ރިޕޯޓް / ތާރީހް

މި ގޭތެރެއިން ގަރުނެއް ފަހަތަށް!

video icon
ހދ. ކުޅުދުއްފުށިން މާއިދާ މުހައްމަދު ރަޝާދު

14 ނޮވެމްބަރ 2021 - 08:31

37 comments

މި ރަށަށް އަންނަ ވަރަށް ގިނަ މެހުމާނުން މި ގެއަށް އައިސް ފޮޓޯ ނަގައި ހަދަ އެވެ. ބައެއް ކަލަންޑަރުތަކުގައި ވެސް މި ގޭގެ ފޮޓޯ ހުރެ އެވެ. މަޝްހޫރު ބައެއް ފަންނާނުން ވެސް މި ރަށަށް އައިސް، މި ގެއަށް ވަދެފައި ނޫނީ ނުދެ އެވެ.

ހދ. ކުޅުދުއްފުށީ އުތުރު އަވަށުގައި ހުންނަ "ތަރިޖެހިގޭ"ގައި އޮތީ ކޮން ހާއްސަ ކަމެއް ހެއްޔެވެ؟

މިއީ، ބެލެވޭ ގޮތުގައި 100 އަށް ވުރެ ގިނަ އަހަރުވެފައިވާ ގެއެކެވެ. މިކަހަލަ ގެއެއް، މިކަހަލަ ޒަމާނެއްގައި މުޅި ރާއްޖެ އިން ވެސް ފެންނާނީ ވަރަށް މަދުންނެވެ. ގެ މިހާރު ވެސް އެހުރީ އިހުގައި ހުރި ގޮތަށް ބަދަލެއް ނުގެނެސް އެވެ. އެކަން އެގޮތަށް ދެމެހެއްޓީ، ކޮންމެހެން އެ ގެ ޒަމާނީ ކުރެވޭނެ ގޮތެއް ވެސް ނެތިގެނެއް ނޫނެވެ. ގަސްތުގައި ބަދަލެއް ނުގެނައީ އެވެ.

ޕްރެޒެންޓަރު މަރިޔަމް ވަހީދާ، ކުޅުދުފުއްޓަށް ކުރި ދަތުރެއްގައި އަލިބެއާ އެކު "ތަރިޖެހި" ގޭގައި ނަގާފައިވާ ފޮޓޯއެއް--

މި ގެ ހަދާފައި ހުރީ އެންމެ އިހުގައި ގެތައް ހުންނަ ގޮތަށް، ރުއް ލަކުޑި އާއި ބަނބުކެޔޮ ގަހުގެ ލަކުޑި ބޭނުންކޮށްގެންނެވެ. ގެއަށް ގެނައި ހަމައެކަނި ބަދަލަކީ ފުރާޅުގައި އޮތް ފަންގިގަނޑު ނަަގައި ޓިނު ޖެހުން އެކަންޏެވެ.

މި ގޭގައި ދިރިއުޅެނީ އުމުރުން 66 އަހަރުގެ އަލީ މުހައްމަދު އެކަންޏެވެ. މިއީ އޭނާގެ މައިންބަފައިންގެ ގެ އެވެ. އެކަނިމާއެކަނި އުޅެން ޖެހުމާ އެކު، މި ގެއަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުމެއް ވެސް އޭނާގެ ނެތެވެ. އޭނާ ބުނާ ގޮތުން، އޭނާގެ މައިންބަފައިންގެ ހަނދާންތައް ދިރިހުރުން މާ މުހިންމެވެ.

