ރިޕޯޓް / މީހުން

ހޮޅުދޫ އަބްދުﷲ: ލެޖެންޑުންގެ ވެސް ލެޖެންޑެއް!

ދޗ

ހޮޅުދޫ އަބްދުﷲ ހަސަންގެ މަޝްހޫރު ކަމަކީ، ރާއްޖޭގެ ބައެއް ބޮޑެތި މަޝްރޫއުތައް އޭނާގެ ހިއްސާއެއް ނެތި ކުރިއަށް ނުގެންދެވޭ ހިސާބަށް ވެސް ދިޔަ ކަމެވެ. އޭނާގެ ތަރި 1970ގެ އަހަރުތަކުން ފެށިގެން އަރައިގެން ދިޔައިރު ހޮޅުދޫ އަބްދުﷲ އަކީ، ދިވެހި ލަވައިގެ ރަސްގެފާނެވެ. އޭނާގެ ނުފޫޒު ރާއްޖޭގެ ހުރިހާ ހިސާބެއްގައި އޮތީ ފެތުރިފަ އެވެ. މުޅި ލަވައިގެ އިންޑަސްޓްރީ އޮތީ އޭނާގެ މުށުތެރޭގައޭ ބުނެވޭ ވަރަށް އޭނާގެ ވިދުން ގަދަ އެވެ. އެހެންވެ، ރާއްޖޭގެ ބިޔަ ބޮޑެތި މަޝްރޫއުތައް ވެސް އޮތީ، އޭނާގެ ހިއްސާއެއް ނެތި ނުގެންދެވޭ ހާލަތަށް ގޮސްފަ އެވެ. އޭގެ ތެރެއިން އެއް މަޝްރޫއަކީ، 1980ގެ ކުރީކޮޅު، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށި އަސާސީ ތައުލީމު ދިނުމުގެ މަޝްރޫއެވެ.

ތައުލީމަކީ ކޮންމެހެން ބޭނުންތެރި އެއްޗެއް ނޫން ކަމަށް އާންމުންނަށް އޭރު ހީވެފައި އޮތުމުން، މަޝްރޫއު ފެށިިއިރު އެކަމަށް އެހާ ބޮޑު ތަރުހީބެއް ނުލިބުނެވެ. އެހެންވެ، ރައީސް އޮފީހަށް އަބްދުﷲ ގެންގޮސް، "މިކަން ދެން ވާނީ އަބްދުﷲގެ އެހީތެރިކަމާ އެކުއޭ"، "ނިކަން ރީތި ލަވައެއް ކިޔުއްވަބައްލަވާށޭ" މި މަޝްރޫއުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ކަމަށް ވެ އެވެ.

"ވަޑައިގަންނަވާށޭ.. ކުލާހަށް އަސާސީ...

ފިލާވަޅު ކިޔައިދެއްވުމަށް އަންގަވާ..."

މިއީ އަބްދުﷲ ހަސަން ލަވައަކުން އެ މަޝްރޫއަށް ދެއްވި ހަދިޔާ އެވެ. އަދި، "ދަންނާށޭ ތާނަ މި ކިޔައިދޭ އަކުރު" ކަހަލަ ނަސޭހަތުގެ ލަވަތަކަކީ މުޅި ރާއްޖެ އެ ކެމްޕޭނަކަށް ލަންބުވާލި ލަވައެކެވެ. މި މަޝްރޫއު ވެގެން ދިޔައީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގި އެންމެ ކާމިޔާބު އެއް މަޝްރޫއަށެވެ. މަޝްރޫއު ނިމުނު އިރު ރާއްޖޭގައި އޮތީ ތައުލީމުގެ ދަންމަރު ދިއްލާލެވިފަ އެވެ. އޭރު، މި ލަވައަކީ ރޭޑިއޯ މޯލްޑިވްސް އިން ކޮންމެ ދުވަހަކު ނަސޭހަތެއްގެ ގޮތުގައި ފޮނުވަމުން ގެންދިޔަ ލަވައެކެވެ. ހުރިހާ ޝުކުރެއް އަބްދުﷲ ހަސަނަށެވެ.

