މައުމޫންގެ ކޮޅަށް އެރުއްވުމަށް ފަހު އަލުން ރައީސް ޔާމީންގެ ފަޅިޔަށް ބަދަލުވެވަޑައިގެންނެވުމަށް ފަހު ބޭއްވި ހަފުލާއެއްގައި ރެޑްވޭވް ސަލީމް (މ) އާއި ޝުޖާއު (ކ) -- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު
15 ޑިސެމްބަރ 2016 - 08:43
ޕީޕީއެމް ދެ ފަޅިވެ، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަކާއި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނެއް ވުޖޫދުވި އެއް ސަބަބަކަށް މަޖިލިހުގެ ތެރެއިން ރައްޔިތުންނާ ގުޅުން ހުރި ގިނަ ގާނޫނުތަކެއް، އަސާސީ ހައްގުތައް ގެއްލޭ ގޮތަށް، ފާސްކުރުން ހިމެނެ އެވެ. އެއް ބަޔަކަށް އެ ގާނޫނުތައް ވީ ގާނޫނުއަސާސީ ހިމާޔަތް ކުރަން ލިބުނު އަލާއުއްދީނުގެ ވޮއްގަނޑަށެވެ. އަނެއް ބަޔަކަށް އެއީ ރައްޔިތުންގެ ކަރަށް ދިއްކޮށްލި ހަންޖަރެކެވެ.
މަޖިލިހުން ފާސްކުރި ބައެއް ގާނޫނުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެންނެވި މެމްބަރުން އަދިވެސް ތިއްބެވީ އެ ގޮތުގަ އެވެ. އެކަމަކު ރައީސް ޔާމީންގެ ތަރައްގީގެ މަޝްރޫއުތަކުގައި އެއްބާރުލުން ދޭން ދާއިރާގެ ރައްޔިތުން ބޭނުންވެގެން އަލުން ވަނީ ރައީސް ޔާމީނާ ގުޅިވަޑައިގެންފަ އެވެ.
ޕީޕީއެމް މެމްބަރުންގެ ތެރެއިން ރައީސް މައުމޫނަށް ތާއީދުކުރެއްވި މެމްބަރުންނަށް ތަފާތު ފިއްތުންތައް ކުރިމަތިލާން ވަނީ ޖެހިފަ އެވެ. ވިސްނުން ބަދަލުނުކޮށްފި ނަމަ، މެމްބަރުންނާ ގުޅުން ހުރި ވިޔަފާރިތައް ބަނގުރޫޓުކޮށްލާނެ ކަމުގެ އިންޒާރު، އަމަލީ ސިފައެއްގައި، ދަނީ ފެންނަމުންނެވެ.
އޭދަފުށީ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި އޭނާގެ ވިޔަފާރީގެ ބައިވެރިޔާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ކޮޅު ބަދަލުކުރެއްވީ، ރެޑްވޭވުން 50 މިލިއަން ރުފިޔާ އިންވެސްޓް ކޮށްގެން ހުޅުމާލޭގައި ހެދި ފިހާރައާ އެކު ހުޅުވަން ޖެހޭ ކެފޭ އާއި ބޮޑު ގުދަނުގެ އެއްބަސްވުން ބާތިލުކޮށް ތަން އަތުލާނެ ކަމުގެ އިންޒާރު އެޗްޑީސީން ދީފައި ވަނިކޮށެވެ. އެކަމަކު އަލުން ރައީސް ޔާމީން ކޮޅަށް ބަދަލުވުމުން ކެފޭ ހުޅުވައި ވިޔަފާރިކުރުމުގެ މަގު ފަހިވި އެވެ. އެކަމަކު ހިޔާލު ދެ ކަފިވި ބައެއް މެމްބަރުން އަދި ތިއްބެވީ އެއް އަޒުމެއްގަ އެވެ. ފައިބުޑަށް ވެއްޓި ސަލާން ޖެހުމުގެ ވިސްނުމެއް އަދި ނެތެވެ.