އަލިބެ "މިހާރު" އަށް އިންޓަވިއު ދެނީ. -- ފޮޓޯ/ މިހާރު

ގޭގެ އޮޅިގަނޑު ހުރަސްކޮށްލާއިރު، ގޭތެރޭގައި ގެއަށް އަންނަ މީހުން އިށީގެންދެ ހެދުމަށް ފަތްޖެހި އެނދަކާއި ޖޯލި ފަތި ބަހައްޓާފައި ހުރެ އެވެ. ގޭތެރޭގެ ކޮންމެ ދިމާއަކަށް ބަލާލިޔަސް، ޔަގީންވާ ކަމަކީ އެއިން ކޮންމެ އެއްޗެއް ވެސް އެއީ ރައްކާތެރިކަމާއި ސާފުތާހިރު ކަމާ އެކު ބަލަހައްޓަމުން އަންނަ އެއްޗެއް ކަމެވެ.

އެ ގޭތެރެއަށް ވަދެވޭ ކޮންމެ މީހަކަށް ވެސް ހީވާނީ ގަރުނެއް ފަހަތަށް ދެވޭހެންނެވެ. މި ގޭގެ އެތެރެއެކޭ އެއްގޮތަށް، ބޭރު ވެސް ހުރީ ހަމައެހެންނެވެ. ގޭތެރޭގައި ގެންގުޅޭ ހިފާއި ގެންގުޅޭ ސާމާނުން ފެށިގެން ނިދަން އޮތް އެނދާއި އެތަނުގެ ތެރެގައި ހުރި ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް އެއީ އެތައް ޒަމާނެއް ކުރީގެ އެއްޗިއްސެވެ.

އަލީ ކިޔައިދިން ގޮތުގައި މީގެ 19 އަހަރުކުރިން އޭނާގެ ބައްޕަ ވަނީ މަރުވެފަ އެވެ. އެކަމަކު އެ ގެއިން ފެނިގެން އެ ދަނީ އޭނާގެ ބައްޕަގެ މަސައްކަތެވެ. މުޅި އުމުރު އޭނާ އާއި ބައްޕަ ވެސް މަސައްކަތް ކުރީ ވަޑިއެއްގެ ގޮތުގަ އެވެ.

އިހުގެ ގެތައް ހުންނަ ގޮތަށް ގޭގެ އޮޅިގަނޑު އުސްކޮށް މިގޭގައި ހުރިއިރު ބުނެވޭ ގޮތުގައި މިއީ ގޭގެއަށް ޖިންނި އެއްޗެހި ވަނަ ނުދިނުމަށް އޭރު ހަދާފައި ހުންނަ ގޮތެކެވެ.

"ބޭބެއަކަށް ނޭނގެ އެއީ ތެދެއް ކަމެއް. މިއީ ބައްޕަ އިރުއްސުރެ ވެސް މިތަން ހުންނަ ގޮތް."

ގޭ ތެރެއަށް ބަލާއިރު މުޅި ގޭ ހަދާފައި އޮތީ ލަކުޑިންނެވެ. ދޮރުތަކާއި މުޅި ގޭގެ ފާރުތައް ވެސް ލަކުޑިންނެވެ.

ގޭގެ އެތެރޭގައި އައްޓެއް ހުރިއިރު އެތަނަކީ އޭރު ގޭގެެ އެންމެން ކެއުމާއި ފާތިހާ ކިއުމުގެ ކަންކަން ކުރިއަށް ގެންދަން ހަދާފައި ހުންނަ ތަނެއް ކަމަށް އަލީ ބުންޏެވެ. މި އައްޓާ ދިމާލުން ލަކުޑިން ހަދާފައިވާ ފާރުގައި ތަރިއެއް ރަމްޒުކޮށްދޭ ގޮތަށް ކުޑަ ދޮރެއް ވެސް ހުއްޓަސް މިއީ ގެއަަށް ތަރިޖެހިގެ ކިޔާތީ ތަރިއެއްހެން ބައްޓަން ކުރި ދޮރެއް ކަމެއް ނޭނގެ އެވެ.

އަލިބެ "ތަރިޖެހި" ގޭގައި. -- ފޮޓޯ/މިހާރު

އެ އަށިގަނޑުގެ މަތީގައި ކުޑަ ލަކުޑި އަލަމާރިއެއް ހުރިއިރު އަލީ ބުނި ގޮތުގައި އޭގައި ހުރީ އޭނާގެ ބައްޕަގެ އަންނައުނު ކޮޅަކާއި ބައްޕަ ކިޔަން ގެންގުޅުނު ފޮތްތަކެކެވެ. ބައްޕަ މަރުވީއްސުރެ އެ އެއްޗެހި ހުރީ އެގޮތަށް ކަމަށް އޭނާ ބުންޏެވެ.