އުމުރުފުޅުން 90 އަހަރާ ކައިރިއަށް ގޮސް، ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ބަލި އެނދުގައި އާލާސްކަންފުޅާ އޮންނެވުމަށް ފަހު، މި ލެޖެންޑު މިއަދު އަވަހަރާވުމަކީ ދިވެހި ގައުމަށާއި ގައުމިއްޔަތަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ. ހޮޅުދޫ އަބްދުﷲ ނުވަތަ "ގައުމީ އަޑު"ގެ ނަމުން މަޝްހޫރުވި މި ފަންނާނު ދުނިޔެ އެ ދޫކުރެއްވީ ވަރަށް ބޮޑު ތަރިކައެއް ދިވެހިންނަށް ދޫކުރައްވައިފަ އެވެ. އޭނާ ދޫކުރެއްވި ޖޯޝުން ފުރިފައިވާ ގައުމީ ލަވަތަކަކީ، އެ ލަވަތަކުގެ މަތީގައި ރާއްޖޭގެ ވަރަށް ގިނަ ބަދަލުތަކުގެ ބިންގާ އެޅުނު ލަވަތަކެކެވެ. އޭނާގެ މަދަހަތަކަކީ މިއަދުގެ ޅަ ޒުވާނުން ވެސް ގަބޫލުކުރާ ގޮތުގައި އެންމެ ގުޅޭ މަދަހަތަކެވެ. އޭނާގެ ލޯބީގެ ލަވަތަކަކީ އެތައް މައިންބަފައިނެއްގެ ރަން ހަނދާންތަކެވެ.

ރޯދަ މަހެއްގައި އޭނާގެ އަޑު ނީވިއެއް ނުދެ އެވެ. މިނިވަން ދުވަހުގެ އިރު އަރާނީ އޭނާގެ އަޑާ އެކު އެވެ. އޭނާގެ ޖޯޝުން ފުރިގެންވާ ލަވައަަކާ އެކު ނޫނީ ގައުމީ ދުވަހެއް ނުނިމޭނެ އެވެ. އީދު އައިކަން އެނގޭނީ ވެސް ހޮޅުދޫ އަބްދުﷲގެ އަޑު އިވުމުންނެވެ. ރޯދަ ދޫކޮށްލާ ގަޑީގައި އެއީ ކޮންމެހެން ކަންފަތުގައި ޖެހެން ޖެހޭ އަޑެކެވެ. -- ދެން އޮތީ މި ޒަމާނެވެ. ފޯރިގަދަ އެއްވެސް ސިޔާސީ ކެމްޕޭނެއް، ގައުމީ ކަމެއް ވިޔަސް އޭނާގެ ލަވައެއްގައި ނޫނީ ނުފަށަ އެވެ. ނުވެއް ނިމެ އެވެ. މާނައަކީ، އެއީ ލެޖެންޑުންގެ ތެރެއިން ވެސް ލެޖެންޑެއް ކަމެވެ. އަދި އެއީ މި ގައުމުން ދުވަހަކު ވެސް ފޮހެވިގެން ނުދާނެ އަޑެއް ކަމެވެ.

ހޮޅުދޫ އަބްދުﷲ

ހޮޅުދޫ އަބްދުﷲ އަކީ ކޮން ބޭފުޅެއް؟

ހޮޅުދު އަށް އުފަން އަބްދުﷲ އުމުރުން އެންމެ 15 އަހަރުގައި ލަވަ ވިދާޅުވާން ފެއްޓެވި އެވެ. މުސްކުޅިފުޅު ބަލީގައި އެނދުގައި އޮންނެވުމާ ހަމައަށް، މެދުނުކެނޑި އޭނާ 50 އަހަރު ލަވަ ވިދާޅުވި އެވެ.

އޭނާ ކައިރިއަށް "ހަވީރު"ގެ ނޫސްވެރިން 2011 އަހަރު އިންޓަވިއު އަކަށް ދިޔައިރު ވެސް، އޭރު އުމުރުން 72 އަހަރުގެ އަބްދުﷲ އޮންނެވީ ބަލި އެނދުގަ އެވެ. އެކަމަކު އޭނާ އަށް ކުޑަކޮށް ވާހަކަދެއްކެވެ އެވެ. ކުރު ޖަވާބުތަކެއް ދެއްވި އެވެ. އެކަމަކު ގިނައިން ވިދާޅުވީ "އާނ.. ހޫން.." އޭ އެވެ. އެނދުގައި އޮންނަވާ އިރު، ދެފަރާތަށް އެނބުރެވެ އެވެ. މީހެއްގެ އެހީގައި ހިންގެވި އެވެ. ހީނލައްވަ އެވެ.