ގދ. ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ 25 ޕަސަންޓު ހިއްސާ އޮންނަ ސްވިފްޓް އިންޖީނިއަރިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ހަ ޕްރޮޖެކްޓެއް ހުއްޓާލަން ސަރުކާރުން އެންގި ސަބަބެއް ނޭނގެ އެވެ. އެހެންވެ 24 އަހަރު ވީ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. މަސައްކަތަށް ބޭނުންވާ މީހުން ގެނެސް، މުސާރަ އާއި ކެއުމާއި މެޑިކަލް އާއި އެކޮމޮޑޭޝަނާއި އިދާރީ ގޮތުން އެތައް ހަރަދުތަކެއް ކުރަން ޖެހުނު ކަމަށް އެ ކުންފުނިން ބުނެ އެވެ.
ނަމަވެސް މިކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަވަން ސައުދުﷲ ބޭނުމެއް ނުވެ އެވެ.
ސައުދުﷲ ހިލްމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ހަ ޕްރޮޖެކްޓެއް ވަނީ ހުއްޓާލާފައި. - ފޮޓޯ: މަޖިލިސް
ސްވިފްޓް އިންޖިނިއަރިންގެ ޑިރެކްޓަރު މުހައްމަދު ޒުބައިރު ވިދާޅުވި ގޮތުގައި ސަރުކާރުން ހަވާލުކުރި 66 މިލިއަން ރުފިޔާގެ މަޝްރޫއުތައް އެ ކުންފުންޏަށް ލިބުނީ "މޭޒު އަޑިން" ކަމަށް އަޑު ފެތުރުނަސް، އެއީ ހަގީގަތެއް ނޫނެވެ. އެ މަޝްރޫއުތައް އެ ކުންފުންޏާ ހަވާލުކުރީ ޓެންޑާ ބޯޑުގެ އުސޫލާ އެއްގޮތަށް އެ ބޯޑުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސްވިފްޓަށް ލިބުނު މަޝްރޫއުތައް ހުއްޓާލުމަކީ ސިޔާސީ ގޮތުން އެޅި "ޅައެއްޗެއް"ގެ ގޮތުގައި ޒުބައިރު ސިފަކުރެއްވި އެވެ. ސްވިފްޓަކީ ތިނަދުއަށް އުފަން ހަތަރު ހިއްސާދާރުންގެ ކުންފުންޏެކެވެ.
"ސްވިފްޓުގެ ކޮންމެ ހިއްސާދާރަކަށް 25 ޕަސަންޓު ހިއްސާ އޮވޭ، ގެއްލުން ލިބެނީ ސައުދުﷲ އަކަށް އެކަންޏެއް ނޫން. މިކަމުގެ ސަބަބުން ތިނަދޫގެ 13 ވަަރަކަށް އާއިލާއަށް އަސަރު ކުރާނެ. މީގެ ސަބަބުން ސަރުކާރަށް ކުރާ ނަފްރަތު އިތުރުވެގެން ދާނީ،" ޒުބައިރު ވިދާޅުވި އެވެ.
- ޅ.ހިންނަވަރުގައި އާ ސިއްހީ މަރުކަޒެއް އެޅުން (ގާތްގަނޑަކަށް 10.5 މިލިއަން ރުފިޔާ)
- ޅ. ނައިފަރުގައިި ސްކޫލް އިމާރާތެއް އެޅުން (ގާތްގަނޑަކަށް 13.5 މިލިއަން ރުފިޔާ)
- ފ. ނިލަންދޫގައި ސްކޫލް އިމާރާތެއް އެޅުން (16 މިލިއަން ރުފިޔާ)
- ލ. މާވަށުގައި ސްކޫލް އިމާރާތެއް އެޅުން (ގާތްގަނޑަކަށް 11 މިލިއަން ރުފިޔާ)
- ދ. ކުޑަހުވަދޫގައި ސްކޫލް އިމާރާތެއް އެޅުން (ގާތްގަނޑަކަށް 8 މިލިއަން ރުފިޔާ)
- ލ. ފޮނަދޫގައި ޖެންޑާ މިނިސްޓްރީގެ އިމާރާތެއް އެޅުން (7 މިލިއަން ރުފިޔާ)
ސްވިފްޓަކީ 2010 ގައި ކޮންސްޓްރަކްޝަން ދާއިރާއިން ގައުމީ އިނާމް ލިބިފައިވާ ތިނަދޫ ރައްޔިތުން ފަހުރުވެރިވާ ކުންފުންޏެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް އިމާރާތެއް އަޅާފައިވެ އެވެ.
