގަޅު އާމްދަނީއެއް ނުލިބޭ،" އޭނާ ބުންޏެވެ.