ހަތަރު ކައިވެނި ކުރައްވައި، ފަސް ކުދިންގެ ބައްޕަ އެ ދުވަހު ވިދާޅުވި ގޮތުގައި، އޭނާ ވާނީ ދެ ހާހަށް ވުރެ ގިނަ ލަވަ (މަދަހަ ވެސް ހިމެނޭ ގޮތަށް) އޭނާ ރެކޯޑު ކުރައްވައިފަ އެވެ. އޭނާ އަކީ ރާއްޖޭގައި އެންމެ ގިނަ ލަވަ ރެކޯޑު ކުރެއްވި ބޭފުޅެވެ. އޭގެ ތެރޭގައި އެންމެ ގިނަ ވާނީ، އަބްދުﷲ ވިދާޅުވި ގޮތުގައި މަދަހަ އާއި ނަސޭހަތްތަކެވެ. ދެން އެކިއެކި ހާދިސާތަކާއި ކެމްޕޭންތަކާއި އެކި މީހުންގެ ބޭނުންތަކަށް ވިދާޅުވެފައިވާ ލަވަތަކެވެ.

އަބްދުﷲ ހަސަން އަކީ ލަވައިގެ ދާއިރާއިން އެންމެ ފުރަތަމަ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ހޯއްދެވި ބޭފުޅާ އެވެ. އޭގެ އިތުރުން، ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫންގެ ވެސް ޕާސަނަލް ލަވަކިޔުންތެރިއަކީ އަބްދުﷲ ހަސަނެވެ. އެ ބޭފުޅުން ބޭނުންފުޅުވާ ބައެއް ހާއްސަ ލަވަތައް އަބްދުﷲ ވިދާޅުވެ ރެކޯޑް ކުރެއްވި ކަމަށް ވެ އެވެ. ރައީސް މައުމޫން ހެއްދެވި ސީރަތުގެ ރަންހާރު ވެސް އެންމެ ފަހު ދަނޑިވަޅު އެމަނިކުފާނަށް ކަމުދިޔައީ އަބްދުﷲ ހަސަން ވިދާޅުވެގެން ކަމަށް ވެ އެވެ.

ތިމާވެށީގެ ކެމްޕޭންތަކާއި ގަސް އިންދުމުގެ ކެމްޕޭނާއި އެހެނިހެން ގައުމީ ކެމްޕޭންތަކުގައި ހޮޅުދޫ އަބްދުﷲގެ އަޑު ނެތި އޭރު ފުރިހަމަ ނުވެސް ވެ އެވެ.

އަބްދުﷲ ހަސަނަކީ މާލޫދު ކިޔުއްވަން ވެސް މާލޭގައި ވަރަށް މަޝްހޫރުވި ބޭފުޅެކެވެ. ދިވެހިރާއްޖޭގެ އަޑުގެ އާކައިވްގައި އެންމެ ގިނައިން ހުރީ އަބްދުﷲގެ މަދަހަ އެވެ. އޭގެ އިތުރުން އަބްދުﷲ އަކީ އެކި މީސްމީހުންގެ ދިރިއުޅުމުގައި ދިމާވެފައިވާ ހިތާމަވެރި، އަދި އުފާވެރި ކަންތައްތަކުގައި ވެސް ލަވައިން އެހީތެރިވެ ދެއްވި ބޭފުޅެކެވެ. އޭގެ ތެރެއިން އެއް ލަވައަކީ އިބްރާހިމް ނާސިރުގެ އަނބިކަނބަލުން ބަގީޗާގޭ މަރިޔަމް ސައީދު، ނާސިރަށް ހެއްދެވި ލަވައެކެވެ. "އަސުރު ދިޔައީ ގެއްލިގެން" އަކީ މަރިޔަމް ސައީދު އަމިއްލަ އަށް ހެއްދެވި އޭނާގެ ވަރަށް ޕާސަނަލް އިހުސާސްތަކެއް ހިމެނޭ އަސަރުގަދަ ލަވައެކެވެ.