އެ ކުންފުންޏާ ހަވާލުކުރި ޕްރޮޖެކްޓްތައް ކުރިއަށް ނުގެންދަން އެންގުމަކީ ރައްޔިތުންގެ ރުޅިވެރިކަން ސަރުކާރަށް އަމާޒުވާނެ ކަމެއް ކަމަށް ޒުބައިރު ވިދާޅުވި އެވެ.
"ސްވިފްޓަކީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ބައެއް. ގިނަ އަދަދެއްގެ ޕްރޮޖެކްޓްތައް ހުއްޓާލަން އެންގުމުން ގިނަ ބައެއްގެ ހަމްދަރުދީ މިހާރު ވެސް އެބަ ލިބޭ،" ޒުބައިރު ވިދާޅުވި އެވެ.
މަޝްރޫއުތައް ހުއްޓުވާލި މައްސަލާގައި ސަރުކާރުން ދިނީ އެއް ޖަވާބެކެވެ. ރައްޔިތުންގެ މަޖިލީހުގައި އަންނަ އަހަރުގެ ބަޖެޓު ދިރާސާ ކުރި ކޮމެޓީގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައިވަނީ އާ މަޝްރޫއުތައް ފެށުމުގެ ބަދަލުގައި މިހާރު ފަށާފައިވާ ކަންކަން ނިންމަން އިސްކަން ދޭނެ ކަމަށެވެ.
"އަންނަ އަހަރު އިތުރު ކްލާސް ރޫމްތަކެއް ނާޅާނަން. އަދި ސިއްހީ ދާއިރާގައި ވެސް އެފަދަ ޕްރޮޖެކްޓުތަކެއް ކުރިއަކަށް ނުގެންދާނަން،" މަޖިލީހުގެ ކޮމެޓީގައި ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
"ސްވިފްޓުގެ ކޮންމެ ހިއްސާދާރަކަށް 25 ޕަސަންޓު ހިއްސާ އޮވޭ، ގެއްލުން ލިބެނީ ސައުދުﷲ އަކަށް އެކަންޏެއް ނޫން، މިކަމުގެ ސަބަބުން ތިނަދޫގެ 13 އެއްހާ އާއިލާއަށް އަސަރު ކުރާނެ، މީގެ ސަބަބުން ސަރުކާރަށް ކުރާ ނަފްރަތު އިތުރުވެގެން ދާނީ،" -ޒުބައިރު
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ސަރުކާރުން ވަކި މުއްދަތެއްގެ ތެރޭގައި ފަށަން އޮންނަ ކަމެއް، ނުފެށި ލަސްވާ ނަމަ އެ ކުންފުންޏަކާ ދޭތެރޭގައި ފިޔަވަޅު އެޅުމުގެ ބާރު ސަރުކާރަށް އޮންނާނެ ކަމަށެވެ. އަދި ގުޅިގެން މަސައްކަތް ކުރާ ކުންފުނިތަކަށް ސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާ ކަމަށް ވިދާޅުވި އެވެ.