އައްޓާ ދިމާލުން ދެން ބަހައްޓާފައި ހުރީ "ދިމާ އެނދު" އެވެ. މިއީ އޭރު އެ ގެއެއްގެ އެންމެ ބޮޑު މީހާ ނިދާ އެނދު ކަމަށް އަލީ ކިޔައިދެ އެވެ. އެތަނުގައި ކުރިން އޭނާގެ ބައްޕަ ނިދި ނަމަވެސް މިހާރު އެތަނުގައި ނިދަނީ އޭނާ އެވެ. އެ އެނދު މަތީގައި ވައި ޖެއްސުމަށް ފެންފޯއް ފާއެއް އޮތެވެ.

"މިއީ އޮޑިއެއް ބަންނަން ރަށަކަށް ކުރި ދަތުރެއްގައި ބައްޕަ ގެނައި އެއްޗެއް. މިހާރު މިއޮތީ ވަރަށް ބޮޑަށް ވީދިފައި.."

ދިމާ އެނދު ކައިރީ ދެން ލަކުނޑި މޭޒެއް ބަހައްޓާފައި ހުރިއިރު އެތަނުގައި ހުރީ އޭނާ ގެންގުޅޭ ރޭޑިއޯ އެވެ. ހަބަރާއި މޫސުން އަޑު އެހުމަށެވެ. ސީލިންގެއްގެ ބަދަލުގައި މި ގޭގެ މަތީގައި ހުރީ ރުއް ލަކުޑި އަތުރާލައިފަ އެވެ. އެތަނުގައި އެލުވާލާފައި އިން ކުޑަކުޑަ ދޯންޏަކުން ވެސް ފެނިގެންދަނީ އޭނާގެ ބައްޕައަކީ އޮޑި ދޯނިފަހަރު ބަންނަން ވަރަށް މޮޅު މީހެއް ކަމެވެ.

ގޭގެ މަތީގައި ހަރުކޮށްފައިވާ އޮޑިއެއް. -- ފޮޓޯ/މިހާރު

އެތަނުން ގޭގެ އެތެރެއަށް ވަދެގެން ދިއުމަށް ހުރި ދޮރުން ވަންނައިރު ފެންނަނީ އެއް ފަޅިއެއްގައި "އުތުރު އެނދު" ހުރި ތަނެވެ. އަލީ ބުނީ މިއީ ގޭގެ އަންހެން މީހާ ނިދާ އެނދު ކަމަށެވެ. އެތަނުގެ އެއް ފަޅީގައި ރީތިވާ އެއްޗެހި ބެހެއްޓުމަށް ތަންކޮޅެއް ހަދާފައި ހުރިއިރު ގޭގައި އެންމެ ކުރިއްސުރެ ބަހައްޓާފައި ހުރި ލޯގަނޑުތައް ވެސް ހުރި ގޮތަށް ހުއްޓެވެ.

ގޭގެ މަތީގައި ލަކުޑިން އަތުރާލާފައި ހުރި ބަޔަށް އެރުމަށް ގޭގެ ތެރެއިން ހަރުގަނޑެއް ވެސް ހުއްޓެވެ. އެއީ ގޭގައި ގެންގުޅޭ މުދާ ރައްކާކުރަން ކުރީގައި ހަދާފައި އޮންނަ ގޮތެކެވެ. އެތަނުގައި އަލީގެ މަންމަ ގެންގުޅު ތެއްޔާއި ތައްޓާއި ޖޯޑު އަދި އޭރުގެ މަލާފަތާއި އޭނާގެ މަންމަ ލިބާސް ހަދަން ގެންގުޅުނު ގަތާ ފައި އަދި އެކި ސާމާނުތައް ހުއްޓެވެ. އޭނާގެ ބައްޕަ ވަޑާމަށް ގެންގުޅުނު ސާމާނު ވެސް އެތަނުގައި ހުއްޓެވެ. ގޭގެ އެންމެ އެތެއަށްވާ ތަންކޮޅުގެ ތެރޭގައި ވެސް އޮތީ ހުސް ވަޑާން ސާމާނެވެ.