ދެ އަދީބެއްގެ ބަސް

އަބްދުﷲ ހަސަންގެ ވަރަށް ގާތް ދެ އެކުވެރިން ކަމަށްވާ ކުރީގެ މިނިސްޓަރު އަދި ޅެންވެރިޔާ އަބްދުއްރަޝީދު ހުސެއިނާއި ދިވެހި ބަހުގެ އަދީބު އަބްދުﷲ ސޯދިގު، 2011ގައި "ހަވީރަ'ށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަބްދުﷲ ހަސަނަކީ ޝައްކެއް ވެސް ނެތް ގޮތުގައި ގައުމަށް ބޭނުންވި މުހިންމު ދަނޑިވަޅުތަކުގައި މުހިންމު ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. ސޯދިގު އެންމެ ޖުމްލައަކުން އޭނާ ސިފަކޮށްދެއްވީ "އެއް ޒަމާން އެއްކޮށް މި ދާއިރާ ހިފެހެއްޓެވި ބޭފުޅެއް"ގެ ގޮތުގަ އެވެ.

"އަޅުގަނޑުގެ ވަރަށް ގިނަ ހަނދާންތައް ވޭ... އޭގެ ތެރެއިން އެއް ކަމަކީ އޭނާގެ ނެށުން. އޭރުގެ ނެށުމަށް އަބްދުﷲ ހަސަނަކީ ވަރަށް ކުޅަދާނަ ބޭފުޅެއް. އެހެންވެ، އޭރުގެ އަންހެންކުދިން އޭނާގެ ނެށުން ބަލަން ވަރަށް ޝައުގުވެރިކަން ހުރޭ،" އަބްދުﷲއާ ބެހޭ ގޮތުން ސޯދުބޭ ވިދާޅުވި އެވެ.

އަބްދުއްރަޝީދު ހުސެއިން ވިދާޅުވީ 1950ގެ އަހަރުތަކުން ފެށިގެން އަބްދުﷲ ހަސަނާ ވަރަށް ކައިރީގައި އުޅުއްވި ކަމަށާއި އޭރު ވެސް ވަރަށް ރީތިކޮށް، ވަރަށް ފަސޭހަކޮށް އަބްދުﷲ ލަވަ ވިދާޅުވާ ކަމަށެވެ.

"އަބްދުﷲ ހަސަންގެ ކާމިޔާބީގެ އެއް އަސްލަކީ އޭނާގެ ލަވަތަކުގެ ޅެންވެރިކަން. އެނގިވަޑައިގަންނަވާނެ އަބްދުﷲ ވިދާޅުވި ގިނަ ލަވަތަކުގެ ޅެންތަކަކީ އަޅުގަނޑުގެ ވެސް މުދައްރިސް ޔޫސުފު މުހަންމަދުފުޅުގެ ޅެންތައްކަން. އެ ޅެންތަކުގެ މޮޅުކަން އަބްދުﷲގެ އަޑާ އެކުވީމަ އެއީ ހަމަ ވަރަށް ފުރިހަމަ އެއްޗަކަށް ވަނީ،" އަބްދުއްރަޝީދު ވިދާޅުވި އެވެ.

"ޝާއިރިއްޔަތަށް ބަލައިފިއްޔާ ވަރަށް ފުރިހަމަ. ލަވަ ކިޔުމަށް ބަލައިފިއްޔާ އެހާމެ ފުރިހަމަ އަބްދުﷲގެ ލަވަތައް."

އެއްވެސް އެދުމެއް ނެތް: އަބްދުﷲ ހަސަން

އަބްދުﷲ ހަސަން އާ ބައްދަލުވި އެންމެ ފަހު ދުވަހު، އޭނާގެ ފަރާތުން އެހި އެންމެ މުހިންމު އެއް ސުވާލަކީ މި އެވެ؛ ލަވައިގެ ދުނިޔޭގައި އަދި ދުނިޔެމަތީގައި ވެސް އެއްވެސް އިތުރު ކަމެއް ހާސިލް ކުރަން ބޭނުންތޯ އެވެ. އޭގެ ޖަވާބުގައި އޭނާ ދެފަރާތަށް ބޯހޫރާލެއްވި އެވެ.