"ފިކުރު ތަފާތުވެގެން، ސަރުކާރާ ދެކޮޅަށް އުޅޭ ބޭފުޅުންނަށް ވުރެ، ސަރުކާރާ އެކު މަސައްކަތް ކުރަން ބޭނުންވާ މީހުންނާ އެކީ ފަސޭހަވާނެ މަޝްރޫއުތައް ކުރިއަށް ގެންދަން. ސަރުކާރަށް ދަތިކުރާ ނަމަ، ވަކި މީހަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅާފައި ހުރީ، އެއީ ކޮންމެ ސަރުކާރެއްގައި ވެސް ކުރާ ކަންކަން،" އޭނާ ވިދާޅުވި އެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް -- ފޮޓޯ: މަޖިލިސް
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ކްލެމެންސީ ބޯޑުން ވަކިކުރީ ކުއްލިއަކަށެވެ. މަޖިލީހަށް ގަރާރެއް ހުށަހަޅައިގެން އެކަން ކުރިއިރު، މާ ބޮޑު ތަފްސީލަކަށް ނުދެ އެވެ. ވައްޑެގެ މައްސަލަ މަޖިލީހުގެ ކޮމެޓީގައި ދިރާސާކުރުމުގެ ފުރުސަތެއް ވެސް ނުދިނެވެ. ހަމައެކަނި މައްސަލައަކަށް ވީ ވައްޑެ ޖަލްސާތަކަށް ހާޒިރުނުވާ ކަމުގެ ތުހުމަތެވެ. ނަމަވެސް އެ ވާހަކަތައް ވައްޑެ ދޮގުކުރައްވަ އެވެ.
ޕީޕީއެމްގެ ރައީސްގެ މައުމޫންގެ ކޮޅުގައި ހުންނެވި ވައްޑެ ވިދާޅުވި ގޮތުގައި ކްލެމެންސީ ބޯޑުން އޭނާ ވަކިކުރީ ހައްގު ގޮތުގައި ތެދުވެ، ހަގީގަތާ އެއްގޮތަށް ވާހަކަ ދައްކަން ފެއްޓެވީމަ އެވެ. އަދި އޭނާއަށް ވުރެ ކްލެމެންސީ ބޯޑުގެ ރައީސް އަދި ބަންޑާރަ ނައިބު މުހައްމަދު އަނިލް ހާޒިރުވެވަޑައިނުގަންނަވާ ޖަލްސާތައް މާ ގިނަ ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް އެ ވާހަކަތަކަށް ރައްދު ދެއްވާ ރިޔާޒް ވިދާޅުވީ ވައްޑެއަކީ ކްލެމެންސީ ބޯޑަށް މަޖިލީހުން އައްޔަންކޮށްފައިވާ މެމްބަރަކަށް ވާތީ ވައްޑެ ވަކިކުރުމުގެ އިހްތިޔާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ.
"ބޯޑަށް އައްޔަންކޮށްފައިވާ ނަމަ، އެއްބާރުލުން ދޭން ޖެހޭނެ. ވައްޑެ ވަކި ކުރަން ނިންމީ އޭނާއާ މެދު އިތުބާރު ނުކުރެވޭ ހިސާބަށް ކަންކަން ދިޔައިމަ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވައްޑެ މަގާމުން ވަކިކުރަން މާ ލަސް ވެސް ވެއްޖެ އެވެ. ބޯޑުގެ ޖަލްސާތަކަށް ހާޒިރު ނުވާއިރު، ބޯޑަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ވައްޑެގެ ފަރާތުން ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފިކުރު ތަފާތުވެގެން، ސަރުކާރާ ދެކޮޅަށް އުޅޭ ބޭފުޅުންނަށް ވުރެ، ސަރުކާރާ އެކު މަސައްކަތް ކުރަން ބޭނުންވާ މީހުންނާ އެކީ ފަސޭހަވާނެ މަޝްރޫއުތައް ކުރިއަށް ގެންދަން. ސަރުކާރަށް ދަތި ކުރާ ނަމަ، ވަކި މީހަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅާފައި ހުރީ، އެއީ ކޮންމެ ސަރުކާރެއްގައި ވެސް ކުރާ ކަންކަން،" - ރިޔާޒް
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕް ދެ ބަޔަކަށް ބެހިފައި އޮތްއިރު، އާންމުން ޝައުގުވެރިވާ އެތައް ކަމެއް ދަނީ ހިނގަމުންނެވެ. ހާއްސަކޮށް، ޕީޕީއެމް ވައިބާ ގްރޫޕްގައި މެމްބަރުން ދައްކަވާ ވާހަކަތަކުން ރައީސް މައުމޫނަށް ތާއީދުކުރައްވާ މެމްބަރުންނަށް އިތުރު ފިއްތުންތައް ކުރިމަތި ކުރަން ބާރު އަޅާ މެމްބަރުން މަދެއް ނޫނެވެ.