ގޭގައި މި ސާމާނުތައް ރައްކާކޮށްފައި ހުރި ގޮތުން އެނގެނީ އަލީގެ ހިތުގައި އޭނާގެ މައިންބަަފައިންނަށް އޮތް ލޯތްބައި ގަދަރެވެ. ފަހުރުވެރިކަމާ އެކު އެހަނދާންތައް އާކުރަމުން ދިޔަ ގޮތުން ފެނުނީ މަންމަ އާއި ބައްޕައަށް އޮތް ހިފެހެއްޓުމެއް ނެތް ލޯތްބެވެ.

ހދ. ކުޅުދުއްފުށީ ތަރިޖެހިގޭގެ އެތެރެ: -- ފޮޓޯ/މިހާރު

މިއީ އެންމެ އިހުގެ ގޮތަށް ހުރި ގެއެއް ކަމުން، އެތަނުން ނިކުމެގެންދާން ދެން އޮތީ ބޮޑު ގިފިއްޔެކެވެ. އެތަނުގައި ހުރީ ވަޅެއް އެކަންޏެވެ. ފާހާނާ ކުރަނީ ވެސް ވަޅުކޮނެގެންނެވެ.

އުމުރުން 20 އަހަރުގައި އަލީ ކައިވެންޏެއް ކުރި ނަމަވެސް އެ ކައިވެނި މާ ދުވަސްތަކަކަށް ދެމިގެނެއް ނުދިޔަ އެވެ. އޭނާގެ ދެވަނަ ކައިވެންޏަށް ވެސް ވީ ހަމަ އެހެންނެވެ.

"ދެ މީހުންނާ އިނިން. އެކަމަކު ކުއްޖެއް ނެތް. އެ މީހުންނާ މަށާ ނުވެގެން ވަކިވާން ޖެހުނީ. ވަރަށް ކައިރި ކައިރީ ދެ މީހުންނާ އިނީ. އެ މީހުން ވަރިކުރަން ބުނީމަ ވަރިކުރީ،" މިއިން އެއްވެސް ކައިވެންޏަކަށް ދަރިއަކު ނުލިބޭ ކަމަށް އަލީ ބުންޏެވެ.

މީގެ 15 އަހަރުކުރިން އޭނާގެ މަންމަ ވެސް މަރުވިއިރު އެކަނިމާ އެކަނި އެ ގޭގައި އުޅެމުން އަންނަނީ ހިތްހަމަޖެހިގެންނެވެ. އޭނާގެ އެއް ބަނޑު ތިން މީހުން ގެ އަޅައިގެން އެހެން ގެތަކަށް ބަދަލުވިތާ ވެސް އެތައް އަހަރެކެވެ.

"ބޭބެއަކަށް މިގޭ ގޯހެއް ނޫން."

ކުރިން އޮޑި ދޯނި ބަނުމުގައި އުޅުނަސް އޭނާ އެ މަސައްކަތް ހުއްޓާލިތާ މިހާރު ދުވަސްގަނޑެއް ވެއްޖެ އެވެ. އެހެންވެ ހެނދުނު ހެނދުނާ ހޭލާ ގޮތަށް ކުރާނެ ކަމެއް ވެސް ނޯވެ އެވެ. އެކަނި އުޅުމަކީ ފޫހި ކަމެއް ނަމަވެސް އެ ނޫން ގޮތެއް ނެތް ކަމަށް ބުންޏެވެ.