"އޭގެ މާނައަކީ ނެތެވެ. ހަގީގަތު ނުވެސް އޮންނާނެ އެވެ. އޭނާ އަށް ލަވައިގެ ދާއިރާގައި ހާސިލް ނުވެ އޮތް ކަމެއް ރާއްޖޭގެ އެހެން އެއްވެސް ލަވަކިޔުންތެރިއަކަށް ވަކި ހާސިލްވެފައެއް ނޯންނާނެ އެވެ. މާދަމާ އޭނާ ދުނިޔެ ދޫކުރެއްވިޔަސް، އޭނާގެ ނަން ރާއްޖޭގެ މި ފަސްގަނޑުގައި ގުގުމަ ގުގުމަ ހުންނާނެ އެވެ. އަބްދުﷲ ވިދާޅުވެފައިވާ ގޮތުން އޭނާ ވަނީ ގައުމަށް ހިދުމަތް ކޮށްދެއްވައިފަ އެވެ،" އެ އާޓިކަލްގައި ވެ އެވެ.

ނޯޓް: މިއީ، 2011 ގައި "ހަވީރު"ނޫހުގައި އަޅުގަނޑު ލިޔެ، ޝާއިއުކޮށްފައިވާ އާޓިކަލްއެއް އެއްކޮށްލައިގެން ލިޔެފައިވާ ލިޔުމެކެވެ.

13 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 91%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮނާޑު

21 November 2021

ހޮޅުދޫ ޢަބުދުﷲ ލަވައިގެ ދުނިޔެއައް ތަޢާރަފުކުރީމަސްޙޫރު ބެއްޔަގޭތުއްތު(ބީޓީޔޫ)އެވެ.މަސްހޫރު ފިލްމީޑައިރެކުޓަރު އީސާސަރީފުގެބައްޕައެވެ. ތުއްތުއަކީމިދާއިރާގަމަސްހޫރުބޭފުޅެކެވެ.މިހާރުސިފައިންގެ ބޭންޑުކުރީގަހުންނަމިޙާ ދަޑިންއެކުރާޙަރަކާތްތައްވެސްފެއްޓެވީމަރުހޫމް ތުއްތުއެވެ. ޢަބުދު ﷲ އަށާއި ތުއްތުއައްސުވަރުގޭގެ ދާއިމީނިޢުމަތް ދެއްވާށި. އާމީން!!

The name is already taken The name is available. Register?

މަގުލަސް

19 November 2021

ދެރަ ކަމަކީ މިފަދަ އާޓިކަލް ތައް މީހަކު ދުނިޔެ ދޫކުރާ ފަހުން ފެންނާތީ. މިފަދަ ތައުރީފާ ޝުކުރު އެމީހަކު ދުނިޔޭގަ ހުއްޓަ އިއްވައި އަގު ވަޒަން ކުރަން ނޫޅޭތީ. އެހެންނޫނީ އަބަދުވެސް ގެނެސް ދޭނީ ޓިކްޓޮކް ޝިފާއެއްގެ ވާހަކަ އާ ޖާބިރު ޖެހި ސަކަރާތެއްގެ ވާހަކަ އާ އެއްޗެހި.

The name is already taken The name is available. Register?

އާދެ!

20 November 2021

ރަގަޅު ވާހަކައެއް. ދެން އޮތް ވީމާ، ދުނިޔޭގައި މިހާރު ތިތްބެވި ފަރާތްތަކުގެ ތެރެއިން، މިފަދަ ތައުރީފާ ޝުކުރު ހައްގުވާ ފަރާތް ތަކުގެ އަގު ވަޒަން ކުރަން އަވަސްް ވެގަންނަމާތޯ!!

The name is already taken The name is available. Register?

ދޮހުއްތު ބެ

19 November 2021

އަޅުގަނޑު އުފާވަނީި ހުޅުދޫ އަބްދުﷲ ޤައުމަށް ކޮށްދެއްވި ޙިދުމަތް ހިތަށް އަރާފަ. ދެރަވަނީ ވަކިވެ ދިިޔައިމަ. މަރްޙޫމަށް ސުވަރުގޜގެ މަތިވެރި ނިއުމަތް ދެއްވާފާންދޭވެ.

The name is already taken The name is available. Register?