ޕީޕީއެމްގެ އިސް މެމްބަރަކު "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ޕީޕީއެމް ވައިބާ ގްރޫޕްގައި ހާމަކުރެއްވުން ރައީސް ޔާމީން މިހާރު ވަނީ ހުއްޓާލައްވައިފަ އެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް ބޮޑުވުމެވެ.
"ރައީސް ބޭނުންފުޅުވަނީ ހިޔާލު ތަފާތުވެގެން ދިޔަ މެމްބަރުން އެނބުރި ވަޑައިގެން މައާފަށް އެދި ކުރިން ވެސް މަސައްކަތް ކުރި ގޮތަށް މަސައްކަތް ކުރަން، ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކައިގެން ކުރިއަށް ދާން،" އެ މެމްބަރު ވިދާޅުވި އެވެ.
"އެކަމަކު މައުމޫންގެ ފެކްޝަން އެއްވެސް މެމްބަރަކު ބޭނުމެއް ނުވޭ ރައީސް ޔާމީންގެ އަރިހަށް ވަޑައިގަންނަވާކަށް، ފައިބުޑަށް ވެއްޓި މައާފަށް އެދެން ބޭނުން ނުވަނީ."
އެކަމަކު ހިޔާލު ތަފާތުވެގެންނޭ ކިޔާފައި މެމްބަރުންނާ މެދު ފިޔަވަޅު އަޅައި، ތަރައްގީގެ މަޝްރޫއުތައް ހުއްޓުމަކީ މައްސަލައެކެވެ. އެކަމަކު ސިޔާސީ ކުޅިގަނޑަކީ ވިޔާނުދާ، އަޑި ނޭނގޭ ކަމެކެވެ. އެހެންކަމުން ގަދަކަމުން ފިކުރު އެއްގޮތް ކުރެވޭތޯ ސަރުކާރުން ޖަހާ މަޅިޔަކީ ވެސް އޭގެ ކުޅިގަނޑެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަށާމެންމަބަރުން
17 December 2016
ރަަައްޔިތަކަށް ހެވަކަށް ނޭދޭ މަޖިލިސް
ހައިކު
16 December 2016
އަނިޔާވެރިން ގެ އަނިޔާ ވެރިކަން ނިންމެވުމަށް ﷲ ގެ ކުޅަދުން ވަންތަ ވެރިކަން މާބޮޑެވެ. ﷲ އީ ގަދަފަދަކަން ދައްކާ ފަރާތް ތައް މައިތިރި ކުރައްވަވާ ގަދަފަވަންތަ އިލާހް އެވެ. ފިރުއައުނުވެސް ގަދަފަދަކަން ދެއްކި އެވެ. ނިމިގެން ދިޔައީ ވަރައް ނިކަމެތި ގޮތަކަށެވެ. އިބްރަތް ލިބިގަންނާށެވެ. ރިޔާޒަކަސް ޔާމީނަކަސް ވަގުތު ޖެހުނީމަ އިންސާފް ކުރިމައްޗަށް ހާޒިރުވާން ޖެހޭނެ އެވެ. ﷲގެ ނިންމެވުން އެކަކަށް ވެސް ނޭގޭނެ އެވެ. ހައްގު ނޫން ގޮތުގަ މީހުންނަށް ބިރު ދައްކާ އަނިޔާ ވެރިވާ އަނިޔާ ވެރިން ވެސް އަޒާބްގެ ރަހަ ނިކަން ދެކޭނެ ވަގުތެއް އަންނާނެ އެވެ. ހައްގުގެ މަގުގާ ތިބިމީހުން ބިރުގަންނާނެ ކަމެއްނެތެވެ. ހިއްވަރާ އެކް ކުރިއަށް ދާށެވެ. އަދި ދެންތިބި މީހުން ވެސް ހިއްވަރު ލާފައި އަނިޔާވެރިން ނާ ދެކޮޅަށް ތެދުވެ ހިންދެމިލަން ޖެހެ އެވެ. ﷲ ވޮޑިގެން ވަނީ ކެތްތެރިންނާއި އެކު އެވެ. ސައުދުﷲ އެކުރައްވާ ހިއްވަރަށް ސާބަސް. ރެޑުވޭވް ސަލީމްއާއި ސުޖާއުވެސް އަލުން ހައްގުގެ މަގައް ރުޖޫއަވުން މާ އަުލާކަން ބޮޑެވެ. މުދާ ދެއްވީ ﷲ އެވެ އެމުދާ އިތުރުކުރައްވާ ރައްކައުތެރި ކުރެއްވުން ވަނީ އެކަލާނގެ ހަޒުރަތުން ކަން ދަންނާށެވެ. ޒާލިމުން އަނިޔާކުރާއިރު ބައްލަވަން މިރުސާދުހައި ހާލިގުލް ކައުނައިނި ވާކަން ނޭގެނީހެ ފަހެ އަޖާއިބެކޭ.