އަލީ މުހައްމަދު ތަރިޖެހިގޭގެ އެތެރޭގައި: މި ގޭތެރެއިން ފެންނަނީ އިހުގެ ދިރިއުޅުން. -- ފޮޓޯ/ މިހާރު

"ގޭގަ ގިނައިން އުޅެނީ. ދެން ރަށު ތެރެއަށް، އަތިރި މައްޗަށް ވެސް ނިކުމެލަން،" އޭނާ ބުންޏެވެ.

ހިތްގައިމު ކުޑަކުޑަ ރީތި ގެއެކެވެ. އެގޭގެެ ހުރިހާ ދިމާއަކުން ވެސް ފެންނަނީ ކޮންމެވެސް ހަނދާންތަކެކެވެ. އަލަށް އެ ގެއަށް ވަންނަ މީހަކަށް، ތާރީހީ ނުވަތަ ދުވަސްތަކެއް ވެފައިވާ ތަނެއްގެ ގޮތުގައި ސިފަ ވިޔަސް، އަލީ އަށް އެއީ ވަރަށް ގިނަ ހަނދާންތަކެކެވެ. ވަރަށް ފަޚުރުވެރި މާޒީއެކެވެ.

37 ކޮމެންޓް, 107 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 12%
icon angry icon angry 2%
icon wow icon wow 2%
icon inlove icon inlove 37%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޯލިހްބެ

15 November 2021

ޤަރުނެއް ފަތަށް ދިއައީ ތި ގެެެއް ނޫން. ދިވެހިންގެ އަޚްލާގާ ވިސްނުން

The name is already taken The name is available. Register?

ލިޔުންތައް

15 November 2021

ތާރީހު އެފެންނަނީ. މި ގައުމުގަ، ކުރިން، މީހަކު 50 އަހަރައް ދާއިރު މަދުމީހަކު ފިޔަވާ ދަތްޕިލަ އެއްހަމައެއް ނުވާނެ. ބޭބެ ކައިރީގަ ބުނެބަލަ ދަތް އުގުޅާށޭ. އެހެންނުނީ އަނގަ ފާރުވެ، ވޭންދެނިވި ބަލިވެސް ޖެހިދާނެޔޭ.

The name is already taken The name is available. Register?

ނަން1

14 November 2021

ގެމަނަފުށީ ގައިވެސް ހުރޭ ތިކަހަލަ ތާރީޚީ ގެއެއް

The name is already taken The name is available. Register?

އައްމާދު

14 November 2021

އަޅުގަޑު އެ ގޭގެ ވީޑިޔޯ އާއި ފޮޓޯ ނެގިން ވާދޫއަށް ގޮސް މި އަހަރު. އެ ގެ އަންނަން އޮތް ޖީލަށް ދެއްކުމަށް ހިމާޔަތް ކުރުން ރަގަޅު. ގިނަ ބަޔަކަށް ވަރަށް އަނިޔާ ދީފަ ހުރީ އެ ގޭ ތެރޭ. މީހުން ހައްޔަރު ކުރަން ލާ ތަނެއްވެސް ހުރޭ. އެ ގެޔަށް ވަނީމަ ހަމަ މާޒީ ތެރެޔަށް ވަދެވޭ އިހުސާސް ކުރެވޭ. އެ ރަށު ދުވަސްވީ މީހުން އެތާތެރޭ ހިނގާފަ ހުރި ކަންތައްތައް ކިޔާދޭ އިރު ހީބިހިނަގާ ވަރުވޭ. ފާރުން މޫ ފައިބާ އުވައިގެ ކުލަ ބަދަލުވެފައި މިހާރު ހުރިއިރު ވަރަށް އެހެން ކަހަލަ އިހުސާސް ތަކެއް ކުރުވި. ވަރަށް ތާރީހީ ގެޔެއް. މިހާރުން ރަގަޅު އާޓިލެއް އެ ގެޔާ ބެހޭގޮތުންނާާ އެތާގައި ހިންގާފަ ހުރި ލާއިންސާނީ ކަންތަކުން ތާރީހަށްޓަކާ ގެނެސް ދިނުން ހަމަ ރަގަޅު. ބޭނުމިއްޔާ ފޮޓޯ އަޅުގަޑު ދީފާނަން. ވަރަށް ސަލާމް.