7896543

19 November 2021

މަރުހޫމުގެ ފުރާނައަށް ހެޔޮރަޙްމަތް އެދި ދުއާކުރަން. އެފަދަ ދިވެހިންގެ ބުރަ މަސައްކަތުން އަހަރަމެން މި އިލްމު އުގެނި ތަރުބިޔަތުވީ. ފައްފަށުން ޝުކުރު އަބްދުﷲ ހަސަން. އިސްމާއިލް ނަސީރަށް ޝުކުރިޔާ. މިލިޔުން ކިޔާލިމުން ހިތައް ފިނިކަން އިހްސާސްވޭ.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

19 November 2021

މަ ބުނީ ގައުމުގެ އެންމެ މަތީ އިހްތިރާމާ ދަރަޖަ ދެވޭ މަދަނީ އެވޯޑެއް ތަޢާރަފްކުރަން ޖެހޭ. އެއީ ކޮންމެ ސަރުކާރަކުން އެމީހުންގެ އަގިވެއްޓިފައި ތިބޭ ބައިވެރިންނަށް ބަހާ ގިލަފައްޗަކަށް ނުވާނެ އެވޯޑެއް.

The name is already taken The name is available. Register?

އެފް

19 November 2021

މަރުހޫމުގެ ފުރާނައަށް ހެޔޮރަޙްމަތް ލައްވާށި! ޢަބްދުﷲޙަސަންފަދަ ދިވެހި ލަވަކިޔުންތެރިއަކު އަދި ނުއުފެދެއޭ ބުނުމަކީ ދެރަބަހެއްނޫނެވެ. ހަނދާންހުންނަން ފެށުމާއެކު އަޑުއިވެންފެށި ލަވަތަކުން ގައުމީރޫޙާ ގައުމިއްޔަތަށް ލޯބިއުފެދިއްޖެއެވެ. އޭނާގެ ލަވަތަކަކީ ދިވެހިގައުމިއްޔަތާ ޅެންވެރި އަދަބިއްޔާތުގެ އަގުބޮޑުތަރިކައެކެވެ.

The name is already taken The name is available. Register?

ގަލަން

19 November 2021

انَّالِلّه وانّااليه راجعون ހޮޅުދޫ ޢަބްދުﷲގެ ފާފަފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރުކުރައްވާށި. ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمين

The name is already taken The name is available. Register?

ސިމްޕަލް

19 November 2021

މަރުހޫމް ހޮޅުދޫ އަބްދުﷲގެ ފާފަފުއްސަވާ ސުވަރުގޭގެ މަތި ނިއުމަތް ދެއްވާށި. ހޮޅުދޫ އަބްދުﷲ ކިޔުއްވާފައިވާ "ހާޔާ ޝަވިޔަންނާ ނޫނާ ރާޔާ ބާޔާ، ޅަވިޔަނި ކާފާއި، އަލިފު، ވާވާއި، މީމު، ފާފާއި ދާލުތާ، ވިސްނާ ބަލާށޭ ނިކަން.." މިފަދަ ލަވަތައް ވަނީ ހިތުގައި ބިންވަޅު ނެގިފައި.

The name is already taken The name is available. Register?

ޤައުމުގެ އަޑު

19 November 2021

މިއަދަކީ ހިތާމަވެރި ދުވަހެއް! ):

The name is already taken The name is available. Register?

ތަކުރުބޭ

19 November 2021

އަބުދުއްﷲ އަކީ ހަމަ ވަރަށް ފިސާރި ދިވެހި ދަރިއެއް. އަސްލުވެސް ލެގެނޑެއް ގައުމީ ޖޯސާއި ފޯރިގެނައުމުގައި މަދަހަސަނާތައިއްވާދިނުމުގައި މިވަރުގެ އެހެންމީހަކު ހަދާނަކަށްނާދޭ. ކުޑައިރު ފަތިހުތެދުވެ ސްކޫލަށްދާން އުޅޭއިރު ބޮޑުބެރު ލަވައިގެފަހަށް މިއަޑު، ހުކުރުނަމާދުން އަންނަމަގުމަތިން ގެއަށްވަންނައިރުވެސް މިއަޑު، ގައުމީދުވަހެއް އަޔަސް އީދެއްއަޔަސް މިއަޑު. ވަރަށް ފުރިހަމަ ހިދުމަތެއް ކުރެއްވީ. އަދުﷲގެ ފާފަފުއްސަވައި ސުވަރުގެ މިންވަރުކުރައްވާށި. އާމީން...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454