ލުގުމާން
16 December 2016
މޮޔަވާހަކަ ވިދާޅުނުވޭ. ފިކުރެއްނޫނޭ އެއްގޮތް ކުރުވަން އުޅެނީ. ބޭނުންވާ ގޮތަށް ވޯޓްދިނީމަނިމުނީ ހެޔޮ ކޮންމެ ގޮތަކަށް ފިކުރާއި ވިސްނުން ބެހެއްޓިޔަސް. ސިޔާސީ ކަންކަން ކުރަނީ ފިކުރަކުންނެއްނޫން ވޯޓުން ނިންމަނީ. ސިއްރުގައި ކުރާކަންކަމާއި ދައްކާވާހަކަ އަޑުއަހާކަށް ބަލާކަށް ބޭނުމެއްނޫން.. ބޭނުމީ ފާޅުގައި ކުރާކަންކަމާއި ދައްކާ ވާހަކަ.
ފަޒީލު
16 December 2016
ސަރުކާރަށް ނުހަމަ ގޮތުގައި ވައިޖަހައިގެން ހޯދާފައިވާ މުންސަދިކަން ސަރުކާރަށް ގައްދަރުވާ ދަދިވަޅުތަކުގައި އަތުލައި ނެތިކޮށްލުމަކީ ކުރަންޖެހޭނެ ކަމެއް. ތަރައްގީއަށް އެޅޭ ހުރަސްތައް ނައްތާލުމުގައި ލޮލަކަށް ލޮލެއް ކަންފަތަކަށް ކަންފަތެއް ޕްރިންސިޕަލް އަކީ ހަމަ ސަޅި ޕްރިންސިޕަލެއް! ޙަބޭސް!
މެެންޓަލިސްޓް
16 December 2016
އަސްލު އެންމެންގެވެސް ފިކުރަކީ ފައިސާއެވެ ،، އެހެންވީމައި ފިކުރު އެއްގޮތްވާނެނުން ،،، ވަރަށްވެދުން
ދަގަ
15 December 2016
ގަދަ ކަމުން ފިކުރު އެއް ގޮތް ކުރުވާފައި މަމެން ޕިންކީން އޮންނާނީ މަމެން ބޭނުންވާ ކަންކަމުގައި. ދެން އޭގައި ކުރެވޭނެ އަދި ކުރާނެ ވެސް އެއްކަމެއް ވެސް ނޯންނާނެ ރަންރީނދުލޭ މެންނަށް. ތަމެން ޖެހޭނީ ހަމަ މަހަށް ދާން އެެކަމުގައި މަމެންނާއި ވާދަ ކުރަން ބޭނުން ނަމަ އިނގޭ.