The name is already taken The name is available. Register?

ހމމމމމ

14 November 2021

އިންޓްރެސްޓިންގ

The name is already taken The name is available. Register?

ވާދޫ އަހައްމައިދީ

14 November 2021

ވާދޫ ގައްދަޑުގޭގެ ވާހަކަ ތޯ. މިހާރުގެ ކުދިން އެބަޖެހޭ އެގެއާ ބެހޭ ގޮތުން ދިރާސާއެއް ކުރަން، އަޅުގަނޑަކީ ވާދޫ ޒުވާނެއް. ތިޔަ ކަހަލަ ނޭއްގާނީ ވާހަކަތަކެއް އެގެއާ ބެހޭ ގޮތުން އަލަށް އަޑު މިއެހީ.

The name is already taken The name is available. Register?

ޝަފީރު

14 November 2021

ހދ. ކުޅުދުއްފުށީ އުތުރު އަވަށުގައި ހުންނަ "ތަރިޖެހިގޭ"ގައި އޮތީ ކޮން ހާއްސަ ކަމެއް ހެއްޔެވެ؟؟؟؟؟

The name is already taken The name is available. Register?

އައްމާދޫ

14 November 2021

ނުލާހިކު ހިތާ ކުޅެލާ ކަހަލަ ލިއުމެއް ކިޔާ ނިންމާލުމަށްފަހު ކޮމެންޓްތަކާ ހަމައަށް އަައިއިރު "އެ ގޭގެ ވީޑިއޯއޭ" ކިޔާފަ ފަށައިގެން ލިއެފަ އޮތް ކޮމެންޓް ފެނުނީމަ ވަރަށް ބޮޑަށް އޮޅުން އަރައިފި ފުރަތަމަކޮޅު. އެހެން ރަށެއްގެ ގެއެއްގެ ވާހަކަ ކޮމެންޓްގަ ދައްކަން ފަށާއިރު ކުޑަކޮށް ތައާރަފްކޮށްލުން ރަގަޅު. ތަރިޖެހިގެއާ އޮޅިގެން ގުޅުވުނީ ތިޔަ ކިޔާދިން ވާދޫގެއެއްގެ ބިރުވެރި ވާހަކަތައް. ވަރަށް ދެރަ އެވީ ގޮތް.

The name is already taken The name is available. Register?

ކައުންސެލަރު

14 November 2021

ތިމާ ޔަށްވުރެ ދޮށީ (ޚާއްޞަކޮށް "ދޮށީ ޢުމުރުގެ" )މީހުންނަށް ބޭބެ ނުވަތަ "ބެ" ކިޔުމަކީ ވަރަށް ތަހުޒީބު ކަމެއްކަމުގައި ދެކެން. އަދި އެކަމުން އަނެކުންގެ އުނިވާ އެއްވެސް އެއްޗެއް ނެތްކަމުގައިވެސް ދެކެން. އަލިބެއަށް ރަޙުމަތް އެދެން.

The name is already taken The name is available. Register?

އުފާ

14 November 2021

ކޮންމެ މީހަކުވެސް މަރުވެގެންދާނީ ހެޔޮޢަމަލެއް އެކަނި ހިފައިގެން. ތިޔަގޮތް ގޯހެއްނޫން. ހިތްހަމަޖެހިގެން އުޅެލީމަ ނިމުނީ. މާބޮޑު ގެއެއް ބޭނުމެއްނުވާނެ. އެންމެންވެސް މަރުވީމާ ލާނީ ފަސްގަނދު ދަށަށް.

The name is already taken The name is available. Register?

ވޯލް

14 November 2021

މިއީ ދައުލަތުން ހިމާޔަތްކޮށްފައި އާސާރީ ގަނެއްގެ ގޮތުގައި ބަހައްޓަންޖެހޭ ތަނެއް. މި ބޭބެ ދުނިޔޭގައި ހުރިހާ ދުވަހަކު، ދައުލަތުން އެތަނުގެ މަރާމާތް ބަލަހައްޓާދޭންޖެހޭ އަދި ނެތް ދުވަހަކުން ދައުލަތުގެ ތަރިކައެއްގެ ގޮތުގައި ނެގިދާނެ. ނޫނީ ބޭބެ ރުހޭ ނަމަ އެހެން ކުޑަ ޒަމާނީގެއެއް އަޅާފައި އެތަނަށް ބޭބެ ބަދަލުކޮށްފަ މިތަން ދައުލަތައް ނެގުން ރަގަޅު. ޤައުމެއްގެ އެންމެ މުހިންމު އެއް ކަމަކި އެޤައުމުގެ އާސާރީކަނަންކަން.

The name is already taken The name is available. Register?

ހަސަނު

14 November 2021

އެ އަށިގާ އެ ބޭބެގެ ބައްޕަ އެ ބޭބެ އުރާލައިގެން އިނދެ ވާހަކަ ކިޔައި ދޭން އިންނާނެ މަންޒަރު، ރީތިވާ މޭޒު ކައިރީ މަންމަ އެ ބޭބެ ކުޑަކުޑައިރު ރީތިކޮށް ނަލަ ކުރާން އުޅޭނެ ގޮތް، މަންމައާ ބައްޕަ އެ ބޭބެ ނިންދަވަން އެނދަށް އަރުވާ ނާނާ ކިޔައިދޭނެ ގޮތް، އެއްބަނޑު ކުދިންތަކާ އެކު ގޭތެރޭ ކުޅެނަގަން އުޅޭނެ ގޮތް، އެ ފާރު ތަކުންނާ އެ އަށިންނާ އެ އެނދުން އެ ބޭބެ އަށް ކޮންމެ ދުވަހަކުވެސް ސިފަވާނެ. އެ ހަނދާތައް އެބޭބެ އެ ދަމަހައްޓަނީ..

The name is already taken The name is available. Register?

ތެދުވާހަކަ

14 November 2021

ޢެހުރިހާ ހަނދާނަކާއެކު އެކަނިމާއެކަނި އުޅެވޭނީ ހާދަހިއްވަރު ގަދަވީމައޭދޯ..

The name is already taken The name is available. Register?

ހުވަދޫ އަހައްމައިދީ

14 November 2021

ގދ. ވާދޫގަ އެހެރަ ގައްދަޑުގެއާ ބެހޭ މައުލޫމާތާ ފޮޓޯ ކޮޅެއް ގެނެސްދީބަލަ. ވަރަށް ތާރީހީ ގެއެއް ކަމަށް ވަނީ.

The name is already taken The name is available. Register?

ބޯޓުދެލިމޫސާފުޅު

14 November 2021

މަބުނީ، ހިޔާފުލެޓު 100 އަހަރަށް ހުންނާނެބާ، މިހާރުވެސް ޓައިލްސް ނެއްޓޭ މައްސަލަ އެބައުޅެއޭ ކިޔަނީ.

The name is already taken The name is available. Register?

މޮޅު ޓެކްނޮލޮޖީ

14 November 2021

ހިޔާ ފްލެޓެއް އެކަންޏެއް ނޫން. ސައިންސާ ޓެކްނޮލޮޖީގެ އެހީގަ ކިޔަވައިގެން ތިބި މޮޅެތި އިންޖިނޭރުން ހަދާ ހުރިހާ ތަނެއް ތި ހާލުގަ. އަހަރުމެންގެ ކާބަފައިން މީގެ އެތައް ސަތޭކަ އަހަރު ކުރިން ހެދި އިމާރާތްތަކަ މަގުތައް ކިހާ ވަރުގަދަ. ގދ. ވާދޫގަ އެހެރަ ގައްދަޑުގެ ބަލާބަލަ މީހަކު ގޮސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454