ބަރާބަރު
15 December 2016
އެއްވެސް މައްސަލަ އެއް ނޫން ގަދަ ކަމުން ފިކުރު ދިމާ ކޮށްގެން ނަމަވެސް ސަރުކާރުން ބޭނުންވާ ރައްޔިތުންނަށް ފައިދާ ކުރި ކަންކަމުގައި އެމްޕީން ބޭނުން ކުރިއަސް ސަރުކާރުން. ހަމަ އެއްވެސް މައްސަލަ އެއް ނޫނެވެ. މަމެންނަށް އެއަކުން ނުފެނޭ އެއްވެސް މައްސަލަ އެއް.
އާދަނު
15 December 2016
ނަގުލަށް ފިއްތީ ތާއީދު ކޮށްލީ!!! އަޅެ ނިކަން ޔާމީނަކަސް، ރިޔާޒަކަސް، ދެން ތިބިބަޔަކުވެސް އަހަރުމެންގެ ޚިޔާލު ބަދަލު ކޮށްލަބަލަ!!!! ހަމަ ހިލާ މި ސަރުކާރު ހަމަ ބިމަށް ތިރި ނުކުރެވެނީސް މިކަން ނުހުއްޓޭނ!!! މިބުނީ އުންތިޚާބުތަށް ބާއްވައިފިނަމަ.........
އެގިއްޖެދޯ؟
16 December 2016
އައްޗީ...އިންޔިހާބަކުން ވެސް ކަލީމެނަށް ރޔ ބައްޔެއް ނުކުރެވޭނެ. ތިބުނަނީ މިގާރުވެސް ފައިސާ ޖަހާށޭ ތަމެންނަށް ދޭށޭ...ކަކޯ ރޔ ފައިސާ އާ ނުލާ 90 މިނިޓް ކުޅެގެން މޮޅުޗެގެން ހޯދާނީ..ކާލާ މަންނަ އަކީ ތަރައްގީ.
ދޮން އާމިރު
15 December 2016
ސުވާލު އުފެދޭ ސައުދު ހިއްސާވާ ކުންފުންޏަށް ތިހާގިނަ ޕްރޮޖެކްޓްތައް ލިބުނީ ކިހިނެއްކަން..
ގައުމުގެދޫ
16 December 2016
ބައެއް މީހުން އުޅޭނެ އެމްޑީން ބިރު ގަންނުވައިގެން ކަންކަންކުރަން. އެފަދަ މީހުންނަށް މިހާރު އެގޭނެ އެމްޑީން ބިރެއް ނުގެންނެވޭނެކަން. އެއަށްވުރެ މާސާބިތުވާނެކަން. ޖަނާލު އަބްދުއްނާސިރު ވިދާޅުވީ "ބާރުަގަދަ ބޭނުންކޮށްގެން ހޯދި އެއްޗެއް އަތުލެވޭނީ ބާރުގެ ބޭނުންކޮށްގެންކަން."
ނޭގެނީ
15 December 2016
ގަދަ ކަމުން ވެސް ފިކުރު އެއްގޮތް ކުރެވިގެން މަމެން ބޭނުންވާ މަގްސަދު ހާސިލް ވެއްޖެނަމަ މަމެން ޕިންކީން ނަށް ނިމުނީ އެވެ. މަމެން ޕޮލިޓކަލް ވޯރލްޑް ގައި އުޅޭ އިރު މަމެންގެ ރަށްޓެއްސެއް ނުހުންނާނެއެވެ. މަމެން ބޭނުންވާ ކަންކަމަށް މަގުފަހި ކޮށްދޭ އެމްޕީން އެއީ މަމެންގެ ރަށްޓެހިން ކޮށް ނުދިނީ އެއީ މަމެންގެ ރަށްޓެހިން ނޫނެވެ. ދެން ކުރިމަތި ވާނެ ތަފާތު ސެންކްޝަންސް ތަކާއި. އެއީ ޑިމޮކްރަޓިކް ވޯލްޑް ގައި އެކަން އެޕްލައި ކުރާ އަދި ކުރެވޭނެ ގޮތަކީ. ދިވެހިންނަށް ވެސް އަދި އިދިކޮޅު ރަންރީނދުލޭ މެންނަށް އެޔާ އުޅެނީ ދަލު ބޭރުން ޖެހިގެންނެވެ.